ފަރުދީ ޒިންމާ ކަފުންކޮށް، ދިވެހިންގެ ދިރިއުޅުން “މުޑުދާރު” ވަޅުގަނޑަކަށް!

20 ފެބުރުއަރީ 2026 - 14:46

ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ބޭރު ދުނިޔެއިން ސިފަކުރެއެވެ. ނަމަވެސް، މި ރީތި ފަރުތަކާއި މޫދުގެ އަޑީގައި ފޮރުވިފައިވަނީ، ދިވެހި މުޖުތަމައުގެ ގިރަމުންދާ ހިތި ހަގީގަތެކެވެ. މިއަދު ދިވެހި މުޖުތަމައަށް ބަލާލުމުން ފެންނަނީ، އަހުލާގީ ގޮތުންނާއި އިޖުތިމާއީ ގޮތުން “މުޑުދާރު” ހާލަތަކަށް ވެއްޓިފައިވާ މަންޒަރެވެ. “އަހަރެންނަށް ކީއް؟” މި ބަހަކީ މިއަދު ދިވެހިންގެ ގައުމީ ޝިއާރަކަށް ވެފައިވާއިރު، ފަރުދީ ޒިންމާ އަދާނުކުރުމުގެ ސަބަބުން މުޅި ގައުމު މިވަނީ ކޮރަޕްޝަނާއި، މަސްތުވާތަކެއްޗާއި، ބަލިމަޑުކަމާއި، ދަރަނީގެ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ.

ކޮރަޕްޝަން: ސަގާފަތަކަށް ވެފައިވާ “ވަގު” އާދަ!

ކޮރަޕްޝަނުގެ ވާހަކަ ދައްކާއިރު ގިނަ މީހުންގެ އިނގިލި ދިއްކުރެވެނީ ސިޔާސީ ވެރިންނަށެވެ. އެހެންނަމަވެސް، މުޖުތަމައަށް ނަޒަރު ހިންގާލުމުން ފެންނަނީދިވެހިންގެ ލޭނާރުތަކުގައި ހިނގާ “އާންމު އާދައަކަށް” ކޮރަޕްޝަން ވެފައިވާތަނެވެ.

މަގުމަތީގެ ގަވާއިދާ ހިލާފުވުމުން ޖޫރިމަނާ ދެއްކުމުގެ ބަދަލުގައި، ދަންނަ މީހަކަށް ގުޅައިގެން އެކަން “ހަމަޖައްސާލަން” އުޅޭ އާދައަކީ ފަރުދީ ޒިންމާ ކުޑަކަމުގެ ކުޑަ މިސާލެކެވެ. ހައްގު ނޫން ވަޒީފާތައް ހޯދުމަށާއި، ކިޔޫގައި ނުޖެހި ޚިދުމަތް ހޯދުމަށް “ނުފޫޒު” ބޭނުންކުރުމަކީ ފަހުރެއް ކަމަށް ދެކޭ ހިސާބަށް ކަންކަން ގޮސްފައިވެއެވެ. ނަޒާހަތްތެރިކަން ގެއްލި، ރިޝްވަތާއި ފަސާދައަކީ ދިރިއުޅުމުގެ ބައެއް ކަމަށް ހަދާފައިވާއިރު، މިއީ މުޖުތަމައު ފަސާދަވުމުގެ މައިގަނޑު އަސްލެވެ.

މަސްތުވާތަކެތި: ގެއްލިފައިވާ ޖީލެއް

މާލޭގެ ހަނި ގޯޅިތަކާއި ރަށްރަށުގެ ހޭޅިފަށްތަކުން ފެންނަނީ ހިތާމަވެރި މަންޒަރެކެވެ. ޒުވާން ޖީލު ވަނީ މަސްތުގެ ވަބާގައި ޖެހި، ހަށިގަނޑާއި ސިކުނޑި “މުޑުދާރު” ކޮށްލާފައެވެ. މިކަމުގެ ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

މިއީ ހަމައެކަނި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ފެއިލިއަރއެއް ނޫނެވެ. މިއީ އާއިލާތަކުގެ ފެއިލިއަރއެކެވެ. މައިންބަފައިން ދަރިންނަށް ދޭންޖެހޭ އަޅާލުން ނުދީ، ދަރިން އުޅޭ ނޫޅޭ ގޮތް ނުބަލައި ދޫކޮށްލުމުގެ ނަތީޖާއެވެ. ފަރުދީ ގޮތުން އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ވިސްނުން ޒުވާނުންގެ ކިބައިން ނެތިގޮސްފައިވާއިރު، މަސްތުވާތަކެއްޗަށް ފައިސާ ހޯދުމަށް ވައްކަން ކުރުމާއި ފޭރުން ވަނީ އާންމުވެފައެވެ. މިއީ މުޖުތަމައުގެ އަމާންކަން ގެއްލި، ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން އުޅެންޖެހިފައިވާ މައިގަނޑު ސަބަބެވެ.

ސިއްހަތު: ދައުލަތަށް ބުރައެއް، އަމިއްލަ ނަފްސަށް އިހުމާލެއް!

ރާއްޖޭގެ ސިއްހީ ތަފާސް ހިސާބުތަކަށް ބަލާއިރު، ގައިންގައިން ނާރާ ބަލިތައް ކަމުގައިވާ ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުން ފަދަ ބަލިތައް އިންތިހާއަށް އިތުރުވެފައިވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ދިރިއުޅުމުގެ ވައްޓަފާޅި ނުވަތަ “ލައިފްސްޓައިލް”ގެ ސަބަބުންނެވެ.

ހަކުރާއި ތެޔޮ އެކުލެވޭ ކާނާ އިންތިހާއަށް ބޭނުންކުރުމާއި، ކަސްރަތު ނުކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދިވެހިންގެ އާންމު ދިރިއުޅުމެވެ. ބަލިވުމުން ހިލޭ ބޭސްފަރުވާ (އާސަންދަ) ލިބޭނެކަން އެނގޭތީ، ބަލިވުމުގެ ކުރިން ރައްކާތެރިވުމަށް ފަރުދީ ގޮތުން މަސައްކަތްކުރާ މީހުން މަދެވެ. މި އިހުމާލުގެ ސަބަބުން ދައުލަތުން ސިއްހީ ކަންކަމަށް ކުރަންޖެހޭ ހޭދަ އަހަރުން އަހަރަށް ބޮޑުވެ، ތަރައްގީގެ އެހެނިހެން ކަންކަމަށް ހުރަސްއެޅެއެވެ.

ދަރަނި: ދެއްކުންތެރިކަމުގެ އަގު، ގައުމީ މިނިވަންކަމަށް!

މުޖުތަމައު އިން ފެންނަ އެންމެ ނުރައްކާތެރި ބައްޔަކީ މިއެވެ. ދިވެހިންގެ ދިރިއުޅުން މިއަދު ބިނާވެފައި ވަނީ “ދެއްކުންތެރިކަމުގެ” މައްޗަށެވެ. އާމްދަނީއާ ނުބައްދަލު އަގުބޮޑު ދިރިއުޅުމެއް އުޅުމަށްޓަކައި، ފަރުދުން ވަނީ ދަރަނީގެ މަޅީގައި ޖެހިފައެވެ. އެންމެ ފަހުގެ އައިފޯނު ގަތުމަށާއި، އަގުބޮޑު ސައިކަލު ނެގުމަށް ޒުވާނުން ބޮޑެތި ލޯނުތައް ނަގައެވެ.

ފަރުދުންގެ މި އާދަ، ދައުލަތް ހިންގުމަށް ވެސް ވަނީ އަސަރުކޮށްފައެވެ. ރައްޔިތުން ބޭނުންވަނީ ހުރިހާ އެއްޗެއް ސަބްސިޑައިޒްވެފައި ހުރުމަށެވެ. ކަރަންޓާއި، ކާޑާއި، ތެލުގެ އަގު ހެޔޮކުރުމަށް ސަރުކާރަށް މަޖުބޫރުކުރުވައެވެ. ނަތީޖާއަކީ، ދައުލަތުގެ އާމްދަނީން ޚަރަދުތައް ނުބެލެހެއްޓި، ބޭރުގެ ގައުމުތަކުން ބޮޑެތި އިންޓްރެސްޓްގައި ލޯނު ނަގަން ޖެހުމެވެ.

އިގްތިސާދީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ، އެ ދަރަނި ނުދެއްކޭ ހިސާބަށް ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. ގައުމު “ދަރަނީގެ ދަންތުރަ” އަކަށް ވެއްޓިއްޖެ ނަމަ، ދެން ގެއްލިގެންދާނީ ހަމައެކަނި ފައިސާއެއް ނޫނެވެ. ގެއްލިގެންދާނީ ގައުމުގެ މިނިވަން ކަމެވެ. ބޭރުގެ ފަރާތްތަކުން ބޭނުންވާ ގޮތަށް ސިޔާސަތުތައް ބަދަލުކުރަން މަޖުބޫރުވެ، ގައުމުގެ ސިޔާދަތު ގެއްލިގެން ދިއުމަކީ، ފަރުދީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ދިވެހިންނަށް ލިބިދާނެ އެންމެ ބޮޑު ނިކަމެތި ކަމެވެ.

މިއީ ހޭލަންވީ ވަގުތެވެ. ދިވެހިންގެ ދިރިއުޅުން މިހާރު ވެއްޓިފައިވާ މުޑުދާރު ހާލަތުން އަރައިގަނެވޭނީ ސަރުކާރު ބަދަލުކޮށްގެންނެއް ނޫނެވެ. ފަސް އަހަރުން އެއް ފަހަރު ވެރިން ބަދަލުކުރުމަކުން މި ކަމަށް ހައްލެއް ލިބޭކަށް ނެތެވެ. ބަދަލުކުރަންވީ ފަރުދުންގެ ވިސްނުމެވެ. މި ކަން ހައްލުވާން އޮތީ ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އަދާކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ތެދުވެ، އިސްރާފު ކުރުން ހުއްޓާލައި، އުފެއްދުންތެރި ބަޔަކަށް ވެގެންނެވެ. އެހެން ނޫންނަމަ، ދަރަނީގެ އަޅުވެތިކަމެއްގެ ތެރޭގައި، ގައުމުގެ މިނިވަންކަން ތާރީޚުގެ ތެރެއަށް އޮހޮރިގެން ދިއުމަކީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
1
0
0
0
0
0
0