ތާރީހްގެ ތެރެއިން: ފުރަތަމަ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ!

12 ޖުލައި 2025 - 10:16

އަމީންގެ ގާނޫނު އަސާސީ

ދިވެހި ރާއްޖޭގެ ވެރިކަން ރަސްކަމަކުން ޖުމްހޫރީ ވެރިކަމަށް ބަދަލުވީ އާ ގާނޫނު އަސާސީއަކާ އެކުގައެވެ. ވެރިކަން ކުރާނެ  ގޮތްތަކާއި ޖުމްހޫރީ ވެރިކަމެއްގެ އަސްލުތައް އެ ގާނޫނު އަސާސީގައި ލިޔުއްވީ ރައީސް މުހައްމަދު އަމީނެވެ. އާ ގާނޫނު އަސާސީ ރައީސް އަމީން ތަސްދީގުކުރެއްވީ 1 ޖެނުއަރީ 1953 ގައެވެ. އެހެން ނަމަވެސް އެއީ ކުރު މުއްދަތެއްގެ ގާނޫނު އަސާސީއެކެވެ. އެ އަސާސީ ދެމިއޮތީ އަށެއްކަ މަސް ވަންދެންނެވެ. ދިވެހި ފުރަތަމަ ޖުމްހޫރިއްޔާއާ އެކު އުފަންކުރެވުނު އާ ގާނޫނު އަސާސީ އެ ވެރިކަމާ އެކު ކަފުން ކުރެވުނީއެވެ. 

އޭގެ ނަތީޖާއަކަށްވީ 1954 ވަނަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ސުލްޠާން މުޙައްމަދު ފަރީދު ދީދީއާއެކު ދުސްތޫރީ ރަސްކަމެއް އަލުން ގާއިމުކޮށް، ސިންގަލް ޗެމްބަރުގެ މަޖިލީހެއް އަލުން ޤާއިމުކޮށް، 1954 ވަނަ އަހަރުގެ ރަސްކަމުގެ ގާނޫނު އަސާސީ އިއުލާނުކުރުމެވެ. ރައްޔިތުންގެ މަޖިލީހުން އެ ގާނޫނު އަސާސީ ފާސްކުރީ 1954ގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ.

advertisement
advertisement
advertisement

ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ގާނޫނު އަސާސީ

ރައީސް އަމީންގެ ވެރިކަމަށް ފަހު އަނެއްކާ ވެސް ރާއްޖޭގައި އޮތީ ރަސްކަމެކެވެ. އަދި 1954 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ދަށުން ތިން އަހަރެއްހާ ދުވަހު ރަސްކަން ދެމި އޮތެވެ. އެއީ 84 މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނު އަސާސީއެކެވެ. އެ ގާނޫނު އަސާސީ އުވާލައި އާ ގާނޫނު އަސާސީއެއް ގެންނެވީ ދެ ވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކުގައެވެ. އެ ގާނޫނު އަސާސީގައި ރައީސް ނާސިރު ސޮއިކުރައްވައި ތަސްދީގު ކުރެއްވީ 11 ނޮވެމްބަރު 1968 ގައެވެ. އެހެން ނަމަވެސް އެ ގާނޫނު އަސާސީ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 15 ޖުލައި 1968 ގައެވެ. އެހެން ކަމުން އެ ގާނޫނު އަސާސީ ފާސްކުރިތާ މި މަހުގެ 15 އަށް 57 އަހަރު ވީއެވެ.

ރައީސް ނާސިރުގެ ވެރިކަމުގައި އަމަލުކުރައްވަން ފެއްޓެވި ގާނޫނު އަސާސީ އަށް ތިން ބުރެއްގެ މަތިން އިސްލާހު ގެނެވުނެވެ. އެ ގޮތުން 1970 އާއި 1972 އަދި 1975 ގައި ވެސް އިސްލާހު ގެނެވުނެވެ.

ރައީސް މައުމޫނުގެ ވެރިކަން

ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން 1988 ވަނަ އަހަރު އާ ގާނޫނު އަސާސީއެއް އަނެއްކާވެސް ވުޖޫދު ކުރިއެވެ. މި ގާނޫނު އަސާސީ އަށް އިސްލާހުތައް ގެނެސް ޒަމާނީ ގާނޫނު އަސާސީއެއް ވުޖޫދުވެގެން އައީ 1997ގަ އެވެ. މިއީ މަޖިލީހުގައި ގިނަ އަހަރުތަކެއް ވަންދެން ބަހުސްތައް ކުރުމަށް ފަހު އުފަންކުރުވި ގާނޫނު އަސާސީއެކެވެ. ނޫ ގާނޫނު އަސާސީ ތަސްދީގުކުރެވުނީ 27 ނޮވެމްބަރު 1997 ގައެވެ. އެ ގާނޫނު އަސާސީ އެ ގޮތުގައި އަހަރުތަކެއް ވަންދެން އޮތެވެ. މިއީ ރައީސް އަށް ގިނަ ބާރުތަކެއް ލިބޭ ގޮތަށް ފަރުމާކޮށްފައި އޮތް ގާނޫނު އަސާސީއެކެވެ. 

ނޫ ގާނޫނު އަސާސީ އުވާލުން

އަސާސީ އިންސާނީ ހައްގުތަކާއި ވެރިކަމުގެ ބާރުތައް ވަކިކުރުމަށް ގޮވާލައި އުފުލަން ފެށި އަޑުތަކާ އެކު ޑިމޮކްރެޓިކް ނިޒާމަކަށް ވެރިކަން ބަދަލުކުރައްވާނެކަން 2003 ވަނަ އަހަރު  ރައީސް މައުމޫނު އިއުލާންކުރެއްވިއެވެ. އެ ކަމަށް ގޮވާލައި އެއްވުންތައް ބާއްވައި އަޑު އުފުލުންތައް ކުރިއަށް ދަނިކޮށް އޭގެ އަހަރެއްހާ ދުވަސް ފަހުން އިސްލާހީ އެޖެންޑާއެއް އިއުލާނުކުރެއްވީ ޖޫން 9، 2004 ގައެވެ. އޭގެ ތެރެއިން މައިގަނޑު ކަމަކަށް އޮތީ ގާނޫނު އަސާސީ އިސްލާހުކުރުމެވެ. އެކަމަށްޓަކައި ހާއްސަ މަޖިލީހެއް އެކުލަވާލައި މަސައްކަތް ފެށުނެވެ. ތިން އަހަރު ދުވަހުގެ ސިޔާސީ ކޯޅުންތަކާ އެކު މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނު އަސާސީ ވުޖޫދުކުރީ 7 އޯގަސްޓް 2008 ގައެވެ. މިއީ ބާބުތައް ވަކިކުރެވި ހައްގުތަކަށް އިސްކަންދީފައިވާ ޒަމާނީ ގާނޫނު އަސާސީއެކެވެ. ވެރިކަމުގެ ބާރާއި އަދުލު އިންސާފުގެ ބާރާއި ގާނޫނު ހެދުމުގެ ބާރުތައް ވަކިކުރެވިފައިވާ ގާނޫނު އަސާސީއެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0