އަމިއްލަ ހިޔާލު: ވެރިން މާލެ ވަޑައިގަންނަވާއިރު މާލޭ ރައްޔިތުން އަތިރިމައްޗަށް ނުނިކުންނަނީ ކީއްވެ؟

29 ޖުލައި 2025 - 15:50

ރާއްޖޭގައި ރަސްކަން އޮތް ޒަމާނެވެ. ރަސްގެފާނު ތަންތަނަށް ވަޑައިގަންނަވާ އިރު ރަސްމީ އިއްޒަތުގައި ވެދުމާ އަރުވައެވެ. ރަސްމީ ކޯޑީގައެވެ. މި އާދަކާދަ މާލެއިން އުވިގެން ދިޔަތާ އެތައް ޒަމާނެކެވެ. ނަމަވެސް މިފެންވަރަށް ނޫނަސް ދައުލަތުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުން މިފަދަ މަރުހަބާއެއް ކިޔައެވެ. ރަތްގަދަ އަތްވާއި ވާރޭގައި ސްކޫލު ކުދިން އަތިރިމައްޗަށް ނެރެ މަރުހަވާ ކިޔުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ދައުރެކޭ އެއްގޮތަށް މިހާރު ވެސް ކުރިއަށް ދެއެވެ. ނަމަވެސް މިއީ ހަމައެކަނި ރަށްރަށަށް އޮންނަ ކަމެކެވެ.

ރައީސް މައުމޫނުގެ ދައުރުގައި އޮތް އާދައެއް!

advertisement
advertisement
advertisement

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދައުރުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ އިރު ރަށުގެ ކުދި ބޮޑު އެންމެން އަތިރިމައްޗަށް ނުކުމެއެވެ. ދިގު ސަފުތައް ހަދާލައެވެ. އޭރު އޮންނަ ގޮތަކީ ދައުލަތުގެ ކަމުވޮށިގެންވާ ބޭފުޅަކު އެ ރަށަކަށް ވަޑައިގަންނަވާ ނަމަ މުޅި ރަށުގައި އެ ވާހަކަ ގޮވަނީއެވެ. އަދި މަރުހަބާ ދެންނެވުމަށް ހުރިހާ ރައްޔިތުން ގޮނޑުދޮށަށް ދިއުމަށް އެދެއެވެ. 

އެ ޒަމާނަކީ މުވާސަލާތީ ގޮތުން އެހާ ގުޅުންތައް އޮތް ޒަމާނަކަށް ނުވާތީ ދައުލަތުގެ ވެރިން ރަށަށް ވަޑައިގަންނަވާ ސީދާ ވަގުތެއް ނޭނގެއެވެ. އަންދާޒާކުރެވޭ ވަގުތަކަށް ބަލައި ގަޑިކިޔަނީއެވެ. ދެން ރަށުގެ ކުދިބޮޑު އެންމެންނާއި ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ޔުނީފޯމުގައި ރަތްގަދަ އަވީގައި ނުވަތަ ވިއްސާރައިގައި ވެސް ސަފު ހަދައިގެން ތިބެނީއެވެ. ބައެއް ފަހަރު އެތައް އިރެކެވެ. ހެނދުނު ނުކުންނަ ގޮތަށް ހަވީރު ވަންދެން ވެސް އެ ގޮތުގައި ތިބެންޖެހުނު ފަހަރުތައް ވެސް މަދެއް ނުވާނެއެވެ. 

އެހެން ނަމަވެސް އޭރު އެކަން ކުރަމުން އައީ ކޮންމެހެން މަޖުބޫރު ކަމަކަށް ވެގެން ނުވަތަ ވަކި ބަޔަކު ނުރުހިދާނެތީ ނުވަތަ ވަކި ބަޔަކު ރުއްސަން ކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. ދައުލަތުގެ ވެރިންނަކީ މަދުން ނޫނީ ނުފެންނަ ބަޔަކަށްވާތީ އެ ފަދަ ފަރާތްތައް ހަމަ ލޮލުން ދެކެލުމުގެ ޝައުގުގައި ވެސް ކިތަންމެ ބަޔަކު ގޮނޑުދޮށަށް ނުކުމެ އުޅުނެވެ. ޓީވީ އާއި ފޯނު ފަދަ މި ޒަމާނުގެ ވަސީލަތްތަކަކީ އޭރު އާންމު މީހާއަށް ލިބިފައި ނެތް ތަކެއްޗަށް ވުމުން މިއިން ވެރިއަކު ހަމަ ލޮލަށް ފެނުމަކީ އޭރު މަދު މީހަކަށް ނޫނީ ނުލިބޭ ފުރުސަތެކެވެ.

އެހެން ނަމަވެސް އެފަދަ ދުވަސްތަކާ ދިމާކޮަށް ކުރުން މަނާ ކަންތައްތަކެއް ހުރެއެވެ. މިސާލަކަށް ރައީސް މައުމޫނު ޒަމާނުގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާ އިރު އެ ދުވަހު މަހަށް ފުރުމާއި ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ރަށުން ބޭރަށް ނުދިއުމަށް އެންގުން ފަދަ ކަންކަން ރަށު ތެރޭގައި ގޮވައި ހަދައެވެ. ނަމަވެސް ރައީސް މައުމޫނާ ސަލާމްކޮށްލައި އެ މަނިކުފާނުގެ އަތްތިލައިގެ މަޑުކަމުގެ ވާހަކަ އެތައް ދުވަހެއް ވަންދެން ދައްކައި އުޅެއެވެ. ވަރަށް ފަހަކާ ޖެހެންދެން މާމަ ވެސް އެ ވާހަކަ ދައްކައި އުޅުނެވެ. 

ބަދަލު ނުވި “ސަގާފަތެއް!”

ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފްވެގެން އައި ދުވަސްވަރު މި ސަގާފަތަށް ފާޑުކިޔާ ބަޔަކު ވެސް އުޅުނެވެ. ދައުލަތުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުން ސްކޫލު ދަރިވަަރުން އަތިރިމައްޗަށް ނުވަތަ ބަނދަރުތަކަށް ނެރޭތީ ފާޑުވިދާޅުވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ. ސްކޫލު ދަރިވަރުން ލައްވައި އެފަދަ ކަންކަން ކުރެއްވުމަކީ އެ މަނިކުފާނު ވަރަށް ދެކޮޅު ހައްދަވާ ކަމެކެވެ. 

ރައީސް މައުމޫނުގެ ވެރިކަން ނިމި 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ވަނީ މިކަން މި ގޮތަށް ނުކުރެއްވުމަށް ރަށްރަށުގެ ވެރިންގެ ކިބައިން އެދިފައެވެ. އަދި ސިޔާސީ މިފަދަ ހަރަކާތްތަކަށް ސްކޫލު ދަރިވަރުން ނެރުން ވެސް މަނާކުރެއްވިއެވެ. އެހެން ނަމަވެސް ބައެއް ރަށްރަށުގައި އެކަން އެ ގޮތަށް ކުރަމުން ގެންދިޔައެވެ. 

ރައީސް ނަޝީދުގެ ވެރިކަމަށް ފަހު އަނެއްކާ ވެސް އިހު އޮތް ގޮތަށް ކަންކަން ބަދަލުވި އެވެ. މި ފާއިތުވި އަހަރުތަކުގައި އެކަން އޮތީ އެ ގޮތަށެވެ. ޔުނީފޯމް އަޅައިގެން މަރުހަބާ ކިޔަން ދަރިވަރުން ނުނެރުނަސް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް ދައުލަތުގެ ވެރިން ރަށްރަށަށް ވަޑައިގަންނަވާ އިރު މަރުހަބާ ކިޔުމަށް ކުޑަކުދިން ވެސް ނެރެއެވެ. މި އާދައަކަށް ބަދަލެއް ނައެވެ. 

ހަމައެކަނި ރާއްޖެތެރޭ މީހުނަށް އޮތް ކަމެއް!

ދައުލަތުގެ ވެރިން ރަށްރަށަށް ޒިޔާރަތްކުރުމުން މަރުހަބާ ދެންނެވުމަށް ގިޑިގެ ހަދައި އިއްޒަތުގައި ރަށަށް އެރުވުމަކީ ރަށްރަށުގެ މީހުންގެ މައްޗަށް އޮތް ކަމެކޭ ހީވެއެވެ. ރަށްރަށުގެ ވެރިން މާލެ އަޔަސް މިފަދަ ކަމެއް ނުފެނެއެވެ. މާލެ ނަގާފައި ރާއްޖޭގެ އެންމެ ބޮޑު ރަށްރަށުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި ކައުންސިލަރުންނަކީ ވެސް އެ ރަށްރަށުގެ ފެންވަރުން ދައުލަތުގެ އެންމެ މަތީ ފަރާތްތަކެވެ. ތަފާތު އެކި ބޭނުންތަކުގައި ރަސްމީ ދަތުރުފުޅުތަކުގައި މާލެ ވެސް ވަޑައިގަންނަވައެވެ. އެހެން ނަމަވެސް މި ބޭފުޅުން މާލެ ވަޑައިގަންނަވާތީ މާލޭގެ ރައްޔިތުން ނުވަތަ އެންމެ ކުޑަ މިނުން ކަމާ ގުޅުން ހުރި މިނިސްޓްރީއެއްގެ މުވައްޒަފުން ނުވަތަ ވެރިން ވެސް މަރުހަބާ ވިދާޅުވާކަށް ބަނދަރުމައްޗަށް ނުވަތަ އެއާޕޯޓަކަށް ވަޑައެއް ނުގަންނަވައެވެ. 

އެހެން ނަމަވެސް މާލޭގައި ހުންނަ ވުޒާރާއެއްގެ ވެރިއަކު ރާއްޖެތެރޭ ރަށަކަށް ވަޑައިގަންނަވާ ނަމަ ގިޑިއެއް ނުވަތަ މާފަތި އަޅުވާނެ އަންހެން ކުދިން ނުވަތަ ދަފި ނަގާނެ ކުދިންކޮޅެއް ނެތި ނުދެއެވެ. ކައުންސިލްތަކުން އެކަމަށް ބޮޑު ހޭދައެއް ވެސް ކުރެއެވެ. ހާއްސަކޮށް އެކި ފަންތީގެ ވެރިންނަށް ކިޔަނީ ވެސް އެކި ފެންވަރުގެ މަރުހަބާއެވެ. ރައީސުލްޖުމްހުރިއްޔާ ވަޑައިގަންނަވާ ނަމަ އަދި ކަންތައް މާ ބޮޑެވެ. ދިވެހި ކެއުމާއި ކެއުންތަކާއި ދަފި ނެގުމާއި މިހެން ގޮސް އެތައް ކަމެއް އޮވެއެވެ. އަދި އެފަދަ ކަންކަން އޮންނަނީ މަޖުބުރު މިންގަޑަށް ލާފައެވެ. 

މި ފަހަކަށް އައިސް މިކަންތައް އިންތިހާ އަށް ބޮޑުވެއްޖެއެވެ. ސަރުކާރުގެ ވެރިން ވަޑައިގަންނަވާ ނަމަ މަރުހަބާ ކިޔަން ނެރޭ ލިސްޓްގައި ސްކޫލް ދަރިވަރުން ވެސް ހިމެނުން އާންމު ކަމަކަށް ވެއްޖެ އެވެ. ކުޑަކުދިން ސިޔާސީ ކަންކަމުގައި ބައިވެރި ނުކުރަން އޮތް ނަމަވެސް އެފަދަ ސަފުތަކުގައި ކުޑަކުދިންގެ އަދަދު ވެސް ވަކި މަދެއް ނޫނެވެ. އެފަދަ ސަފުތަކުގައި އެތައް އިރެއް ވަންދެން އެ ކުދިން ބައިތިއްބައެވެ. ރަތްގަދަ އަވީގައެވެ. ވެހޭ ވާރޭ ތެރޭގައެވެ. ހަމައެކަނި ސަފު ހަދައިގެން ތިބެންޖެހުން އެކަންޏެއް ނޫނެވެ. ބައެއް ރަށްރަށުގައި ދެ ޖިންސުގެ ޒުވާނުން ނެރެ ނެށުންތައް ހުށަހެޅުމާއި މިހެން ގޮސް އެތައް ކަމެއް ކުރަންޖެހެއެވެ. މި ފަހަކަށް އައިސް ބައެއް ވެރިން ރަށްރަށަށް ވަޑައިގަތުމުން ކުރީގެ ރަސްރަސްކަލުންނަށް މަރުހަބާ ކިޔާ ފަދަ ގޮތްތަކަށް ކޯޑި ނެގުން ފަދަ ކަންކަން ވެސް ކޮށްފައި އެބަ ހުއްޓެވެ.

މިފަދަ ވަފުދުތަކާއި ވެރިންނަށް މަރުހަބާ ކިޔުމަށް ރަށްރަށުގައި ކޮމިޓީތައް ހަދާފައި ވެސް ހުރެ އެވެ. މިސާލަކަށް ކެއިން ބުއިމުގެ ކަންކަން އިންތިޒާމުކުރުން ހަވާލުކޮށްފައި އޮންނަނީ ރަށްކުރިއަރުވާ ކޮމިޓީއަށެވެ. ބައެއް ރަށްރަށުގައި މިހާރު ވެސް މިކަން އޮތީ މިހެންނެވެ. މިހާރު އެކަން ކުރަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީންނެވެ. ދައުލަތުން މަހު މުސާރަ ދީފައި ތިބޭ މި ކޮމިޓީ އަށް އޮންނަނީ މިފަދަ ވަފުދުތަކަށް ކެއުން ތައްޔާރުކުރުން އެކަނިހެން ހީވާ ކަހަލައެވެ. 

ކުރިއާ ހިލާފަށް މިހާރު އަތިރިމއްޗަށް ނުވަތަ ބަނދަރު ސަރަހައްށް މީހުން ޖަމާވަނީ ނުވަތަ ސަފު ހަދައިގެން ތިބެނީ މަދުން ނޫނީ ނުފެންނަ ދައުލަތުގެ ވެރިން ދެކޭ ހިތަކުން ނޫނެވެ. އެ ފަރާތްތަކަކީ ކޮންމެ ދުވަހަކު ޓީވީތަކުންނާއި އަތުގައި އޮންނަ ފޯނުން ސޯޝަލް މީޑިއާ މެދުވެރިކޮށް ދެކެފަރިތަ މޫނުތަކެވެ. އެހެންކަމުން މިހާރު ކޮންމެހެން ވެރި މީހާގެ އަތްތިލަ މަޑުކަމުން ސަލާމްކުރަން ދާނެ ބަޔަކު ނުތިބޭނެއެވެ. ގިނަ ބަޔަކު ބަނދަރު މައްޗަށް ނުކުންނަނީ ކޮންމެ ވެސް ކަހަލަ މުހުތާދެއް އޮވެގެންނެވެ. އެއްބަޔަކީ ޕާޓީއަށް ނިސްބަތްވާތީ ނުކުންނަ ބައެކެވެ އަނެއް ބަޔަކީ ސަރުކާރުގެ ވަޒީފާގައި އުޅޭތީ ނުކުންނަން މަޖުބޫރުވެގެން ނުކުންނަ މީހުންނެވެ. މިހެން ގޮސް ހެޔޮ ހިތުން ނުކުމެ ތިބޭ މީހުން ވަރަށް މަދުވާނެއެވެ. 

މިއީ ބަދަލުނުވި “ސަގާފަތެކެވެ”. އެހެން ނަމަވެސް މިއީ މާލެ އާއި ރާއްޖެ ތެރޭ މީހުންގެ ފަރަގު ދައްކުވައިދޭ ހާމަކަން ބޮޑު ހަރަކާތެކެވެ. ދައުލަތުގެ ވެރިން ރަށްރަށަށް ވަޑައިގަތުމުން އެކިޔާ މަރުހަބާ ރަށްރަށުގެ ވެރިން މާލެ ވަޑައިގަތުމަކުން ނުފެންނެއެވެ. 

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
0
0
5
0
1
1
0