ރިޕޯޓް: ހަގީގީ މިނިވަންކަން ލިބެން އޮތީ މާލީ މިނިވަންކަން ލިބިގެން!
5 އޯގަސްޓް 2025 - 13:06
ދަރަންޏެއް އޮތުމަކީ އޭގެ ޒާތުގައި ގޯހެއް ނޫނެވެ. ވިޔަފާރީގެ ނަޒަރަކުން ބަލާއިރު ވެސް ވިޔަފާރިތައް ފުޅާކުރަނީ ދަރަނި ނަގައިގެންނެވެ. ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް އިބްރާހީމް ވިދާޅުވެފައިވާ ގޮތުން ނަމަ ވިޔަފާރިކުރެވޭނީ ދަރަނި ވެސް ނަގައިގެންނެވެ. އެހެން ނަމަވެސް އެ ދަރަނި ވާންޖެހޭނީ ވިޔަފާރީން މެނޭޖްކުރެވޭ ދަރަންޏަކަށެވެ.
ހުސް ދަރަނިވެރިން!
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އާންމުން ދަންނަ ގޮތުން ނަމަ ކުޑޫއަކީ މުޖުތަމައުގައި ހުންނަ މިފަދަ މައްސަލަތައް ވަރަށް މަޖާޒީ ގޮތެއްގައި ގެނެސްދެއްވާ ފަރާތެކެވެ. އޭނާގެ ފޭސްބުކް ޕޯސްޓެއްގައި މިފަދަ ވާހަކައެއް ލިޔެފައި އޮއްވާ ފެނުނެވެ.
“އަހަރެން ދަންނަ މީހަކު މީހަކާ އިންނަންވެގެން މާބޮޑު ޕާޓީއެއް ބާއްވަން އެވާހަކަ މަގޭ ކައިރީ ދެއްކިއެވެ. އެއްވެސް އިރެއްގައި އެކަން އެގޮތަށް ކުރުމަކީ އަހަރެން ތާއީދުކުރާ ކަމެއް ނޫންކަމުން މަގޭ ރައުޔު ބަޔާން ކުރީމެވެ. އޭނާ ބުނީ އެވެނި މިވެނި މީހަކުވެސް ހަމަ ކަންކުރީ އެގޮތަށް ކަމާއި އެކަން އެގޮތަށް ނުކޮށްފިއްޔާ އޭނާ އަށް ‘މަލާމާތް’ ރައްދުވާނޭ ކަމަށެވެ. ކޮންމެއަކަސް، އެ ކައިވެނި ޕާޓީއެއް ބޭއްވިއެވެ.
މީ އޭގެ 4 އަހަރު ފަހެވެ. މިއަދު އޭނާގެ ދަރިއެއް އެބަހުއްޓެވެ. ކައިވެނި ޕާޓީގެ ‘ލޯނު’ ދައްކާ އަދިއެއް ނުނިމެއެވެ. ބާކީ 6 އަހަރު އެބައޮތެވެ. އޭނާ ބުނި އެވެނި މިވެނި މީހުން މަ ނުދަންނަނީކީ ނޫނެވެ. އެދެއްކީ ‘ކޮންމެވެސް ގޮތަކުން ފޯރާ’ މީހުންގެ ވާހަކައެވެ. އެމީހުން އެކަން ކުރީ އެމީހުނަށް އެކަން ކުރެވެން އޮތީމާ ތޯއްޗެކެވެ. މަ ދަންނަ މީހާ އަކީ ފޯރުންތެރިކަން އެމީހުނާ ގާތުގައި ވެސް ހުރި މީހެއް ނުމެ ނޫންމެއެވެ.”
މީ އޭގެ 4 އަހަރު ފަހެވެ. މިއަދު އޭނާގެ ދަރިއެއް އެބަހުއްޓެވެ. ކައިވެނި ޕާޓީގެ ‘ލޯނު’ ދައްކާ އަދިއެއް ނުނިމެއެވެ. ބާކީ 6 އަހަރު އެބައޮތެވެ. އޭނާ ބުނި އެވެނި މިވެނި މީހުން މަ ނުދަންނަނީކީ ނޫނެވެ. އެދެއްކީ ‘ކޮންމެވެސް ގޮތަކުން ފޯރާ’ މީހުންގެ ވާހަކައެވެ. އެމީހުން އެކަން ކުރީ އެމީހުނަށް އެކަން ކުރެވެން އޮތީމާ ތޯއްޗެކެވެ. މަ ދަންނަ މީހާ އަކީ ފޯރުންތެރިކަން އެމީހުނާ ގާތުގައި ވެސް ހުރި މީހެއް ނުމެ ނޫންމެއެވެ.”
ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ކުޑޫ އެ ބުނި ގޮތަށް ދަރަނި ވެރިންނެވެ. އަތުގައި ގެންގުޅެ އަގު ބޮޑު ފޯނުން ފެށިގެން ދުއްވަން ގެންގުޅެ ސައިކަލާއި ގެއަށް ބޭނުންވާ ބައެއް ސާމާނު ވެސް ނަގަނީ ދަރަނި ސްކީމްތަކުގެ ތެރެއިންނެވެ. ގިނަ މީހުންނަކީ މަހުގެ ފަހުކޮޅަށް ދާއިރު އަތުގައި އެއްޗެއް އޮންނަ ބައެއް ނޫނެވެ. ގޭތެރެ އާއި އެހެނިހެން ހަރަދުތައް ހަމަޖައްސަނީ ލުއި ލޯނުތައް ނުވަަތަ މުސާރަ ނަގާފައި ދޭ ގޮތަށް ކޮންމެ ވެސް ރައްޓެއްސެއްގެ އަތުންނެވެ.
އާންމު މީހާ ކަންމަތީ ފިހާރައަށް ދަރާފައެވެ. ފިހާރަ ހިންގާ މީހާ ސަޕްލަޔަރަށް ދަރާފައެވެ. ސަޕްލައިކުރާ މީހާގެ ކުންފުނި ބޭންކަށް ދަރާފައެވެ. ވިޔަފާރިވެރިންނަށް ދައުލަތް ދަރާފައެވެ. މިހެން ގޮސް އެންމެން އުޅެންޖެހިފައި މި ވަނީ ދަރަނީގެ ވަށާޖެހޭ ބުރެއްގެ ތެރޭގައެވެ.
ގިނަ ދިވެހިންނަކީ ފަހަށް ރައްކާކުރާ ބައެއް ނޫނެވެ. އެ އާދައެއް މި މުޖުތަމައުގެ ތެރެއަކު ނެތެވެ. އާންމު މީހާ އިން ފެށިގެން ބޮޑެތި ވިޔަފާރިތަކާ ހަމައަށް ވެސް މިކަން އޮތީ މިހެންނެވެެ. ގައުމެއްގެ ހައިސިއްޔަތުން ވެސް ކަން އޮތީ މިހެންނެވެ.
ގައުމު ވެސް ދަރާފައި!
ގައުމެއްގެ ހައިސިއްޔަތުން ވެސް ދައުލަތް އޮތީ ދަރާފައެވެ. ފެށުނީއްސުރެ ލިބޭ އާމްދަނީ އަށް ވުރެ ކުރާ ހަރަދު ބޮޑުވުން އަބަދު ވެސް ފޫބައްދަންޖެހިފައި ވަނީ ބޭރުގެ އެހީ އާއި ނަގާ ލޯނުތަކުންނެވެ. މި ފަހަކަށް އައިސް ގައުމުގެ އުމްރާނީ ތަރައްގީގެ ދުވެލި ބާރުވުމާ އެކު ނަގަންޖެހިފައިވާ ދަރަނީގެ އަދަދު ބޮޑެވެ. ސިޔާސީ ސަބަބުތަކަށްޓަކައި ދައުލަތް ހިންގުމުގެ ހަރަދު ބޮޑުވުމުން އެތަން ވެސް ފޫބައްދަންޖެހިފައި ވަނީ އެތެރެއާ ބޭރުން ދަރަނި ނަގައިގެންނެވެ. މުސާރަ ދޭންޖެހިފައި ވަނީ ޕެންސަން ފަންޑުންނާއި ބޭންކްތަކުން ލޯނު ނަގައިގެންނެވެ. ވިޔަފާރިވެރިންނަށް ބޮންޑު ވިއްކައިގެންނެވެ.
ދައުލަތުގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު ހުރީ ގައުމީ އުފެއްދުންތެރިކަމުގެ މިންގަޑުގެ ނިސްބަތުން 110 ޕަސެންޓުން މަތީގައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު އެކަނި ވެސް 600 މިލިއަނެއްހާ ޑޮލަރު (9.2 ބިލިއަން ރުފިޔާ) ބޭރުގެ ދަރަނީގެ ގޮތުގައި ދައްކަންޖެހެއެވެ. އަންނަ އަހަރު މި އަދަދު އެއް ބިލިއަން ޑޮލަރަށް އަރައެވެ. މީގެ ތެރޭގައި ހިމެނެނީ 2021 ވަނަ އަހަރުގެ 500 މިލިއަން ޑޮލަރުގެ ސުކޫކް އެކެވެ.
ދަރަނި ދައްކަންޖެހޭތީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހުރީ މަޑު ޖެހިފައެވެ. އާންމު ވިޔަފާރިވެރިންނަށް ދޭންޖެހޭ އެތައް ފައިސާއެއް ހުރީ ނުދެވިއެވެ. ދައުލަތުގެ ހަރަދު ކުޑަކުރަން މަސައްކަތް ކުރާ ކަމަށް ބުނި ނަމަވެސް ހިންގުމުގެ ހަރަދު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ސަރުކާރާއި ދައުލަތުގެ ހިއްސާ އޮތް ކުންފުނިތަކަށް އިތުރުކުރާ ވަޒީފާތަކުގެ ސަބަބުން ހިންގުމުގެ ހަރަދަށް ކުޑަ ވެސް ލުޔެއް ނުލިބެއެވެ. އެހެނެއް ނޫނެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރުމާއި ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރުމުން ލިބޭ އާމްދަނީ އަށް ވުރެ ހޭދަކުރާ މިންވަރު މި ފަހަކަށް އައިސް ވަނީ މަދުކޮށްފައެވެ. ނަމަވެސް އެއީ ހައްލެއް ނޫނެވެ.
ޓުއަރިޒަމް ދާއިރާ އިން ބޭންކްތަކަށް ޑޮލަރު މާރުކުރުން މަޖުބޫރުކުރުމުން ދައުލަތަށް ލިބޭ ޑޮލަރު ގިނަވި ނަމަވެސް އެ މާކެޓްގެ ތެރެއަށް ނުނެރޭތީ ޑޮލަރުގެ މައްސަލައަށް ވެސް އޮތީ ހައްލެއް ނުލިބިއެވެ. އެހެންކަމުން އިގްތސާދު ވެސް އޮތީ މަޑުޖެހިފައެވެ. އެހެންކަމުން ދަރަނީގެ މައްސަލަ އިތުރަށް ދަނީ ބޮޑުވަމުންނެވެ. ދައުލަތުގެ އިތުރުން އާންމު ފަރުދުންނަށް ވެސް ޖެހިފައި ވަނީ މި ހާލެވެ.
ދަރަނި ބޮޑުވުމުން ބޭރުގެ ގައުމުތަކަށް އާދޭސްކުރަންޖެހިފައި!
މި ސަރުކާރުން ވެރިކަމަށް އައީ ވަރަށް ގަދަ ބަސް ބުނަމުންނެވެ. ދަރަނީގެ މައްސަލަ ހައްލުކުރާނެ ކަމުގެ ފުރިހަމަ ޔަގީން ކަމާ އެކުއެވެ. ޚާރިޖީ ސިޔާސަތު ވެސް އޮތީ އަވަށްޓެރި އިންޑިއާއާ ދުރަށެވެ. ޗައިނާއާ ގާތް ގުޅުމަކަށް މަގުފަހިކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރަށް ދެ އަހަރު ފުރެން ކައިރިވެފައިވާ އިރު މީގެ ދޮޅު އަހަރު ކުރިން ސަރުކާރުން ގަދަ ބަސް ބުނި ގޮތަށް ބުނެވޭނެ މިނިވަން ކަމެއް މިއަދަކު ނެތެވެ.
މިއަދު ޖެހިފައި ވަނީ އެހީތެރިކަން ފޯރުކޮށްދޭ ކޮންމެ ބަޔަކަށް ސަނާ ކިޔަންށެވެ. ކުރިން “އިންޑިއާ އައުޓް” ކެމްޕެއިނެއް ހިންގި ނަމަވެސް މިހާރު ޖެހިފައި ވަނީ އެ ގައުމަށް އާދޭސްކުރަންށެވެ. މިދިޔަ އަހަރު އިންޑިއާއާ ދެކޮޅަށް ބަސް ވިދާޅުވި ސަރުކާރުގެ ވެރިން މިއަދު ތިބީ ސައިޒުވެފައެވެ. މިއަދު ޖެހިފައި ވަނީ އިންޑިއާގެ ބޮޑުވަޒީރަށް ސަނާ ކިޔާށެވެ. ރާއްޖޭގެ މިނިވަން ދުވަހުގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މާބޮނޑި އަރުވާށެވެ. ގައުމުގެ މިނިވަން ދުވަހު މަގު ފުރައި އެހެން ގައުމެއްގެ ދިދަ ޖަހާށެވެ.
މިފަދަ ދުވަހެއް ދެކެންޖެހިފައި ވަނީ މާލީ މިނިވަންކަން ނެތީމައެވެ. ވަކި ފަރާތަކަށް ނުޖެހޭ ޚާރިޖީ ސިޔާސަތެއް ގެންގުޅޭނެ ކަމަށް ބުންޏަސް އެހީ ދޭ ބަޔަކާ ދިމާއަށް ދީއްލައިލުން ނޫން ގޮތެއް މިއަދަކު ނެތެވެ. މީގެ ކުރިން ގަދަ ބަސް ބުންޏަސް މިއަދު ސަނާ ކިޔުން ނޫން ގޮތެއް ނެތެވެ. ހަގީގީ މިނިވަންކަން އިހްސާސްކުރެވެން އޮތީ ގައުމެއްގެ ހައިސިއްޔަތުން ވެސް މާލީ ގޮތުން ތަނަވަސްވެގެންނެވެ. ފަރުދެއްގެ ހައިސިއްޔަތުން ވެސް އެ މިނިވަންކަން އިހްސާސްކުރެވެން އޮތީ ބޭންތަކަށާއި ރައްޓެހިންނާއި ކަންމަތީ ފިހާރައިން ނަގާފައިވާ ދަރަނިތައް ދެއްކިގެންނެވެ. މާލީ މިނިވަންކަން ނުލިބި ހަގީގީ މިނިވަންކަމުގެ އިހްސާސެއް ނުކުރެވޭނެއެވެ.





