އަމިއްލަ ހިޔާލު: ވެރިންގެ ވައްކަން ދިފާއުކުރުމުގައި އެކްޓިވިސްޓުން ހަނާވަނީ
13 އޯގަސްޓް 2025 - 16:54
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނެއުޅޭ ނޫން ހެއްޔެވެ. މި ޒަމާނުގައި މި ވާހަކަ އެންމެ ރަނގަޅަށް ފެތޭނީ ސިޔާސީ އެކްޓިވިސްޓުންނަށެވެ. ތިމާ ތާއީދުކުރާ ޕާޓީ ނުވަތަ ތިމާ ތާއީދުކުރާ ސިޔާސީ މީހަކާ މެދު ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް އެކަން ދިފާއުކުރުމަށް ހޭބޯނާރައި މަސައްކަތްކުރާތަން މިހާރު ވެސް އެބަ ފެނެއެވެ. ސޯޝަލް މީޑިއާގައި އެ މީހަކު ދިފާއުކުރުމަށްޓަކައި ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެއެވެ. އަދި ހާގީގަތް އޮޅުވާލުމަށްޓަކައި އެތައް މަސައްކަތެއް ކުރާނެއެވެ. ބައެއް ފަހަރު ފަރުދުންގެ ލެވެލްގައެވެ. އަނެއް ބައި ފަހަރު ސިޔާސީ ޕާޓީތަކުގެ ލެވެލްގައެވެ. ނުވަތަ ސަރުކާރުގެ ލެވެލްގައެވެ.
އެތައް މިސާލެއް!
މީގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު ވެސް ކަންވީ ހަމަ އެ ގޮތަށެވެ. ބިންތަކެއް ވިއްކި މައްސަލަ ފެންމަތިވުމާ އެކު ޕީއެންސީގެ ސަޕޯޓަރުން އޭނާގެ ދިފާއުގައި ސޯޝަލް މީޑިއާ ފުރާލިއެވެ. ފަޒުލްގެ ގެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ފެނުނުކަން ފުލުހުން ހާމަކުރުމާ އެކު އެއީ ލޯންޗެއް ބަނުމަށް ބަޔަކު ހަވާލުކުރި ނަގުދު ފައިސާ ކަމަށް ބުނެ ކުންފުންޏަކުން ބަޔާނެއް ނެރުމުން އެކަން ދިފާއުކުރަން ވެސް ސޯޝަލް މީޑިއާ އެކްޓިވިސްޓުން މަސައްކަތްކުރިއެވެ.
ފަޒުލްގެ މައްސަލަ އެ ހިސާބުން އޮބުނީއެވެ. ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ދެން ވެސް ފެނިގެން ދިޔައީ ޕާޓީގެ އިސް ސަފުގައި ފަޒުލް އަށް ޖާގަ ދިން ތަނެވެ. ޖަލްސާތަކުގެ ކުރީ ބަރިން ޖާގަ ލިބުނު އިރު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވ. އަތޮޅު ކެމްޕެއިމން މެނޭޖަރަކަށް ވެސް ފަޒުލް ހަމަޖައްސާފައި ވެއެވެ. ފަޒުލް ވަނީ މީގެ ކުރިން ވ. ފެލިދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާފައެވެ.
މި ސަރުކާރުގައި އެކަންޏެއް ނޫނެވެ. މިއީ ފެށުނީއްސުރެ މިކަނ އޮތް ގޮތެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި ވެސް މިފަދަ އެތައް ކަމެއް ހިނގާފައި ވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފުލުހުންގެ ވެރިންތަކަކަށް ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް އެ ބޭފުޅުންގެ ދިފާއުގައި ވެސް ނުކުންނާނެ ބަޔަކު ތިއްބެވެ. އަދި ސަރުކާރުން ވެސް އެ ފަދަ ފަރާތްތަކަށް ދިނީ މަގާމުގެ ކުރިއެރުމެވެ. އޭރުގެ ޕޮލިސް ކޮމިޝަނަރަށް ކުރެވުނު ތުހުމަތުތަކަށް ފަހު ދެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމެވެ.
މިދިޔަ ސަރުކާރަށް ބަލާއިރު ވެސް އެފަދަ މައްސަލަތައް ފާހަގަކުރެވެއެވެ. ގޭސް ކުންފުނީގ އެމްޑީޕީގެ މައްޗަށް ކުރި ތުހުމަތުތަކަށް ފަހު އޭނާ ސަސްޕެންޑްކުރި ނަމަވެސް އަހަރެއްހާ ދުވަސް ވަންދެން މަގާމުން ވަކިނުކޮށް ބެހެއްޓިއެވެ. އެހެން ބައެއް ކުންފުނިތަކުގެ ވެރިންނާ މެދު ވެސް ފިޔަވަޅު އެޅި މި ގޮތަށެވެ. ނަމަވެސް އެފަދަ ފަރާތްތަކުގެ ދިފާއުގައި ޕާޓީ އާއި އެ ފަރާތްތަކުގެ ސަޕޯޓަރުން ދެމި ތިއްބެވެ. ސޯޝަލް މީޑިއާގައި ތައުރީފު އޮއްސަމުން ގެންދިޔައެވެ.
މި ފަހުން ވެސް އެތައް މިފަދަ އެތައް ކަމެއް ހިނގައިފިއެވެ. ސިޔާސީ ފަރާތްތަކާ މެދު ބޮޑެތި ތުހުމަތުތައް ކުރެވުމުން އެ ފަރާތްތަކުގެ ދިފާއުގައި ސިޔާސީ އެކްޓިވިސްޓުން ތެދުވެ އެވެ. މިހާރު ވެސް އެ މަސައްކަތް އެބަ ކުރެއެވެ.
ކޮރަޕްޝަންގެ ތުހުމަތުކުރެވުނަސް މަތީ މަގާމާއި ޝަރަފް
ހަމައެކަނި މި ސަރުކާރުގައެއް ނޫނެވެ. މީގެ ކުރިން ވެސް މިކަން ހިނގަމުން ދިޔައީ މި ގޮތަށެވެ. މިހާރު ތަންކޮލެއް ބޮޑަށް އެ ވާހަކަ ދެކެވެއެވެ. އެ މަންޒަރު އެބަ ފެނެއެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކުގައި ފިޔަވަޅު އަޅަނީ ކަމަށް ބުނެ ސަސްޕެންޑްކުރާ މީހުން ނުވަތަ ވަކިކުރާ މީހުން މާދަމާ އެއަށް ވުރެ މަތީ މަގާމަކުން ނުވަތަ އެފަދަ އެހެން މަގާމެއް ދޭތަން އެބަ ފެނެއެވެ.
ބައެއް ކުންފުނިތަކާ މެދު އާންމުންގެ ބޮޑެތި ތުހުމަތުތައް ކުރެވި ކަމާ ބެހޭ އިދާރާތަކުން ތަހުގީގުތައް ފެށި ނަމަވެސް އެ ފަދަ ކުންފުނިތަކުގެ ވެރިންނަށް ފިޔަވަޅު ނާޅައި އެބަ ހުއްޓެވެ. އަދި ބައެއް ކުންފުނިތަކުގެ ވެރިންނާ މެދު އެފަދަ ތުހުމަތުތައް ކުރެވުމުން އެހެން ކުންފުނިތަކަށް ބަދަލުކުރެއެވެ. ނުވަތަ ސަރުކާރުގެ ކޮންމެވެސް ސިޔާސީ މަގާމަކަށް ބަދަލުކުރެއެވެ. އެފަދަ މީހުންނަށް މަރުހަބާ ކިޔުމާއި އެފަދަ މީހުންގެ ދިފާއުގައި ސަޕޯޓަރުން ތެދުވެއެވެ. ވައްކަންތައް ހާމައަށް ފެންނަން ހުރި ނަމަވެސް އެކަން ދިފާއުކޮށްދޭ ބަޔަކު އަބަދު ވެސް އުޅެއެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނަ ފަދައިންނެވެ.
“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.





