އަމިއްލަ ހިޔާލު: ޑޮލަރުގެ ތާށިކަން ފިލުވުމުގައި އެމްއައިބީގެ ރޯލު ކޮބާ!

15 އޯގަސްޓް 2025 - 17:24

ދިވެހިން ހިއްސާވާ އަދި ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތް ބޭންކަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވުމަކީ އެ ބޭންކްގެ ޒިންމާތައް އެހެން ހުރިހާ ބޭންކްތަކަށް ވުރެ ބޮޑުވާ މައިގަނޑު ސަބަބެވެ. ރާއްޖޭގެ އިގްތިސާދީ ދުވެލީގަ އާއި އާންމު ރައްޔިތު މީހާގެ ދިރިއުޅުމުގައި ވެސް އެ ބޭންކްގެ މުހިންމުކަން ބޮޑެވެ. އެހެން ނަމަވެސް އެއީ ހަމައެކަނި ދިވެހި ބޭންކްގެ ޒިންމާއެއް ހެއްޔެވެ؟ 

advertisement
advertisement
advertisement

ޑޮލަރުގެ ޒިންމާ ހަމައެކަނި ބީއެމްއެލްއަށް!

ރާއްޖޭގެ ރައްޔިތުންނަށް ޑޮލަރުގެ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުނީގެ ޒިންމާ އެތައް އަހަރެއް ވަންދެން އުފުލަމުން އަންނަނީ ވެސް ބީއެމްއެލް އިންނެވެ. އެހެން ނަމަވެސް އެއްވެސް ޒަމާނެއްގައި ދިވެހިންނަށް ބޭނުންވާ މިންވަރަށް ނުވަތަ އެކަށީގެންވާ މިންވަރަށް ވެސް ބީއެމްއެލް އަށް ޑޮލަރު ފޯރުކޮށްދެވިފައެއް ނުވެއެވެ. ބްލެކް މާކެޓެއް ނުވަތަ ޑޮލަރުގެ ކަޅު ބާޒާރެއް އުފެދުމުގެ މައިގަނޑު ސަބަބަކީ ވެސް އެއީއެވެ. 

އިމްޕޯޓާއި ބައިނަލްއަގްވާމީ މުއާމަލާތްތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްގައި ޑޮލަރަށް އޮންނަ ޑިމާންޑުގެ އަސަރު އާންމު ދިރިއުޅުމުގެ ކޮންމެ ކަމަކަށް ވެސް ކުރެއެވެ. ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ފީތަކާއި އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އާއިލާތަކާއި ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ވެސް ބަރޯސާ ވަނީ ޑޮލަރަށެވެ. އެހެން ނަމަވެސް މި ހުރިހާ ފަރާތްތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަކީ ހަމައެކަނި ބީއެމްއެލް އަށް ކުރެވޭނެ ކަމެއް ނޫނެވެ.

ޑޮލަރު ހޯދުމަށް ކޮންމެ ދުވަހަކު ކުރާ ހަނގުރާމަ

އާންމު ގޮތެއްގައި ބީއެމްއެލް އިން ޑޮލަރު ދޫކުރަނީ ޒަރޫރީ ބޭނުންތަކަށޭ ބުންޏަކަށް ދޮގަކަށް ނުވާނެއެވެ. ރާޢްޖެއިމް ފުރާ ކޮންމެ މީހަކަށް 500 ޑޮލަރުގެ މަގުން ދޫކުރެއެވެ. މުދާ ގަންނަ ފަރާތްތަކަށް ޓީޓީ ހަދާ އިރު އަބަދު ވެސް  ކޮންމެ ވެސް މިންވަރެއް ބޭންކްގެ ރޭޓުން ޑޮލަރު ދޫކުރެއެވެ. މީގެ އިތުރުން ތަފާތު ބަލިތަކަށް ފަރުވާ ހޯދުމަށް ބޭރަށް ދަތުރުކުރާ ފަރާތްތަކުން ލިޔުންތައް ހުށަހެޅުމުން ވެސް ޑޮލަރު ދޫކުރެއެވެ. މި ގޮތަށް ވެސް އާންމު މީހާ އަށް ޑޮލަރު ލިބެން އޮތް ހަމައެކަނި މަގަކީ ބީއެމްއެލް އެވެ. އެހެން ބޭންކްތަކުން މި މިންވަރަށް ވެސް ޑޮލަރެއް ދުލެއް ނުކުރެއެވެ.

ބީއެމްއެލް އިން ދެން ޑޮލަރު ދޫކުރަނީ އެ ބޭންކްގެ ކާޑްތަކަށެވެ. އެ ގޮތުން ކްރެޑިޓް ކާޑްތަކަށް 750 ޑޮލަރު ބޭންކް ރޭޓްގައި ދޫކުރެއެވެ. އަދި މީގެ ކުރިން މަހަކު 250 ޑޮލަރު ދޫކުރަމުން އައި ޑެބިޓް ކާޑްތަކުގެ ލިމިޓް 500 ޑޮލަރަށް ވަނީ ބޮޑުކޮށްފައެވެ. މީގެ އިތުރުން ވެސް ބައެއް ބަދަލުތައް ގެނެސްފައި ވެއެވެ، އެ ގޮތުން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ އަދަދު 125 ޑޮލަރަށް ދަށްކޮށްފައިވާ އިރު ކޮންމެ ޓްރާންސެކްޝަނަކުން 10 ޑޮލަރުގެ ފީއެއް ވެސް ވަނީ ނަގަން ފަށާފައެވެ. 

މި ބަދަލުތަކުގެ އިތުރުން ބޭންކުން ވަނީ ބައެއް އީ-ކޮމާސް ޕްލެޓްފޯމްތަކުން ގަންނަ ތަކެތިން 30 ޕަސެންޓާ ހަމައަށް އާ ޓްރާންސެކްޝަން ފީއެއް ނަގަން ފަށައިފަ އެވެ. އޭގެ ތެރޭގައި ޓެމޫ، ޝީން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ފަދަ ދިވެހި އާންމުކޮށް ވިޔަފާރިކުރާ އީ-ކޮމާސް ވެބްސައިޓްތައް ހިމަނާފައި ވެއެވެ. މިއީ ހެޔޮ އަގުގައި މުދާ އެތެރެކުރުމަށް ދިވެހިންނަށް އޮތް މަގަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.  އަދި ހާއްސަކޮށް ރާއްޖެއިން ބޭރުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނާއި އެހެން ގައުމުތަކުން ބޭސްފަރުވާގެ ހިދުމަތް ބޭނުންވާ ބަލި މީހުންނާއި ބޭރުގެ ސަބްސްކްރިޕްޝަންތަކާއި ޑިޖިޓަލް ހިދުމަތްތަކަށް ނުވަތަ ދަތުރުފަތުރަށް ފައިސާ ދައްކާ އާއިލާތަކަށް މި ދަތިތައް ވަރަށް ބޮޑެވެ. ނަތީޖާއަކަށް ވެފައި ވަނީ ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ މަގުތައް ހަނިވެ ކަޅު ބާޒާރަށް ދާން މަޖުބޫރުވުމެވެ.

އެމްއައިބީ ވަކި ގޮތަކަށް ބައްޓަންވެފައި!

ބީއެމްއެލް އަކީ އަދިވެސް އެންމެ ކުރީގައި އޮތް ބޭންކް ކަމަށްވީ ނަމަވެސް ފާއިތުވި އަހަރުތަކުގައި އެމްއައިބީގެ ކުރިއެރުން ފާހަގަކޮށްލެވެއެވެ. ހަރުދަނާ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ބިނާކޮށް، ކަސްޓަމަރުންގެ އަދަދު އިތުރުކޮށް، ޝަރީއާއަށް ފެތޭ އުފެއްދުންތަކާ މެދު އާންމުންގެ އިތުބާރު ހޯދާފައިވެއެވެ. އެހެންނަމަވެސް، ވަކިން ހާއްސަކޮށް ބީއެމްއެލްއާ އަޅާބަލާއިރު، ޑޮލަރުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމަށް އެ ބޭންކުން މަސައްކަތްކުރާތަނެއް ނުފެނެއެވެ.

އެމްއައިބީން މި ވަގުތު އާންމު ދިވެހި މީހާ އަށް ދޭ ހަމައެކަނި ޑޮލަރުކޮޅަކީ އެ ބޭންކްގެ ވިސާ ޑެބިޓް ކާޑަށް ދޭ 250 ޑޮލަރެވެ. އެއީ ވެސް އެ ބޭންކަށް މުސާރަ ޑިޕޮސިޓްކުރާ ނަމައެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ލިމިޓްކުރެވިފައިވާ ކަމެކެވެ. ބައިނަލްއަގުވާމީ އޮންލައިން ވިޔަފާރިތަކުގައި އެމްއައިބީގެ ކާޑުތައް ބޭނުންކުރެވޭ މިންވަރު މި ވަނީ ވަރަށް ބޯޑަށް ހިފެހެއްޓިފައެވެ. 

ބީއެމްއެލް އިން ޑޮލަރު ދޫކުރުމުގެ އުސޫލްތަކަށް ގެނައި ބަދަލާ އެކު އެ ބޭންކް ދޫކޮށް އެމްއައިބީއަށް ބަދަލުވުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ގޮވާލަމުން ގެންދިޔައެވެ. އަދި މީގެ ކުރީގެ ބައެއް ހާލަތްތަކެކޭ އެއްގޮތަށް މިދަނޑިވަޅުގެ ފައިދާ އެ ބޭންކުން ވެސް ނަގާނެ ކަމަށް ހީކުރެވުނެވެ. އެހެން ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ޑޮލަރުގެ މައްސަލާގައި އެ ބޭންކުން “ޗުއްޕު” ވެސް ނުބުންޏެވެ. އަދި ދަނޑިވަޅުގެ ބޭނުން ހިފައި ކަސްޓަމަރުން އިތުރުކުރުމުގެ ވިސްނުން ވެސް އިސްކޮށްފައެއް ނުވެއެވެ. އަދި އާންމުންގެ ހިތް ނުތަނަވަސްކަމަށް ހައްލެއް ހޯދައިދިނުމަށް އެ ބޭންކްގެ ކާޑްތަކުގެ ލިމިޓް މަތިކުރުމުގެ ވާހަކައެއް ވެސް ނުދައްކައެވެ. 

އެހެންނަމަވެސް ވަކި އިޞްލާޙުތަކަކާއި އެކަށީގެންވާ އެއްބާރުލުމާ އެކު އެމްއައިބީއަށް މި އަށް ވުރެ ބޮޑު ހަރުދަނާ ގޮތެއްގައި ހަރަކާތްތެރިވެވިދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެއްެވެ. ޝަރީއާގެ ގާނޫނުތަކާ ގުޅިފައިވާ އެ ކުންފުނީގެ އުޞޫލުތަކަކީ ތަފާތު ކަސްޓަމަރުން ޝައުގުވެރިކުރުވާނެ އުޞޫލުތަކެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެމްއައިބީގެ މަސައްކަތް ފުޅާކުރުމަަށް މިއީ ރަނގަޅު ދަނޑިވަޅެކެވެ. އަދި އާންމުންނަށް ޑޮލަރު ލިބޭނެ މަގު ފަހިކޮށްދިނުމަކީ ދިގު ރާސްތާއަކަށް ބަލާއިރު ރަނގަޅު މާކެޓެއް ވެސް ހޯދިދާނެ ކަމެއްގެ ގޮތުގައި ދެކޭ މީހުން ވެސް މަދެއް ނޫނެވެ.

ހިދުމަތް ފުޅާކުރުމުގެ ޒިންމާ

ހާއްސަކޮށް ކުދި ޖަޒީރާ އިގްތިސާދުތަކުގައި މާލީ މޮނޮޕޮލީތަކުގެ ސަބަބުން އުފެއްދުންތެރިކަމަށް ހުރަސް އެޅި، ހިދުމަތުގެ ފެންވަރު ދަށްވެ، ނިޒާމީ ނުރައްކާ ބޮޑުވުމުގެ ފުރުސަތު އޮވެއެވެ. ޑޮލަރުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ޑައިވައިސިފައި ކުރުމަކީ ހަމައެކަނި ހަރުދަނާ އިގްތިސާދީ ސްޓްރެޓެޖީއެއް ނޫނެވެ. އަދި އެއީ ވިސްނުންތެރި ސިޔާސަތެކެވެ. ކުރިއަރަމުން އަންނަ “ފައިނޭންޝަލް އިކޯސިސްޓަމެއް” އުފެދިގެން ދަނީ، އެކި އެކި މުއައްސަސާތައް އެއްފަހަރާ އިޖާދީ ގޮތެއްގައި މަސައްކަތްކޮށް، އެއިން ކޮންމެ މުއައްސަސާއަކުން ވެސް، އެ ތަންތަނުގެ ހިދުމަތްތައް އިތުރުކޮށް، ރައްޔިތުންގެ ބޭނުންތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ފުއްދައިދިނުމަށް މަސައްކަތްކޮށްގެންނެވެ. އަދި އެހެން ފަރާތްތަކަށް އެ ކަމަށް ހިތްވަރު ދީގެންނެވެ.

މާކެޓްގެ ނާޒުކު ކަމުން ފަހަރުގައި އެމްއައިބީން ޑޮލަރުގެ މާކެޓްގެ ތެރެއަށް ވަންނަން ބޭނުން ނުވަނީ ކަމަށް ވެސް ވެދާނެއެވެ. ހަމައެކަނި އެމްއައިބީއެއް ނޫނެވެ. ރާއްޖޭގެ އެހެން ބޭންކްތަކުގައި ވެސް މި ޒިންމާ އެބަ އޮތެވެ. އެ ބޭންކްތަކަށް ބޭރު ފައިސާގެ ބާޒާރުގައި މިހާރަށް ވުރެ ވާދަވެރިކަމާ އެކު ހިންގުމުގެ ފުރުޞަތު ފަހިކޮށްދީފި ނަމަ ކަސްޓަމަރުންނަށް އިތުރު ގޮތްތަކެއް ފަހިވެގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ބީއެމްއެލް އިން މިހާރު އުފުލަމުންދާ ބުރަ މިހާރަށް ވުރެ އިންސާފުވެރިކަމާ އެކު ހިއްސާ ކުރުމަށް ހުޅުވޭ މަގަކަށް ވެސް އެކަން ވެދާނެއެވެ. އަދި މިއީ ޑޮލަރު ލިބޭނެ އެހެން މަގުތައް ހުޅުވި، ބޭރު ފައިސާގެ ސަޕްލައި އިތުރުކޮށް، ކަޅު ބާޒާރުގެ ޑިމާންޑް ދަށްކުރެވިދާނެ މަގަކަށް ވުން ވެސް އެކަށީގެން ވެއެވެ.

އެމްއެމްއޭގެ ޒިންމާ ބޮޑު!

ބީއެމްއެލްގެ އިތުރުން އެމްއައިބީ އާއި އެހެން ބޭންކްތަކުގެ މާލީ ޒިންމާ ފުޅާކުރުމަކީ ރެގިއުލޭޓަރީ އިދާރާތަކާއި މުއައްސަސާތަކުގެ ޒިންމާއެކެވެ. މިކަމަށް މަގުފަހިކޮށްދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 

މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ސިޔާސަތުތަކަށް ބަދަލު ގެންނަންޖެހެއެވެ. 

ފުރަތަމަ ކަމަކީ އެމްއައިބީ އާއި ބީއެމްއެލް އަށް ބޭރު ފައިސާ ދޫކުރާ މިންވަރު އިތުރުކުރުމެވެ. ޑޮލަރު މާރުކުރުމުގެ ގަވާއިދުތަކަށް ގެނައި ބަދަލުތަކާ އެކު ޓުއަރިޒަމް ދާއިރާ އާއި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދައުލަތަށް ނުވަތަ ދިވެހި ބޭންކަށް މާރުކުރަންޖެހޭ މިންވަރު ވަނީ ލާޒިމްކޮށްފައެވެ. އެ ބަދަލާ އެކު ބޭންކަށް މާރުކުރާ ޑޮލަރުގެ އަދަދު ވެސް ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް އެއްބަޔަކު ދެކޭ ގޮތުގައި މި ޑޮލަރުތައް މާކެޓަށް ނުނެރުމުގެ ނަތީޖާއަކީ ޑޮލަރު ފަހަތުން ދުވާ މީހުން އިތުރުވެ، ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 20ރ. އަށް މައްޗަށް ޖެހުމެވެ. މިއީ އެމްއެމްއޭ އިން ޒިންމާ ނަގަންޖެހޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. މައިގަނޑު ސަބަބަކީ ކުންފުނިތަކުން ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ ބޮޑު ބައެއް އެމްއެމްއޭ އިން ނަގަމުން ގެންދިއުމެވެ. އަދި އެ ޑޮލަރު މާކެޓަށް ނުނެރުމަކީ ޑޮލަރުގެ އަގު މިހާ މައްޗަށް ދިއުމުގެ ސަބަބު ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. 

މިފަދަ ދަނޑިވަޅެއްގައި ވެސް ޑޮލަރުގެ މައްސަލައަކީ ހަމައެކަނި ބީއެމްއެލްގެ ބޮލުގައި އެޅުވިފައިވާ ޒިންމާއަކަށް ހެދުމުގެ ބަދަލުގައި އެމްއައިބީ ފަދަ ބޭންކްތަކުން ވެސް އެ ޒިންމާ ނަގަންޖެހޭ ގޮތަށް ސިޔާސަތުތައް ބަދަލުކުރުމަކީ އެމްއެމްއޭ  އިން ކުރަންޖެހޭ ކަމެކެވެ. ބާރު އަޅަންޖެހޭ ކަމަކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައިނޭންޝަލް ލިޓްރަސީ ކުރިއެރުވުމުގައި މިހާރަށް ވުރެ ހަރުދަނާ ދައުރެއް އަދާކުރުމާއި، ލައިސަންސް ލިބިފައިވާ ހުރިހާ ބޭންކްތަކާ ގުޅިގެން، ލިބެންހުރި ޚިދުމަތްތައް ޔަޤީންކަމާ އެކު އާންމު މީހާ އަށް ލިބޭނެ މަގު ތަނަވަސްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން މުހިންމެވެ. 

ގިނަ ބަޔަކު ބައިވެރިވާ ދެމެހެއްޓެނިވި ކުރިމަގެއް

ޑޮލަރު ދޫކުރުމުގައި ގާތްކަން ނުވަތަ ވަކި ބަޔަކަށް ލިބޭ އިމްތިޔާޒަކަށް ވެގެން ނުވާނެއެވެ. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ލިބިދޭ އަސާސީ މާލީ ހައްގެއް ކަމަށް ދެކެން ޖެހެއެވެ. މި ނިޒާމުގައި އެމްއައިބީގެ ދައުރު އިތުރުކުރުމަކީ ފުރުޞަތުތައް ފަހިކޮށްދޭ މާލީ ނަޒަރަކުން، މިހާރަށް ވުރެ ބޮޑަށް އިންކްލޫސިވް ފައިނޭންޝަލް ވިސްނުމެއް ދައްކުވައިދޭނެ ކަމެކެވެ.

ބީއެމްއެލްގެ ޒަމާންވީ މާލީ ޒިންމާގެ ދައުރު ފާހަގަކުރަންޖެހެއެވެ. ނަމަވެސް، މުސްތަގުބަލުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ހިންގަން ޖެހޭކަން ވެސް ގަބޫލުކުރަންޖެހެއެވެ. އަދި އެހެން ބޭންކްތަކުގެ ދައުރު ވެސް ފުޅާކުރަންޖެހެއެވެ. އަދި ބްލެކް މާކެޓްގެ ޑިމާންޑް ދަށްކުރުމުގައި އެމްއައިބީ ފަދަ ބޭންކްތަކަށް އަދާކުރެވިދާނެ ދައުރަކީ ކޮބައިތޯ ވެސް ބަލަންޖެހެއެވެ. ފިޔަވަޅު އަޅަންވީ ވަގުތަކީ މިއީއެވެ. މިކަމުގެ ބޭނުންތެރިކަން އޮތްކަން އެއީ ހަގީގަތެވެ. އަދި ހައްލަކީ ހީކުރާވަރަށް ވުރެ ފަސޭ ހައްލެއް ކަމުގައި ވެސް ވެދާނެއެވެ.

“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ރިއެކްޝަންސް
2
1
8
3
4
2
2