އެއް ބަޔަކު ކުރާ ކުށަށް އެންމެން އުލު ބޭންދުން ބޮޑު ގޯހެއް!

2 ސެޕްޓެމްބަރ 2025 - 11:54

ފެހި ގާނޫނު އަސާސީގެ ކުރިން ހިފެހެއްޓިފައި އޮތް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު މިއޮތް މިންވަރަށް ލިބިގެންދިޔައީ ބައެއްގެ ބުރަ މަސައްކަތުންނެވެ. އޭގެ ކުރިން ވެސް ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމަށް އޭރު އޮތް ވެރިކަމުން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެއްގޮތް ނެތިއްޔާ އަނެއް ގޮތުން ވިޔަސް ލިޔުންތެރިންނާއި ނޫސްވެރިން ދިޔައީ އެ ތޭރިތަކުގެ ތެރެއިން ނެއްޓިގެން އެ ބައި މީހުން ހިޔާލު ފާޅުކުރަމުންނެވެ. މި ހިފެހެއްޓުމުގެ ތެރެއިން ވަގަށް ފާޅުކުރަމުން ދިޔަ ހިޔާލުތަކުގެ ތެރެއިން ހަގީގަތެއް، ދޮގެއް ވަކިނުވާ މިންވަރަށް ހިޔާލުތައް ދިޔައީ ފާޅުކުރަމުންނެވެ. އެތައް ބައެއްގެ އަބުރު ދިޔައީ ކަތިލެވެމުންނެވެ. އެހެން ނަމަވެސް އެކަން ހުއްޓުވަން ކުރެވުނު ކަމެއް ނެތެވެ.

ޒަމާނީ ޓެކްނޮލޮޖީއާ އެކު ތަންމިނަށް ހުޅުވިގެން ދިއުން

advertisement
advertisement
advertisement

ގާނޫނީ ގޮށް މުހިގެން ދިއުމާއި ޓެކްނޮލޮޖީ އަށް އައި ކުރިއެރުމުގެ ސަބަބުން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަން ވެސް ވަރަށް ބޮޑަށް މި ވަނީ ހުޅުވިގެން ގޮސްފައެވެ. އެ މީހަކު ހިތަށް އެރި އެއްޗެއް ލިޔެ ހިތަށް އެރި ވާހަކައެއް ދެއްކުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެހެން ނަމަވެސް އެއީ މިނިވަންކަމެއް ނޫނެވެ. އެއީ މިނިވަންކަމުގެ ހުދޫދުން ނެއްޓިގެން ދައްކާ ވާހަކައެކެވެ. ލިޔާ ލިޔުންތަކެވެ. އެއީ މިންގަނޑެއްގެ ތެރޭގައި ނުވަތަ ހުދޫދެއްގެ ތެރޭގައި އޮތް ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިންގަނޑަށް ފެތޭ ކަންކަމެއް ނޫނެވެ. ނަމަވެސް އިންޓަނެޓަކީ އެއްވެސް މީހެއްގެ މިލްކަކަށް ނުވާތީ ކޮންމެ މީހަކު ވެސް ހިޔާލު ފާޅުކުރަނީއެވެ. ކޮންމެ ފަދަ ބުހުތާނު ދޮގެއް ވެސް ހަދަނީއެވެ. އަނެކާގެ އަބުރަށް އެއްވެސް އިހުތިރާމެއް ނެތި އިލްޒާމްތައް އަޅުވަނީއެވެ. 

އިންޓަނެޓާ އެކު ކޮންމެ މީހަކީ ވެސް މިއަދު ނޫސްވެރިއެކެވެ. ހާއްސަކޮށް ސޯޝަލް މީޑިއާގައި އުޅޭ ނޫސްވެރިން މާ ގިނައެވެ. އެންމެ ގިނަ މައުލޫމާތު ލިބެން ހުރީ އަދި އެންމެ ހަލުވިކަމާ އެކު ލިބެނީ ވެސް ސޯޝަލް މީޑިއާގެ ތެރެއިންނެވެ. އެހެން ނަމަވެސް އެއީ ހަގީގަތުގައި މީޑިއާއެއް ކަމަށް ބަލައިގެން އޭގައި ދައްކާ ވާހަކަތަކުގެ މައްޗަށް ގާނޫނެއް ފަރުމާކޮށް މެއިންސްޓްރީމް މީޑިއާ އާށް ފިޔަވަޅު އަޅަައި ހުއްޓުވަން އުޅުމަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށް ނޫނީ ނުވާނެއެވެ. 

ކުރިން ވެސް ފާހަގަކުރިހެން އިންޓަނެޓަކީ އެއްވެސް މީހެއްގެ މިލްކެއް އޭގެ މައްޗަށް އޮތް އެއްޗެއް ނޫނެވެ. ކަންކަމަށް ފާޑުކިޔައި ހަގީގަތެއް ނެތް ވާހަކަތައް ދައްކައި، މިފަދަ ގިނަ މީހުންނަކީ ވަގު ނަމެއްގެ ފަހަތުގައި ފޮރުވިފައި ތިބޭ ބައެކެވެ،. އެފަދަ އެކައުންޓްތަކުން ފަތުރާ ވާހަކަތައް ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯވެއެވެ. އެއް އެކައުންޓް ހުއްޓުވާ އިރު އަނެއް އެކައުންޓެއް އުފަންވެއެވެ. އަދި އެފަދަ އެކައުންޓްތައް ހިންގާ ފަރާތްތައް ހޯދުމަކީ ވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން އެފަދަ ތަންމިނަށް ހުޅުވިފައި އޮތް އިންޓަނެޓްގައި ފާޅުކުރާ މިފަދަ ހިޔާލުތަކާއި ދޮގު ވާހަކަތަކާއި އަބުރު ގެއްލޭ ގޮތަށް ލިޔާ ލިޔުންތަކަށް ފަރުވާއެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަށް ކިރިޔާ ވެސް ފަރުވާއެއް އޮތީ އެފަދަ އެކައުންޓްތަކުން ފަތުރާ ވާހަކަތަކުގެ ހަގީގަތް ހާމަކުރުމެވެ. ދޮގަށް އޮތް ފަރުވާއަކީ އޭގެ ތެދެވެ. އިންޓަނެޓަށް އަދަބު ދޭނީ ކިހިނެއް ހެއްޔެވެ؟

އަޅާ ފިޔަވަޅަކުން ހުއްޓުވިދާނެތަ؟

ވަރަށް ކުޑަކުޑަ މިސާލެކެވެ. ކޮވިޑްގެ ދުވަސްވަރު ކޮވިޑާ ގުޅޭ ގޮތުން ފެތުރި މައުލޫމާތުތަކަކާ ގުޅިގެން ޗެނަލް 13 އަށް ފިޔަވަޅު އެޅިއެވެ.  “މަޑިސީލަ” ކިޔާ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން ބްރޯޑްކޮމް އިން ނިންމީ އެ ޕްރޮގްރާމް ވަގުތީ ގޮތުން ހުއްޓުވުމަށެވެ. ވަގުތުން ހުއްޓާލަން އެންގިއެވެ. ބްރޯޑްކާސްޓިން ގާނޫނުން އެ ބާރު އެ ކޮމިޝަނަށް ދެއެވެ. ގާނޫނުގައި ބުނަނީ ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅިގެން ޝެޑިއުލުން ބައެއް ހިފެހެއްޓިދާނެ ކަމަށެވެ. އެ މަހުފޫމުގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ނިންމީ ޕްރޮގްރާމް ހުއްޓުވުމަށެވެ. އެހެން މަހުފޫމެއްގެ ދަށުން ބްރޯޑްކޮމް އަށް ބޭނުން ނަމަ ޝެޑިއުލުން ބައެއް އުނިކުރުމުގެ ހައްގު ވެސް ލިބެއެވެ. މާނައަކީ އެ ވަގުތެއްގައި އެއްވެސް ޕްރޮގްރާމެއް ނުދެއްކުމަށް އެންގުމުގެ ބާރު ވެސް ގާނޫނުން ލިބިދީފައި އޮތުމެވެ.

ބްރޯޑްކޮމްގެ އެންގުމަށް ޗެނަލް 13 އިން އެކަން އެ ގޮތަށް ކުރިއެވެ. އެންގުމުގައި އޮތީ ޕްރޮގްރާމް ނުދެއްކުމަށެވެ. އެހެންކަމުން ޕްރޮގްރާމްގެ ނަން ބަދަލުކޮށްލީ “ހަޖަމް” އަށެވެ. ކޮންސެޕްޓް އެއްގޮތެވެ. އެއް ގަޑިއެކެވެ. ހަމަ އެ ޕްރެޒެންޓަރުންނެވެ. ހަމަ އެ ވާހަކަތައް ދައްކަމުން ދިޔައެވެ. އެޅި ފިޔަވަޅުން މަގުސަދެއް ހާސިލެއް ނުވިއެވެ. 

އޭގެ ފަހުން ދާދި މިދާކަށް ދުވަހު ވެސް އެފަދަ ކަމެއް ހިނގިއެވެ. މި ފަހަރު ބްރޯޑްކޮމް އިން އެންގީ ވަކި ވަގުތެއްގައި އޮންއެއާ މެދުކަނޑާލަންށެވެ. އެ ރޭ ދިމާވީ މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް އިން  އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު އެއްވުން ވެސް އޮތް ރެއާއެވެ. އެހެން ނަމަވެސް ބްރޯޑްކޮމް އިން ބުނާ ގޮތުން ނަމަ އެއީ އިއްތިފާގެކެވެ. ކޮންމެ ވެސް ސަބަބުތަކެއް ދައްކައިގެން ވިޔަސް ޗެނެލް 13 އިން އެ އަމުރަކަށް ތަބައެއް ނުވެއެވެ. އެކަމަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބްރޯޑްކޮމް އިން ބުނި ނަމަވެސް ކުރެވުނު ކަމެއް ނެތެވެ. އަދި ކުރެވޭނެ ކަމެއް ވެސް އޮތް ހެނެއް ހިޔެއް ނުވެއެވެ.

މީގެ ކުރިން ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއް އުފަންކޮށް ވެސް ނޫސްވެރިކަމުގެ މިނިވަންކަމުގައި ތަޅު އަޅުވަން ބަޔަކު މަސައްކަތްކުރިއެވެ. އޭގެ ސަބަބުން މީޑިއާތަކަށް ބޮޑެތި ގެއްލުންތައް ލިބުނެވެ. ބައެއް ތަންތަން ބަންދުކުރިއެވެ. ރާއްޖެ ޓީވީ ފަދަ ބައެއް ޗެނަލްތަކުން އެތައް މިލިއަން ރުފިޔާއެއްގެ ޖޫރިމަނާ ދައްކަން ޖެހުނެވެ. ނަމަވެސް އެއިން އެއްވެސް ކަމަކުން ގާނޫނު މަގުސަދެއް ހާސިލެއް ނުވިއެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަދި ނޫސްވެރިކަމުގެ މިނިވަންކަން ވެސް ނުހިފޭއްޓުނެވެ.  ނޫސްވެރިކަން ކުރަން ކަމަރު ބަނދެގެން ތިބި މީހުން އެކަން ކުރިއެވެ. ކުޑަކޮށް ވެސް ފަހަތަކަށް ނުޖެހެއެވެ. އެންމެ ފަހުން ގާނޫނު އުވާލީއެވެ.

ރަޖިސްޓްރީނުކުރާ މީޑިއާތައް ހުއްޓުވިދާނެތަ؟

މިއީ ހަމައެކަނި ރާއްޖެ އަށް އޮތް ގޮންޖެހުމެއް ނޫނެވެ. ދޮގު މައުލޫމާތާއި ހަގީގަތް އޮޅޭ ފަދަ މައުލޫމާތާއި ގަސްތުގައި ކަންކަން އޮޅުވާލުމަށް ފަތުރާ މައުލޫމާތައް ހުއްޓުވުމުގައި ބޮޑެތި ގައުމުތަަކަށް ވެސް ގޮންޖެހުން ބޮޑެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ހިންގާ  ކުންފުނިތަކުން އެކަމަށް މަސައްކަތްތަކެއް ވެސް އެބަ ކުރެއެވެ. އެހެން ނަމަވެސް މައުލޫމާތުތައް ފުރާނަން ކުރާ މަސައްކަތުގައި މާބޮޑު ކުރިއެރުމެއް ލިބޭތަނެއް ނުފެނެއެވެ. ކާކުކަން ނޭނގޭ ގޮތަށް ދޮގު މައުލޫމާތު ފެތުރުމާއި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމާއި ޓެރަރިޒަމަށް ހިތްވަރު ދިނުމަށް ފަތުރާ މައުލޫމާތުތައް ހުއްޓުވޭތޯ ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން އެކަށީގެންވާ ގޮތެއްގައި ކުރެވޭ ހެއްޔެވެ؟

ރާއްޖޭގައި ވެސް މިކަން އޮތީ މިހެންނެވެ. ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ހުއްޓުވޭނެ ގޮތެއް މެއިންސްޓްރީމް މީޑިއާތަކުގައި ތެދު ދޮގު ނުބަލައި ފަތުރާ މައުލޫމާތު މަދެވެ. ބައެއް ހާލަތްތަކުގައި އެފަދަ ކަންކަން ނުހިނގައެކޭ ނޫނެވެ. ނަމަވެސް އިދާރާތަކަށް ހުށަހަޅާފައި ހުރި މައްސަލަތަކުން ދައްކަނީ ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގައި މިކަން ކުޑަ ކަމެވެ. 

ދޮގު ފެތުރުމާއި މީހުންގެ އަބުރު ކަތިލުމާއި މިހެން ގޮސް ނޭދެވޭ އެތައް ވާހަކަތަކެއް މީޑިއާތަކުގައި ވެސް އެބަ ދެކެވެއެވެ. އެހެން ނަމަވެސް މިއީ ރަސްމީ ނުވަތަ މެއިންސްޓްރީމް މީޑިއާގައި މިކަން އޮތް ގޮތެއް ނޫނެވެ. ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާ އެކި މައްސަލަތަކުގެ ރެކޯޑްތަކަށް ބެލިޔަސް މިކަން ހާމަވާނެއެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާއާ ގުޅޭ ބިލާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް މިކަން އޮތީ މިގޮތަށް ނޫންކަން ހާމަވެއެވެ. ކޮމިޓީގައި ވާހަކަ ދައްކަމުން މީޑިއާ ކައުންސިލުން ބުނީ މި ދައުރުގައި ވެސް 68 މައްސަލައެއް މިހާތަނަށް ލިބިފައިވާ އިރު 56 މައްސަލައަކީ ރަޖިސްޓަރ ނުކޮށް ހިންގާ މީޑިއާތަކާ ގުޅޭ މައްސަލަތައް ކަމަށެވެ. އެހެން ކަމުން އެ ކައުންސިލުން ދެކޭ ގޮތުގައި ކޮމިޓީން މިހާރު ދިރާސާކުރާ ގާނޫނުގެ ސަބަބުން ހަގީގީ މައްސަލައަށް ހައްލެއް ލިބިދާނެ ކަމަށް ކޮމިޝަނުން ގަބޫލެއް ނުކުރެއެވެ.

އެކަކު ކުރާ ކަމަކުން އެންމެންނަށް އަދަބު!

ރަނގަޅެވެ. މީޑިއާގެ ދާއިރާގައި ވެސް ގޯސްތައް އެބަ ހުއްޓެވެ. އަދި ދާއިރާ ރެގިއުލޭޓްކުރަން ނުވަތަ ދާއިރާގެ ކަންކަން ހަމައަކަށް އަޅުވަން އޮތް ދެ ގާނޫނަކީ ވެސް މި ޒަމާނަށް ފެތޭ ދެ ގާނޫނެއް ނޫނެވެ. އިސްލާހުތައް ގެންނަންޖެހެއެވެ. އެހެން ނަމަވެސް ސުވާލަކީ ހަދާ ގާނޫނަކުން ނުވަތަ ގަވާއިދަކުން މިހާރު މި ފެންނަ މައްސަލަތަކަށް ޖުމްލަ ހައްލެއް ލިބިދާނެ ހެއްޔެވެ؟ 

ރައްޔިތުންގެ މަޖިލީހަކީ ވަކި އިމްތިޔާޒުތަކެއް ލިބިގެންވާ ތަނެކެވެ. އެހެންކަމުން އެ ތަނުގައި ނުދައްކާކަށް ވާހަކައެއް ނޯވެއެވެ. ނުގޮވާކަށް ހަޔާތެއް ވެސް ނޯވެއެވެ. މީހުން އަބުރު ކަތިލުމަކީ ވެސް އާންމު ކަމެކެވެ. ދޮގު އިލްޒާމްތައް އެޅުވުމާއި ކަނޑައެޅިގެން ދޮގުކަން ސާބިތު އެތައް ވާހަކަތަކެއް ވެސް އެ ތަޅުމުގައި އެބަ ދައްކައެވެ. އެ ވާހަކަތައް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވަގުތުން ދުރަށް އެބަ ދައްކައެވެ. އެ ވާހަތަކުގެ ތަންތަންކޮޅު ނަގައިެގން ސޯޝަލް މީޑިއާގައި އެބަ ފަތުރައެވެ. ޚަބަރުތައް އެބަ ހަދައެވެ. އެހެންކަމުން މީޑިއާތަކުގައި ދޮގު ވާހަކަތައް ފެތުރުމަށް މެދުވެރިވާ މައިގަނޑު އެއްތަނަކީ ވެސް މަޖިލިސް ފަދަ ސިޔާސީ ޕްލެޓްފޯމްތަކެވެ. 

އަބުރު ގެއްލޭ ގޮތަށް ދައްކާ ވާހަކަތަކަށް މިހާރު ވެސް ފަރުވާ އެބަ އޮތެވެ. އެފަދަ ވާހަކަތައް ދައްކާ މީހާ ގޮވައިގެން ކޯޓަށް ދާންވީ އެވެ. އެފަދަ ވާހަކަތައް ފަތުރާ މީޑިއާތަކާ މެދު ވެސް އަބުރުގެ ދައުވާ ކުރެވޭނެއެވެ. ހަރުދަނާ ކުރަންވީ އެފަދަ މައްސަލަތަކުގައި އަބުރު ގެއްލޭ މީހާ އަށް ލިބިދޭ ބަދަލު ބޮޑުކުރަންވީއެވެ. ނިޒާމެއް ނެތީއެއް ނޫނެވެ. ނިޒާމު ހަރުދަނާ ކުރަންވީއެވެ. ނޫސްވެރިން އުލުބައިންދައިގެން ނުވަތަ ވަކި މީހަކު ދެއްކި ވާހަކަތަކާ ގުޅިގެން ހުރިހާ ނޫސްވެރިން އުލު ބޭންދޭ ގޮތަށް ގާނޫނެއް ހެދުމަކީ މިކަމަށް އޮތް ހައްލެއް ނޫނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0