މާލީ ބަޔާންތަކުން ފެންނަނީ ހަގީގަތްތަ؟

9 ސެޕްޓެމްބަރ 2025 - 9:54

އަލަށް ކުރި ކަމެއް ނޫން!

ރައްޔިތުންގެ ފައިސާ އިން ޓެކްސް ނަގައިގެން ސިޔާސަތު ކަނޑައެޅުމަށް ތިއްބަވާ ބޭފުޅުންގެ މާލީ ކަންކަމަކީ ސިއްރު ކަންކަމެއް ނޫނެވެ. ތަހުޒީބީ މުޖުތަމައުތަކުގައި އެފަދަ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރުމަކީ ލާޒިމް ކަންކަމެވެ. ރާއްޖޭގައި ވެސް ބައެއް ދާއިރާތަކުގައި މާލީ ބަޔާންތައް ހާމަކުރަން ލާޒިމްކޮށްފައި އޮވެއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. 

advertisement
advertisement
advertisement

މިދިޔަ ހަފުތާގެ ތެރޭގައި މި ބަޔާންތައް މަޖިލީހުން އާންމުކުރަން ފެށިއެވެ. އެއާ އެކު މީޑިއާތަކުން ވެސް އެ ބަޔާންތަކަށް ސަމާލުކަން ދިނެވެ. އެ ބަޔާންތައް ދިރާސާކޮށް ތަފާތު ރިޕޯޓްތަކާއި އޭގައި ހުރި އަދަދުތައް އެކި ގޮތްގޮތަށް އެބަ ގެނެސްދެއެވެ. 

މިއީ އަލަށްވީ ކަމެއް ވެސް ނޫނެވެ. ކުރީގެ މަޖިލީހުގައި ވެސް މިކަން މި ގޮތަށް ހިނގިއެވެ. އަދި ގާނޫނެއްގައި ލިޔެފައި ނެތް ނަމަވެސް މިދިޔަ ސަރުކާރުގައި ސިޔާސީ ވެރިންގެ މާލީ ބަޔާންތައް ވެސް އާންމުކުރިއެވެ. އެ ބަޔާންތަކަށް ވެސް މީޑިއާގެ ސަމާލުކަން ލިބިނުމެވެ. އެ ބަޔާންތަކުގައި ހުރި އަދަދުތައް ނަގައިގެން އެ ބައެއްގެ އެޑިޓޯރިއަލް ޕޮލިސީއާ އެއްގޮތަށް ޚަބަރުތަކާއި ރިޕޯޓްތައް ގެނައެވެ. މިފަހަރު ތަފާތު ވެގެން އުޅެނީ ކޮން ކަމެއް ހެއްޔެވެ؟

ނަމަކަށް ކުރި ކަމެއް!

މާލީ ބަޔާންތަކުގައި ހާމަކުރަންޖެހެނީ ތެދެވެ. ގާނޫނެއްގައި މާލީ ބަޔާން އާންމުކުރުމަށް ބުނެފައި އޮންނަނީ ނަމަކަށް އެކަން ކުރާކަށް ނޫނެވެ. އެހެން ނަމަވެސް ކުރިން ވެސް އަދި މި ފަހަރު ވެސް އާންމުކޮށްފައި ހުރި މާލީ ބަޔާންތަކަކީ ގާނޫނުގައި ބުނެފައި އޮންނާތީ ނަމަކަށް ފުރިހަމަ ކޮށްފައި ހުރި މާލީ ބަޔާންތަކެކެވެ. އެ ބަޔާންތަކަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހަގީގީ މާލީ ހާލަތެއް ހާމައެއް ނުވެއެވެ. 

ވަކިވަކި މެންބަރުންގެ މާލީ ބަޔާންތަކަށް ރަނގަޅަށް ނަޒަރު ހިންގާލުމުން ބަޔާންތަކުގައި ހުރި މައުލޫމާތުތަކާއި އެ މެންބަރުންގެ ހަގީގީ މާލީ ހާލަތާ ދިމާނުވާކަން ވަރަށް ސާފެވެ. މިސާލަކަށް ރާއްޖޭގެ އެންމެ ބޮޑެތި މުއްސަނދިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ މާލީ ބަޔާންތަކުން ވެސް އެކަން ފާހަގަކުރެވެއެވެ. 

ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ވެސް ތިބީ މަޖިލީހުގައެވެ. ޓުއަރިޒަމް ދާއިރާ އިން ފެށިގެން އާދައިގެ ރިޓެއިލް ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރި ޗެއިންތަކުގެ ވެރިން ވެސް މަޖިލީހުގައި އެބަ ތިއްބެވެ. މާލެ ސަރަހައްދުގައި ހުރި ބޮޑެތި މޯލްތަކާއި ފިހާރަތަކުގެ ވެރިން ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އެހެން ނަމަވެސް އެ ވިޔަފާރިތަކުގެ ވެރިންގެ މާލީ ބަޔާނުން އެ މަންޒަރެއް ނުފެނެއެވެ. އެފަދަ ބައެއް ވިޔަފާރިވެރިންގެ ބަޔާނުގައިވާ ގޮތުން ފާއިތުވި އަހަރެއްހާ ދުވަހު މަޖިލީހުން މުސާރަ އާއި އެހެން ކުންފުނިން ލިބޭ މުސާރައާ އެކު ޖުމްލަ މުސާރައިގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. ވިޔަފާރީގެ ނަފާގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ވެސް ލިބިފައި ވެއެވެ. ކުލީގެ ގޮތުގައި ލިބިފައިވާ 180،0000ރ. އާ އެކު ޖުމްލަ 3.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު ކަމަށް މާލީ ބަޔާނުގައި ވެއެވެ. 

އެހެން ނަމަވެސް މާލީ ބަޔާނުން ހޯދަ ހޯދާ ވެސް އެ ފައިސާތަކަށް ވީ ގޮތެއް އެނގޭކަށް ނެތެވެ. “ފޯމުގައި ހުށަހަޅާފައި މި ވަނީ ފުރިހަމަ އަދި ތެދު މައުލޫމާތު ކަމާއި، މި މައުލޫމާތު ހުށަހެޅުމުގައި އެއްވެސް ފޮރުވުމެއް، ވަންހަނާކުރުމެއް ނުވަތަ އުނި އިތުރުކުރުމެއް އެކުލެވިގެން ނުވާ ކަމަށް” އިގްރާރުވެ، ސޮއިކުރެއްވި މާލީ ބަޔާނުގައިވާ ގޮތުން އެފަދަ ބައެއް މެންބަރުންގެ ނަމުގައި އެއްވެސް ބޭންކެއްގައި އަދި އަމިއްލަ އަތުގައި ވެސް އެއްވެސް ފައިސާއެއް ނެތެވެ. ރާއްޖެ ކީއްކުރަން ހެއްޔެވެ؟ ބޭރު ގައުމެއްގެ އެކައުންޓްގައި ވެސް ލޯލާރި ވެސް ނެތީއެވެ. 

މާތް ﷲ ގަންދީ ހުވާކުރައްވައިގެން ތިއްބެވި ވަރަށް ގިނަ މެންބަރުންގެ މާލީ ބަޔާންތަކުން ފެންނަން އޮތީ މި މަންޒަރެވެ. ތެދު މައުލޫމާތު ކަމަށް އިގްރާރުވެ، ހުށަހެޅުއްވި މާލީ ބަޔާންތަކަކީ ގާނޫނާއި ގަވާއިދުން މަތިކޮށްފައި ވާތީ ނަމަކަށް ހުށަހަޅާފައިވާ ބަޔާންތަކެކެވެ.

ބޮޑެތި ދަރަނިވެރިން!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތަކުން ދެން ފާހަގަކުރެވުނު އަނެއް ކަމަކީ މެންބަރުންނަކީ ވަރަށް ބޮޑެތި ދަރަނިވެރިން ކަމެވެ. ދަރަންޏެއް ނެތް މެންބަރަކު މަދެވެ. ހުރިހާ މެންބަރުންގެ ދަރަނި ޖުމްލަކޮށްލުމުން އެތައް ސަތޭކަ މިލިއަން ރުފިޔާ އަށް އަރައެވެ. ނުދައްކައި ބާކީ ހުރި އަދަދު ވެސް 500 މިލިއަނެއްހާ ރުފިޔާ އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 165.7 މިލިއަން ދިވެހި ރުފިޔާ އާއި 21.53 މިލިއަން ޑޮލަރު (ބޭންކް ރޭޓުން 332 މިލިއަން ރުފިޔާ) އެވެ. 

ލޯނުތަކުގެ އިތުރުން ގިނަ މެން ބަރުންގެ އަތުގައި ކްރެޑިޓް ކާޑް ވެސް އޮންނަ ކަމަށް މާލީ ބަޔާންތަކުގައި ބުނެފައި ވެއެވެ. މިއީ ވެސް ފާޑެއްގެ ދަރަންޏެކެވެ. މި ކާޑުތަކުގެ ލިމިޓާއި މި ކާޑުތަކުގައި ކްރެޑިޓްގެ ގޮތުގައި އޮތީ ކިހާ މިންވަރެއް ކަމާއި ދައްކަންޖެހޭ މުއްދަތުގައި ނުދައްކައި ހުރީ ކިހާ މިންވަރެއް ކަމެއް މާލީ ބަޔާންތަކުގައި ހިމަނާފައެއް ނުވެއެވެ. 

ފާހަގަކުރެވުނު އަނެއް ކަމަކީ މިހާ ބޮޑެތި ދަރަނިތައް އޮތް ނަމަވެސް މެންބަރުންގެ ނަމުގައި ބޭންކްތަކުގައި ހުރި ފައިސާގެ އަދަދު މަދު ކަމެވެ. މުސާރައިގެ ގޮތުގައި މަޖިލީހުގައި މިހާރު ތިއްބެވި 93 މެންބަރުންނަށް އަހަރެއްގެ ތެރޭގައި 91.7 މިލިއަން ރުފިޔާ ލިބުނު ކަމަށް މާލީ ބަޔާންތަކުން ދައްކާ އިރު އެ މެންބަރުންގެ ނަމުގައި ބޭންކްތަކުގައި ހުރީ 16.4 މިލިއަން ރުފިޔާއެވެ. 

ގިނަ މެންބަރުން ބޭންކްތަކަށް ދަރާފައިވާ އިރު ވިޔަފާރި ކުރާ ކަމަށް ދައްކަނީ މަދު މެންބަރުންގެ އެވެ. ގިނަ މެންބަރުންނަށް ލިބޭ ކަމަށް އޮތީ ހަމައެކަނި މަޖިލީހުން ލިބޭ މުސާރައެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 42،500ރ.ގެ އިތުރުން ލިބިންގ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. އާއި ކޮމިޓީތަކަށް ފުރިހަމަ އަށް ހާޒިރުވެއްޖެ ނަމަ ލިބޭ 20،000ރ.އާ އެކު ޖުމްލަ 82،500ރ. އެވެ. 

ހަދިޔާގެ ގޮތުގައި ބިންތަކާއި ފްލެޓް އަދި ފައިސާ!

މާލީ ބަޔާންތަކުން ފާހަގަވި އަނެއް ކަމަކީ ބައެއް މެންބަރުންނަށް އާދަޔާ ހިލާފު އަގު ބޮޑު ހަދިޔާތައް ލިބިފައިވާކެމެވެ. ބައެއް މެންބަރުންނަށް މިލިއަނެއްހާ ރުފިޔާ ހަދިޔާގެ ގޮތުގައި ލިބިފައި ހުރި ކަމަށް މާލީ ބަޔާންތަކުން ދައްކައެވެ. މީގެ ތެރޭހައި ހިމެނެނީ ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓު ކާޑުގެ ފައިސާ ދެއްކުމަށް އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ ކަމަށް ވެސް ބައެއް މެންބަރުން މާލީ ބަޔާނުގައި ވެއެވެ.

ބައެއް މެންބަރުންނަށް އެ މެންބަރުން މަސައްކަތްކުރި ކުންފުނިން 3.5 މިލިއަނަށް ވުރެ އަގު ބޮޑު ރޯހައުސް ހަދިޔާކޮށްފައިވާ ކަމަށް ވެސް ބަޔާންތަކުން ހާމަވެއެވެ. އެފަދަ ބައެއް މެންބަރުންގެ ނަންނަމުގައި ހުޅުމާލެއިންނާއި އެހެން ބައެއް ތަންތަނުން ބިމާއި ފްލެޓްތައް ވެސް އެބަ ހުއްޓެވެ. މިއީ ކިހިނެއް ހޯދި ތަންތަން ކަމެއް ނުވަތަ ކިހިނެއް ހޯދި ފައިސާ އިން ގަނެފައިވާ ތަންތަން ކަމެއް ނޭނގެ އެވެ. މާ ބޮޑު ތަފްސީލްތަކެއް ބަޔާންތަކުގައި ވެސް ނެތެވެ.

ހަގީގަތް ބަލާނެ އިދާރާއެއް ނެތް

މާލީ ބަޔާންތަކުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނަސް އަދި އެ ބަޔާންތަކުގައި ކަނޑައެޅިގެން ދޮގު ހުރި ކަމަށް ބެލެވުނަސް އެ ބަޔާންތައް ބަލައި ދިރާސާކޮށް، އެކަމަށް ފިޔަވަޅު އަޅާނެ އިދާރާއެއް ނެތެވެ. ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ކަނޑައެޅިގެން ކުށެކެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ މާ ބޮޑު އިމްތިޔާޒުތަކެއް ލިބިވަޑައިގެން ތިއްބެވި ބޭފުޅުންތަކެކެވެ. އެ ބޭފުޅުންނަށް ވެސް އެކަން އެނގެއެވެ. އަދި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ވެސް އެކަން އެނގެއެވެ. އެހެން ނަމަވެސް އެއީ ގާނޫނީ ހިމާޔަތެއް ނޫނެވެ. މެންބަރަކަށް ވީތީ އެއްގޮތަކަށް ވެސް ކުށްވެރި ނުވާނެ ކަމަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ލިޔެވިފައެއް ނެތެވެ. އެހެން ނަމަވެސް އެފަދަ ކަމަކާ ގުޅިގެން މިހާތަނަށް ވެސް މަޖިލީހުގެ މެންބަރަކާ މެދު ފިޔަވަޅު އެޅި ތަހުގީގެ ހިންގިފައި އެބަ އޮތް ހެއްޔެވެ؟ 

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވިފައިވީ ނަމަވެސް ކަމާ ގުޅުން ހުރި އިދާރާތަކުގައި އެފަދަ މައްސަލަތައް އޮންނަނީ ބްރަކި ޖެހިފައެވެ. މިއީ ކުރީގެ މަޖިލީސްތަކުގައި ވެސް ކަން ހިނގާފައި ހުރި ގޮތެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް އެތައް މެންބަރުންގެ މައްޗަށް ތުހުމަތުކުރެވުނެވެ. ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި އެފަދަ ވާހަކަތަކަށް އިއުތިރާފު ވެސް ވިއެވެ. އެ ފައިސާ ހިފައިގެން ގޯނީގައި އުފުލި ކަމަށް އޭރުގެ މަޖިލީހުގައި ވިދާޅުވި މެންބަރު މިހާރު ވެސް މަޖިލީހުގައި އެ އިންނެވީއެވެ. އެހެން ނަމަވެސް ކަމާ ބެހޭ އިދާރާތަކުން ސުރުހީއެއް ހެދުމަށް ފަހު ފައިލްތަކުގައި އެ މައްސަލަތައް ބަންދވަނީއެވެ. 

މިހިނގާ މަޖިލީހުގައި ވެސް އެފަދަ ތުހުމަތުކުރެވޭ ބައެއް މެންބަރުން އެބަ ތިއްބެވެ. އެފަދަ ބައެއް މައްސަލަތައް ބަލާކަން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ވެސް ހާމަކޮށްފައި ވެއެވެ. އެހެން ނަމަވެސް އަހަރެއްހާ ދުވަސް ވަންދެން އެ އިދާރާތަކުގެ މޭޒުމަތީގައި އެ މައްސަލަ އޮތް އިރު އެއީ މައްސަލައެއްތޯ އަހާނުލައެވެ.

މާލީ ބަޔާންތަކާ ގުޅިގެން ފެންމަތިވެފައިވާ ކަންކަން ވެސް މެންބަރުންގެ ބޮޑު އިމްތިޔާޒުގެ ތެރޭގައި ފިތި ނިމި ދާނީއެވެ. ބަޔާންތަކުގައި ހުރީ ތެދެއްތޯ ވެސް ސުވާލެއް ކޮށްލާނެ ބަޔަކު ނުތިބޭނެއެވެ. އަދި އޭގެ ސައްހަކަން ކަނޑައަޅައިދޭނެ އިންތިޒާމެއް ވެސް މަޖިލީހުގެ ގަވާއިދުތަކުގެ ތެރޭގައި ލިޔެވިފައެއް ނެތެވެ. އެހެންކަމުން މިއީ ހަމައެކަނި ކަރުދާސްގަނޑެކެވެ. ގާނޫނާއި ގަވާއިދުތަކުގައި ލިޔެފައި އޮތަތީވެ ނަމަކަށް ބަޔާންތަކެއް އާންމުކުރި ނަމަވެސް މަޖިލީހުގެ މެންބަރުންގެ މާލީ ހާލަތު ސާފެއް ނުވެއެވެ.

ރިއެކްޝަންސް
0
0
1
0
0
0
0