އެމްއެމްޕީއާރުސީ ވައްކަމުގެ ޒިންމާ އެތައް ބަޔަަކު ނަގަންޖެހޭ!
26 ސެޕްޓެމްބަރ 2025 - 18:10
ބޮޑެތި ވައްކަންތަކެއް!
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރު)ގެ މެދުވެރިކޮށް ދައުލަތުގެ ފައިސާ ވަގަށް ނެގުމަށް ހިންގި ކަންތައްތަކަކީ މި ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެފަދަ އެންމެ ބޮޑު އެއް ވައްކަމެވެ. އެކަމުގެ ޒިންމާ ނަގަންޖެހުނީ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަދި ފަހުން ނާއިބު ރައީސްކަން ކުރެއްވި އަހްމަދު އަދީބެވެ. އެކަމަށް އޭނާ އިއުތިރާފުވި އެވެ. ހުކުމް ވެސް ކުރި އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޔޮފުޅުކަމުން މައާފު ލިބި މިނިވަންވީއެވެ. އޭނާއާ އެކު އެކަމުގައި ބައިވެރިވި ކަމަށް އެއްބަސްވި ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ވެސް ފަހުން މިނިވަންވީއެވެ.
އަދީބުގެ ބައެއް ގާތް މީހުންގެ އިތުރުން އެ ވައްކަމުގެ މަންފާ އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ލިބުނުކަމުގެ ތުހުމަތުކުރެވި ހުކުމް ވެސް ކުރެވިފައި ވެއެވެ. ޔާމީންގެ މައްޗަށް ކުރި ހުކުމް މަތީ ކޯޓުން ބާތިލްކުރި ނަމަވެސް ކުރެވޭ ތުހުމަތުތައް އަދި ވެސް އެ ގޮތުގައި އޮތީއެވެ. ބައެއް ދައުވާތައް އަދިވެސް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.
އެއީ ދައުލަތުގެ އެންމެ މަތީ ފަޑިން ހިންގި ވައްކަމެކެވެ. ރާއްޖޭގެ ރަށްތަކާއި ފިނޮޅުތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ޑޮލަރެއް ލޫޓުވާލީއެވެ. އެހެން ނަމަވެސް އެކަމުގެ މަންފާ ލިބިފައި ވަނީ ހަމައެކަނި ދައުލަތުގެ މަތީފަޑީގެ މީހުންނަށް އެކަންޏެއް ނޫނެވެ. މިކަމުގެ ޒިންމާ ނަގަންޖެހޭ މީހުންގެ އަދަދު ކޮޅުމަތި ނުފެނެއެވެ. އެތަށް ވަޒީރުންނާއި، ހުރިހާ ސިޔާސީ ޕާޓީއެއްގެ އިސްވެރިންނާއި، ޖުޑިސިއަރީ އަދި ފުލުހުންނާއި ސިފައިން ހިމެނެއެވެ.
މުޅި ދައުލަތް އަދީބުގެ މުށުތެރޭގައި!

އަދީބުގެ މައްސަލައިގެ ތަހުގީގުގައި އަދި ޝަރީއަތުގައި ވެސް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިގެން ދިޔައީ އޭނާގެ ފޯނުތަކުގައި ރައްކާތެކުރެވިފައި ހުރި މުއާމަލާތްތަކަށެވެ. އޭގެ ތެރެއިން ބައިތައް އެކި ދުވަސްވަރު ލީކް ވެއެވެ. ހާއްސަކޮށް ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނަށް އަމާޒުކޮށް އޭގެ ބައިތައް ލީކް ކޮށްލާފައި އެބަ ހުއްޓެވެ. އެހެން ނަމަވެސް މީގެ ދުވަސްކޮޅެއް ކުރި އޭގެ ތެރެއިން ފަސް މަހެއްހާ ދުވަހުގެ ޑާޓާ ވަނީ ލީކް ކޮށްލާފައެވެ. އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް އަދީބާއި އެކި ފަރާތްތަކާ ދެމެދު 2014 ވަނައަހަރު ހިންގާފައިވާކަމަށް ބެލެވޭ މުއާމަލާތްތައް އޭގައި ހިމެނެއެވެ.
އެއީ އަދީބު ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރެވެ. އަދި އެއީ އެމްއެމްޕީއާރުސީ އަށް ބޮޑެތި ބާރުތަކެއް ދީ އެ ތަން ވެސް އަދީބު ކޮނޓްރޯލްކުރައްވަމުން ގެންދެވި ދުވަސްވަރެވެ. ދުވަސްކޮޅަކަށް ނައިބު ރައީސްކަން ވެސް ކުރެއްވިއެވެ. ނަމަވެސް މެސެޖްތަކުން ހާމަވީ ކަމަކީ އަދީބު ކޮންޓްރޯލްކުރައްވަމުން ގެންދެވީ ހަމައެކަނި އެ ދެ ތަން އެކަނި ނޫން ކަމެވެ. މަޖިލީހާއި ފަނޑިޔާރު ގެއާއި މިނިވަން މުއައްސަސާތަކާއި ފުލުހުންނާއި ސިފައިންގެ މައްޗަށް ވެސް އޮތީ އޭނާގެ ބާރު ކަން މެސެޖްތަކުން ހާމަވިއެވެ.
ލީކްވެފައި ވަނީ 2،973 ސޮފްހާއެވެ. މި ސޮފްހާތަކުގައި ގައުމުގެ ހާލަތު، ހާއްސަކޮށް މުޖުތަމައު އޮތް ހާމަލަތު ހާމަވެގެން ދެއެވެ. މަޖިލީހުގައި މެޖޯރިޓީ އޮތް ސަރުކާރު ޕާޓީގެ މެންބަރުން ތިބީ އަދީބުގެ މުށު ތެރޭގައެވެ. އެއްބަޔަކު ތިބީ ފައިސާ އަށް އާދޭސްކޮށްލަ ކޮށްލައެވެ. ދަށު ދަރަޖައަކަށް ވެއްތިފައެވެ. މިނިވަން މުއައްސަސާތަކާއި ފަނޑިޔާރު ގޭގައި ވެސް އޮތީ އޭނާގެ ބާރެވެ. އެހެން ގޮތަކަށް ބުނާ ނަމަ “ގޯޑްފާދާ”އެއްގެ މަގާމުގައެވެ.
އަދީބު ގެންދެވީ އެތައް ބައެއްގެ މުހުތާދުތައް ފިލުވައިދެމުންނެވެ. ވަޒީފާ ހޯދުމާއި ވަޒީފާގެ ކުރިއެރުމާއި ވަޒީފާ ދަށްކުރުމާއި ވަކިކުރުމާއި މިހެން ގޮސް ކޮންމެ ކަމެއް ވެސް އަދީބަށް ހުށަހެޅުމުން އެކަމެއް ވެދެއެވެ. އެންމެ މެސެޖަކުން “އޯކޯ” ޖަހައިލުމުން އެ ކަމެއް ވެދެއެވެ. އެހާ ވެސް އޭނާގެ ބާރު ދައުލަތުގެ ތެރޭގައި ގަދައެވެ. ބައެއް މެންބަރުންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި މިހެން ގޮސް އެތައް ބަޔަކު އަދީބުގެ އަތުން ފައިސާ ނަގާފައިވާ ކަމާއި ފައިސާ ހޯދުމަށް ކޮށްފައިވާ އާދޭސްތައް މި މެސެޖްތަކުން ފެންނަން އެބަ ހުއްޓެވެ.
ނަގުދު ފައިސާގެ ބޮޑެތި އަދަދުތައް ވެސް އެކި ފަރާތްތަކަށް ދީފައި ވެއެވެ. މަޖިލީހުގެ މެންބަރުންނާއި ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުންނާއި ވަޒީރުންނާއި އާދައިގެ ރައްޔިތުންގެ މުހުތާދުތަކައިގެން ވެސް އާދޭސްކޮށްފައި ހުއްޓެވެ. އަދި އެކަންކަން ކޮށްދީފައި ވެސް އެބަ ހުއްޓެވެ. ހިތާމައަކީ މިފަދަ ބައެއް ފަރާތްތައް އަދިވެސް ތިބީ އެފަދަ މަގާމުތަކުގައެވެ. މެންބަރުންގެ ގޮތުގައި މަޖިލީހުގައި އެބަ ތިއްބެވެ. ފަނޑިޔާރުންގެ ގޮތުގައި ހުކުމް ކުރަން އެބަ ތިއްބެވެ. ސިޔާސަތު ކަނޑައަޅަން ސިޔާސީ މަގާމުތަކުގައި އެބަ ތިއްބެވެ. ފުލުހުންނާއި ސިފައިންގެ ތެރޭގައި ވެސް އެފަދަ އެތައް ބަޔަކު އަދިވެސް އެބަ ތިއްބެވެ. އަދި އިދިކޮޅުގައި ވެސް އަދި ކުރީގެ ސަރުކާރުގެ ތެރޭގައި ވެސް އެފަދަ އެތައް ބަޔަކު ތިއްބެވެ.
މީގެ އިތުރުން ރާއްޖެ އާއި ރާއްޖޭގެ ބޭރުގެ ވިޔަފާރި ވެރިންގެ މެސެޖްތަކާއި އަދީބުގެ ފަސްބައިގައި އެލިފައި ތިބިވަރު މި މެސެޖްތަކުން ހާމަވެއެވެ. މަގުމަތީގައި ދޮލަނގެއްގައި ހެދިކާ ވިއްކާ އުސޫލުން ރާއްޖޭގެ ފަޅުރަށްތަކާއި ފިލުތަކާއި ފަޅުތަކާއި ފިނޮޅުތައް ވިއްކަމުން އަދި އެ ފައިސާ ދައުލަތުގެ ބަދަލުގައި އެހެން ދިމަ ދިމާ އަށް ދައުރުކޮށްފައި ހުރިކަން މި މެސެޖްތަކުން ފެންނަން ހުއްޓެވެ. ފެންފޮދެއް ދިރުވާލާ ފަދައިން އެތައް މިލިއަން ޑޮލަރެއް ދައުލަތުން ލޫޓުވާލާފައިވާ މަންޒަރު މި މެސެޖްތަކުން ފެންނަން އެބަ އޮތެވެ.
އެކި ފަރާތްތަކަށް ލައްކައިން ރުފިޔާ އާއި ޑޮލަރު ދީފައި ހުރި އިރު މި މުއާމަލާތްތައް ކޮށްފައި ވަނީ ނަގުދު ފައިސާއިންނެވެ. “އައި ޑޯންޓް ހޭވް އިންޓަނެޓް ބޭންކިން، އައި ޑީލް އޮންލީ ކޭޝް” (އަހަރެ އިންޓަނެޓް ބޭންކިން ނުގެންގުޅެން. އަހަރެން ޑީލް ކުރަނީ ހަމައެކަނި ނަގުދު ފައިސާއިން)، އަދީބަށް އަންހެން ކުދިން ސަޕްލައިކޮށްދޭ މީހަކު ބޭންކް ޓްރާންސްފާއެއް ކުރުމަށް އެދުމުން ރައްދުގައި ފޮނުވި މެސެޖްގައި ވެއެވެ. މީގެ އިތުރުން ވެސް އެކި ފަރާތްތަކަށް ފައިސާ ފޮނުވާފައި ހުރީ އަދީބުގެ ރައްޓެހިން ލައްވާ ދަބަހުގައި ނަގުދު ފައިސާކަން މި މެސެޖްތަކުން ހާމަވެއެވެ.
އިންސާފެއް ނުލިބޭނެ!
މި ހުރިހާ ކަމެއް މި މެސެޖްތަކުން ފެންނަން ހުއްޓަސް ވީކަމެއް އަދި ވާނެ ކަމެއް ވެސް ނެތެވެ. އަދީބުގެ މައްޗަށް އޭނާގެ އުމުރަށް ވުރެ ދިގު ހުކުމެއް ކުރާހާ ބޮޑެތި ޖަރީމާތައް ފެންނަން ހުއްޓެވެ. އޭނާގެ މައްޗަށް ހުކުމްކުރީ އޭގެ ތެރެއިން މަދު ތުހުމަތަކަށެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ގިނަ ދައުވާތަކެއް އުފުލި އެވެ. އެ ގޮތުން 150 ދައުވާއެއްގައި 800 އަށް ވުރެ ގިނަ އަހަރަށް ޖަލު ހުކުމެއް އަންނަހާ ބޮޑެތި މައްސަލަތައް ހުއްޓެވެ. ނަމަވެސް ދައުލަތާ އެކު ހެދި އިއުތިރާފުގެ އެބަސްވުމާ އެކު އޭނަގެ މައްޗަށް ކުރީ ވިހި އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެކެވެ. އޭގެ ތެރެއިން ވެސް އޭނަ ޖަލުގައި ހޭދަކުރީ މަދު އަހަރެކެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމުން ފައިބައިވަޑައިގަންނަވަމުން އޭނާ އަށް މައާފު ދިނުމުން މިއަދު އޭނާއަކީ މިނިވަނެކެވެ.
އަދީބުގެ ފޯނުން ފެންނަން ހުރި މެސެޖުތަކުން ހާމަވަނީ އަދީބު ހިންގާފައި ހުރި ޖަރީމާތައް އެކަންޏެއް ނޫނެވެ. އެ މެސެޖްތަކުން ފެންނަން އޮތީ ދިވެހި މި މުޖުތަމައުގެ ހަޑިމުޑުދާރު އަމަލުތަކެވެ. ދިވެހި ދައުލަތުގެ ވަޒީރުންނާއި، ފުލުހުންނާއި ސިފައިންނާއި، ޖުޑިޝިއަރީ އަދި ސިޔާސީ ވެރިންގެ ދަށު ދަރަޖައެވެ. މިކަމަކީ އެންމެ މީހަކު ޒިންމާ ނަގަންޖެހޭވަރަށް ވުރެ، ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކު ހިމެނިގެން ހިންގާފައިވާ ޖަރީމާއެކެވެ. ލީކުވެފިައިވާ މެސެޖުތަކުން ޔަގީންވަނީ މިކަަމަކީ ދެތިން މީހަކަށް އަދަބު ދީގެން ނިންމާލެވޭ ވަރަށް ވުރެ ހާސަރު ދިގު މުއާމަލާތެއް ކަމެވެ.





