ލޫޓު ވިޔަސް ރައްޔިތުންނަށް ވަރިހަމަ!

30 ސެޕްޓެމްބަރ 2025 - 15:30

ތާއީދުކުރާ މީހާގެ ކުށެއް ނުފެނޭ!

ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ހަރުބަހެއްގައި އޮވެއެވެ. މި ހަރުބަސް މިހާރު އެންމެ ފެތޭނީ ސިޔާސީ މީހުންނަށެވެ. ރާއްޖޭގެ ސިޔާސީ މައިދާން ޖުމްލަކޮށް ބެހިފައި މިއޮތީ ދެ ބަޔަށެވެ. އެއް ބަޔަކީ އެ އިރެއްގައި އޮންނަ ވެރިކަމަށް ތާއީދުކުރާ މީހުންނެވެ. އަނެއް ބަޔަކީ އިދިކޮޅަށް ތިބޭ މީހުންނެވެ. މި ދެ ބައި މީހުންގެ ފިކުރުގައި މާ ބޮޑު ތަފާތެއް ނެތެވެ. އޮތިއްޔާ އޮތީ އެއްކޮޅާއި އިދިކޮޅުގެ ތަފާތެކެވެ. ކޮންމެ ބަޔަކު ވެސް ބޭނުން ވަނީ ބާރުވެރިކަމެވެ. އަދި ތިމާ އަށް ފައިދާއެއް ވާ ނަމަ ނުވަތަ ތިމާ ތާއީދުކުރާ ފަރާތެއް ނަމަ ކޮންމެ ކަމެއް ވަރިހަމައެވެ. 

advertisement
advertisement
advertisement

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންގެ ތެރޭގައި ފަސްބައިގައި ލައްގަނޑެއް ނެތް މީހަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހާއްސަކޮށް އިސް ސަފުގައި ތިބި ގިނަ މީހުންނަކީ ތުހުމަތެއް އަމާޒުވާ މީހެކެވެ. އާރާއި ބާރާއި ނުފޫޒާއި ބޮޑެތި ވައްކަންތަކާއި އެ ނޫން ވެސް އެތައް ޖަރީމާތަކެއްގެ ތުހުމަތުކުރެވޭ މީހުން ވެސް ސިޔާސީ ޕާޓީތަކުގެ އިސް ސަފުން ފެނެއެވެ. އެހެން ނަމަވެސް އެ މީހުންނަށް ނުވަތަ އެ ބަޔަކަށް ތާއީދުކުރާ މީހުންގެ ނަޒަރުގައި އެފަދަ މީހުންނަކީ ހަމަ ސާފު ހުދު ފޮތިކޮޅެއް ފަދަ ބައެކެވެ. އެފަދަ މީހަކާ ބެހޭ ގޮތުން މީޑިއާގައި ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދެކެވޭ އެފަދަ ވާހަތަކުގައި ދިފާއުގައި އެތައް ބަޔަކު ނުކުމެއެވެ. ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް އެ މީހުންގެ ނަޒަރުގައި އެއީ ހަމަ މައުސޫމް މީހުންނެވެ. ތާއީދުކުރާ މީހަކަށް ވުމުން އެ މީހުންގެ ކުށެއް ނުފެނެއެވެ. 

ގިނަ ސިޔާސީ ޕާޓީތައް ވެސް ހިމޭނުން!

އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު ވެސް 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ދީފައި ވެއެވެ. އެ ގޮތުން ވެރިކަން ކުރާ ޕީއެންސީ އަށް 13.31 މިލިއަން ރުފިޔާ ދީފައިވާ އިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް 8.45 މިލިއަން ރުފިޔާ ދީފައި ވެއެވެ. މަޖިލީހުގައި އެންމެ ގޮނޑިއެއް ތަމްސީލުކުރާ ޖުމްހޫރީ ޕާޓީ އަށް 2.65 މިލިއަން ރުފިޔާ ދީފައި ވެއެވެ. މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) – 1.76 މިލިއަން ރުފިޔާ އަދި އާންމު އިންތިހާބުތަކުގައި ވަރަށް މަދުން ނޫނީ ވާދަނުކުރާ އަދި މަޖިލީހުގައި އެންމެ ގޮނޑިއެއް ވެސް ނެތް އަދާލަތު ޕާޓީ އަށް ވެސް 1.7 މިލިއަން ރުފިޔާ ދީފައި ވެއެވެ. 

ދައުލަތުން ސިޔާސީ ޕާޓީތަކަށް ފައިސާ ދެނީ ޒިންމާދާރުކަމާ އެކީގައި ހަރަކާތްތެރިވުމަށެވެ. އިންތިހާބުތަކުގައި ވާދަކޮށް ސިޔާސީ ހަރަކާތްތައް ހިންގުމަށެވެ. ސަރުކާރަށް ފާރަވެރިވުމަށެވެ. ގައުމުގައި ހިނގާ ބޮޑެތި ކަންކަމާ ގުޅިގެން އާންމުން ހޭލުންތެރިކުރުވުމަށެވެ. ދައުލަތް ޒިންމާދާރުކުރުވައި ސިޔާސީ ފަރާތްތައް ޖަވާބުދާރީކުރުވުމަކީ ދައުލަތުން ފައިސާ ދިނުމުގެ މައިގަނޑު މަގުސަދެވެ. ގައުމުގައި ހިންގާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލުމާއި އިންސާފު ގާއިމުކުރުމާއި ފަސާދަ އާއި ދައުލަތުން ކުރާ ވައްކަންތައް ހުއްޓުވުމަށް ގޮވާލުމާއި އެ ކަންކަމާ ދެކޮޅަށް އަޑުއުފުލުމަކީ ސިޔާސީ ޕާޓީތަކުގެ ޒިންމާއެކެވެ.  

އެހެން ނަމަވެސް މިކަން މި ގޮތުގައި ހިންގަނީ މަދު ސިޔާސީ ޕާޓީއަކުންނެވެ. ކޮންމެ ބަޔަކު ވެސް އުޅެނީ އެ ބައެއްގެ މަސްލަހަތު ދިފާއުކުރުމުގައެވެ. މިހާރު އިދިކޮޅުގައި ތިބި ފަރާތްތަކުން އުޅެނީ އެ މީހުން ވެރިކަމުގައި ތިބި އިރު ކުރެވުނު ތުހުމަތުތަކުގެ ދިފާއުގައެވެ. މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން އަވަދި ނެތި އުޅެނީ މި ސަރުކާރާ މެދު ކުރެވޭ ތުހުމަތުތައް ދިފާއުކުރުމުގައެވެ. ކުށް ގަބޫލުކުރަން ބޭނުންވާ ބަޔަކު ނެތެވެ. ނުވަތަ ކަމެއް އިސްލާހުކުރަން ބޭނުންވާ ބަޔަކު ވެސް ނެތެވެ. އާންމު ރައްޔިތު މީހާގެ ނަޒަރުގައި ވެރިކަމަށް އަންނަނީ އެ ބަޔަކު ބާރުގައި ތިބޭ އިރު “ކެވުނު ވަރަކަށް ކާންށެވެ.” 

ދައުލަތުގެ ބަޖެޓުން މިލިއަނުން ފައިސާ ނަގާ ގިނަ ސިޔާސީ ޕާޓީތަކުގެ ހާލަތަކީ ވެސް މިއީއެވެ. ގިނަ ފަހަރަށް ބަޔާންގަނޑަކުން ނިންމާލަނީ އެވެ. އަހަރަކު އެއް ފަހަރު ބަޔާންގަނޑެއް ވެސް  ނެރެނުލާ ޕާޓީތައް ވެސް އެބަ ހުއްޓެވެ. ސިޔާސީ ހަރަކާތެއް ނުހިންގާ ތަނުގައި އިންތިހާބުތަކުގައި ވެސް ތަމްސީލެއް ނުކުރެއެވެ. ދައުލަތުން ނަގާ ފައިސާ އަށް ވާ ގޮތެއް ވެސް ނޭނގެއެވެ.

ރައްޔިތުންނަށް ވެސް ވަރިހަމަ!

ހަމައެކަނި ސިޔާސީ މީހުންނެއް ނޫނެވެ. އާންމު ރައްޔިތުން ވެސް ތިބެނީ ވަރިހަމަކޮށްލައިގެންނެވެ. ހިޔާނާތުގެ ކިތަންމެ ބޮޑު މައްސަލައެއް ފެންމަތިވިޔަސް، ސޯޝަލް މީޑިއާގައި އަނގަގަދަވެގެން އުޅޭ މަދު ބަޔަކު އެ ވާހަކަ ދައްކާލުމުން އެ ނިމުނީއެވެ. ނުވަތަ އެފަދަ ކަމަކާ ގުޅިގެން ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތެއްގައި އަޑު އުފުލުމުން އެކަން ނިމުނީއެވެ. މި ފަހަކަށް އައިސް އެ ވަރު ވެސް ނުވެއެވެ. އެފަދަ އެއްވުންތަކާއި ހަރަކާތްތަކުގައި އާންމު ރައްޔިތުން ބައިވެރިވާ މިންވަރު ފެންނަނީ މަދުންނެވެ. 

ބައެއް މީހުންގެ ނަޒަރުގައި މި ގައުމުގެ ކަންކަން އިސްލާހުވާކަށް ނެތެވެ. ކުށްވެރިންނަކީ ދައުލަތުން ވައްކަންކުރާ މީހުން އެކަންޏެއް ނޫނެވެ. އެ ފަދަ ސިޔާސީ ފަރާތްތަކަށް ފުރުސަތު ދެނީ ރައްޔިތުންނެވެ. ސިޔާސީ މައިދާނުގައި ނުފޫޒު ގަދަ ފަރާތަކަށް ހަދަނީ ރައްޔިތުންނެވެ. އިލްމެއް ހިލްމެއް ނެތަސް އިންތިހާބުތަކުގައި ވާދަކުރުމުން ސިޔާސީ ޕާޓީގެ ޓިކެޓަށް ބަލައިގެން އެ ބަޔަކު މަގާމުތަކަށް އެބަ އިންތިހާބު ކުރެއެވެ. ބޮޑެތި ހިޔާނާތުގެ ތުހުމަތުކުރެވޭ މީހުންނަށް ވެސް ތަކުރާރުކޮށް އެ ފުރުސަތު އެބަ ދެއެވެ. މަޖިލީހަށް އެކަނި ބަލައިލިޔަސް އެކަން ސާބިތުވާން އެބަ އޮތެވެ. އަމިއްލަ އަނގަބަހުން އެފަދަ ތުހުމަތުތަކަށް އެއްބަސްވެފައި ތިބި މީހުން ވެސް މަޖިލީހުގެ ތަޅުމުގައި ހިޔާނާއި ފަސާދައާ ދެކޮޅަށް އެ ތިބެ ވާހަކަ ދައްކަނީއެވެ. އެ ޒިންމާ އެ މީހުންނާ ހަވާލުކުރީ ރައްޔިތުންނެވެ. 

ޕީއެންސީއެއް އެމްޑީޕީއެއް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ ބައެއްގެ ވެރިކަން ނިމޭ އިރު ބިތުފަންގި ނަގައި ބަލައިލުމުން ފެންނަން އޮތީ ދައުލަތުެގ އެތައް މިލިއަން ރުފިޔާއެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައި އޮތްތަނެވެ. އިންސާފެއް ލިބެނީ މަދު ފަހަރަކުއެވެ. އަމްދުން އެފަދަ ގޮތަކަށް ގެއްލޭ ފައިސާއެއް މިހާތަނަށް ދައުލަތަށް ހޯދިފައެއް ނެތެވެ. ކުރީގެ ރައީސް މައުމޫން އަބްެދުލްގައްޔޫމުގެ ވެރިކަމުން ވެށިގެން ވޭތުވެ ދިޔަ ކޮންމެ ވެރިކަމެއްގައި ވެސް މި ކަން އޮތީ މިހެނެވެ. ބޮޑެތި ވައްކަމުގެ ތުހުމަތުތައް ނުކުރެވޭ ވެރިކަމެއް ނެތެވެ. އިހުމާލުންނާއި ގަސްތުގައި ދައުލަތުން ފައިސާ ނުގެއްލޭ ވެރިކަމެއް ނެތެވެ. 

ހައިރާންވާންޖެހޭ ކަމަކީ މި ހުރިހާ ކަމެއްގައި ވެސް ސިޔާސީ ގޮތުން ހަންފަތުރާން ތިބެނީ ޖުމްލަކޮށް އެއް ބައެއް ކަމެވެ. އެއް ފަސް އަހަރު އިދިކޮޅުގައި އަނެއް ފަސް އަހަރު އެއްކޮޅުގައެވެ. މަދުފަހަރަކު މޫނުތައް ބަދަލުވިޔަސް ކުރެވޭ ތުހުމަތުތަކަށް ބަލަދެއް ނާދެއެވެ. އެހެން ނަމަވެސް އޭގެ ހަގީގީ ޒިންމާ ނަގަންޖެހޭ ބަޔަކީ ރައްޔިތުންނެވެ. “ވަގެކޭ” ގޮވަގޮވާ ތިއްބައި އަދި އިދާރާތަކުގައި ބޮޑެތި ފައިލްތައް ހުއްޓައި ވެސް ނަގާ މަތިފަނޑިޔަށް ލުމުން އަތްޖަހަން ތިބެނީއެވެ. ގައުމު ލޫޓުވައި ކެޔަސް ރައްޔިތުންނަށް ވަރިހަމައެވެ. 

ރިއެކްޝަންސް
0
1
0
2
0
0
1