ދައުލަތުގެ ހަމައެކަނި ޒިންމާއަކީ ސަރުކާރު މުވައްޒަފުން އެކަނިތަ؟
28 ނޮވެމްބަރ 2025 - 20:22
ކޮންމެ އަހަރަކު ވެސް ދައުލަތުން ހުށަހަޅާ ބަޖެޓުގެ ބޮޑު ބައެއް ހާއްސަކުރަނީ ހަރަދުތަކަށެވެ. އޭގެ ތެރެއިން ވެސް ބޮޑު ބައެއް ހޭދަވަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށެވެ. މިއީ ހަމަ ކޮންމެ އަހަރެއްގެ ބަޖެޓުން ވެސް ފާހަގަކުރެވޭ ކަމެކެވެ. ދައުލަތުގެ މުސާރަތައް ވެސް އަހަރުން އަހަރަށް ދަނީ ބޮޑުވަމުންނެވެ. ސިވިލް ސާވިސް މުވައްޒަފުންގެ އިތުރުން ސިޔާސީ ގޮތުން ސަރުކާރުތަކުން ވަޒީފާ ދޭ މީހުންގެ މުސާރަ އަށް ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
މުސާރަ އާއި އިނާޔަތަށް ބޮޑު ހޭދައެއް!
މި އަހަރު ދައުލަތުން ހުށަހެޅި ބަޖެޓުގައި އަންނަ އަހަރަށް ކަނޑައަޅާފައި ވަނީ 64.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ދައުލަތުގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. މިއީ މި ހިނގާ އަހަރު ހޭދަވާނެ ކަމަށް ލަފާކޮށްފައިވާ އަދަދަށް ވުރެ 2.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ހިނގާ އަހަރު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 12.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މުސާރަ އާއި އިނާޔަތްތަކުގެ އިތުރުން ދައުލަތުގެ އޮފީސްތައް ހިންގުމަށް ވެސް ބޮޑު ހޭދައެއް ކުރެއެވެ. މި އަންނަ އަހަރުގެ ބަޖެޓް ފޮތުން ފެންނަން އޮތް ގޮތުގައި އޮފީސް ހިންގުމުގެ ހަރަދަށް 3.7 ބިލިއަން ރުފިޔާ ހޭދަވާނެެވެ. އޭގެ ތެރެގައި ހިދުމަތް ފޯރުކޮށްދިނުމަށް ހޯދާ ތަކެއްޗަށް ވެސް 1.5 ބިލިއަން ރުފިޔާ ހޭދަވެއެވެ.
އަމިއްލަ މީހުންގެ ގެތަކުގައި ހުރި އޮފީސްތަކަށް ވެސް ބޮޑު ހޭދައެއް!
ދައުލަތުގެ އޮފީސްތައް ހިންގުމަށް ބޮޑު ހޭދައެއް ކުރާ އިރު އަމިއްލަ މީހުންގެ ގޭގައި ގާއިމުކޮށްފައިވާ ދައުލަތުގެ އެކި މުއައްސަސާތަކުގެ ކުއްޔަށް ވެސް ބޮޑު ހޭދައެއް އެބަ ކުރެއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އަމިއްލަ މީހުންގެ އިމާރާތްތަކުގައި ހުރި ދައުލަތުގެ އޮފީސްތަކަށް ކުލީގެ ގޮތުގައި 178 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެއެވެ. މި ހިނގާ އަހަރު ވެސް 100 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު 2024 ވަނަ އަހަރު ވެސް 176 މިލިއަން ރުފިޔާ ހޭދަވެފައި ވެއެެވެ. މިއީ ވެސް ދައުލަތުގެ މުވައްޒަފުންނަށް ކުރާ ހޭދައިގެ ގޮތުގައި ބެލެން އެބަ އޮތެވެ. އަދި އޭގެ ކުރީ ދެ އަހަރު ވެސް ހަމަ އެހާ މިންވަރަށް ހޭދަވެފައި ވެއެވެ.
ދައުލަތުގެ އޮފީސްތައް ހިންގާނެ އިމާރާތްތައް ނެތުމުން އަމިއްލަ މީހުންގެ ގެދޮރު ކުއްޔަށް ނަގައިގެން އޮފީސްތައް ހިންގާ އިރު މިއީ ވެސް ބަޔަކަށް ނާޖާއިޒު ގޮތުގައި ހޯދައިދެވޭ މަންފާއެއް ކަމަށް ބެލޭނެ ފުރުސަތު އެބަ އޮތެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ދައުލަތުގެ އޮފީސްތައް ހިންގުމަށް ވެލާނާގެ ހެދުމުން ގިނަ އޮފީސްތަކެއް އެ އިމާރާތަށް ބަދަލު ކުރިއެވެ. އެހެން ނަމަވެސް އޭރުން ފެށިގެން ވެސް އަމިއްލަ ބައެއް މީހުންގެ ގެދޮރުގައި ދިޔައީ ދައުލަތުގެ އޮފީސްތައް ހިންގަމުންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ފިނޭންސް މިނިސްޓްރީ ހުރި ސަރަހައްދުގައި 25 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް އިއުލާނުކުރެވި ބިން ސާފުކުރެވުނެވެ. ނަމަވެސް އަމީނީ މަގުގެ ކާރޫބާރޫ ބޮޑުވުމާއި ޕާކިންގެ މައްސަލަތައް ފެންމަތިވާނެ ކަމަށް ބުނެ އެ އިމާރާތް އެޅުން ހުޅުމާލެ އަށް ބަދަލު ކުރިއެވެ. ނަމަވެސް އެ ވެރިކަން ނިމިގެ އޭގެ ފަހުން އެމްޑީޕީގެ ވެރިކަން ވެސް ނިމިދިޔައީ އެ މްޝްރޫއުގައި ކުލަ ނުޖެހިއެވެ. އެހެން ނަމަވެސް އެމްޑީޕީން ހުޅުމާލޭގައި އޮފީސް އިމާރާތެއް އެޅިއެވެ. ނަމަވެސް 25،000 އަކަފޫޓުގެ ބޮޑު ބިމުގައި ހަ ބުރިއަށް ހެދުމުން މާ ގިނަ އޮފީސްތަކަކަށް އެ ތަނުން ޖާގައެއް ނުލިބުނެވެ. ތަފާސް ހިސާބުތަކުން ބަލާއިރު އެ އިމާރާތުގެ ސަބަބުން ވެސް ދައުލަތަށް ސަލާމަތްކުރެވުނީ 12 މިލިއަން ރުފިޔާއެވެ.
ދައުލަތުގެ އިދާރާތައް އަމިއްލަ ގޭގޭގައި ހިންގުމުން ކުރާ ހޭދަ ކުޑަކުރުމަށް މި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް މިއީ ވެސް އަވަސް މުސްތަގުބަލުގައި ހައްލެއް ލިބޭނެ ކަމެއްގެ ގޮތުގައެއް ނުފެނެއެވެ. އެއި އެފަދަ އިމާރާތެއްގެ އަމަލީ މަސައްކަތް ކުރިއަށް ނުދާތީއެވެ. އެހެން ނަމަވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިމާރާތްތައް އެޅުމުގެ މަސައްކަތް އެބަ ކުރެއެވެ.
ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދެއް!
ދައުލަތުގެ ހަރަދު ބަރަދަށް ބަލައިލުމުން ފެންނަން އޮތީ ދައުލަތަށް ލިބޭ ހޭދައަށް ވުރެ ބޮޑަށް ހަރަދު ކުރަންޖެހިފައިވާ ކަމެވެ. ހާއްސަކޮށް ދައުލަތުގެ މުވައްޒަފުންނަށެވެ. ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40.4 ބިލިއަނެވެ. ނަމަވެސް ދައުލަތުގެ ހަރަދު 39.2 ބިލިއަނަށް އަރާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ. މިއީ 8.8 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.
މިހާ ބޮޑު ޑެފިސިޓެއް އޮތް ނަމަވެސް ދައުލަތުގެ މުވައްޒަފުންނަށް ކުރާ ހޭދަ ކުޑަކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. އަދި މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ވެސް ނެތެވެ. އޭގެ އެއް ހެއްކަަކީ މި އަހަރު ވެސް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ހިމަނާފައި އޮތުމުންނެވެ. މި ހިނގާ ނޮވެމްބަރު މަހުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ހާމަނައިޒްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ސަބަބުން މުސާރަތައް ވަނީ ބޮޑުވެފައެވެ.
ސަރުކާރު ކުންފުނިތަކުގެ ހަރަދު ވެސް އިންތިހާ އަށް!
ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ބޮޑުވުމުން ވެސް ބާރު ބޮޑުވަނީ ދައުލަތުގެ އާމްދަނީއަށެވެ އެ ތަންތަނުގެ ހަރަދުތައް ދެކޮޅު ނުޖެއްސުމުން އެބައި ފޫބައްދަންޖެހެނީ ސަބްސިޑީގެ ގޮތުގައި ދައުލަތުން ބަޖެޓް ދީގެންނެވެ. ފެނަކަ އާއި ސްޓެލްކޯ އާއި އާސަންދަ ފަދަ އެތައް ކުންފުންޏެއްގެ ބަލަދު އަރާފައި އޮތީ ދައުލަތަށެވެ. އެހެން ނަމަވެސް ސިޔާސީ ބޭނުންތަކަށް އެތަންތަނަށް މުވައްޒަފުން އިތުރުކުރުން ހުއްޓުމަކަށް ނާދެއެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރު އަހުމްދު ސާއިދު މުސްތަފާ ވިދާޅުވީ ދައުލަތުގެ މުވައްަޒަފުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވަމުން އައުމުގެ ނަތީޖާއަކީ އިގްތިސާދީ ދާއިރާތަކަށް ކުރަން ހުރި ހަރަދު ހަނިވަމުން ދާ ކަމަށެވެ. ތަރައްގީގެ މަޝްރޫއުތައް ނުހިނގުމުގެ އަސްލަކީ ވެސް ސަރުކާރުގެ މުވައްޒަފުންނަށް ކުރަންޖެހޭ ހޭދަ ބޮޑުވެ ދައުލަތް ހިންގުމަށް ދާ ހަރަދު އިތުރުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
“މުސާރަ އަށް ކުރެވޭ ހޭދަ މިހާރު އެ ކަނޑައެޅިފައިވާ މިންވަރަށް ވުރެ ބޮޑުވަމުންދާ ނަމަ އަޅުގަނޑުމެންނަށް ފިސިކަލީ ހަރަދު ހިފެހެއްޓުމުގައި ހަމަ ނުހިފޭއްޓޭ ލެވެލް އަށް ދިއުން އެކަށީގެންވޭ،” އޭނާ އިންޒާރު ދެއްވިއެވެ.
ސާއިދު ވިދާޅުވީ ކުންފުނިތަކަށް ދައުލަތުން ހޭދަކުރަންޖެހެނީ މުސާތައް ދޭންޖެހޭތީ ކަމަށެވެ. އެ އަދަދު އިތުރުނުވާނެ ގޮތަކަށް ކަންކަން ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މުސާރަ އަށް ގެނައި ބަދަލާ އެކު ސަރުކާރުގެ މުވައްޒަފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ ވަރަށް ބޮޑަށް ހަމަހަމަވެގެން އަންނަ އިރު ސަރުކާރުގެ މުވައްޒަފުން ކުންފުނިތަކަށް ބަދަލުކުރެވޭނެ ރިލޮކޭޝަން ޕްރޮގްރާމެއް އޮތުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ނަމަވެސް އަމަލުކުރަންޖެހޭ ހިސާބަށް އައުމުން އެކަން ވެސް ފަސޭހަ ނުވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ސިޔާސަތެއް ކަނޑައެޅިގެން ކުރެވިދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މުސާރައިގެ އިތުރުން ވެސް އެތައް އިނާޔަތްތަކެއް!
ސަރުކާރުގެ މުވައްޒަފުންނަށް ދައުލަތުން ދެނީ ހަމައެކަނި މުސާރައެއް ނޫނެވެ. އެކި އިދާރާތަކަށް ދޭ އެކި އިނާޔަތްތައް ވެސް އިންތިހާ އަށް ގިނައެވެ. މިސާލަކަށް ބުނާ ނަމަ ރިޓަޔަމަންޓް ޕޮލިސީތަކުގައި ހުރި ތަފާތުކަން ވެސް ބޮޑެވެ. ޑަބަލް ޕެންޝަން ލިބުމާއި މުޅި ރައްޔިތުން ހިމެނޭ ގޮތަށް ހިލޭ ބޭސްފަރުވާގެ ނިޒާމެއް އޮއްވައި އޭގެ ބޭރުން ބައެއް އިދާރާތަކަށް ހާއްސަ ސްކީމްތަކާއި ޕްރައިވެޓް އިންޝުއަރެންސް ކަނޑައަޅާފައި ވެ އެވެ. މިއީ ދައުލަތުގެ ހަރަދުތައް ބޮޑުވާ ސަބަބެކެވެ.
މީގެ އިތުރުން މުޅި ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ވެސް ދައުލަތުގެ މުވައްޒަފުންނަށް ހާއްސަ ބައިތަކެއް ކަނޑައެޅުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަ މިފަދަ ސްކީމްތައް ހިންގުން ވެސް އެބަ އޮތެވެ. މިއީ ވެސް ދައުލަތުގެ ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް ވީތީ ލިބޭ އިނާޔަތްތަކެވެ. އާހިރުގައި މި ހުރިހާ ހޭދައެއް ވެސް ކުރަންޖެހެނީ ދައުލަތުގެ ބަޖެޓުންނެވެ.
އަނެއްކޮޅުން ދައުލަތުގެ މުަސާރަތައް ބޮޑުކުރުމުން ވެސް އޭގެ ބޮޑު ގެއްލުމެއް ލިބެނީ އަމިއްލަ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. ސަރުކާރުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމާ އެކު ތަކެތީގެ އަގު މައްޗަށް ދާކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. ކުލިތައް މައްޗަށް ޖައްސަސެވެ. ދިރިއުޅުމުގެ ހަރަދު ބޮޑުވެ އެވެ. އެހެންކަމުން މުސާރައިގެ ކުރިއެރުމެއް ނުލިބި ތިބި އަމިއްލަ ކުނފުނިތަކުގެ މުވައްޒަފުންގެ ޖީބަށް ބުރަ ބޮޑުވެއެވެ.
ގައުމަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހޭދަ ވެގެން މިދަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި އެ މީހުންނަށް ބޭނުންވާ އެ ނޫން ވެސް ކަންކަން ކޮށްދިނުމުގައެވެ. އެހެން ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރާތްތަކެވެ. ހާއްސަކޮށް ޓުއަރިމްގެ ދާއިރާ އިންނެވެ. އެހެން ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ އަމިއްލަ ފަރާތްތަކަށް ލިބެނީ މަދު އެއްޗެކެވެ. އެއީ ސަބްސިޑީގެ ގޮތުގައި ލިބޭ ބަޔާއި ޖުމްލަ ގޮތެއްގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުަތަކުން ލިބޭ ކުޑަ މިންވަރެކެވެ. މުޅި ބަޖެޓަށް ބަލާއިރު މިއީ ނިސްބތުން ވެސް ކުޑަ މިންވަރެކެވެ. ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ދައުލަތުގެ މުވައްޒަފުންނަށް ހޭދަކުރުމަކީ އިންސާފެއް ނޫނެވެ.





