އެލީ އަބްރަހަމް ކިޔައިދެނީ ހޮވަންވީ މީހުން!
4 ޖެނުއަރީ 2026 - 12:12
ބައެއް މީހުން އޭނާ ސިފަކުރަނީ ސިޔާސީ ފިލާވަޅުތައް ނަގައިދޭ މުދައްރިސުގެ ގޮތުގައެވެ. ފަހަރުގައި ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އޭނާ ޕޯސްޓްކުރާ އެއްޗެހީގެ ސަބަބުން ކަމަށް ވެސް ވެދާނެއެވެ. ހަމަ ގައިމު ވެސް އެއީ އިބުރަތްތެރި ވާހަކަ ތަކެކެވެ. ސިޔާސީ ގޮތުން އާންމުކޮށް މީހުންނަށް ދައްކަން ނުކުރޭ ނުވަތަ ދައްކަން ބޭނުން ނުވާ ވާހަކަތައް އާންމު މީހާގެ ސިކުނޑި އަށް ވަރަށް ފަސޭހައިން ވިސްނޭ މޭރުމަކުން އޭނާ ބުނެދެއެވެ. އެއީ އެލީ އަބްރަހަމްގެ ނަމުން ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދަމުން އަންނަ ދިވެހި ޒުވާނެކެވެ.
ކައުސިލް އިންތިހާބަށް ކުރިމަތި ނުލާންވީ ކީއްވެ؟
ސިޔާސީ އެކި ދުވަސްވަރު އެކި ކަންކަމާ ގުޅޭ ގޮތުން އެލީ އަބްރަހަމް ޕޯސްޓްތައް ކުރެއެވެ. މި ދުވަސްވަރު ގިނައިން ފެންނަނީ ބޯމަތިވަމުން އަންނަ ކައުންސިލް އިންތިހާބާ ގުޅޭ ގޮތުން އޭނާ ކުރާ ޕޯސްޓްތަކެވެ. އެ ގޮތުން ކައުންސިލަށް ކުރިމަތިލާންވީ އަދި ނުލާންވީ ސަބަބުތައް އޭނާ ދަނީ ބުނެދެމުންނެވެ. ވަރަށް ސާދާ ސީދާ ގޮތެއްގައެވެ. ވަރަށް ގިނަ ބަޔަކަށް އޭނާގެ މި ޕޯސްޓްތައް ކަމުދެ އެވެ. އައި ސޯޝަލް މީޑިއާ ޕްރޮލެޓްފޯމްތަކުގައި ދައުރުކުރަމުން ގެންދެއެވެ.
“މަންމަ ނުވަތަ އާއިލާގެ އެދުމަށް ކައުންސިލަށް ކުރިމަތިލުމަކީ، ލޯބި ނުވިޔަސް މަންމަ ބުނާ މީހަކާ އިނުން ކަހަލަ ކަމެކެވެ. އެއިރުން ރަނގަޅު ހަޔާތެއް ނުލިބޭތާ، ހިތްވެސް ހަމަޖެހޭނީއެއް ނޫނެވެ. އަމިއްލަ ނަފްސަށާއި ރަށަށް އެވަރުގެ ބޮނޑިއެއް ނުދޭށެވެ,” އެލީ ކުރި ޕޯސްޓެއްގައި ވެއެވެ.
އޭނާ ދައްކަނީ އާންމު ގޮތެއްގައި ވެސް ކައުންސިލްތަކުން ފެންނަ މަންޒަރުތަކެވެ. އަދި ކައުންސިލަށް ކުރިމަތިލާ ބައެއްގެ މީހުންގެ ފެންވަރެވެ. އޭނާ ދެކޭ ގޮތުގައި ކައުންސިލަށް ކުރިމަތިލާން ވާނީ ތައުލީމީ އަދި ދުނިޔޭގެ އާޖުފާޖު އެނގޭ ތަންދޮރު އޮޅުން ފިލާފައި ތިބޭ މީހުންނެވެ. އެ ގޮތުން އެކައުންޓިން ދާއިރާ އާއި ހިންގުމުގެ ދާއިރާ އާއި އެ ނޫން ވެސް ކަންކަން މެނޭޖްކުރުމުގެ ދާއިރާގެ މީހުން ކައުންސިލްތަކަށް ކުރިމަތިލުމުގެ މުހިންމުކަން އޭނާ ފާހަގަކޮށްފައި ވެއެވެ.
“މާލީ ދާއިރާ އިން ލިބިފައިވާ އެންމެ މަތީ ތަޖުރިބާއަކީ ބޭންކް އެޕުން އެކައުންޓް ޓްރާންސްފާ ހެދުން އެކަނި ނަމަ، ކައުންސިލަށް ނުވަންނާށެވެ. ރަށު ބަޖެޓު ފެނިފައި ބޯއަނބުރައިގަތީމާ ކަމަކު ނުދާނެއެވެ،” އެލީގެ ޕޯސްޓެއްގައި ވެއެވެ.
އޭނާގެ އެހެން ޕޯސްޓެއްގައި ބުނެފައި ވަނީ “ފަރުމަސް ބޭނުމާއި، ބޯވަ ނެގުމާއި، އަޑިޔަށް ފީނުމާ އަޅާބަލާއިރު ތަރައްގީގެ ޕްލޭން ހެދުމާއި ބަޖެޓާއި އޮފީސް މެނޭޖްކުރުމާއި، ސިޔާސީ މަސައްކަތަކީ މުޅިން ތަފާތު” ކަމެކެވެ. “ތަނެއްގައި އިންތިހާބެއް އޮތަކަސް ބައިވެރިނުވޭ،” އެލީގެ ޕޯސްޓްގައި ވެއެވެ.
އެލީ ދެކޭ ގޮތުގައި ކައުންސިލްތަކަށް ކުރިމަތިލާ އިރު ކޮންމެ ވެސް ފެންވަރެއް ހުރުން މުހިންމެވެ. “އެންމެ ފަހުން އަދާކުރި ވަޒީފާއަކީ ފެނަކައިގެ ސުޕަވައިޒަރުކަން ނަމަ ކައުންސިލް ރައީސަށް ވާކަށް އަދި ނުވެއެވެ. ހަމައެހެންމެ މިހުރިހާ ދުވަހު އުޅުނީ ދޯނި ކައްޕިއަކަށް ނަމައީ ވެސް ކައުންސިލް ރައީސަށް ވާކަށް އަދި ނުވެއެވެ،”
އޭނާގެ މި ޕޯސްޓްތަކަށް މީހުން ކޮށްފައިވާ ކޮމެންޓްތަކަށް ބަލާއިރު އަދި އޭނާގެ ވިސްނުން ހުރި ގޮތަށް ބަލާއިރު ބޭނުމަކީ ވަކި ބަޔަކަށް މެސެޖްތަކެއް ދިނުމެވެ. ހާއްސަކޮށް މައިގަނޑު އަމާޒު ކަމުގައި ބެލެވެނީ ތައުލީމީ ތަޖުރިބާކާރުން ކައުންސްިލްތަކަށް ކުރިމަތިލުމަށް ގޮވާލުމެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ފެންވަރެއް ހުރުމުގެ މުހިންމު ކަމެކެވެ.
ބުނެދެނީ ސިޔާސީ ހަގީގަތް!
ނުސީދާ ގޮތެއްގައި އެލީ އަބްރަހަމް ވަނީ ސިޔާސީ ކަންކަމުގެ ތެރޭގައި އޮތް އާދަތަކުގެ ވާހަކަ ވެސް ތިލަކޮށްފައެވެ. އަދި ބުދެނީ ކައުންސިލްތަކުން އަންމުކޮށް ފެންނަ މަންޒަރުތަކެވެ. އެ ގޮތުން ސިޔާސީ ގޮތުން ނުފޫޒު ގަދަ މީހަކާ ގުޅުމެއް އޮތަތީ ކައުންސިލަށް ވަނުމާއި އާއިލާ ބޮޑުވުމުން ކައުންސިލަށް ވަނުމާއި އެއްވެސް އިލްމީ ފެންވަރެއް ނެތި ކައުންސުލްތަކަށް ކުރިމަތިލުމަކީ މީގެ ތެރެއިން ފާހަގަ ކުރެވޭ ކަންކަމެވެ. އަދި ކައުންސިލްތަކުން އާންމުކޮށް ފެންނަ މަންޒަރެވެ.
“ޕާޓީ ބޮޑު މީހާއާ އެއްކޮށް ފޮޓޯއެއް ނެގިފައި އޮތުމަކީ ކައުންސިލަށް ކުރިމަތިލާންޖެހޭ ސަބަބެއް ނޫނެވެ. ފުރަތަމަ ލިޔަން ކިޔަން ރަނގަޅަށް ދަސްކުރާށެވެ. ތަންތަނަށް ކުރިމަތިލާނީ ފަހުންނެވެ.”
ހަމައެކަނި ކައުންސިލެއް ނޫނެވެ. އެ އަށް ވުރެ މަތީ އިންތިހާބީ މަގާމުތަކުގައި ވެސް މި ކަން އޮތީ މިހެންނެވެ. ރައްޔިތުންގެ މަޖިލީހަށް މީހުން އިންތިހާބުކުރުމުގައި ވެސް އަދި ކުރިމަތިލުމުގައި ވެސް ބުރަވަނީ މި ސަބަބުތަކަށެވެ. ސިޔާސީ ގޮތުން ނުފޫޒު ގަދަވުމާއި މާލީ ތަނަވަސްކަން ލިބިފައިވުން ފަދަ ކަންކަމަކީ މަޖިލީހަށް ވެސް ކުރިމަތިލާ ސަބަބުތަކެވެ. ތައުލީމީ ޝަރުތެއް ނުހިމެނޭތީ މަޖިލީހުން ވެސް މި މަންޒަރު ފެނެއެވެ. ތައުލީމީ ގޮތުން ދަށް އަދި ގާނޫނު ހެދުމާއި ސިޔާސަތަކި ކޮބައިކަން ނޭނގޭ އެތައް ބަޔަކު މަޖިލީހުގެ ތެރޭގައި އެބަ ތިއްބެވެ. އަދި ގިނަ ފަހަރު ބިލަކަށް ރަނގަޅަށް ބަހުސްކޮށްލުމަށް ދެ ބަސް ގުޅުވައިގެން ބުނެނުލެވޭ ފެންވަރުގެ މީހުން ވެސް މަޖިލީހުގައި އެބަ ތިއްބެވެ. ކައުންސިލްތަކުގައި މި ބައި އަދި މާ ބޮޑެވެ.
“ތަންދޮރު ދަތުމަކީ، ހަމައެކަނި ކައުންސިލު އިދާރާގެ ދޮރުން ވަންނަން އެނގުމެއް ނޫން. އެއީ ދުނިޔެ އާއި ގައުމު ހިނގާ ގޮތުގެ އާޖުފާޖު އެނގުން! ބުޅަލަކަށް ވެސް ދޮރުން ވަންނަން އެނގޭނެ، ބުޅަލަކަށް ނުވޭ!،” އެލީގެ ޕޯސްޓެއްގައި ވެއެވެ.
މި ނޫނަސް އިޖުތިމާއީ އެތައް ކަމެއްގައި އެލީ އަބްރަހަމްގެ ޕޯސްޓްތައް އެބަ ހުއްޓެވެ. އޭނާގެ މި ވާހަކަތަކަށް އާންމުންގެ ޝައުގުވެރިކަން ވެސް ބޮޑެވެ. ގިނަ ބަޔަކު ކޮމެންޓް ވެސް ކުރެއެވެ. އަދި ބައެއް މައްސަލަތައް ވަރަށް ބޮޑަށް ހޫނު ބަހުސްތަކަށް ވެސް ބަދަލުވެފައި އެބަ ހުއްޓެވެ. ސީދާ ސާދާ ގޮތެއްގައި ދިވެހި މި މުޖުތަމައުގައި ހުރި މައްސަލަތަކާ މެދު ވާހަކަ ދެއްކުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. އެލީ އަބްރަހްމް ފަދައިންނެވެ.


