ސިޔާސީ ވައުދުވަނީ ރައްޔިތުންގެ ވިސްނުމުގެ ފެންވަރުން!
7 ފެބުރުއަރީ 2026 - 15:49
ޑިމޮކްރެޓިކް ވެއްޓެއްގައި އިންތިހާބުތަކަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މުހިންމު ހަރަކާތެކެވެ. ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނަ މަންޒަރަކީ، އިންތިހާބުތައް ކައިރިވުމުން ސިޔާސީ ޕާޓީތަކާއި ލީޑަރުންގެ ފަރާތުން އޮހިގެން އަންނަ “ޚިޔާލީ” ވައުދުތަކުގެ ސައިލެވެ. އިގްތިސާދީ ހަގީގަތާ ނުބައްދަލު، ސައިންޓިފިކް ހަމަތަކުން ބެލިޔަސް ދެކޮޅު ނުޖެހޭ، އަދި އަމަލީ ގޮތުން ތަންފީޒު ނުކުރެވޭނެ ފަދަ ވާހަކަތައް ސިޔާސީ ޕޯޑިއަމްތަކުގައި ދައްކަމުންދާ މަންޒަރަކީ ހަމައެކަނި ވޯޓު ހޯދުމަށް ދައްކާ ވާހަކަތަކެއް ނޫނެވެ. މިއީ ސީދާ ރައްޔިތުންގެ ވިސްނުމާއި ބުއްދީގެ ފެންވަރަށް ގޮންޖަހައި، ރައްޔިތުންނަކީ “ގަމާރު” ބައެއް ކަމަށް ދެކިގެން ކުރާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެވެ.
ވައުދުތަކުގެ “އިންފްލޭޝަން” އާއި ރައްޔިތުންގެ ހަނދާން
ސިޔާސީ ޕާޓީތަކުން ކެމްޕެއިންތަކުގައި ގެންގުޅޭ އެންމެ ނުރައްކާތެރި އުކުޅަކީ، ރައްޔިތުންގެ ހަނދާން ބަލިވާނެ ކަމަށް ގަބޫލުކުރުމެވެ. ދައުލަތުގެ ބަޖެޓާއި ވަސީލަތްތައް ހުރި މިންވަރު އެނގިތިބެ، އެއަށް ވުރެ އެތައް ގުނައެއް ބޮޑެތި މަޝްރޫއުތައް ހިންގާނެ ކަމަށް ބުނުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމެވެ.
މިފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންނަކީ ހަމަބުއްދިން ވިސްނުމަށް ވުރެ ބޮޑަށް، ޖަޒުބާތުގައި ޖެހިގެން ގޮތް ނިންމާ ބައެއް ކަމަށް ސިޔާސީ ވެރިން ގަބޫލުކުރާތީއެވެ. “މިވެނި ކަމެއް ކޮށްދޭނަމޭ” ބުނުމުން، އެކަން ކުރާނެ ގޮތާއި، ފައިސާ ހޯދާނެ ގޮތާއި، އޭގެ ދެމެހެއްޓެަނިވިކަމާ މެދު ސުވާލު އުފެއްދުމުގެ ގާބިލުކަން އާންމު ރައްޔިތުމީހާގެ ކިބައިގައި ނުހުންނާނެ ކަމަށް އެފަރާތްތަކުން ދެކެއެވެ.
އައި.ކިއު އާއި ވިސްނުމުގެ ފެންވަރު: ދުނިޔޭގެ ނިސްބަތުން ފަހަތަށް
މި މައްސަލައިގެ އެންމެ ހިތި ހަގީގަތަކީ، ދިވެހިންގެ ވިސްނުމުގެ ފެންވަރާ މެދު ދުނިޔޭގެ ތަފާސްހިސާބުތަކުން ދައްކާ މަންޒަރެވެ. ބައިނަލްއަގުވާމީ ގޮތުން ކުރެވިފައިވާ އެކި ދިރާސާތަކާއި އައި.ކިއު ރޭންކިންގތަކަށް ބަލާއިރު، ދިވެހިރާއްޖެ އުޅެނީ ދުނިޔޭގެ އެވްރެޖަށް ވުރެ ދަށުގައެވެ.
މިކަމުން ދައްކުވައިދެނީ، ހަމައެކަނި ލިޔަންކިޔަން ދަތުމަކީ ތަންދޮރު އެނގުން ނޫންކަމެވެ. ތައުލީމީ ނިޒާމުގެ ތެރެއިން “ކްރިޓިކަލް ތިންކިންގ” ނުވަތަ ފުންކޮށް ވިސްނައި، ކަންކަން ތަހުލީލުކުރުމުގެ ގާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވިފައި ނުވާކަމެވެ. ސިޔާސީ ސްޓްރެޓެޖިސްޓުންނަށް މި ޑޭޓާ ވަރަށް ރަނގަޅަށް އެނގެއެވެ.
އެހެންކަމުން، ރައްޔިތުންނަކީ ކަންކަމުގެ އަސްލު ހޯދުމަށް ބުއްދި ބޭނުންކުރުމުގެ ބަދަލުގައި، އިވޭ އަޑުތަކަށް ތަބާވާ، އަދި ވިސްނުމުގެ ފެންވަރު ދުނިޔޭގެ ނިސްބަތުން ދަށުގައި ތިބި ބައެއްކަން ދަނެ، ސިޔާސީ ވެރިން އޭގެ ނާޖާއިޒު ފައިދާ ނަގައެވެ. ދެކޮޅު ނުޖެހޭ ވާހަކަތައް ދައްކަނީ މި “އިންޓެލެކްޗުއަލް ގެޕް” ގެ ބޭނުން ހިފައިގެންނެވެ.
ޖިއޮގްރަފީ އާއި ވައުދުގެ ފެންވަރު: މާލެއަށް “މެގަ”، ރަށްރަށަށް “ދޯދިޔާ”
ވިސްނުމުގެ ފެންވަރު ދަށްކަމަށް ދެކި، ރައްޔިތުން “ކްލެސިފައި” ކުރުމުގެ އެންމެ ސާފު މިސާލު ފެންނަނީ، މާލޭގެ ރައްޔިތުންނާއި އަތޮޅުތެރޭގެ ރައްޔިތުންނަށް ވާ ވައުދުތަކުގެ ތަފާތުންނެވެ.
މާލޭ މީހުންނަށް ވައުދުވަނީ ހިލޭ ގޯތި، ފްލެޓް، ބޮޑެތި ބްރިޖުތައް، އަދި ލުއި ލޯނުތައް ފަދަ “މެގަ” ވައުދުތަކެވެ. މިއާ ޚިލާފަށް، އަތޮޅުތެރޭގެ ރަށްރަށުގެ މީހުންގެ ވިސްނުމުގެ ފެންވަރު އެއަށްވުރެ ވެސް ދަށްކަމަށް ދެކި، އެމީހުން ހައްލާލަން ބޭނުންކުރަނީ “ދޯދިޔާ” ވައުދުތަކެވެ. ފުޓްސަލް ދަނޑެއް، އޭޓީއެމް މެޝިނެއް، ނުވަތަ ބަނދަރުގެ މަރާމާތެއް ފަދަ ކުދިކުދި އަސާސީ ކަންކަމެވެ.
މި ތަފާތުކުރުމުން ދައްކުވައިދެނީ، އަތޮޅުތެރޭގެ ރައްޔިތުންނަކީ ކުޑަ އެތިކޮޅަކުން ފުއްދާލެވޭނެ، އަދި ގައުމީ ބޮޑެތި ސިޔާސަތުތަކާ މެދު ވިސްނުމުގެ ގާބިލުކަން ނެތް ބައެއްގެ ގޮތުގައި ސިޔާސީ ލީޑަރުން ދެކޭކަމެވެ.
ޖަވާބުދާރީ ނުކުރުވުމުގެ ސަގާފަތް
ރައްޔިތުން ގަމާރު ކަމަށް ސިޔާސީ ވެރިން ދެކޭ އެންމެ ބޮޑު އެއް ސަބަބަކީ، ވައުދު ނުފުއްދުމުން ނުވަތަ ދޮގު ހެދުމުންވެސް އެކަމަށް އަދަބު ނުލިބުމެވެ. އިންތިހާބެއްގައި ވީ ވައުދެއް ނުފުއްދައި، އަނެއް އިންތިހާބުގައި ހަމަ އެ ވައުދު “އާ ކުލައެއްގައި” ގެނައުމުން ވެސް ރައްޔިތުން އަތްޖަހައި ތަރުހީބު ދެއެވެ.
މި ސަގާފަތް ބަދަލު ނުވާހާ ހިނދަކު، ސިޔާސީ ވެރިން ދެކޭނީ ރައްޔިތުންނަކީ ހަމައެކަނި ވޯޓު ކަރުދާސްކޮޅު ފޮއްޓަށް ލާން ތިބޭ “ރޮބޮޓްތަކެއް” ގެ ގޮތުގައެވެ. ވިސްނުން ކޮށި، ހަނދާން ބަލި، އަދި ކޮންމެ އެއްޗެއް ކާންދިނަސް ކާނެ ބައެއްގެ ގޮތުގައެވެ.
ދުނިޔޭގެ ފިލާވަޅުތައް: “ވައުދު މީޓަރު” އަދި ފެކްޓް ޗެކިންގ
ރައްޔިތުންނަކީ ގަމާރު ބައެއް ނޫންކަން ސާބިތުކޮށްދިނުމަށްޓަކައި، ދުނިޔޭގެ އެހެން ޤައުމުތަކުގައި ބޭނުންކުރަމުން އަންނަ އެންމެ ވަރުގަދަ ހަތިޔާރަކީ “ޕްރޮމިސް ޓްރެކިންގ” އެވެ.
- އެމެރިކާ: ޕޮލިޓިފެކްޓް: ސިޔާސީ ވެރިންގެ ވާހަކަތައް “ޓްރުތު-އޯ-މީޓަރު” ބޭނުންކޮށްގެން މިނެ، ދޮގު ހަދައިފި ނަމަ “ޕޭންޓްސް އޮން ފަޔަރ” ގެ ލަޤަބު ދީ ޖަވާބުދާރީ ކުރުވައެވެ.
- ކެނެޑާ: ޓްރޫޑޯ މީޓަރު: މެނިފެސްޓޯގެ ވައުދުތައް ވަކިވަކިން ބަލައި، އެކަންކަން ތަންފީޒުވަމުންދާ ގޮތް ރައްޔިތުންނަށް ފެންނާނެހެން ހާމަކުރެއެވެ.
- މިޞްރު: މުރުސީ މީޓަރު: ޒުވާނުން ނުކުމެ، ރައީސްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދާ މިންވަރު ބަލައި، ވެރިންނަށް ފާރަވެރިވިއެވެ.
ވިސްނުން ތޫނު ރައްޔިތަކަށް ވުން
ސިޔާސީ ޕާޓީތަކުން ރައްޔިތުންގެ އައި.ކިއު އާއި ވިސްނުމުގެ ފެންވަރަށް ކުރާ މި މަލާމާތުން ސަލާމަތްވުމަށް އޮތީ އެންމެ މަގެކެވެ. އެއީ ރައްޔިތުން ހޭލުންތެރިވެ، ޖަޒުބާތުގެ ބަދަލުގައި ބުއްދި އިސްކުރުމެވެ. ސިޔާސީ މީހަކު ވާހަކައެއް ދެއްކުމުން، އެއީ މާލޭ މީހަކަށް ވިޔަސް އަދި ރަށު މީހަކަށް ވިޔަސް، “ތިކަން ކުރާނީ ކިހިނެއް؟”، “ތިކަމަށް ފައިސާ ހޯދާނީ ކޮންތާކުން؟” މިފަދަ ސުވާލުތައް ކުރުމުގެ ޤާބިލުކަން އުފައްދަންޖެހެއެވެ. ސިޔާސީ ވެރިންނަށް، ރައްޔިތުންނަކީ ގަމާރު ބައެއް ނޫންކަން އަންގައިދެވޭނީ، ހުސް ވާހަކަތަކަށް އަތްޖެހުން ހުއްޓާލައި، ނަތީޖާ އާއި ޕްލޭންތަކަށް ޑިމާންޑްކޮށްގެންނެވެ.
“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.


