ލޯކަލް ކައުންސިލް އިންތިހާބު: ސަރުކާރަށް ފުރުސަތު ބޮޑުތަ؟

17 ފެބުރުއަރީ 2026 - 12:39

ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު މި ވަނީ ބޯމަތިވެފައެވެ. ސިޔާސީ އެންމެ ބޮޑު ދެ ޕާޓީން ވަރުގަދަ އަށް ކެމްޕެއިން ކުރަމުން އަންނަ އިރު ކުދި ޕާޓީތައް ވެސް މަދު ދާއިރާތަކެއްގައި ވާދަ އެބަކުރެއެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ އިންތިހާބާ އަޅަބަލާއިރު މިއީ ތަފާތު އެތައް ކަމެއް އޭގެ ވަށައިގެން ކުރިއަށްދާ އިންތިހާބެކެވެ. އެހެންކަމުން މި އިމްތިހާބުގެ ނަތީޖާ ހަމައެކަނި ބުރަވަނީ ވަކި ފިކުރަކަށް ނުވަތަ ވަކި ޕާޓީއަކަށް ނޫނެވެ. އެއާ ހިލާފަށް މި އިންތިހާބުގައި ވާދަކުރާ ފަރާތްތަކަކީ އެ ރަށެއްގައި އެތައް ބަޔަކާ ގުޅުންހުރި އިންތިހާބަކަށް ވުމުން ނަތީޖާ ވެސް އެކަމުގެ މައްޗަށް ބިނާވެއެވެ. އޭގެ ތެރޭގައި އާއިލީ ގުޅުންތަކާއި ރައްޓެހި، ރަހުމަތްތެރި ގުޅުންތަކާއި ކެންޑިޑޭޓުންގެ ޝަހްސިއްޔަތު ވަރަށް ބޮޑަށް އަދާކުރެއެވެ.

ސަރުކާރަށް އެތައް އެޑްވާންޓޭޖެއް!

ތާރީހް ދައްކާ ގޮތުން ނަމަ ގިނަ ރަށްތަކުގައި ކައުންސިލް އިންތިހާބުގެ ނަތީޖާ ބޮޑަށް ގުޅިފައި އޮންނަނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ މައްޗަށެވެ. މާލެ ފަދަ ބޮޑު އާބާދީތައް ހިމެނޭ ތަންތަނުގައި މި ނޫން ގޮތަކަށް ނަތީޖާތައް ނުކުން ނަމަވެސް ގިނަ ރަށްތަކުން އެ އިރެއްގައި އޮންނަ ސަރުކާރަކުން މެޖޯރިޓީ ނަގައެވެ. 

 އެ އިރެއްގައި އޮންނަ ސަރުކާރަކަށް މެޖޯރިޓީ ދިނުމުގެ މައިގަނޑު ގުޅިފައި ވަނީ ސަރުކާރުން ހިންގާ މަޝްރޫއުތަކާއެވެ. މި ފަހަރުގެ އިންތިހާބުގައި ވެސް މި މަންޒަރު އެބަ ފެނެއެވެ. އެ ގޮތުން މީގެ ކުރިން އަބަދު ވެސް ވާދަވެރިކަން އޮތް ތ. ވިލުފުށީގެ ގިނަ ގޮނޑިތަކެއް އިންތިހާބަކާ ނުލައި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުންނަށް ލިބުން ފާހަގަކޮށްލެވެއެވެ. ​​ބައެއް މީޑިއާތަކަށް އިންޓަވިއު ދިން އެ ރަށުގެ ބައެއް މީހުން ބުނެފައި ވަނީ މައި ދެ ޕާޓީގެ ވާދަވެރިކަން އެ ރަށުގައި އަބަދު ވެސް އޮންނަ ކަމަށާއި ނަމަވެސް މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރަން ނިންމީ އެ ރަށުގައި ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. އިދިކޮޅު އެއްވެސް މެންބަރަކު އެ ރަށުން އިންތިހާބުގައި ވާދަނުކުރާ އިރު މިހާތަނަށް ކަށަވަރުނުވެ އޮތް ކައުންސިލްގެ ރައީސް އާއި ޑަބްލިޔުޑީސީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބުގައި ވެސް ވާދަކުރަނީ ސަރުކާރާއި އަމިއްލަ ކެންޑިޑޭޓެކެވެ. 

ތަރައްގީ ބޭނުންތަ؟

މި ފަހަރުގެ އިންތިހާބުގެ ކެމްޕެއިންގައި ވެސް ސަރުކާރުގެ އެންމެ މުހިންމު އެއް “ޓެގް ލައިން”އަކީ މިއީ އެވެ. ތަރައްގީގެ މަޝްރޫއުތައް މެދު ކެނޑުމެއް ނެތި ކުރިއަށް ގެންދަން ބޭނުން ނަމަ ކައުންސިލްތަކާއި ޑަބްލިޔުޑީސީ އަށް ސަރުކާރުގެ ކެންޑިޑޭޓުން ހޮވަންޖެހޭ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުން ރަށުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ފަސޭހަވާނެ ކަމަށް ރައްޔިތުންނަށް ވިސްނައިދިނުމަކީ ވެރިކަން ކުރާ ޕާޓީން ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރެވެ. 

އެހެން ނަމަވެސް މިއީ މުޅިން ހަމަޖެހޭ ވާހަކައެއް ނޫނެވެ. އިދިކޮޅު އެމްޑީޕީން ވެސް ބުނަމުން ދަނީ އެހެންނެވެ. ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު މިދިޔަ ސަަރުކާރުން ފަށާފައި ހުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައި ހުރި އެ ރަށްތަކުގެ ކައުންސިލްތަކުގައި އިދިކޮޅު ފަރާތްތައް ތިބުމަކުން ނޫނެވެ. ނުވަތަ ކައުންސިލްތަކުން ހުރަސްތައް ކުރިމަތިކުރުވާތީއެއް ވެސް ނޫނެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް ގިނަ ރަށްތަކެއްގައި ވެސް މަޝްރޫއުތައް ހުއްޓިފައި ހުރި ކަމަށް އެމްޑީޕީން ބުނެއެވެ. 

އެމްޑީޕީގެ ކައުންސިލަރުން ތިބި ބައެއް ރަށްތަކުގައި ތަރައްގީގެ ބައެއް މަޝްރޫއުތައް ވަރަށް ހަލުވިކަމާ އެކު ވެސް އެބަ ފެނެއެވެ. އެހެން ކަމުން އެ ޕާޓީން ދެކޭ ގޮތުގައި ތަރައްގީ ހޯދުމުގެ ނަމުގައި ކައުންސިލްތައް ސަރުކާރަށް ދިނުމަކީ ހަމަޖެހޭ ކަމެއް ނޫނެވެ. ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އެމޑީޕީން ދެކެއެވެ. އަދި އިގްތިސާދު މެނޭޖްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މި ވަގުތައް ބައެއް މަޝްރޫއުތައް މަޑުޖައްސާލަން ޖެހިފައިވާކަން އެންމެން ވެސް ގަބޫލުކުރެއެވެ.

ނުފޫޒާއި ވަސީލަތްތައް!

ހަމައެކަނި މި އިންތިހާބެއް ނޫނެވެ. މީގެ ކުރިން ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންތަކުގައި ވެސް އެ އިރެއްގައި އޮންނަ ސަރުކާރަކުން ނުފޫޒާއި ވަސީލަތްތައް ބޭނުންކޮށްފައި އެބަ ހުއްޓެވެ. އިންތިހާބާ ދިމާކޮށް މަޝްރޫއުތައް ފެށުމަކީ އާންމު ކަމެކެވެ. އަދި ކުރިން އިއުލާނުކޮށްފައި ހުރި ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ވެސް އިންތިހާބުތަކާ ދިމާކޮށް ފަށައެވެ. 

މި އިންތިހާބުގައި ވެސް އެ މަންޒަރު އެބަ ފެނެއެވެ. އަދި އިންތިހާބާ ކައިރިވާ ވަރަކަށް މިކަން ބޮޑުވާނެއެވެ. މި ފުރުސަތު މި ވަގުތު އޮތީ ވެރިކަން ކުރާ ޕީއެންސީއަށެވެ. ސަރުކާރަށެވެ. އެއާޕޯޓްތައް އެޅުމަށް އިއުލާނުކުރުމާއި މަގު ހެދުމާއި ބަނދަރާއި މިހެން ގޮސް އަސާސީ ބައެއް މަޝްރޫއުތައް ވެސް ފަށަނީ އިންތިހާބާ ދިމާކޮށެވެ.

މީގެ އިތުރުން ވަޒީފާތަކަކަކީ ވެސް އިންތިހާބުތަކުގައި ބޭނުންކުރާ ހަތިޔާރެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް މި ކަން ފެނުނެވެ. އަދި މިހާރު ވެސް މި މަންޒަަރު އެބަ ފެނެއެވެ. ސިޔާސީ ވަޒީފާތައް އިންތިހާ އަށް ގިނަވުމަކީ ވެސް އޭގެ ނަތީޖާއެވެ. ކުންފުނިތަކަށް އޮބި ނޯންނަ ވަރަށް ވަޒީފާތައް ގިނަވުމަކީ ވެސް އޭގެ ނަތީޖާއެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ކުންފުނިތަކުން ވަޒީފާ ދޭ މިންވަރު އިންތިހާ އަށް އިތުރުވާނެއެވެ. 

އިދިކޮޅު އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި ބައެއް ރަށްތަކުގައި އެ ޕާޓީގެ ކެންޑިޑޭޓުންގެ ނަން އަނބުރާ ނެގުމަށް ސަރުކާރުން ވަނީ ވަޒީފާތައް ހުށަހަޅާފައެވެ. ސަރުކާރުން އެކަމަށް އެއްބަސް ނުވިޔަސް ފެންނަ މަންޒަރުތަކުން އެކަމުގައި ކޮންމެ ވެސް ވަރެއްގެ ހަގީގަތެއް ވެސް އެކުލެވިގެން ވެއެވެ. އިއްޔެ އިދިކޮޅުގައި ހުރި ކެންޑިޑޭޓު މިއަދު ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަށް ނުކުތުމަކީ ފެންނަ މަންޒަރެކެވެ.

އިންތިހާބުގެ ކުރިން ވެސް ބޮޑު މޮޅެއް!

ސަރުކާރު ހިންގާ ޕީއެންސީން ދެކޭ ގޮތުގައި އިންތިހާބު ފެށުމުގެ ކުރިން ވެސް އެ ޕާޓީން ވަނީ މޮޅު ހޯދާފައެވެ. އަދި ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ގަބޫލުކުރައްވާ ގޮތުގައި އޭޕްރީލް 4 ވަނަ ދުވަހު ބާއްވާ އިންތިހާބު 80 ޕަސެންޓް ސަރުކާރުން ކާމިޔާބުކުރާނެއެވެ. 

މިއީ ހާސިލްކުރެވިދާނެ އަމާޒެއް ކަމަށް ބައެއް ފަރާތްތަކުން ގަބޫލުކުރެއެވެ. ސަބަބަކީ އިދިކޮޅު އެމްޑީޕީން މިހާރު ވެސް ބައެއް ދާއިރާތައް ދޫކޮށްލާފައި ވުމެވެ. ޕީއެންސީން އިންހާބާ ކުރިމަތިލަނީ ވެސް ހަތް ޕަސެންޓް ގޮނޑިއާ އެކުގައި ކަމަށް ފަލާހް ވިދާޅުވެފައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އެކަށީގެންވާ ވަރަށް ކެންޑިޑޭޓުން ކުރިމަތިނުލުމާއި ނަން އަނބުރާ ގެންދިއުމުގެ ސަބަބުން ކައުންސިލްތަކުން ޕީއެންސީ އަށް 28 ގޮނޑި މިހާރު ވެސް ވަނީ ލިބިފައެވެ. ޑަބްލިޔުޑީސީގެ 41 ގޮނޑި ލިބިފައި ވެއެވެ. އަނެއްކޮޅުން އިދިކޮޅު އެމްޑީޕީ އަށް ކައުންސިލްތަކުން ލިބުނީ އެންމެ ގޮނޑިއެކެވެ. 

ތާރީހް ބުރަވަނީ ސަރުކާރަށް!

ލާމަރުކަޒީ ނިޒާމު ރާއްޖެ އަށް ތައާރަފްވި ފަހުން އެ ނިޒާމަށާއި ގާނޫނާއި ގަވާއިދުތަކަށް ބޮޑެތި ގިނަ ބަދަލުތަކެއް އަތުވެއްޖެއެވެ. މި ފަހަރުގެ އިންތިހާބަކީ ވެސް އެ ފަދަ ބޮޑު ބަދަލަކާ އެކު ބާއްވާ އިންތިހާބެކެވެ. އެ ގޮތުން ކުރިން ހަތް ކައުންސިލަރުން ތިބޭ ރަށްރަށުގައި މިހާރު ހޮވާނީ ފަސް ކަންސިލަރުންނެވެ. އަދި އާބާދީ ކުދި ތަންތަނުގައި ފަސް ކަންސިލަރުންގެ ބަދަލުގައި ދެން ތިބޭނީ ތިން ކައުންސިލަރުންނެވެ. 

މި ހުރިހާ ބަދަލުތަކަކީ އިންތިހާބުގެ ނަތީޖާ އަށް އަސަރުކުރާނެ ބަދަލުތަކެކެވެ. މީގެ ތެރެއިން ގިނަ ބަދަލުލުތަކަކީ އެމްޑީޕީން ސީދާ ދެކޮޅު ހެދި ކަންކަމެކެވެ. ހާއްސަކޮށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ. މި ނިޒާމަށް އެންމެ ފަރިތަ ޕާޓީއަކީ ވެސް އެމްޑީޕީއެވެ. އަދި އެންމެ ބޮޑަށް ވަކާލާތުކުރަމުން އައީ ވެސް އެ ފިކުރުގެ ތެރެއިންނެވެ. އެހެންކަމުން ލާމަރުކަޒީ އިންތިހާބު ކާމިޔާބުކުރުމުގައި މިއީ އެ ޕާޓީ އަށް ލިބޭ އެޑްވާންޓޭޖެކެވެ. އަދި މި ފަހުން ގެނައި ބަދަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ގިނަ ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އެ ޕާޓީން ގަބޫކުރެއެވެ. އަދި ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ގޮތް ކަނޑުވާލައި މަރުކަޒީ ގޮތެއްގައި މާލެ އަށް ބާރުތައް ޖަމާކުރުން ކަމަށް އެ ޕާޓީން ދެކެއެވެ. އަތޮޅު ކައުންސިލްތައް އުވާލައި މިނިސްޓްރީއެއްގެ އޮފީހެއް ރަށްތަކުގައި ގާއިމުކުރުމަކީ އޭގެ އެއް ހެކި ކަމަށް އެ ޕާޓީން ބުނެއެވެ. ރަށްތަކުގެ މައްޗަށް އޮތް ލާމަރުކަޒީ ބާރުވެރިކަން ނިގުޅައި ގަނެ މަރުކަޒީ ސަރުކާރަށް ހުރިހާ ބާރުތަކެއް ޖަމާވުމަކީ މިހާރު ގިނަ ދިވެހިން ބޭނުން ވާނެ ގޮތެއް ނޫނެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށްތަކަށް ލިބުނު އަދި ލިބެމުންދާ ފައިދާތައް ރަށްތަކުން އެބަ ފެނެއެވެ. އެމްޑީޕީން ވެސް ވަކާލާތުކުރަނީ އެ ގޮތަށެވެ. 

މި ހުރިހާ ސަބަބުތަކެއް މި ގޮތުގައި ހުރި ނަމަވެސް ލާމަރުކަޒީ ނިޒާމުގައި ސަރުކާރަކީ މުހިންމު ބައިވެރިއެކެވެ. އިންތިހާބުތަކުން މިހާތަނަށް ފެނުނީ ވެސް އެ މަންޒަރެވެ. ލީކަލް ކައުންސިލް އިންތިހާބުތަކުގެ ނަތީޖާތައް ބުރަވަނީ ވެސް އެ ގޮތަށެވެ. އެ އިރެއްގައި އޮންނަ ސަރުކާރަކުން ގިނަ ރަށްތަކެއްގެ ކޮންޓްރޯލް ނަގައެވެ. ވަޒީފާ އާއި އެ ނޫން ވެސް އެތައް ސަބަބުތަކަކާ ހުރެ ސަރުކާރާ ދެކޮޅަށް ވޯޓު ދިނުމަކީ ކުރި އާބާދީތަކުގައި އެހާ ފަސޭހަ ކަމަކަށް އޮންނަނީ ނުވެފައެވެ. މާލެ ފަދަ ސިޓީތަކާއި އާބާދީ ބޮޑެތި ތަންތަނުގައި މި ނޫން ގޮަތަކަށް ކަންކަން ހިނގުން އެކަށީގެން ވެއެވެ. އެހެން ނަމަވެސް މިހާރު އޮތް ކައުންސިލްތަކަށް ބަލާއިރު މާލެއަކީ ވެސް ނަތީޖާ އަންދާޒާކުރަން ފަސޭހަ ތަނެއް ނޫނެވެ. މި ވަގުތު މާލޭގައި މޭޔަރު ފިޔަވައި ދެން ތިބީ މުޅިން ވެސް ސަރުކާރަށް ނިސްބަތްވާ ކައުންސިލަރުންނެވެ. އެހެން ނަމަވެސް މިއީ ބަދަލުވެދާނެ ނަތީޖާއެކެވެ. ތާރީހުން ބުނެދެނީ އެ ކަމެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0