އެއް ގައުމެއް، ދެ ދަރަޖައިގެ ރައްޔިތުން

24 ފެބުރުއަރީ 2026 - 12:53

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކުރަނީ، އެއްވެސް މީހަކު އުފަންވީ ރަށަކަށް ނުވަތަ ނިސްބަތްވާ އާއިލާއަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް، މާލޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަށް ބަލާއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. މިއީ ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލައެއް ނޫނެވެ. މިއީ ރައްޔިތުން “ދަރަޖަކޮށް”، އެއް ބަޔަކަށް އިމްތިޔާޒު ދީ އަނެއް ބަޔަކަށް “ޝަރުތުގެ” ހުރަސްތައް ކުރިމަތިކުރުމުގެ މައްސަލައެކެވެ.

އަތޮޅުތެރޭ މީހާއަށް އޮތް ބުރައެއް، މާލޭ މީހާއަށް އޮތް ލުޔެއް

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާއިރު، މާލޭގެ ރަޖިސްޓްރީގައި އޮތް މީހަކީ މާލޭގައި ދިރިއުޅޭ މީހެއްކަން ސާބިތުކޮށްދޭކަށް ނުޖެހެއެވެ. އޭނާ ރާއްޖޭން ބޭރުގައި ނުވަތަ ރަށެއްގައި އުޅުނަސް، އޭނާގެ “ދަފްތަރު” ނުވަތަ “ގޯތީގެ ރަޖިސްޓްރީ” އޮތުމުން އެއީ މާލޭގެ ރައްޔިތެއް ކަމަށް ބަލައި ހުރިހާ އިމްތިޔާޒެއް ދެއެވެ. ނަމަވެސް، އަތޮޅުތެރޭގެ ރައްޔިތުންނަށް އޮތީ މުޅިން ތަފާތު އުސޫލެކެވެ. މާލޭގައި 15 ނުވަތަ 20 އަހަރު އުޅުނުކަން ސާބިތުކުރަން ސުކޫލު ސެޓްފިކެޓާއި، ވަޒީފާގެ ލިޔުންތަކާއި، ކަރަންޓު ބިލު ފަދަ އެތައް ލިޔުމެއް ހުށަހަޅަންޖެހެއެވެ. މި ލިޔުންތަކުގެ ތެރެއިން އެންމެ ލިޔުމެއް މަދުވިޔަސް، އޭނާ މާލޭގައި ދިރިއުޅުނުކަން ބަލައެއް ނުގަނެއެވެ. 

މާލޭ މީހާ މާލޭގައި “އުޅުނުކަން” ސާބިތުކުރަން ނުޖެހޭއިރު، އަތޮޅުތެރޭ މީހާ “އުޅޭކަން” ސާބިތުކުރަން ޖެހުމަކީ އޭނާގެ ރަށްވެހިކަމުގެ ހައްގަށް ވުރެ އުފަންވީ ރަށަށް އިސްކަންދިނުމެވެ.

⁠ދައުލަތުގެ ވަސީލަތްތައް މާލެއަށް ހުސްކުރުން

ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ބޮޑުބައި ވަނީ މާލެއަށް މަރުކަޒުކޮށްފައެވެ. ނަތީޖާއަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް މާލެއަށް އައުން ނޫން ގޮތެއް ނެތި މަޖުބޫރު ހާލަތެއް އުފަންކުރުމެވެ. ދައުލަތުގެ ސިވިލް ސާވިސްގެ ބޮޑުބައި އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހެޑް އޮފީސްތައް ހުރީ މާލޭގައެވެ. އެހެން ކަމުން ދައުލަތުން މުސާރަ ދޭ މުވައްޒަފުންގެ ވަރަށް ބޮޑު އިންސައްތައެއް ވެސް ދިރިއުޅެނީ މާލެ ސަރަހައްދުގައެވެ. އެ މީހުންނަށް ލިބޭ އާމްދަނީ ހޭދަކުރަނީ މާލެ އަށެވެ. 

އިގްތިސާދީ ގިނަ މަސައްކަތްތައް ވެސް އޮތީ މާލޭގައެވެ. ވިޔަފާރީގެ ފުރުސަތުތަކާއި މާލީ ކަންކަުގެ ބޮޑުބައި ބިނާވެފައި ވަނީ މާލެއަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ބޮޑު ހިއްސާއެއް އުފައްދަނީ މާލެ ސަރަހައްދުގައެވެ. އެހެންކަމުން އިގްތިސާދީ ހަރަކާތްތަކަށް މާލީ އެހީތެރިކަން ނުވަތަ ލޯނު ފަދަ ތަކެތި ދޫކުރުމުގައި ވެސް ތަފާތުކުރުން އެބަ ހުއްޓެވެ. ގެދޮރު ބިނާކުރުމަށް ދޫކުރާ ލޯނާއި އެހެން ވެސް ކަންކަމަށް ދޫކުރާ ލޯނުތަކުގައި ވެސް ތަފާތު ކުރުން އެބަ ހުއްޓެވެ. މާލޭގެ ބިމުގެ ރަހުނުގެ އަގާއި ރަށެއްގެ ބިމެއްގެ ރަހުނުގެ އަގުގައި އިންތިހާ އަށް ތަފާތު އެބަ ހުއްޓެވެ.

ތައުލީމާއި ސިއްހަތު

މިއި އިއްޔެއަކު މިއަދަކު އުފަންވެފައި އޮތް މައްސަލައެއް ނޫނެވެ. އާބާދީގެ ބޮޑު ބައެއް އެއްތާކު އެންމެ ގިނައިން ދިރިއުޅެނީ މާލޭގައެވެ. އެހެންކަމުން ސިއްހީ ވަސީލަތްތަކާއި ތައުލީމީ ވަސީލަތްތައް ވެސް ގާއިމުވެފައި ހުރީ މާލޭގައެވެ. ރަށްރަށުގައި ނުވަތަ ސަރަހައްދީ ގޮތެއްގައި ގާއިމުކޮށްފައިވާ ސިއްހީ އަދި ތައުލީީ ތަންތަން އެތައް އަހަރެއްވީ އިރު ވެސް މާލެއާ އަރާ ހަމަކުރެވޭ ވަރެއް ނުވިއެވެ. ދެ ތަނުގައި އިންތިހާ ބޮޑު ފަރަގެއް އެބަ ހުއްޓެވެ. ހާއްސަކޮށް ސިއްހީ ވަސީލަތްތަކާއި ހިދުމަތްތަކުގައެވެ. މިހާރު ވެސް ކުދި ކުދި ކަންކަމުގައި ވެސް ބޭސްފަރުވާ ހޯދުމަށް މާލެ އަންނަންޖެހެއެވެ. އެކަމަށް މާ ބޮޑު ބަދަލެއް ނާދެއެވެ. ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުތަކުން މަސައްކަތްކުރި ނަމަވެސް މިކަމަށް މާ ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ.  

މަތީ ފެންވަރުގެ ހިދުމަތްތައް މާލެއަށް ޖަމާކޮށްފައިވުމަކީ، ރަށްތަކުގެ މީހުން މާލެއަށް ހިޖުރަކުރަން ޖެހޭ މައިގަނޑު ސަބަބެވެ. މިހާލަތުގައި އޭނާއަށް ބޯހިޔާވަހިކަން ދިނުމުގައި ތަފާތުކުރުން ގެންގުޅުމަކީ ދެކޮޅު ނުޖެހޭ ސިޔާސަތެކެވެ. އެއްކޮޅުން ހުރިހާ ވަސީލަތްތަކެއްގައި ތަފާތުކުރުން ގެންގުޅެފައި އަދި ހުރިހާ ކަމެއް މާލެ އަށް ޖަމާކޮށް، ހިޖުރަކުރުން މަޖުބޫރުކުރުވާ ސިޔާސަތުތަކެއް ހުރިހާ ސަރުކާރަކުން ދަމަހައްޓަމުންނެވެ. މިފަދަ ހާލަތެއްގައި މާލެ އިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މާލޭ މީހާ އާއި ރާއްޖެތެރޭ މީހާއާ ދެމެދު ތަފާތުކުރުމަކީ އިދިކީލި ދެ ސިޔާސަތެވެ. 

⁠ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ބޭއިންސާފު

ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތަފާސްހިސާބަށް ބަލާއިރު، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައި ވަނީ ވަކި ބަޔަކަށް ހާއްސަކުރެވިގެންނެވެ. މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އެތައް ބިލިއަން ރުފިޔާއެއް ހޭދަކޮށްފައި ވެއެވެ. މިއިން ކޮންމެ މަޝްރޫއަކާ އެކު ރަށްރަށުގެ އެތައް ގޯއްޗެއް ފަޅުވެއެވެ. އެތައް ބަޔަކު ހިޖުރަކުރެއެވެ. މިހެން ވާންޖެހެނީ ދައުލަތުގެ ބަޖެޓުން ހޭދަކުރުމުގައި އިންތިހާ ފަރަގު ގެންގުޅޭތީއެވެ. 

ދައުލަތުގެ ބަޖެޓަކީ އަތޮޅުތަކުގެ ފަޅުފަޅުންނާއި ރަށްރަށުން ލިބޭ އާމްދަނީ ހިމެނޭ އެއްޗެކެވެ. ނަމަވެސް އެ ބަޖެޓުން މާލޭގައި ހިލޭ ގޯތި ދޫކުރާއިރު، އަތޮޅުތަކުގެ މީހުން ތިބެންޖެހެނީ ‘ކުލީ ކޮޓަރީ” ގައެވެ. ހާއްސަކޮށް މިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ނަމުގައި ހިންގާފައި ވަނީ ޖަރީމާއެކެވެ. މާލޭގައި އެތައް އަހަރެއް ވަންދެން ވަޒަންވެރިވެގެން ދިރިއުޅެމުން އައި އެތައް ހާސް ބަޔަކު ބާކީކޮށް ހަމައެކަނި މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ބެހުމަކީ މިހާތަނަށް ސަރުކާރަކުން ރަށްރަށުގެ މީހުންނާއި މާލޭ މީހުންނާ ދެމެދު އެންމެ ބޮޑަށް ފަރަގު ކޮށް ހިންގި އެންމެ ބޮޑު ބޭއިންސާފެވެ.

އިމްތިޔާޒުގެ ނިޒާމު އުވާލަންޖެހޭ

މާލޭގެ ރައްޔިތަކަށްވީތީ “ސާބިތުކޮށްދޭން ނުޖެހުމާއި”، އަތޮޅުތެރޭގެ މީހަކަށް ވީތީ “ލިޔެކިޔުން ހޯދަންޖެހުން” މިއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ނިޒާމީ ބޭއިންސާފެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަންތީގެ ތަފާތުކުރުން އުފެދެއެވެ. މި ފަރަގު ނައްތާލުމަށް ރަޖިސްޓްރީއަށް ބަލައިގެން ގޯތިދިނުން ހުއްޓާލަންޖެހެއެވެ. ގޯތި ދިނުުގައި މާލޭގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ހަމަހަމަ އުސޫލަކުން ޕޮއިންޓް ދޭންޖެހެއެވެ.  ދިރިއުޅޭކަން ސާބިތުކުރުމުގައި ހުރިހާ ރައްޔިތުންނަށް އެއް މިންގަނޑެއް ގެންގުޅެއް ޖެހެއެވެ. މި ނޫން ގޮތަކަށް ކަންކަން ކުރިއަށްދާނަމަ، ދިވެހިރާއްޖެއަކީ ހަމައެކަނި “މާލޭ މީހުންގެ” ރާއްޖެއަކަށް ވެގެން ދިއުމުގެ ބިރު އެބައޮތެވެ. މިހާރު ވެސް މަލަމަތި ފެންނަނީ އެގޮތަށެވެ. ސިޔާސަތުތައް ބައްޓަންވެފައި ހުރީ ވެސް އެ ގޮތަށެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0