ބޮޑެތި ކުށްކުރާ މީހުންގެ ރެކޯޑް އާންމުކޮށް ފެންނަންޖެހޭ!
18 މާޗް 2026 - 14:55
ދިވެހިރާއްޖޭގެ އަމާންކަން ގެއްލި، ބޮޑެތި ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، މުޖުތަމައުގެ ތެރޭގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އެއް މައުލޫއަކީ ބޮޑެތި ކުށްކުރާ މީހުންގެ ރެކޯޑްތައް އާންމުންނަށް ފެންނާނެހެން ހާމަކުރުމެވެ. މިއީ ހަމައެކަނި ގާނޫނީ ބަހުސެއް ނޫނެވެ. މިއީ އިންސާނީ ހައްގުތަކާއި، މުޖުތަމައުގެ ސަލާމަތާއި، އަދި ކުށްވެރިން އަލުން މުޖުތަމައަށް އަހުލުވެރިވުމުގެ ފުރުސަތާ ގުޅިފައިވާ ފުން މައުލޫއެކެވެ.
ކުށްވެރިންގެ ދަފްތަރެއްގެ މުހިންމުކަން!
ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ރަހީނުކުރުމާއި، ގުރޫޕް މާރާމާރީ އަދި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އާންމުންގެ އެންމެ ބޮޑު ޝަކުވާއަކީ ތިމާގެ އަވަށްޓެރިއަކީ ނުވަތަ ދަރިފުޅު ކުޅެންދާ ޕާކުގައި އުޅޭ މީހަކީ ކޮންފަދަ ކުށްވެރިއެއްކަން ނޭނގުމެވެ.
ޕެޑޯފީލް ނުވަތަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރެއް މިހާރު ވެސް އޮވެއެވެ. އެހެން ނަމަވެސް އެ ލިސްޓް އެކަށީގެންވާ ގޮތެއްގައި އަދާހަމަކުރެވިފައެއް ނުވެއެވެ. އަދި އާންމު ރައްޔިތުންގެ މެދުގައި އެ ލިސްޓާ މެދު ހޭލުންތެރިކަން ވެސް ކުޑަކަން ފާހަގަކުރެވެއެވެ.
ގާނޫނީ ހުރަސްތަކާއި އިންސާނީ ހައްގުތައް!
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ކޮންމެ މީހަކަށްމެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވެއެވެ. ކުށްވެރިއެއްގެ ރެކޯޑް އާންމުކުރުމަކީ އޭނާގެ” އަށް އަރައިގަތުން ކަމަށް ގާނޫނީ މާހިރުން ދެކެވަޑައިގަތުން އެކަށީގެން ވެއެވެ. އެހެން ނަމަވެސް މިހާރު ވެސް އެކި މައްސަލަތަކުގައި ހައްޔަރުކުރާ މީހުންނާއި ބައެއް ބާވަތްތަކުގެ ކުށްވެރިންގެ ފޮޓޯއާ އެކު ފުލުހުން އާންމުކުރަމުން ގެންދެއެވެ. ކޯޓުތަކުން ކުރާ ހުކުމްތަކާ އެކު ވެސް ބައެއް ކުށްވެރިންގެ ވަނަވަރާއި ފޮޓޯއާ އެކު ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކުރަމުން ގެންދެއެވެ. އެހެން ނަމަވެސް މިއީ ވަކި އުސޫލަކުން ނުވަތަ ގާނޫނަކުން ލާޒިމްކޮށްގެން ކުރާ ކަމެއް ނޫނެވެ.
ކުށްވެރިންގެ މައުލޫމާތު ނުވަތަ ތުހުމަތުކުރެވޭ މީހުންގެ މައުލޫމާތު އާންމު ކުރުން މި ވަގުތު ބިނާވެފައި އޮތީ ފުލުހުންގެ ނިޔަތުގެ މައްޗަށެވެ. މީހުން މެރުމާއި ބޮޑެތި މާރާމާތީތަކާއި އެ ނޫން ވެސް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ބައެއް މައްސަލަތަކުގައި ހިމެނޭ މީހުންގެ މައުލޫމާތު ފުލުހުން ސިއްރުކުރާ އިރު ރިހާކުރު ފުޅި ވަގަށް ނެގި މީހާގެ ފޮޓޯ އާއި މުޅި ވަނަވަރު އާންމުކުރުމުން ފުލުހުން މިކަމުގައި ފުލުހުން ގެންގުޅޭ އުސޫލާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ބޮޑުވެއެވެ.
އަނެއްކޮޅުން ގާނޫނީ މާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ތުހުމަތުކުރެވޭ މީހާގެ ވަނަވަރު އާންމުކުރުމަކީ އޭނާގެ އަބުރަށް އަރައިގަތުމެވެ. ގާނޫނީ އާންމު އުސޫލުން ޝަރުއީ ކޯޓެއްގައި ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ނޫން ކަމަށް ވާތީ މައުލުމާތު އާންމުކުރުމުން ވެސް އެ މީހަކަށް މުޖުތަމައު އިން ދޭ “އަދަބު” ލިބޭ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.
ކުށެއްކޮށް، އޭގެ އަދަބު ތަންފީޒުކޮށް ނިމުމުން، އެ މީހަކީ މުޖުތަމައުގައި އާދައިގެ ދިރިއުޅުމެއް އުޅުމުގެ ހައްގު އޮތް މީހެކެވެ. އެހެން ނަމަވެސް ރެކޯޑް އާންމުކުރުމުން ވަޒީފާ ހޯދުމާއި، ގެދޮރު ކުއްޔަށް ހިފުން ފަދަ އަސާސީ ކަންކަމުގައި އެމީހުންނަށް ތަފާތުކުރުންތަކާ ކުރިމަތިވެއެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންނަށް ވަޒީފާ ދިނުމަށް މީހުން ޖެހިލުން ވެއެވެ. އަދި މުޖުތަމައުގައި ބާކީކޮށްލެވެއެވެ.
ކުށްވެރިން އިސްލާހުކޮށް މުޖުތަމައަށް ނެރުމުގެ ސިޔާސަތަށް ބަލާއިރު، މާޒީގެ ކުށްތައް ތާއަބަދަށް އާންމުންގެ ކުރިމަތީގައި ބެހެއްޓުމަކީ އެމީހުން އަލުން ކުށުގެ ވެއްޓަށް އެނބުރި ދިއުމަށް މަގުފަހިވާ ކަމެއްގެ ގޮތުގައި ދިރާސާތަކުން ދައްކައެވެ. އަދި ހާއްސަކޮށް އިސްލާހުވާން އެދޭ ފަރާތްތަކަށް އޮންނަ މަގު ބަންދުވެގެން ދިއުމަކީ މުޖުތަމައުގައި ތަކުރާރުކޮށް ކުށްކުރުން އިތުރުވާ އެއް ސަބަބެވެ.
ސިޔާސީ ނުފޫޒާއި ނިޒާމުގެ ބަލިކަށިކަން!
ރާއްޖޭގައި ބޮޑެތި ކުށްވެރިންގެ ރެކޯޑް އާންމުކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުށްވެރިންގެ ދަރަޖަ ކަނޑައެޅުމެވެ. “ބޮޑު ކުށްވެރިއަކީ” ކޮބައިކަން ގާނޫނީ ގޮތުން ސާފުކޮށް ކަނޑައެޅިފައި އޮތުން މުހިންމެވެ. ސިޔާސީ ނުފޫޒުގަދަ މީހުން ކުރާ ކުށްތަކާއި، އާދައިގެ ރައްޔިތަކު ކުރާ ކުށްތަކާ މެދު ތަފާތުކުރުން ގެންގުޅެވޭ ނަމަ، މިފަދަ ދަފްތަރެއްގެ އިތުބާރު ގެއްލޭނެއެވެ.
މިއީ ގައުމީ ފެންވަރުން ފެށިގެން ރަށު ފެންވަރުގައި ވެސް އޮތް ތަފާތުކުރުމެކެވެ. ހަމައެކަނި ކުށްވެރިންގެ މައުލޫމާތު އާންމު ކުރުމުގައެއް ނޫނެވެ. އަދަބު ދިނުމާއި ތަންފީޒުކުރުމުގެ މަރުހަލާގައި ވެސް މި ތަފާތުކުރުން އެބަ އޮތެވެ. މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ބޮޑެތި ކުށްވެރިން ޝަރުއީ މަރުހަލާގެ ތެރެއިން ދޫވެގެން ދިއުމާއި އެފަދަ މީހުންގެ މައުލޫމާތުތައް ސިއްރުކުރުން ހިމެނެއެވެ. އުމުރު ދުވަހުގެ ޖަލު ހުކުމްގައި ތިބޭ ކުށްވެރިން އިންތިހާބުތަކާ ދިމާކޮށް މިނިވަންކުރުމާއި ނުފޫޒުގަދަ މީހުންނާ ގުޅުން ހުރި އަދި އާއިލީ މީހުންގެ މައުލޫމާތު ސިއްރުކުރުމަކީ މި ގައުމުގައި އާންމު ކަމެކެވެ. ގިނަ ފަހަރު މިފަދަ ގިނަ ކަންކަން ގުޅިފައި ވަނީ ސިޔާސި ކަންކަމާ އެކެވެ.
މެދުުމިނުގެ ސިޔާސަތެއް!
ބޮޑެތި ކުށްވެރިންގެ ރެކޯޑް އާންމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ނަމަ، އެކަން ކުރަންޖެހޭނީ ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ. އެ ގޮތުން ކުށުގެ ދަރަޖަ ކަނޑައެޅުން މުހިންމެވެ. މިސާލަކަށް ހުރިހާ ކުށްވެރިންގެ ރެކޯޑް އާންމުކުރުމުގެ ބަދަލުގައި، މުޖުތަމައަށް ބޮޑު ނުރައްކަލެއް އޮތް ކުށްތައް ( ގަސްދުގައި މީހުން މެރުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން، ޓެރަރިޒަމް) އެކަނި ހިމެނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ލިސްޓް އާންމުކުރާ އިރު ވެސް ހުރިހާ ކުށްތަކެއްގައި ހިމެނޭ މީހުން އެއް ލިސްޓެއްގައި ހިމެނުމުގެ ބަދަލުގައި ކުށްތައް ތަރަޖަކުރެވިގެން އާންމުކުރުމަކީ ވެސް ގެންގުޅެވިދާނެ އުސޫލެކެވެ.
މީގެ އިތުރުން ވަގުތީ ދަފްތަރެއް އެކުލަވައިލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ކުށްވެރިއަކު އިސްލާހުވެ، ވަކި މުއްދަތެއްގެ ތެރޭގައި އިތުރު ކުށެއް ނުކުރާ ނަމަ އެ މީހެއްގެ ނަން ދަފްތަރުން އުނިކުރެވޭނެ ނިޒާމެއް އޮތުން މުހިންމެވެ. ވަޒީފާތަކަށް ކުރިމަތިލާ އިރު މިހާރު ވެސް ކުށުގެ ރެކޯޑް ހޯދަން ޖެހެއެވެ. އޭގެ ބަދަލުގައި މި މައުލޫމާތު އާންމުކޮށް ފެންނަން ހުރުމަކީ ވަޒީފާ ދޭ ފަރާތްތަކަށާއި އަދި އާންމު މީހާ އަށް ވެސް ފަސޭހަ ވާނެ ކަމެކެވެ. މީގެ އެންމެ ބޮޑު ފައިދާއަކީ ކުށްކުރާ މީހުން ވެސް އަނބުރާ މުޖުތަމައު އަށް ގެނައުމަށް މަގުފަހިކުރުމެވެ. އެ ގޮތުން ވަކި ކަހަލަ ބާވަތެއްގެ ކުށްތައް ފިޔަވައި ރެކޯޑުން ފުހެލުމަކީ ކުރެވިދާނެ ކަމެކެވެ. މިސާލަކަށް މީހުން މެރުމާއި ޑްރަގް ޓްރެފިކިންގް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި ކުށްތައް ލިސްޓްގައި ހިމެނި ނަމަވެސް ކުދިކުދި ވައްކަންތަކާއި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ކުށަުގެ ރެކޯޑް ވަކި ހަމަތަކެއްގެ މަތިން ހިފެއްޓުމަކީ ވެސް އެފަދަ ފަރާތްތައް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ލިބޭނެ ހިތްވަރެކެވެ.
ކުށްވެރިންގެ ރެކޯޑް އާންމުކުރުމަކީ ހަމައެކަނި ބަދަލުހިފުމުގެ ރޫހެއްގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެޅޭ ފިޔަވަޅަކަށް ވާންޖެހެއެވެ. ރާއްޖޭގެ ހާލަތަށް ބަލާއިރު، ކުށްވެރިންނަށް ހިމާޔަތް ލިބޭ ގޮތަށް އޮންނަ އުސޫލުތައް މުރާޖާކޮށް، ރައްޔިތުންގެ ސަލާމަތަށް އިސްކަންދޭން ޖެހެއެވެ. ނަމަވެސް، މިއީ ވަކި މީހެއްގެ އަބުރު ކުޑަކުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ވިޔަނުދިނުމަށް ދައުލަތުގެ މުއައްސަސާތަކުން ސަމާލުވާންޖެހެއެވެ. އަދި މިހާރު އޮތް ތަފާތުކުރުންތައް ނައްތާލައި ގާނޫނީ ވަކި އުސޫލަކާއި ހަމަތަކެއްގެ މަތިން މި މައުލޫމާތު އާންމުކުރުން މުހިންމެވެ.
ކުށުގެ މާހައުލު ކުޑަކުރެވޭނީ ހަމައެކަނި ނަންތައް އާންމުކޮށްގެނެއް ނޫނެވެ. އެއާއެކު އަދުލު އިންސާފުގެ ނިޒާމު އަވަސްކޮށް، ކުށްވެރިން އިސްލާހުކުރުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކޮށްގެންނެވެ. ރާއްޖޭގެ މިހާރުގެ ހާލަތު އޮތް ގޮތުން މި ނިޒާމުތަކުގެ ތެރޭގައި ބޮޑެތި ބާގަނޑުތައް އެބަހުއްޓެވެ. ތަހިގީގީ މަރުހަލާ އާއި ޝަރުއީ މަރުހަލާގެ ތެރޭގަ އާއި ތަންފީޒީ މަރުހަލާގައި ވެސް މައްސަލަތައް އެބަ ހުއްޓެވެ.
“އަމިއްލަ ހިޔާލު” ކެޓަގަރީގެ ދަށުން ޝާއިއުކުރެވޭ ލިޔުންތަކުގައި ހިމެނެނީ ލިޔުން ކޮންޓްރިބިއުޓް ކުރާ ފަރާތްތަކުގެ ހިޔާލެވެ. މި ލިޔުންތަކަކީ ކޮންމެހެން އެމްވީ ޕްލަސްގެ އެޑިޓޯރިއަލް ދައްކުވައިދޭ ލިޔުންތަކެއް ނޫނެވެ. އެމްވީ ޕްލަސްއަށް ލިޔުމެއް ހުށައަޅަން ބޭނުންނަމަ media@plus.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.


