ގަވާއިދާ ހިލާފު ކެމިކަލް ގުދަންތައް: ހަރުކަށި އަދަބު ދޭންޖެހޭ!

27 މާޗް 2026 - 20:34

މާލޭގެ ތޮއްޖެހިފައިވާ މަގުތަކާއި، މީހުން ދިރިއުޅޭ ކުދިކުދި ގޭބިސީތަކުގެ ތެރޭގައި ގަވާއިދާހިލާފަށް ރައްކާކޮށްފައި ހުންނަ ކެމިކަލް ގުދަންތަކަކީ ކޮންމެ ދަނޑިވަޅެއްގައި ވެސް ގޮވުން އެކަށީގެވާ ބޮމެއް ފަދަ  ތަންތަނެވެ. މީގެ ކުރިން ހިނގާފައިވާ އަލިފާނުގެ ބޮޑެތި ހާދިސާތަކުގައި ހާއްސަކޮށް ގިނަ ބަޔަކު މަރުވަން މެދުވެރިވި އަލިފާނުގެ ހާދިސާތައް ހިނގާފައި ހުރީ މިފަދަ ކެމިކަލް ރައްކާކުރާ ގުދަންތަކުގައެވެ. އެތައް ބައެއްގެ ފުރާނަ ގެއްލި، އާއިލާތައް މަގުމަތިވެ، މުޅި އުމުރު ދުވަހު އެއްކުރި މުދާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަނދާ އަޅިއަށް ވެގެން ދިޔަ މަންޒަރެވެ.

މި ހިތާމަވެރި ހާދިސާތަކުގެ އަސަރު އަދިވެސް ފިލައިގެން ނުދާއިރު، މިއަދު އުފައްދަންޖެހޭ އެންމެ ބޮޑު ސުވާލަކީ މި ފޫނުބެއްދޭ ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ހެއްޔެވެ؟ ގަވާއިދާ ހިލާފަށް ގުދަންތައް ހަދައިގެން ތިބި މީހުން ހެއްޔެވެ؟ ނުވަތަ އެފަދަ ތަންތަން ހިންގާކަން އެނގި ތިބެ އެކަންކަން ނުހުއްޓުވި ދައުލަތުގެ ކަމާ ބެހޭ ތަންފީޒީ އިދާރާތައް ހެއްޔެވެ؟ ނުވަތަ އެކަން އެ ގޮތަށް ހިނގާގަން އެނގި ތިބެ ކަމާ ބެހޭ ފަރާތްތަކަށް ނާންގައި އެ ނުރައްކަލުގެ މަތީގަ އާއި ވަށައިގެން ދިރިއުޅެމުން ދާ މީހުން ހެއްޔެވެ؟

ވިޔަފާރީގެ ފައިދާއަށްޓަކައި، އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި، އަދި ކަމާބެހޭ އިދާރާތަކުގެ ގަވާއިދުތަކަށް ގޮންޖަހައި، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ފަރާތްތަކުން އެ އަމަލުކުރަނީ އާންމު ރައްޔިތުންގެ ފުރާނައަށް އެއްވެސް ފަރުވާލެއް ނެތިއެވެ. މިއީ ހަމައެކަނި އިހުމާލެއް ނޫނެވެ؛ މިއީ ރައްޔިތުންގެ ފުރާނައަށް ނުރައްކާކުރުމުގެ ކުށެކެވެ.

ނުރައްކާތެރި އެތައް ހާދިސާއެއް!

މާލޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާތަކުގެ ފަހަތުގައި އޮތީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ކެމިކަލް ގުދަންތަކެވެ.  ފާހަގަކޮށްލެވޭ ހާދިސާތަކުގެ ތެރޭގައި؛

މާޗް 2017 – ކޯޗު މޯލްޑިވްސް ގުދަން ހާދިސާ:

މާލޭގެ މައްޗަންގޮޅީގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ގިނަ ބައެއްގެ މުދަލަށް ގެއްލުންވިއެވެ. 

20 ސެޕްޓެމްބަރު 2019 – އަބަދަށްފެހި މަގު ހާދިސާ:

މިއީ ރާއްޖޭގެ ތާރީހު ދުށް އެންމެ ބިރުވެރި އަލިފާނުގެ ހާދިސާއެވެ. ހ. ގްރީން ޕާތު ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ކައިރީގައި ހުރި ހަތަރު ގުދަނަކަށާއި ހަ ގެއަކަށް ފެތުރިގެން ދިޔައެވެ. އަދި 15 ވަރަކަށް ގެއަށް އަސަރުކުރި އިރު މި ހާދިސާގައި އެކަކު ނިޔާވެ، 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހި، ގިނަ ބައެއްގެ މުޅި އުމުރުގެ ފައިސާ އާއި މުދާ އަނދައި އަޅިއަށް ވިއެވެ. 

އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ!

އަބަދަށްފެހި މަގުގައި ހިނގި ހާދިސާއާ ގުޅިގެން މާލޭގައި ހުރި ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ފެށިއެވެ. އެ ގޮތުން އެމްއެންޑީއެފް އިން ވަނީ މާލޭގައި ހުރި ގުދަންތައް ބަލައި ފާސްކޮށްފައެވެ. އަދި  120 އަށް ވުރެ ގިނަ ކެމިކަލް ގުދަން ތިލަފުއްޓަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ނިންމި އެވެ. މީގެ ތެރެއިން 80 އަށްވުރެ ގިނަ ގުދަނަކީ މީހުން ދިރިއުޅޭ ގޭބިސީތަކާ އިންވެގެން ނުވަތަ ގޭގޭގެ ތިރީގައި ހުރި ތަންތަން ކަމުގައި އެމްއެންޑީއެފް އިން ބުނެފައި ވެއެވެ. އެ ހާދިސާއާ ގުޅިގެން އެކި ސައިޒުގެ (ގާތްގަނޑަކަށް 1000 އަކަފޫޓުގެ) 34 ވަގުތީ ގުދަން ތިލަފުށީގައި ބިނާކުރިއެވެ. 

މީގެ އިތުރުން ގާނޫނީ ގޮތުން ވެސް ބަދަލުތަކެއް ގެނައެވެ. ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޭއިރު، އެ ތަކެތި ބަހައްޓާނެ ރައްކާތެރި ގުދަނެއް ހުރިކަން ކަށަވަރުކުރުން މަޖުބޫރު ކުރިއެވެ. މާލޭގައި އެއްވެސް ބާވަތެއްގެ ނުރައްކާތެރި ކެމިކަލެއް ގުދަންކުރުމަކީ މުޅިން މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅިއެވެ. ޑިފެންސް މިނިސްޓްރީން ކެމިކަލް އެތެރެކޮށް ގެންގުޅޭ ފަރާތްތައް ދަފްތަރުކޮށް، ގަވާއިދުން އިންސްޕެކްޓް ކުރަން ފެށިކަން އިއުލާނުކޮށްފައި ވެއެވެ. 

އެހެން ނަމަވެސް  އެކި ބާވަތްތަކުގެ ގަސްކާނާ (ފާޓިލއިޒާސް)، ޕެސްޓިސައިޑްސް އަދި ދަނޑުވެރިކަމަށް ބޭނުންކުރާ އެކި ސާމާނު ގުދަންކޮށްފައި ހުރި ޕްރައިމް ފާޓިލައިޒާސްގެ ގުދަނެއްގައި މި ރޯދަ މަހު ހިނގި އަލިފާނުގެ ހާދިސާއާ އެކު ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ނަތީޖާއާ މެދު އާންމުން ވަނީ ސުވާލު އުފައްދާފައެވެ. 

ހިޔާލުފާޅުކުރި ފަރާތްތަކުން ބުނެފައިވާ ގޮތުން މާލޭގައި އަދިވެސް ގިނަ އަދަދެއްގެ ކެމިކަލް ގުދަންތައް އެބަ ހުއްޓެވެ. ތިލަފުށީގައި ގުދަންތަކެއް ހަދާފައި ހުރި ނަމަވެސް އެއީ ހަމައެކަނި ހުއްދަ ހޯދުމަށާއި ކަމާ ބެހޭ އިދާރާތަކުގެ ލޮލުގައި އަނދުން އެޅުވުމަށް ބޭނުންކރުާ ތަންތަނެވެ. ދަތުރުފަތުރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަދިވެސް ގުދަންކުރަނީ މާލޭގައި ކަމަށް އެ ފަރާތްތަކުން ތުހުމަތުކުރެއެވެ. 

އަނެއްކޮޅުން މިކަމާ ގުޅިގެން ހަދާފައިވާ ގަވާއިދުގައި ވެސް ދޯހަޅި އެތައް ކަމެއް އެބަ ހުއްޓެވެ. އެ ގޮތުން ވިއްކުމަށްޓަކައި މާލެ ގެނެސް ގުދަން ކުރުމުގެ ހުއްދަ މި ގަވާއިދުގެ ތެރެއިން ލިބެއެވެ. އެހެންކަމުން ތިލަފުށީގައި ގުދަން ހުއްޓަސް މާލޭގައި ވެސް ގިނަ އަދަދެއްގެ ކެމިކަލް އެބަ ވިއްކުމަށްޓަކައި ގެނެސްފައި އެބަ ހުއްޓެވެ. މާލެ ނުގެނެސް ވިއްކޭނެ ގޮތެއް ނެތުމަކީ ވެސް ދިމާވެފައި އޮތް ދައްޗެކެވެ. އެފަދަ ހާލަތުގައި މާލޭގައި އެއްފަހަރާ ބަހައްތަންޖެހޭ މިންވަރާއި އެއް ވިޔަފާރިއަކަށް ހުއްދަ ދެވޭނެ މިންވަރެއް މި ގަވާއިދުގައި ކަނޑައެޅިފައި ނުވާކަން ކެމިކަލް ގެންގުޅޭ ފަރާތްތަކުން ވެސް ފާހަގަކުރެއެވެ. 

މާލޭގައި ކެމިކަލް ގެންގުޅޭ ނަމަ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ގެންގުޅުމަށް ލާޒިމްކުރި ނަމަވެސް އެކަމަށް ހާއްސަ ސަރަހައްދެއް މާލޭގައި ވެސް ނެތެވެ. މާލޭ ދެކުނު ފަރާތުގައި އިންޑަސްޓްރިއަލް ޒޯނެއް ތަރައްގީކުރި ނަމަވެސް ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުން އެތަނުގެ ބޭނުމެއް ނުހިފެއެވެ. އެއީ މިފަދަ ގުދަންތަކާއި ގަރާޖުތަކަށް ހާއްސަކޮށް ތަރައްގީކުރި ސަރަހައްދެކެވެ.

ސިއްހީ ނުރައްކާތައް: ދުންގަނޑުގެ ތެރޭގައި ފޮރުވިފައިވާ މަރުގެ ބިރު!

ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަނުގައި ހިނގާ އަލިފާނުގެ ހާދިސާތަކުން ނުކުންނަ ވިހަ ދުމާއި ގޭހަކީ ހަމައެކަނި ވަގުތީ އުނދަގުލެއް ނޫނެވެ. މިއީ އިންސާނާގެ ފުރާނައަށާއި ސިއްހަތަށް ދިގުމުއްދަތަކަށް ކުރިމަތިވާ ނުރައްކާތެރި ޞިއްޙީ މައްސަލަތަކެއްގެ ފެށުމެވެ.

ކެމިކަލް އެނދުމުން އަރާ ވިހަ ދުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ވަގުތުން ގެއްލުންތައް ލިބެއެވެ. މީގެ ސަބަބުން ނޭވާހިއްލުމާއި، ފުއްޕާމޭގެ އެކި ބަލިތަކަށް (ބްރޮންކައިޓިސް ފަދަ ބަލިތަކަށް) އާންމުން ހުށަހެޅިގެންދެއެވެ. މީގެ އިތުރުން ދިގު މުއްދަތުގެ ބޮޑެތި ބަލިތަކަށް ވެސް މަގުފަހިވެއެވެ. އެ ގޮތުން ގުދަންކޮށްފައި ހުންނަ ގިނަ ކެމިކަލްތަކަކީ އަނދައިގެންދާއިރު ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ (ކާސިނޮޖެނިކް) މާއްދާތައް ޖައްވުގެ ތެރެއަށް ދޫކުރާ އެއްޗިއްސެވެ. އަދި ހިތާއި، ސިކުނޑި، ފުރަމޭ އަދި ގުރުދާ ފަދަ އެތެރެހަށީގެ މުހިންމު ގުނަވަންތަކަށް މީގެ ސަބަބުން އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބުމުގެ ފުރުސަތު ބޮޑެވެ.

މީގެ އިތުރުން އެފަދަ ތަނެއް އަނދާ އަޅިއަށްވެގެންދާ އިރު ޖައްވަށް ފެތުރޭ ވިހަ މާއްދާތަކުގެ ސަބަބުން ލޮލުގެ ފެނުމަށް އަސަރުކުރުމާއި، ހަމުގެ އެކި ކަހަލަ ބަލިތައް ޖެހުމަށް ވެސް މެދުވެރިވެއެވެ. މިފަދަ ހާދިސާތަކުން އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވަނީ ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށެވެ. މާބަނޑު ދުވަސްވަރު މިފަދަ ވިހަ ގޭސްތަކަށް ހުށަހެޅިއްޖެ ނަމަ، ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކޮށް، އުފަންވާއިރު ވެސް ބޮޑެތި ނުކުޅެދުންތެރިކަން ހުރުން އެކަށީގެން ވެއެވެ.

ހަރުކަށި އަދަބު ދޭންޖެހޭ!

މިފަދަ ބޮޑެތި ސިއްހީ އަދި އިގްތިސާދީ ގެއްލުންތަކެއް މުޖުތަމައަށް ދެމުންދާއިރު، މިކަން ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭންޖެހޭ ސަބަބުތައް ވަރަށް ސާފެވެ. ކެމިކަލް ފަދަ ނުރައްކާތެރި ބާވަތްތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބެހެއްޓުމަކީ ކުށެއް ނެތް އެތައް ރައްޔިތެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމެވެ. މިފަދަ ހާދިސާތަކުގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލިބޭ ނަފްސާނީ އަނިޔާއަކީ ފައިސާއިން އަގުކުރެވޭނެ އެއްޗެއް ނޫނެވެ. ކުދިކުދި ޖޫރިމަނާއަކުން މިފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް ސަލާމަތްވުމުގެ ފުރުސަތު އޮވެގެން ނުވާނެއެވެ. ހަރުކަށި އަދަބު ދިނުމަކީ، ކުރިމަގުގައި އެހެން ފަރާތްތަކުން މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ދެވޭނެ އެންމެ ވަރުގަދަ އިންޒާރެވެ.

ކަމާބެހޭ މުއައްސަސާތަކުން ހަމައެކަނި ގަވާއިދުތައް ހަދައިގެން ފުއްދާލެވެން ނެތްކަން މިއަދު މިވަނީ ސާބިތުވެފައެވެ. އެ ގަވާއިދުތައް ތަންފީޒުކޮށް، ގަވާއިދާ ޚިލާފަށް ކެމިކަލް ގުދަންކުރާ ފަރާތްތައް ހޯދައި، އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެންމެ ހަރުކަށި އަދަބު ދިނުމަކީ މަޖުބޫރު ކަމެކެވެ. އަދި ގާނޫނީ އޮނިގަނޑު ހަރުދަނާކޮށް ތަންފީޒީ އިދާރާތަކުން ވެސް މިކަން ބެލުމުގައި މިހާރަށް ވުރެ ހަރުދަނާ ވާންޖެހެއެވެ.

އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްވުރެ ބޮޑުވާނެ އެއްވެސް ވިޔަފާރިއެއް ނޯންނާނެއެވެ. މާލޭގައި ހިނގި ކެމިކަލް ގުދަނުގެ އަލިފާނުގެ ހާދިސާތަކުގައި ގެއްލިދިޔަ ފުރާނަތަކަށާއި، އުމުރު ދުވަހުގެ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓުނު ފަރާތްތަކަށް އިންސާފު ލިބޭނީ، އަދި ކުރިމަގުގައި މިފަދަ ކަމަކުން ރައްޔިތުން ސަލާމަތްވާނީ، މިކަމުގައި އިހުމާލުވި ފަރާތްތަކަށް ގާނޫނުގައި ކަނޑައެޅިފައިވާ އެންމެ ހަރުކަށި އަދަބު ދެވިގެންނެވެ. 

ރިއެކްޝަންސް
0
0
0
0
0
0
0