ނިމިދިޔަ އިންތިހާބުގެ ނަތީޖާއިން ދެނީ ކޮން މެސެޖެއް؟

8 އެޕްރީލް 2026 - 10:09

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަމުންދަނީ އާދަޔާ ހިލާފު، އެހެނަސް ވަރަށް ސާފުކޮށް ކިޔާލަން އެނގޭ މަންޒަރުތަކެކެވެ. ދާދި ފަހުން ނިމިދިޔަ ރެފެރެންޑަމް އާއި، ލޯކަލް ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ނަތީޖާއިން ދިވެހި ސިޔާސީ ލީޑަރުންނަށް ދިނީ ވަރަށް ވެސް ހަރުދަނާ، އާދަޔާ ހިލާފު މެސެޖެކެވެ. އިންތިހާބުތަށް ކާމިޔާބު ކުރެވޭނީ ހަމައެކަނި ޕާޓީ މެންބަރުންގެ ވޯޓަކުން ނޫންކަން ހަނދާންކޮށްދިނުމެކެވެ.  އިންތިހާބުތަކުގެ ދުވަސްވަރު ދިވެހިރައްޔިތުންނަށް ވެރިކަންކޮށްދޭނެކަމަށް ހަރުއަޑުން ގޮވާއިރު، ވެރިކަން ލިބުމުން ހުރިހާ ފައިދާއެއް ޕާޓީގެ މެންބަރުންނަށް ދިނުމުގެ ހިތި ނަތީޖާއެވެ. ރައްޔިތުންގެ ގިނަބަޔަކު ބާކީކޮށް ޕާޓީގެ އެތެރެކޮއިލާއި ބޭފުޅު އާއިލާތަކަށް އެކަނި އިސްކަންދިނުމުގެ ވިޔާނުދާ ސިޔާސަތާ ދެކޮޅުކަމެވެ.

ނަތީޖާގެ ހުލާސާ: ސަރުކާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް

ވަގުތީ ނަތީޖާތަކަށް ބަލާއިރު، މި އިންތިހާބުތަކަކީ ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެކެވެ. އަދި މުޅިއަކުން އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ނޫންކަމެވެ.

ރެފެރެންޑަމްގެ ނަތީޖާ: ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ “ނޫނެކޭ” ބުނެފައެވެ.

ސިޓީ ކައުންސިލްތައް: ފަސް ސިޓީގައި ވެސް ސަރުކާރަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ. މާލޭގެ މޭޔަރުކަމާއި، ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 16 ގޮނޑި އިދިކޮޅުން ނެގިއިރު ސަރުކާރަށް ލިބުނީ އެންމެ 2 ގޮނޑިއެވެ. އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީގެ މަންޒަރުވެސް ތަފާތެއް ނޫނެވެ.

ރަށު ކައުންސިލްތަކާއި ޑަބްލިއުޑީސީ: ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ގިނަ ގޮނޑިތަކެއްވެސް ވަނީ ކުރެވެނު ހަރަދާއި ދެވުނު ވަޒީފާތަކާއި އަޅާބަލާއިރު ސަރުކާރަށް ގެއްލިފައެވެ.

ކާމިޔާބީގެ ކްރެޑިޓް ނެގުމުގެ ވާދަވެރިކަން: ހަގީގަތަކީ ކޮބާ؟

އިންތިހާބުގެ ނަތީޖާއާއެކު ދެން ފެނިގެންދިޔައީ މިއީ “ކާކަށް ލިބުނު މޮޅެއްތޯ” ސާބިތުކުރުމަށް ސިޔާސީ ޕާޓީތަކުން ފެށި ބަހުސެވެ. ނަމަވެސް ތަފާސްހިސާބުތަކާއި މަންޒަރުތައް ދައްކަނީ ތަފާތު ވާހަކައެކެވެ.

1.⁠ ⁠އެމްޑީޕީ އާއި ރައީސް ނަޝީދުގެ ދައުރު

އިދިކޮޅު އެމްޑީޕީގެ ބައެއް ސަޕޯޓަރުން މި ކާމިޔާބީގެ ތާޖު އަޅުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްތަށިފުޅުގައެވެ. އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުތަކާއި “ކަރިޒްމާ” އަކީ ނަތީޖާ އަނބުރާލި ސަބަބުކަމަށް އެފަރާތްތަކުން ދެކެއެވެ.

މި ނަޒަރިއްޔާތާ މެދު ސުވާލު އުފެދޭ ސަބަބުތަކެއް އެބަހުއްޓެވެ. ލޯކަލް ޓުއަރިޒަމްގެ ބާނީންގެ ގޮތުގައި އެމްޑީޕީން ފާހަގަކުރާ، އަދި އެޕާޓީގެ ވަރުގަދަ ކިއްލާތައް ކަމަށްވާ ކ. މާފުށި، އއ. އުކުޅަސް އަދި އއ. ރަސްދޫ ފަދަ ރަށްރަށުން އެމްޑީޕީއަށް ވަނީ ތާރީހީ ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ. ރައީސް ނަޝީދު ވަޑައިގެން ކެމްޕެއިން ކުރައްވާފައި ވަނިކޮށް، މާފުށީ ކައުންސިލްގެ ރައީސްކަމާއި މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީން ނެގުމާއި، ފާއިތުވި 20 އަހަރު އެމްޑީޕީގެ ކޮންޓްރޯލް އޮތް ރަސްދޫގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ނެގުމުން ސާބިތުވަނީ، ކާމިޔާބީގެ ފުރިހަމަ ކްރެޑިޓް ރައީސް ނަޝީދަށް ނުވަތަ އެމްޑީޕީއަށް ދެވެން ނެތް ކަމެވެ.

2.⁠ ⁠ޕީއެންއެފް އާއި ރައީސް ޔާމީންގެ ވިސްނުން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން (ހާއްސަކޮށް ޑރ. މުހައްމަދު ޖަމީލް އަހްމަދު) ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ރައީސް ޔާމީންއާ ނުލައި ރައީސް ޑރ. މުއިއްޒަށް ތާއީދު ނެތްކަން ހާމަވި އިންތިހާބެކެވެ. މިއީ “ހުސްގޮނޑީގެ” ބަދަލު ހިފުންކަމަށް އެފަރާތްތަކުން ސިފަކުރެއެވެ.

މި ވާހަކަތަކުގައިވެސް ބުރަދަނެއް ނެތެވެ. ޕީއެންއެފްގެ ނަމުގައި ކެންޑިޑޭޓުން ނުނެރުމާއި، އެ ޕާޓީގެ ތާއީދާއެކު ނުކުތް ކެންޑިޑޭޓުންނަށް (މިސާލަކަށް މާލޭގެ މޭޔަރުކަމަށް ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު) ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވުމުން، މިއީ ޕީއެންއެފްގެ ސަޕޯޓް ބޭސްއިން އަނބުރާލި ނަތީޖާއެއް ކަމަށް ބަލާކަށް ޖާގައެއް ނެތެވެ.

3.⁠ ⁠ސަރުކާރުގެ ދިފާއު: “އިސްލާހީ މެސެޖެއް”

ސަރުކާރުން މި ނަތީޖާ މާނަކުރަނީ ވަރަށް “ޑިސިޕްލިންޑް” ކޮށެވެ. މިއީ ސަރުކާރުގެ ހިނގުން ހަލުވިކޮށް، ކަންކަން އިސްލާހުކުރަން ރައްޔިތުން ދިން މެސެޖެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެމްޑީޕީގެ ޒަމާންވީ ކިއްލާތައް (އުކުޅަސް ފަދަ ރަށްތައް) ކާމިޔާބު ކުރެވުމަކީ ޕީއެންސީއަށް ލިބުނު ފާހަގަކޮށްލެވޭ ކުރިއެރުމެއްގެ ގޮތުގައި އެ ޕާޓީން ދެކެއެވެ. މިއީ ސިޔާސީ ގޮތުން ގެއްލުން ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ މޮޅު އުކުޅެއް ނަމަވެސް، މުޅި މަންޒަރަށް ބަލާއިރު މިއީ ސަރުކާރަށް އޮތް ތާއީދު ވަޒަންކުރެވުނު ވަރުގަދަ އިމްތިހާނެކެވެ.

އަސްލު އިބުރަތަކީ ކޮބާ؟ ރައްޔިތުންގެ ހޭލުންތެރިކަން

މި އިންތިހާބަކީ ސަރުކާރަށް ދެ އަހަރާއި ބައި ވީފަހުން ބޭއްވި “މިޑް-ޓާމް” އިންތިހާބެކެވެ. މިއީ ސީދާ ސަރުކާރާއި ރައީސް މުއިއްޒުގެ ޕޮޕިއުލާރިޓީ ވަޒަންކުރެވުނު ވޯޓެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލާން ނުކުތް 73 ޕަސެންޓް މީހުންގެ ތެރެއިން ގާތްގަނޑަކަށް 70 ޕަސެންޓް (146,000 އަށްވުރެ ގިނަ މީހުން) ވަނީ ރެފެރެންޑަމްގައި ސަރުކާރުގެ ހުށަހެޅުމަށް ނޫނެކޭ ބުނެފައެވެ. ސަރުކާރުން އެދިގެން ވޯޓު ދިނީ އެންމެ 31 ޕަސެންޓް މީހުންނެވެ.

މި އިންތިހާބުގައި ފެނިގެންދިޔަ އެންމެ ހައިރާންކުރަނިވި، އަދި އެންމެ ވަރުގަދަ ހަގީގަތަކީ މިއީއެވެ:

ނުފޫޒަށްވުރެ ފިކުރު އިސްކުރުން: އިންތިހާބާ ދިމާކޮށް ސަރުކާރުން އެތައް ވަޒީފާއެއް ބަހައި، އެތައް މަޝްރޫއެއްގެ ބިންގާ އަޅައި، ބިންހިއްކައި، ކެމްޕެއިނަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހޭދަކުރިއެވެ. ވަޒީފާގެ ބިރަށް ހިނގާލުންތަކަށް ނުކުމެ، ސަރުކާރުގެ ޕޯސްޓަރުތައް ތަތްކުރި އާންމު ރައްޔިތުމީހާ ވޯޓިންގ ބޫތަށް ވަދެ ވޯޓު ކަރުދާހުގައި ފާހަގަޖެހީ އޭނާގެ އަމިއްލަ ޒަމީރަށް ފެނުނު އެންމެ ރަނގަޅު ގޮތަށެވެ.

ބައިބައިކޮށްލައިގެން ވޯޓުލުން: ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް މެޖޯރިޓީ ދިން ގިނަ ރަށްރަށުން ވެސް، ރެފެރެންޑަމްގެ ކަރުދާސްކޮޅުގައި ސަރުކާރާ ދެކޮޅަށް ވަނީ ވޯޓުލާފައެވެ. މިއިން ސާބިތުވަނީ މިއީ ވަކި ޕާޓީއަކަށް އޮތް ރުޅިވެރިކަމެއް ނޫން ކަމާއި، މިއީ ރައްޔިތުން ކަންކަމާމެދު ފުންކޮށް ވިސްނައިގެން ގޮތް ނިންމާކަމުގެ އަލިގަދަ ހެއްކެއް ކަމެވެ.

ވަކި ޕާޓީއަކަށް ލިބުނު ތާއީދެއް ނެތް: ރިފަރެންޑަމް ވޯޓުން ސަރުކާރަށް ބޮޑުކޮށް ނޫނެކޭ ބުންޏަސް، ކައުންސިލް އިންތިހާބުގެ ޖުމްލަ ވޯޓު ސަރުކާރުން ކާމިޔާބު ކުރުމުން ދޭހަވަނީ، މިއީ ވަކިޕާޓީއަކަށް ކާމިޔާބު ލިބުނު އިންތިހާބެއް ނޫންކަން.

ވެރިކަންކޮށްދޭންވީ ރައްޔިތުންނަށް، ޕާޓީއަކަށް ނޫން

މި އިންތިހާބުގެ ނަތީޖާއިން ސާބިތުކޮށްދިނީ ދިވެހިންނަކީ ސިޔާސީ ގޮތުން ފާކޮށްފައި ތިބި ބައެއް ކަމެވެ. ފައިސާ އާއި، ވަޒީފާގެ ބިރާއި، ތަރައްގީގެ ކުލަގަދަ ދަޅަތަކަށްވުރެ ދިވެހިން މިއަދު އިސްކަންދެނީ އިގްތިސާދީ ހާލަތާއި، އަސާސީ ހައްގުތަކާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާ މިންވަރަށެވެ.

މިއީ ވަކި ސިޔާސީ ލީޑަރަކަށް ލިބުނު މޮޅެއް ނޫނެވެ. މިއީ އިންޒާރުގެ ވޯޓެކެވެ. މިއީ ސިޔާސީ ޕާޓީތަކަށާއި ވެރިންނަށް ދިވެހި ރައްޔިތުން ދިން ވަރުގަދަ މެސެޖެކެވެ. ސިޔާސީ ލީޑަރުން ކާމިޔާބީގެ ކްރެޑިޓް ނަގަން އުޅުނު ނަމަވެސް، ހަގީގަތަކީ ރައްޔިތުންގެ ބުނެދިނީ ވެރިކަން ކުރާންވީ ހަމައެކަނި ޕާޓީގެ މެންބަރުންނަށް ނޫންކަމަށާއި، ހުރިހާ ދިވެހި ރައްޔިތުންނަށް ކަމަށެވެ. 

ސިޔާސީ ޕާޓީތަކުން ނަތީޖާގެ “މޭވާ” ބަހަން އުޅުމުގެ ބަދަލުގައި، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ކުރަންވީ ކަމަކީ ރައްޔިތުންގެ މިނިވަން ވިސްނުމަށް އިހުތިރާމްކޮށް، އެ ރައްޔިތުންގެ އަޑު އެހުމެވެ. މިއީ ވަކި ޕާޓީއަކަށް ލިބުނު މޮޅަކަށްވުރެ، ރައްޔިތުންގެ ފަރާތުންް ހުރިހާ ސިޔާސީ ލީޑަރުން ދެއްވި ވަރުގަދަ މެސެޖެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0