ރިޕޯޓް: އުއްމީދުތަކެއް ގެނެސްދިން ރިޔާސީ ބަޔާނެއް

3 ފެބުރުއަރީ 2022 - 14:02

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި އަހަރުގެ ރިޔާސީ ބަޔާން މި އަދު ރައްޔިތުންގެ މަޖިލީހަށް އިއްވާފައެވެ. އެ މަނިކުފާނުގެ ރިޔާސީ ބަޔާންގައި މައިގަނޑު ގޮތެއްގައި ބަލާލާފައިވަނީ އުމްރާނީ އިގްތިސާދީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކާއި، އަދި ކުރިއަށް ކުރަން ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، ސަރުކާރުގެ އެންމެ މުހިއްމު މަސައްކަތަކަށް ވާނީ އިސްލާމީ އަގީދާގެ، ބިންގަލުގެ ފުރިހަމަ ޖީލެއް ބިނާކުރުމަށް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. އެގޮތުން  މިދިޔަ އަހަރު ސަރުކާރުން އެންމެ ބޮޑު މަސައްކަތެއް ކޮށްފައިވަނީ އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިވެހިންގެ ހިތްތަކުގާ އަށަގެންނެވުމަށް ކަމަށް ރައީސް ސޯލިހުގެ ރިޔާސީ ބަޔާންގައި ވަނީ ފާހަގަކުރައްވާފައެވެ. ރާއްޖޭގެ 180 ރަށެއްގައި އިސްލާމްދީނުގެ ސައްހަ މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވުނު އިރު،އިމާމުންނާއި މުދިމުންނަށް އިސްލާމީ ތައުލީމްގެ ރޮނގުން ޑިގްރީ ހޯދައިދިނުމަށް 290 ތައުލީމީ މަރްހަލާ ފުރިހަމަ ކުރިއިރު، 1599 މީހުން ތަމްރީންކޮށް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.

advertisement

 އިގްތިސާދީ ގޮތުން ރާއްޖެ އާ ހަރުފަތަކަށް ގެންދިއުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކުރިން ރާއްޖެ ހިންގަމުން އައި އިގްތިސޯދީ އަދި އިޖްތިމާއީ ވައްޓަފާޅި ތަފާތު ކަމަށެވެ. ޒަމާނާ ގުޅޭ ބަދަލުތައް ގެނައުމަށް މި ސަރުކާރުން ވީ ވައުދުގެ ފެށުމަކީ ލާ މަރުކަޒީ ނިޒާމްކަން ފާހަގަކުރެއްވިއެވެ. ސަރުކާރުން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އުފެއްދުންތެރި އާ ޖީލެއް ބިނާކުރުން ކަމަށް ރައީސް ސޯލިހު ވަނީ ރިޔާސް ބަޔާންގައި ފާހަގަކުރައްވާފައެވެ. ޒުވާން ތައުލީމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ސަރުކާރުން ފަށާފައިވާ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ ޕްރޮގްރާމްގެ ނަތީޖާ އިންތިހާއަށް ފޮނި ކަމަށެވެ. އެގޮތުން ކޮލެޖް ނުވަތަ ޔުނިވަރސިޓީގެ ޑިގްރީ ޕްރޮގްރާމްތަކުން މިހާތަނަށް 12730 ކުދިންނަށް ފުރުސަތު ހޯދަދެވިފައިވާ ކަމަށެވެ.

ތައުލީމްގެ ވާހަކަދައްކަމުން އަންނައިރު ޓީޗަރުން އަބަދުވެސް ކުރަމުން އަންނަ އެއް ޝަކުވާއަކީ އެ މީހުންނަށް އެކަށިގެންވާ އުޖޫރު ނުލިބޭ ކަމުގެ ޝަކުވާއެވެ. ރައީސް ސޯލިހުގެ ރިޔާސީ ބަޔާންގައި އެ މަނިކުފާނު ވަނީ ޓީޗަރުންނަށް އުފާވެރި ހަބަރެއް ދެއްވާފައެވެ. އެގޮތުން އަންނަ މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑުކުރަން  ނިންމާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12628 ރުފިޔާއިން 19740 ރުފިޔާ އަށް ބޮޑުވެގެންދާނެ ކަމަށެވެ. މިއީ 56 ޕަސެންޓްގެ ކުރިއެރުމެއް ކަން ވަނީ ފާހަގަކުރައްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން މިހާރުވެސް އަންނަނީ އިނާޔަތެއް ދެމުންނެވެ. ނަމަވެސް މި އިނާޔަތް ކުޑަކަމުގެ ޝަކުވާ، އެ ފަރާތްތަކުން ކުރަމުން އަންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ. މި ކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ސޯލިހުގެ ރިޔާސީ ބަޔާންގައި ވަނީ ވިދާޅުވެފައެވެ. އެގޮތުން އެފަދަ މީހުންގެ  ގައުމީ ދަފްތަރެއް މިހާރު އެކުލަވާލަމުން އަންނަ ކަމަށާއި، މި ދަފްތަރު ނިންމާ މި އަހަރުގެ ފުރަތަމަ ކުއާޓާރގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމަކީ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަމަކަށްވާއިރު، މާލޭގެ ރަށްވެހިންނަށް ގޯތި ނުލިބުމުގެ ޝަކުވާ އަށް ހައްލެއް ހޯއްދެވުމަށް ސަރުކާރުން ނިންމާފައިވާ ކަން ވަނީ ފާހަގަކުރައްވާފައެވެ. އެ ގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީ ފަޅުން މަދުވެގެން 2000 ގޯތި ދޭއިރު، އެ މަސައްކަތް މި އަހަރު ޖޫންމަހު ފައްޓަވާނެ ކަމަށް ރިޔާސީ ބަޔާންގައި ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ސިއްހީ ދާއިރާއިންނާއި، ފަތުރުވެރިކަމުގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށްވެސް ރިޔާސީ ބަޔާންގައި ރައީސް ސޯލިހު ވަނީ ބައްލަވާލައްވާފައެވެ.

ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާން އެ ދައުރެއްގެ ރައްޔިތުންގެ މަޖިލިސް ފެށޭ ޖަލްސާއަށް އިއްވުމަށް ގާނޫނުން ލާޒިމް ކުރެއެވެ. މި އަހަރުގެ ރިޔާސީ ބަޔާނަކީވެސް އުއްމީދުން ފުރިގެންވާ ރިޔާސީ ބަޔާނެކެއެވެ. ގިނަ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އުފާވެރިކަން ގެނުވި ބަޔާނަކަށް ވެގެން ދިޔައެވެ.

ރިއެކްޝަންސް
0
1
2
0
0
0
0