ރިޕޯޓު: ކޮވިޑް ނަންބަރުތައް – ޚަބަރަކަށް ނުވޭ!

20 ފެބުރުއަރީ 2022 - 13:07

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޗައިނާގެ ވޫހާން ސްޓޭޓުން ކޮވިޑް ފެނުމާ އެކު މުޅި ދުނިޔެ ހުއްޓުމަކަށް އައެވެ. އުފެދުނު ބިރުވެރިކަމުގެ ތެރޭގައި ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ބަންދުކުރިއެވެ. އަދި އެ ބަލި ފެނުނު ގައުމުތަކުން ރައްޔިތުންގެ ދިރިއުޅުން މުޅިންހެން ހުއްޓުމަކަށް އައެވެ. އެ ގޮތުން 2020 ވަނަ އަހަރުގެ މާޗް މަހު ރާއްޖޭގެ ވެސް ބޯޑަރު ބަންދުކުރިއެވެ. އަދި އެ ބަލި އެންމެ މީހެއްގެ ހަށިގަނޑު ފެނުމާ އެކު މުޅި ގައުމު ލޮކްޑައުންއަކަށް ދިޔައެވެ. ހަތަރު ފަސް މަހެއްހާ ދުވަހު އުޅެންޖެހުނީ ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ވެސް ނުނިކުމެއެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ނާރުގައި ގޮއްޖެހުނެވެ. އާންމު ވިޔަފާރިތައްކަށް ވެސް އޭގެ އަސަރުކުރިއެވެ. އޭރު ހާލަތު އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މައިގަނޑު ސަބަބަކަށްވީ މި ޖީލަށް ވެސް އާ ކަމަކަށް ވުމެވެ. އަދި ދުނިޔެ އަށް ވެސް ފަހުގެ ތާރީހެއްގައި ކުރިމަތިވި މިފަދަ ފުރަތަމަ އިމްތިހާނަށް ވުމަކީ ވެސް އޭގެ ސަބަބެކެވެ.

ކޮވިޑަށް ދެ އަހަރު – “މިއީ އާންމު ރޯގާއެއް!”

އޭގެ ފަހުން ދެ އަހަރު ފާއިތުވީއެވެ. ފަރުވާތައް އަންނަނީ ހޯދަމުންނެވެ. ތަފާތު އެކި ވެކްސިންތައް އުފައްދައި ދިފާއީ ނިޒާމު ވަރުގަދަ ކޮށްފިއެވެ. އަދަދުތައް ދައްކުރެވި ކޮވިޑް ފަތުރާ ވައިރަހުގެ ބާރު ދަށަށް ދާން ފަށައިފިއެވެ. ކަސްތޮޅު އެޅިގެން ބަންދެއްގައި އަބަދު ނުތިބެވޭނެކަން ދުނިޔެ އަށް ފަހުމްވާން ފަށައިފިއެވެ. ކޮވިޑަކީ އާންމު ރޯގާއެއް ކަމަށް ބަލައި ހާއްސަ ފިޔަވަޅުތައް ދޫކޮށްލާ ގައުމުތަކުގެ ލިސްޓް ދަނީ ދިގުވަމުންނެވެ. ހާއްސަކޮށް ޔޫރަޕާއި ސްކެންޑެނޭވިއަން ގައުމުތަކުގައެވެ. އިނގިރޭސި ވިލާތް ފަދަ ބައެއް ގައުމުތަކުގައި މާސްކްތައް ވެސް އެއްލާލައިފިއެވެ. އާންމު ދިރިއުޅުމަށް ރުޖޫއަވެ، ކޮވިޑްގެ ތަފާސް ހިސާބުތަކަށް ދޭ ސަމާލުކަން ކުޑަވެ، ރައްޔިތުންގެ މެދުގައި އޮތް ބިރުވެރިކަން ފިލައިގެން ހިނގައްޖެއެވެ.

advertisement

ރާއްޖޭގައި ކޮވިޑްގެ ތިންވަނަ ރާޅު

މި އަހަރު ފެށުނު އިރު ތިން ވަނަ ރާޅުގައި، ކޮވިޑް އާ ވޭރިއަންޓަކާ އެކު ރާއްޖެ ވެސް ބިރުވެރިކަމެއް ތެރެއަށް ވެއްޓުނެވެ. ނަމަވެސް އޮމިކްރޯނާ ބެހޭ ގޮތުން ދެއްކި ވާހަކަތަކުގައި ވެސް މާ ބޮޑު އުރައްޕެއް ނެތެވެ. ހަލުވި ކަމާ އެކު ފެތުރި ގިނަ ބަޔަކަށް ބަލި ޖެހުނު ނަމަވެސް ބޮޑުވަރަގެން އެޑްމިޓްކުރަންޖެހޭ މީހުން އަދަދު ވަރަށް މަދެވެ. ގިނަ މީހުންގެ ކިބައިން ބަލީގެ އަސަރެއް ވެސ ނުފެނެއެވެ. ބަލިޖެހިފައި ހުންނަކަން އެނގެނީ ވެސް ކޮންމެ ވެސް ސަބަބަކާ ހުރެ ޓެސްޓެއް ކުރަންޖެހުމުންނެވެ. އާންމު ގޮތެއްގައި އާދައިގެ ރޯގާއެއް ފަދައެވެ. ރޯގާ ގިނަ ދުވަސް ވަރެއްގައި ނަމަ އެއީ ކޮންމެ ކަހަލަ ބަލިމަޑުކަމެއް ނަމަވެސް އަދަދުތައް މައްޗަށް ދާފަދައިންނެވެ. އެއީ ހޮޑާއި ސީ ރޯގާ، ނޫނީ މޫސުމީ ރޯގާތައް ފަދައިންނެވެ.

ނަމަވެސް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭހެން އަދިވެސް ޚަބަރުތައް ދަނީ ފަތުރަމުންނެވެ. އޭގެ ތެރެއިން އެއްކަމަކީ ކޮންމެ ދުވަހެއްގެ ވެސް ކޮވިޑްގެ ތަފާސް ހިސާބުތަކަށް މީޑިއާތަކުން ދޭ ސަމާލުކަމެވެ. މިވެނި އަދަދަކަށް ބަލި ޖެހިއްޖެ ކަމަށް ހަމަ ކޮންމެ ދުވަހަކު ސުރުހީ ޖަހައެވެ. ނަމަވެސް އާންމު ކަމެއް އެއީ ޚަބަރަކަށް ނުވާ ފަދައިން ކޮވިޑްގެ ތަފާސް ހިސާބަކީ ވެސް މިހާރު ޚަބަރެކޭ ބުނާ ވަރަށް ވުރެ އާންމު ކަމެކެވެ. ކޮވިޑް ނޫން އެހެން ބަލިތަކުގެ ވެސް ތަފާސް ހިސާބުތައް އާންމުކުރާ ނަމަ އެއީ ޝައުގުވެރި ކަމަކަށް ވާނެއެވެ. ކޮވިޑްގެ ތަފާސް ހިސާބުތައް އާންމުކުރާ އުސޫލުން މޫސުމީ ރޯގާތަކުގެ ތަފާސް ހިސާބުތައް ވެސް އާންމުނުކުރަނީ ކީއްވެބާއެވެ؟

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބޭރުގެ ގައުމުތަކުން އަންނަނީ ދޫކޮށްލަމުންނެވެ. އޭގެ ތެރޭގައި މާސްކް އެޅުމާއި ޓެސްޓްކުރުން ހުއްޓާލުން ފަދަ ކަންކަން ހިމެނެއެވެ. ރާއްޖޭގައި ވެސް ފިޔަވަޅުތައް ދޫކޮށްލައިފި ނަމަ ދައުލަތުން ކުރާ ހޭދަ، އަދި އަމިއްލަ ފަރާތްތަކުން ކުރާ ހޭދަ އެތައް ގުނައެއް ކުޑަވާނެއެވެ. ކޮވިޑް ޓެސްޓަށާއި މާސްކް އަދި ޕީޕީއީ އަށް ކުރާ ހޭދަ ވަރަށް ބޮޑެވެ. އޭގެ ބަދަލުގައި ކޮވިޑަކީ އާންމު ރޯގާއެއް ކަމަށް ބަލައި ބަލިވާ މީހުންނަށް ފަރުވާ ދެވޭނެ އިންތިޒާމުތަކަށް އެ ހޭދަކުރުން މާ ރަނގަޅު ކަމަށް ގިނަ ބަޔަކު ގަބޫލުރެއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ސަރުކާރަށް މި ނިންމުން ނިންމަން އަދި ފަސޭހައެއް ނޫން ކަމަށް ބުނެވިދާނެއެވެ. ނުވަތަ އެކަން ކުރަން ތިބި ފަރާތްތަކުގެ މަސްލަހަތު މިކަމުގައި އޮތުމުން އެއީ ކައިރި މުސްތަގުބަލެއްގައި ވެދާނެ ކަމެކޭ ބުނަން ދައްޗެވެ.

ކޮވިޑާ ގުޅިގެން އެޅި ހުރިހާ ފިޔަވަޅެއް އުވާނުލިއެއް ކަމަކު އެހެން ބަލިތަކުގެ ތަފާސް ހިސާބުތައް އާންމުނުކުރާ ފަދައިން ކޮވިޑްގެ އަދަދުތައް ވެސް އާންމުކުރުން ހުއްޓާލުން ފަދަ ކަންކަމަކީ މިހާރު ވެސް ކުރަންޖެހިފައިވާ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެއީ މިހާރު މީހުންނަށް އެހާ މުހިންމު ކަމަކަށް ވެސް ނުވެއެވެ. ކޮވިޑްގެ ތަފާސް ހިސާބުތައް ޚަބަރަކަށް ވަނީ ހަމައެކަނި މީޑިއާއަށެވެ. އާންމު މީހާ އަށް އެއީ މިހާރު ޚަބަރެއް ނޫނެވެ. އާންމުކަމެއް ޚަބަރަކަށް ނުވާ ފަދައިންނެވެ.

ރިއެކްޝަންސް
1
2
0
0
0
0
0