ބެލެނިވެރިން ރުޅި ކޮންޓްރޯލްކުރުން މުހިންމު

1 މާޗް 2022 - 15:26

ދަރިން ބެލުމަކީ ވަރަށް ޒިންމާބޮޑު މަސައްކަތެކެވެ. ކެތްތެރިވާންޖެހޭ އެތައް ކަންތައްތަކެއް ދިމާވާ ފަހަރުވެސް އާދެއެވެ. ރުޅި އަންނަ އެތައް ފަހަރެއް އާދެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި ރުޅި މަޑުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރުޅި އައިސް ބައެއް ފަހަރު ކުރެވޭ ކަންތައްތަކުގެ ސަބަބުން ކުއްޖާއަށް  ނޭދެވޭ އަސަރުކުރާ ފަހަރުވެސް އާދެއެވެ.

ބެލެނިވެރިން އަންނަ ރުޅީގެ އަސަރު ކުއްޖާއަށް ކުރެއެވެ. އެގޮތުން ބެލެނިވެރިޔާ އަންނަ ރުޅީގެ ސަބަބުން ކުއްޖާ ސްޓްރެސްވެ ކުއްޖާގެ ސިކުނޑި ތަރައްޤީވުމަށް ހުރަސްއެޅެއެވެ. އަދި ރުޅިވެރި މާހައުލެއްގައި ދަރިފުޅު ބޮޑެވެގެން އަންނަނަމަ އޭގެ ނޭދެވޭ އަސަރު ކުއްޖާގެ މުޅި ދިރިއުޅުމަށް ކުރާކަމަށް ދިރާސާއިން ދައްކައެވެ. އެގޮތުން ކުއްޖާ ބޮޑެވެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާންޖެހުން ހިމެނެއެވެ.

advertisement

ބެލެނިވެރިން ރުޅިއަންނަނަމަ ކުއްޖާއަށް އެމޯޝަނަލް އަވި ވާބަލް އެބިއުސްއަށް މަގުފަހިވެއެވެ. ރުޅިއައިސްގެން ކުއްޖާ ހިތުގައިޖެހޭފަދަ އެއްޗެހި ބެލެނިވެރިޔާ ބުނާނަމަ ކުއްޖާއަށް އިހްސާސްވާނީ އެއީ ކުއްޖާގެ މައްސަލައެއްކަމަށެވެ. އަދި ކުއްޖާއަކީ ބޭކާރު މީހެއްކަމުގެ އިހްސާސް ދަރިފުޅަށް ކުރެވޭނެއެވެ.

ރުޅިއައިސްގެން ބައެއް ބެލެނިވެރިން ދަރިންނަށް އަނިޔާކުރާ ފަހަރުވެސް އާދެއެވެ. މީގެ ސަބަބުން ކުއްޖާއަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ލިބިގެންދެއެވެ. އަދި ކުއްޖާގެ ހިތައް ބިރުވެރިކަން ވެރިވެއެވެ. އަނިޔާކުރުމުގެ ސަބަބުން މުސްތަގްބަލުގައި ކުއްޖާއަށް ނޭދެވޭ އަސަރުކުރެއެވެ. އޭގެތެރޭގައި މުޖްތަމައުގައި އެހެން މީހުންނާއިއެކު އުޅެން އުނދަގޫވުން، އެގްރެޝަން، އަމިއްލަ ނަފްސަށް އިތުބާރުނުކުރުން، ނަފްސާނީ މައްސަލަތަކާއި ކުރިމަތިލާންޖެހެއެވެ.

ރިއެކްޝަންސް
0
0
1
1
0
0
0