ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން ދައްކާލައިފި

22 މާޗް 2022 - 10:55

ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން، މީޑިއާތަކަށާއި ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް އިއްޔެ ދައްކާލައިފިއެވެ. މި އެޕްލިކޭޝަން ދައްކާލާފައިވަނީ މިކަމަށް ހާއްސަކޮށްގެން ބައިސްކޯފުގައި ބޭއްވުނު ހަފްލާއެއްގެ ތެރެއިންނެވެ. މި ހަފްލާގައި ރާއްޖޭގެ ޓެލެކޮމިއުނޮކޭޝަން ދާއިރާގެ އިސް ފަރާތްތަކާއި މީޑިއާ ތަކުގެ އިސްފަރާތްތަކުން ބައިވެރިވެފައިވެއެވެ.

“ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށްފަހު، އަދި ބައިސްކޯފު ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ބައިސްކޯފު އެޕް އާންމުންނާ ހަމަޔަށް މި ގެނެސްދެނީ. މި ފުރުސަތުގަ ބައިސްކޯފަށް އެކި ގޮތްގޮތުން އެހީރެތިކަން ދެއްވާފައިވާ ފަރާތްތަކަށް އަދި ހާއްސަކޮށް ބައިސްކޯފުގެ ލޯޔަލް ކަސްޓަމަރުންނަށް ނުހަނު އިޚްލާސްތެރި ޝުކުރު ދަންނަވަން،“ ބައިސްކޯފުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިރުސާން ވިދާޅުވިއެވެ.

advertisement

”ބައިސްކޯފު އެޕަކީ ރާއްޖޭގައި ހިންގާ އެހެން ސްޓްރީމިންގ ޕްލޭޓްފޯމްތަކާ ވަރަށް ތަފާތު އެޕެއް. މި އެޕަކީ ހައިބްރިޑް އެޕެއް. މާނައަކީ ދުނިޔޭގެވެސް އެންމެ ކުރިއަރާފައިވާ ވަކިވަކި ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިންގ ޕްލެޓްފޯމްތަކާއި ކޮންޓެންޓް-އާޓިސްޓް ޑޭޓާބޭސް ފަދަ ޕްލެޓްފޯމްތަކުގެ ފީޗާތައް ބައިސްކޯފުގައި ހިމެނިފައިވޭ.“

ބައިސްކޯފު ޓީވީ އެޕް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައިސްކޯފުގެ ކޮންޓެންޓް ބޮޑު ސްކްރީނަކުން ބަލާލުމުގެ ފުރުސަތު ބައިސްކޯފު ބޭނުންކުރާ ފަރާތްތަކަށް ހޯދައިދިނުމެވެ. ބައިސްކޯފުގައި ހުރިހާ އުމުރަކާ ގުޅޭ ކޮންޓެންޓް ހިމެނިފިައިވެއެވެ.

ައިސްކޯފުގެ ފަރާތުން އެޕް ދައްކާލަމުން ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު ވިދާޅުވެފައިވާގޮތުގައި ޓީވީއެޕްގައި މޯބައިލް އެޕްގައިވާ ހުރިހާ ފީޗާ ތަކެއް އެކުލެވިގެންވެއެވެ. އެޕްގެ މައިގަނޑު ބައިތަކުގެ ތެރޭގައި ހިމެނެނީ މިއުޒިކް، ފިލްމު، ޓީވީ ސީރީޒް، އޯޑިއޯބުކްސް، ލައިވް ޓީވީ ޗެނަލްތަކުގެ އިރުތުން ތަފާތު ޖޯންރާތަކުގެ ގިނަ އަދަދެއްގެ އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް ހިމެނިފައިވެއެވެ. މީގެ އިތުރުން އެޕަށް މުޅިން އަލަށް އިތުރުކުރެވޭ ’އެޓޯލް ޗާޓްސް‘ ފީޗާ ހިމެނެއެވެ. އެޓޯލް ޗާޓްސް އިން ކޮންމެ އަތޮޅެއްގައި އެންމެ ހިނގާ ލަވަތައް ބަލާލެވޭނެއެވެ.

ޓީވީ އެޕް އާންމުކުރެވޭ ހިސާބުން ބައިސްކޯފުގެ ކޮންމެ އެކައުންޓެއް  02 ޑިވައިސްގައި (ފޯނާއި ޓީވީ) ބޭނުންކުރެވިގެންދާނެއެވެ. އަދި އެޕްގެ ’ކޮންޓިނިއު ވޮޗިންގ‘ ފީޗާގެ ސަބަބުން އެމީހަކު ބަލަމުންދާ ޑިވައިސް ބަދަލުވިކަމުގައި ވީ ނަމަވެސް އެންމެ ފަހުން ބެލި ހިސާބުން ފެށިގެން ކުރިއަށް ދެވޭނެއެވެ.

މި ހަފްލާގައި ބައިސްކޯފަށް އަލަށް ރިލީޒްކުރާ ކޮންޓެންޓް ތަކާއި އަލަށް އަންނަންހުރި ކޮންޓެންޓްތަކުގެ ޓީޒާ ވަނީ ދައްކާލާފައެވެ. ބައިސްކޯފުގެ ފަރާތުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކޮންޓެންޓް ހެދުމަކީ ވަރަށް ބޮޑު ހޭދައަކާއި ވަރަށް ގިނަ ބައެއްގެ ވަގުތާއި މަސައްކަތް ބޭނުންވާ ކަމެއްކަމަށެވެ. އެހެން ނަމަވެސް ކޮންޓެންޓް ޕައިރެޓްކޮށް އެހެނިހެން ޕްލެޓްފޯމްތަކުގައި އާންމުކުރުމާއި، އެފަދަ ފަރާތްތަށް ގާނޫނުގެ ކުރިމައްޗަށް ގެނައުމުގައި ހުރި ދަތިތަކަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބައިސްކޯފަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށެވެ.

‘ބައިސްކޯފު’ އަކީ ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ އަދި ނަން ހިނގާ ސްޓްރީމިންގ ޕްލެޓްފޯމެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ބައިސްކޯފު އެޕް ސްޓްރީމްކުރެވޭނެއެވެ. ބައިސްކޯފުގެ މޮބައިލް އެޕްލިކޭޝަން  12ނޮވެމްބަރ  2018ގައި އާންމުކޮށްފައިވާއިރު، ބައިސްކޯފު ކަސްޓަމަރުންގެ އަދަދު  150،000އިން މައްޗައްގޮސްފައިވެއެވެ. އަދި މި އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބައިސްކޯފު ޓީވީ އެޕް ވަރަށް އަވަސް މުއްދަތެއްގައި އާންމުންނާ ހަމަޔަށް ފޯރާނެއެވެ.

ބައިސްކޯފް ވެބްސައިޓް އިން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އަދި ދިރާގު ސަބްސްކްރިޕްޝަން ޕޯޓަލް މެދުވެރިކޮށް ބައިސްކޯފަށް ސަބްސްކްރައިބްކުރެވޭނެއެވެ. އަދި ބައިސްކޯފު ސަބްސްކްރިޕްޝަން އާ ގުޅޭ މައުލޫމާތު ބައިސްކޯފުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ބައިސްކޯފު ވައިބަރ ސަޕޯޓް  7983863އާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ރިއެކްޝަންސް
0
1
0
0
0
0
0