ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022 އަބޫދާބީގައި!

22 މާޗް 2022 - 11:38

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ، 30 މޭ އިން 2 ޖޫން 2022 ގެ ނިޔަލަށް ޔޫއޭއީގެ ވެރިރަށް އަބޫދާބީގެ އަބޫދާބީ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ދާނެއެވެ. މި ކޮންގްރެސްއަކީ ކޮވިޑް-19 ޕެންޑެމިކަށްފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެވެ. ވޯލްޑްޝެފްސް ކޮންގްރެސްގެ ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ޚިޔާލު ބަދަލުކޮށް، އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން އުނގެނުމުގެ އިތުރުން އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑްޝެފްސް)ގައި ދިވެހިރާއްޖެ ތަމްސީލުކުރާ ޖަމްޢިއްޔާގެ ހައިސިއްޔަތުން، ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކު ވެސް ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ގެންދިޔައީ ދިވެހިރާއްޖޭގެ ހުނަރުވެރި ޝެފުން ތަމްސީލުކުރަމުންނެވެ. އަބޫދާބީގައި ބާއްވާ މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި މި ޖަމްޢިއްޔާގެ ފަރާތުން 20 ޝެފުންގެ ޑެލެގޭޝަނެއް ބައިވެރިވާނެއެވެ.

advertisement

މި އަހަރު ރާއްޖެ ތަމްސީލުކުރާ ޝެފުންގެ ޑެލެގޭޝަނުގައި، ކަލިނަރީ ދާއިރާއިން ތައުލީމު ހާސިލުކުރަމުން ގެންދާ 6 ޒުވާން ޝެފުން ވެސް ހިމެނެއެވެ. އެ 6 ޝެފުން ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022 ގައި ބައިވެރިވުމާ ގުޅޭ ހުރިހާ ޚަރަދެއް ސްޕޮންސަރ ކޮށްދީފައި ވަނީ ހޮސްޕިޓަލިޓީ ދާއިރާއާ ނުހަނު ގާތްކަމެއް ބާއްވަމުން ގެންދާ ކުންފުންޏެއް ކަމުގައިވާ ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް)ގެ ފަރާތުންނެވެ. ބީބީއެމްއިން މިކަމަށް އިސްނެގީ އެ ކުންފުނިން ގެންގުޅޭ ފަލްސަފާއާ އެއްގޮތަށް، ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީއަށް އެހީތެރިވެދީ ޚިދުމަތްކުރުމުގެ މަޤްސަދުގައެވެ. ބީބީއެމްއަކީ ކަލިނަރީ ދާއިރާއަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ރިސޯޓުތަކަށާއި އެހެނިހެން މާކެޓުތަކަށް ވެސް ސަޕްލައިކުރުމުގެ އިތުރުން، ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ދިވެހިރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މާސްޓަރކްލާސްތަކާއި ޓްރެއިނިންގް ފުރުސަތުތައް ވެސް ޒުވާން ޝެފުންނަށް ފަހިކޮށްދެމުން އަންނަ ކުންފުންޏެކެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ، މި ދާއިރާގެ މާހިރުންގެ ކީނޯޓް އެޑްރެސްތަކާއި، ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓަރސް ފޯރަމްއާއި، އެކި ފަންނުތަކުން ޝެފުން “ވޯލްޑްސް ބެސްޓް ޝެފްސް”ގެ ލަގަބަށް ވާދަކުރާ “ގްލޯބަލް ޝެފްސް ޗެލެންޖް”އާއި، ވޯލްޑްޝެފްސް އެކްސްޕޯގެ އިތުރުން، 25 އަހަރުން ދަށުގެ ޝެފުންނަށް ޚާއްސަކޮށްގެން ބާއްވާ “ބިލީ ގެލެގަރ ޔަންގް ޝެފްސް ފޯރަމް” ވެސް އޮންނާނެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0