މަޖިލިސް މެމްބަރުންގެ ދިރިއުޅުން އާއްމުންނާ އެއްހަމައަކަށް ގެންނަން ޖެހޭ

7 އެޕްރީލް 2022 - 9:57

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން 2021 ވަނަ އަހަރު އާއްމު މީހަކު މަޖިލީހުން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި މަޖިލިސް މެމްބަރުންގެ ދަތުރުތަކުގައި އެއަޕޯޓު ވީއައިޕީ ލައުންޖު ބޭނުން ކުރުމަށް 5 އަހަރުން 5 މިލިޔަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ. މިދިޔަ 3 އަހަރު އެކަނި 3.7 މިލިޔަން ރުފިޔާ ހަމައެކަނި މެމްބަރުންގެ ވީއައިޕީ ލޯންޖުގެ ހިދުމަތަށް ހަރަދުކޮށްފައިވެއެވެ.


މިއީ ގާނޫނެއް ނެތި، މަޖިލީހުން ގެންގުޅޭ އުސޫލެކެވެ. މި އުސޫލު އޮންނަގޮތުން ކޮންމެ މަޖިލިސް މެމްބަރަކުވެސް ދަތުރުކުރާއިރު އަނބި/ފިރި، ދަރިން އަދި މައިންބަފައިންނަށް ވެސް އެއަރޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭނެއެވެ. މިހިދުމަތަށް މެމްބަރުން ފައިސާ ނުދައްކައެވެ. އެއަރޕޯޓުން ބިލު ފޮނުވާނީ ސީދާ ރައްޔިތުންގެ މަޖިލީހަށެވެ. ފައިސާ ދައްކާނީ ރައްޔިތުންގެ ބައިތުލްމާލުންނެވެ.

advertisement


އެއްބަނޑު އެއްބަފާ މީހަކާ އެއްކޮށް ދަތުރުކުރާއިރު ވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީ ސެޕްޓެމްބަރު މަހު މަޖިލީހުގެ އާއްމު ކޮމިޓީން ނިންމީ މެމްބަރުގެ އާއިލާގެ ބަދަލުގައި މެމްބަރުން އިހްތިޔާރު ކުރާ ދެ މީހަކަށް އެކަނި މަޖިލީހުން ހަރަދުކުރާ ގޮތަށެވެ. ނަމަވެސް މިކަން އަދި މަޖިލީހުން ފާހެއް ނުކުރެއެވެ.


އެކުގައި އާއިލާ މީހަކު ދާނަމަ އެމީހަކަށް ވީއައިޕީ ދޭން ހިފާލުމުގެ ބަދަލުގައި އެމީހަކާއެކު މެމްބަރުވެސް ގޮސް އާއްމުން ތިބޭ ތަނުގައި ހުރުން ކީއްހެއްޔެވެ؟ އަދި މެމްބަރު އެކަނި ދަތުރުކުރިއަސްވެސް ވީއައިޕީ ދޭން ޖެހުމަކީ އިންސާފުވެރި ހަމަޖެހޭ އުސޫލެއް ނޫނެވެ. އާއްމުން މަޑުކުރާ ތަނުގައި މެމްބަރުންނަށް ނުތިބެވެންވީ ސަބަބެއް ނެތެވެ.


ވީއައިޕީ ބޭނުންވާ މެމްބަރުންނާއި އެކަމަށް ތާއީދު ކުރާ އެކި ފަރާތްތަކުން ދެން ދައްކާ ވާހަކަ އަކީ މެމްބަރުންނަށް ހާއްސަކޮށްގެން އެއަރޕޯޓުގައި ވީއައިޕީ އޭރިއާއެއް ހަދަންޖެހޭ ވާހަކައެވެ. ގައުމުގެ ސިއްހީ ނިޒާމު ކަމުނުދިޔައީމާ މެމްބަރުންނާއި އާއިލާއަށް އާސިޔާންގެ އެންމެ މޮޅު ހޮސްޕިޓަލްތަކުން ބޭސްކޮށް ދެނީ ރައްޔިތުންގެ ފައިސާ އިންނެވެ. ރައްޔިތުންނަށް ރައްކާތެރިކަމެއް ނެތް މިގައުމުގައި ރައްޔިތުންގެ ފައިސާއިން މަޖިލިސް މެމްބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދެއެވެ. ޑިޕްލޮމެޓިކް ޕާސްޕޯޓުން އެތައް އިމްތިޔާޒުތަކެއް ލިބެއެވެ. ރައްޔިތުންގެ ހަރަދުގައި ކޮންމެ މެމްބަރަކަށް ކާރެއް ފޯރުކޮށްދެއެވެ. އަދި މިވަރަކުން ނިމުނީއެއް ނޫނެވެ. މެމްބަރުކަމަށް ނުހޮވުނަސް ކުރީގެ މެމްބަރުންނަށް މުސާރައިގެ 30 އިންސައްތަ ލިބެއެވެ. ދެދައުރު މަޖިލިސް މެމްބަރުކަމުގައި ހުރި ނަމަ 45 އިންސައްތަ ލިބެއެވެ. މެމްބަރުކަމުން ވަކިވުމަށް ފަހުގައިވެސް މުޅި އާއިލާއަށް ބޭސްފަރުވާ ހަމަޖައްސަނީ ވެސް ހަމަ ރައްޔިތުންގެ ފައިސާއިންނެވެ. މަޖިލިސް ހިނގާ ކޮންމެ ދުވަހަކު މެމްބަރުންނަށް ކާން ބޯން ދެނީވެސް ހަމަ ރައްޔިތުންގެ ފައިސާއިންނެވެ. ކެއުމަށް އެކަނި އަހަރަކަށް 3 މިލިޔަނާއި 4 މިލިޔަނާއި ދެމެދުގެ އަދަދަކަށް ފައިސާ ހަރަދު ހިނގައެވެ. މެމްބަރުކަމަށް ކުރިމަތި ލުމަށް ތައުލީމީ ޝަރުތެއް ނޯވެއެވެ. މިހުރިހާ އިނާޔަތްތަކާއި އިމްތިޔާޒުތަކާއި އެކު މަޖިލިސް މަސައްކަތް އޮންނަނީ ހަފްތާއަކު 3 ދުވަހުކަމީ ވެސް ފާހަނގަކޮށްލަން ޖެހޭ ކަމެކެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުރި ދިރާސާގެ 50 އިންސައްތަ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑަށް ކޮރަޕްޝަން އޮތީ ރައްޔިތުންގެ މަޖިލީހުގައެވެ. ދެން ފަނޑިޔާރުގެތަކުގައެވެ.
ގައުމުގެ އެއަރޕޯޓުން ދަތުރެއް ކޮށްލެވޭ ކަމަށްވަނީ ރައްޔިތުންގެ ފައިސާއިން ވީއައިޕީ ހިދުމަތް ހޯދައިގެންނެވެ. އެހެން އިބާރާތަކުން ބުނާ ނަމަ ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ދިރިއުޅުމާ އެމީހުން ތަމްސީލުކުރަން ޖެހޭ ރައްޔިތުންގެ ދިރިއުޅުމާ ހާސްތަނުން ތަފާތެވެ.


ބައްޔެއްވެއްޖެ ނަމަ އާއްމުންނަށް ޖެހެނީ ފޭސްބުކްގައި އާދޭސްކުރާށެވެ. މިހާލަތުގައި ރައްޔިތުން ބޭތިއްބުމަށްފަހު ރައްޔިތުންގެ ފައިސާއިން ވީއައިޕީ ދިރިއުޅުން އުޅޭ، މުޅިން އެހެން ދުނިޔެއެއްގައި އުޅެން ބޭނުންވާ މި މެމްބަރުން އާއްމުންގެ މައްސަލަތަކާ މެދު ވާހަކަދައްކައި އާއްމުން ތަމްސީލު ކުރާނީ ކިހިނެތްކަމާ މެދު ސުވާލު އުފެދެނީ މިސަބަބައްޓަކައެވެ. ތިމާ ނުއުފުލާ ބުރައެއްގެ ވާހަކަ ދައްކަން ތިމާއަށް ނޭނގޭނެއެވެ. މަޖިލިސް މެމްބަރުންނަށް މިހާރު ދީފައި ހުރި ހުރިހާ އިމްތިޔާޒުތަކެއް އުވާލައި އެ މެމްބަރުން އާއްމު އިންސާނާއާއި އެއް ހަމައަކަށް ގެނައުމުން ނޫނީ އާއްމުން ތަމްސީލެއް ނުކުރާނެއެވެ.

ރިއެކްޝަންސް
1
0
3
4
1
0
3