ސްކޫލް ވައިބާ ގްރޫޕްގެ ސަބަބުން ހިތްއަވަސްވޭތަ؟

16 އެޕްރީލް 2022 - 12:21

ކުދިން ނިންދަވަން އޮއްވައި ކުއްލިއަކަށް ވައިބާ މެސެޖެއް އައިސްގެން ބަލާލާއިރު، ކުއްޖާ ހެނދުނު ސްކޫލަށް ފޮނުވާއިރު ބިސްތޮއްޓާއި، ކަޅުފަހާއި ބެޓެރިއާއި ނަރުފަދަ ތަކެތި ގެންދަންޖެހޭކަމަށް އޮތުމުން ހިތްއަވަސްވެ ހާސްނުވާނެ ބެލެނިވެރިއެއް ނުހުންނާނެއެވެ.

ސްކޫލު ކުދިންގެ މައިންބަފައިންނާއި ނުވަތަ ބެލެނިވެރިންނާއި ޓީޗަރުންނާއި ދެމެދު މުވާސަލާތުކުރުމަށް 2000 ގެ އަހަރުތަކާއި ހަމައަށްވެސް ގެންގުޅުނީ “ޕޭރަންޓްޓީޗަރ ކޮމިއުނިކޭޝަންސް” ނަމަކަށް ކިޔާ ފޮތެކެވެ. އޭރުގެ ބެލެނިވެރިންނަށް އެފޮތުން އިރުއިރުކޮޅާ ނޮޓިފިކޭޝަނެއް ނުއެއް އާދެއެވެ. ދަރިފުޅު ގެއަށް އައީމާ ދަބަހުން އެއްކަލަ ކޮމިއުނިކޭޝަން ފޮތް ނަގާ ބަލައިލީމާ މުދައްރިސުން އެއްވެސް މެސެޖެއް ފޮނުވާފައި އޮތިއްޔާ އެފޮތުގައި ލިޔެފައި އޮންނަތަން ފެންނާނެއެވެ.

އޭރާއި މިހާރާ މިކަން ވަރަށް ތަފާތުވެއްޖެއެވެ. މިހާރު ބެލެނިވެރިންނާއި މުދައްރިސުން މުވާސަލާތުކުރަނީ ވައިބާ ގްރޫޕްތަކުގައެވެ. ދެކުދިންގެ ބެލެނިވެރިއެއްވެއްޖެއްޔާ ދެ ގްރޫޕްގައި ހުންނަން ޖެހޭނެއެވެ. ފަސް ކުދިންވިއްޔާ ފަސް ވައިބާގްރޫޕްގައި ހުންނަން ޖެހޭނެއެވެ. ނޮޓިފިކޭޝަން އޮފްކޮށްލެވޭކަށް ނޯންނާނެއެވެ. ޖެހިގެން އަންނަ ދުވަހު ސްކޫލަށް ކުއްޖާއާއި އެކު ފޮނުވަންވީ ތަކެތީގެ ލިސްޓާއި، ފޮނުވަންވީ ފޮތާއި ނުފޮނުވަންވީ ފޮތްތަކަކީ ކޮބައިކަންވެސް އަންގަނީ އެގްރޫޕްގައެވެ. ވައިބާ ގްރޫޕްތައް ގިނަވެގެން އެކަމާ އެކި ބެލެނިވެރިން ސޯޝަލް މީޑިޔާގައި ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ހުއްޓާ މީގެ ދުވަސްތަކެއް ކުރިންވެސް ދުށީމެވެ.

ކަންބޮޑުވުން ހިއްސާކޮށްފައިވާ ބެލެނިވެރިއަކު ބުނެފައިވާ ގޮތުގައި ވައިބާ ގްރޫޕްތަކަށް ރޭގަނޑުވެސް މެސެޖުތައް އަންނާތީ  ބެލެނިވެރިންނަށް ސިކުނޑި ނިއްވާލައިގެން ތިބޭނެ ވަގުތެއް ނޯވެއެވެ. މެސެޖުނުބަލައިވާކަށް ނޯވެއެވެ. މުހިންމު އެއްޗެއް މިސްވެއްޖެ ނަމަ ދަރިފުޅު ކްލާހުން ބާކީވުމަކީ އެއްވެސް ބެލެނިވެރިއަކު ބޭނުންވާނެ ގޮތެއް ނޫނެވެ. ނަމަވެސް ގިނަ ކުދިން ގޮވައިގެން ހަލަބޮލި ދިރިއުޅުމެއްގައި އުޅޭ މަންމައަކަށް ނުވަތަ ބައްޕައަކަށް ވެސް ކުޑަ މުއްދަތެއް ދީފައި ސްކޫލަށް ގެންދަން ހޯދަންއެޖެހޭ ތަކެތި ހޯދުމަކީ ބޮޑު ތަކުލީފެކެވެ.

ރިއެކްޝަންސް
2
3
16
6
1
1
4