ޖީޑީޕީ އިން ރައްޔިތުންގެ އަސްލު ހާލަތު ވަޒަންކުރޭތަ؟

21 އެޕްރީލް 2022 - 14:19

ސަރުކާރުގެ މާލީ ވުޒާރާތަކާއި، ރާއްޖެއަށް މާލީ އެހީ ދޭ ބައިނަލްއަގުވާމީ ޑޯނާ އޭޖެންސީތަކާއި ޖަމިއްޔާތަކުންވެސް  ގައުމުގެ އެކި ކަންކަން ދަނެގަތުމަށްޓަކައި ޖީޑީޕީ ބޭނުންކުރެއެވެ. ސިޔާސީ އެކިއެކި ފަރާތްތަކުން ގައުމުގެ ކުރިއެރުމަކީ ޖީޑީޕީ ކަމަށާއި އަދި ޖީޑީޕީ އަށް އަންނަ ހެޔޮ ބަދަލުތަކަކީ އެބައެއްގެ ނުވަތަ އެ ސަރުކާރެއްގެ ސިޔާސަތުތަކުން އާއްމު ރައްޔިތުންގެ ހާލަތު ރަނގަޅު ވެގެންދާ ކަމުގެ ކަމުގެ ހެއްކެއްކަމަށް ރައްޔިތުންނަށް ވިސްނައި ދިނުމަށް މަސައްކަތް ކުރެއެވެ. ޖީޑީޕީ ގައި ހިމެނެނީ ގަނެވިއްކާ މުދަލުގެ އަގު ކަމަށް ވީނަމަވެސް ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފާވެރިކަމަށް ބާރުދޭ ގިނަ ކަންކަމަކީ ގަނެ ވިއްކާ ތަކެތި ނޫން ކަމުން ރައްޔިތުންގެ އުފާވެރިކަމާއި ދުޅަހެޔޮކަން ޖީޑީޕީ އިން ބުނެނުދެއެވެ.

ޖީޑީޕީ އަކީ ކޮބާ؟

advertisement

ޖީޑީޕީ ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް އަކީ އެގައުމެއްގައި އުފައްދާ މުދަލާއި ހިދުމަތުގެ އަގެވެ. މީގެ ތެރޭގައި ގައުމުގެ ބޯޑަރުގެ އެތެރޭގައި ވިއްކުމަށްޓަކައި އުފައްދާ ހުރިހައި މުދަލަކާއި ހިދުމަތެއްގެ އަގު ހިމެނޭނެއެވެ. އަދި މާކެޓުގައި ވިއްކުން ނޫން ބޭނުމުގައި އުފައްދާ ހިދުމަތްތައްވެސް ހިމެނޭނެއެވެ. މިސާލަކަށް ދައުލަތުން ފޯރުކޮށްދޭ އަސްކަރިއްޔާ އަދި ތައުލީމުގެ ހިދުމަތް ޖީޑީޕީގެ ތެރޭގައި ހިމެނޭނެއެވެ.

ޖީޑީޕީއިން ބޮލަކަށް ޖެހޭ އަދަދު ބަލަނީ އެގައުމެއްގެ ޖުމުލަ ރައްޔިތުންގެ އަދަދުން ޖުމުލަ ޖީޑީޕީ ގެއްލައިގެންނެވެ. މިސާލަކަށް ރާއްޖޭގައި ސިންގަޕޫރުގެ ވިޔަފާރިވެރިޔަކު ރިޒޯޓެއް ހިންގާނަމަ އޭނާ ވިއްކާ ހިދުމަތުގެ އަގު ހިމެނޭނީ ރާއްޖޭގެ ޖީޑީޕީ ގައެވެ. ނުވަތަ ރާއްޖޭގެ ވިޔަފާރިއަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލުގެ އަގަށްވާ ފައިސާ ރާއްޖޭގެ އިގްތިސާދަށް ނުވަދެ، ބޭރުގެ ބޭންކް އެކައުންޓްތަކުގައި ރައްކާކުރިއަސް ވެސް ރާއްޖޭގެ ޖީޑީޕީ މަތިވާނެއެވެ. ރައްޔިތުން ފަގީރުކަމުގައި ތިއްބަސް ޖީޑީޕީ މަތިވަމުން އަންނަ އެއްސަބަބަކީ މިއީއެވެ.

ޖީޑީޕީ އިން ބުނެ ނުދެނީ ކޮންވާހަކައެއް؟

ޖީޑީޕީ އަކީ އެ ގައުމެއްގެ ރައްޔިތުންގެ ފުދުންތެރިކަން ނުވަތަ ރައްޔިތުންގެ އުފާވެރިކަމާއި ދުޅަހެޔޮކަން ދައްކުވައިދޭ އިންޑިކޭޓާއެއް ނޫންކަމަށް އައި.އެމް.އެފް އިންވެސް އިއްތިފާގުވެއެވެ. ޖީޑީޕީ މަތިވި އިރު، ގައުމަށް އައި ތަރައްގީއަކީ ދެމެހެއްޓެނެވި ތަރައްގީ އެއްތޯ އަދި އެކަންކަމުން ގައުމާއި ރައްޔިތުންނަށް ކުރިމަތިކުރުވާނެ ނޭދެވޭ އަސަރުތައް ޖީޑީޕީ އިން ބުނެ ނުދެއެވެ. މިސާލަކަށް ރާއްޖޭގެ ދެބައިކުޅަ އެއްބައި ފަރުގޮއްވައިގެން ބިން އިތުރުކޮށް ވިއްކުމުން ޖީޑީޕީ މަތިވާނެއެވެ. ނަމަވެސް ފަރުގޮއްވުމުގެ ސަބަބުން މަސްވެރިކަމަށް ކުރާ ނޭދެވޭ އަސަރާއި، ފަތުރުވެރިންނަށް ވިއްކާ މޫދުއަޑީގެ ރީތިކަމަށް އަންނަ ބަދަލާއި، ރަށް ގިރުންފަދަ ބޮޑެތި މައްސަލަތައް މި އިންޑިކޭޓަރ އިން ހިސާބުނުކުރެއެވެ.

ޖީޑީޕީ ހިސާބުކުރުމުގައި ވެށި ހިމާޔަތްކުރުމާއި، ތައުލީމާއި ސިއްހަތަށް ހޭދަކުރާ މިންވަރު ބެލި ކަމުގައިވިއަސް ވެށީގެ ސާފު މިންވަރު، ސިއްހީ ހިދުމަތް ފޯރުކޮށްދެވޭ މިންވަރު ނުހިމަނައެވެ. މިސާލަކަށް އައިޖީއެމްއެޗް ހިންގާ އިމާރާތް ބޮޑު ކުރުން ނުވަތަ އައު ހޮސްޕިޓަލެއް އިމާރާތްކުރުމަށް ކުރާ ހޭދަ ޖީޑީޕީގައި ހިމެނޭނެއެވެ. ނަމަވެސް ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ޖީޑީޕީ އިން ބުނެނުދެއެވެ. ހަމައެއާއެކު ގައުމެއްގެ އިގްތިސާދު އަޑިއަށް ދިޔުމާއި ގާތްތޯ ނުވަތަ ނޫންތޯ ނުވަތަ ޖީޑީޕީ މަތިވާއިރު ގައުމުގެ ދަރަނި ބޮޑުވިތޯ މިއިން އެއްވެސް ކަމެއް މި އިންޑިކޭޓަރ އިން ބުނެނުދެއެވެ.

އަނެއް މިސާލަކީ ރިޒޯޓުތައް ގިނަވުމެވެ. ރާއްޖޭގައި ރިޒޯޓުތައް އިތުރުވާ ވަރަކަށް ޖީޑީޕީ މަތިވާނެއެވެ. އަދި ރާއްޖޭގައި ހިންގާ ރިޒޯޓުތަކުން ވިއްކާ ހިދުމަތުގެ އަގަށްވާ ފައިސާ ރާއްޖެއިން ބޭރު ކުންފުނި / ބޭންކުތަކަށް ވަނަސްވެސް ރާއްޖޭގެ ޖީޑީޕީ ހިސާބުކުރުމުގައި އެ ފައިސާ ހިމަނާނެއެވެ.

ޔޫއެން ގެ މިންގަނޑުތައް

މިސަބަބުތަކަށްޓަކައި ޔޫއެން ގެ އިދާރާތަކުން ގެންގުޅޭ އިންޑިކޭޓާ އަކީ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް އެވެ. ގައުމުތަކުގެ ކުރިއެރުން މިނެކިރައި މިންތިކުރުމުގައި ޔޫއެން އިން ޖީޑީޕީ އާއި އެކު ދެން ބަލާ އެހެން ކަންކަމަކީ އާއްމުންގެ ލައިފް އެކްސްޕެކްޓެންސީ، ލިޔެކިޔަންދަންނަ ނިސްބަތް، ސްކޫލަށް ކުދިން ވައްދާ މިންވަރު ފަދަ ކަންކަމެވެ. މިގޮތުން މަލްޓިޑައިމަންޝަނަލް ޕޮވަޓީ އިންޑެކްސް އަކީ މީހުންގެ ހާލަތު ބެލުމުގައި ހިއުމަން ޑިވެލޮޕްމަންޓް ރިޕޯޓު އޮފީހުން ބޭނުންކުރާ އިންޑިކޭޓާއެކެވެ. ކުރިއެރުމަށްޓަކައި ލިބެންޖެހޭ ހިދުމަތްތަކުން މީހުން މަހުރޫމުވާ މިންވަރު މި އިންޑިކޭޓާއިން ބަލާނީ މައިގަނޑު ތިން ދާއިރާ އަކަށް ބިނާކޮށެވެ. އެއީ ސިއްހަތު، ތައުލީމު އަދި ދިރިއުޅުމުގެ ހާލަތެވެ.

ރައްޔިތުންގެ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ފެންވަރު ބެލުން

ޖީޑީޕީ ހިސާބުކުރުމުގައި ރައްޔިތުން މަސައްކަތުގައި ހޭދަކުރާ ވަގުތާއި، އަރާމާއި އުފާވެރިކަމަށް ލިބޭ ހުސްވަގުތު ނުހިމަނައެވެ. އެމެރިކާގެ ބޮލަކަށް ޖެހޭ ޖީޑީޕީގެ ނިސްބަތް ޑެންމާކުގެ ބޮލަކަށް ޖެހޭ އަދަދަށްވުރެ ބޮޑެވެ. ނަމަވެސް އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ޑެންމާކުގެ ރައްޔިތުންނަށް ވުރެ ރަނގަޅެއް ނޫނެވެ. އެމެރިކާގެ މަސައްކަތްތެރިން ހަފްތާއަކު 37.5 ގަޑިއިރު މަސައްކަތަށް ހޭދަކުރާއިރު ޑެންމާކުގެ މަސައްކަތްތެރިން ހަފްތާއަކު މަސައްކަތްކުރަނީ 33 ގަޑިއިރެވެ. ނަތީޖާއެއްގެ ގޮތުން އަރާމުކުރުމާއި ރޫހާނީ އަދި މާއްދީ ގޮތުން ތަރައްގީވުމުގެ ބާރު އެގައުމުގެ ރައްޔިތުންނަށް ބޮޑަށް ފަހިވެ އުފާވެރިކަން އިތުރުވެއެވެ.

ދިރިއުޅުމާއި މެދު ރައްޔިތުން ހިތްހަމަޖެހޭ މިންވަރު ބެލުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކަކުން ހާއްސަ ސަމާލުކަމެއް ދެއެވެ. މި ވަޒަންކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި އަސާސީ ހިޔާވަހިކަމާއި ސިއްހީ އަދި ތައުލީމީ ދާއިރާގެ ބޭރުން އެހެން ކަންކަން ބަލައެވެ. މިގޮތުން، ގްރޮސް ނެޝަނަލް ހެޕިނެސް އަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި އުފާވެރިކަން ވަޒަންކުރުމަށްޓަކައި ބޫޓާންގެ ސަރުކާރުން ގެންގުޅޭ އިންޑިކޭޓަރއެކެވެ. ހެޕިނެސް އިންޑެކްސް އިން ބަލާ ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މުދާވެރިކަން، ގެދޮރުވެރިކަން، ދިރިއުޅުމާމެދު ހިތްހަމަޖެހޭ މިންވަރު، ޕޮޒިޓިވް އަދި ނެގަޓިވް އިހުސާސްތައް، ނަފްސާނީ ދުޅަހެޔޮކަން، ނުކުޅެދުންތެރިކަމުގެ މިންވަރު، މަސައްކަތާއި ނިދުމަށް ހޭދަކުރާ ވަގުތު، އާއިލީ ގުޅުން، ސަލާމަތާއި ރައްކާތެރިކަން، ތަރައްގީއާއި އެކު ކުރިމަތިވާ މައްސަލަތައް (އާބަނައިޒޭޝަން އިޝޫސް) ފަދަ ކަންކަން ބަލައެވެ.

އީޔޫގައި ނަމަ “ކޮލިޓީ އޮފް ލައިފް” ސާވޭ މެދުވެރިކޮށް ބަލާ މުހިންމު ކަންކަމުގެތެރޭގައި، ރައްޔިތުން ވަޒީފާ ނުވަތަ އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ހޭދަކުރާ ވަގުތާއި، ދިރިއުޅުމުގެ ކަންކަމަށް ހޭދަކުރާ ވަގުތު ހަމަޖެހޭ މިންގަނޑެއްގައި ހިފެހެއްޓޭ މިންވަރު ބަލައެވެ. ކެނެޑާގެ “އިންޑެކްސް އޮފް ވެލްބީން” އިން ރައްޔިތުންގެ ދުޅަހެޔޮކަން، އިޖުތިމާއީ ގުޅުންތައް ވަރުގަދަ މިންވަރު، ޑިމޮކްރަސީގައި ރައްޔިތުން ބައިވެރިވާ މިންވަރު، ރައްޔިތުންގެ ވަގުތު ބޭނުންކުރާ ގޮތް އަދި މިނޫންވެސް މިފަދަ އެކި ދާއިރާތަކުން ރައްޔިތުންގެ ހާލަތާއި އުފާވެރިކަން ވަޒަންކުރެއެވެ.

ޖީޑީޕީ އަކީ ގައުމެއްގެ އުފެއްދުންތެރިކަން ވަޒަން ކުރުމަށް ބޭނުންތެރި އިންޑިކޭޓާއެއް ކަމަށް ބުނެވިދާނެއެވެ. ނަމަވެސް ހަމަ އެކަނި މި އިންޑިކޭޓާ ބޭނުންކޮށްގެން ރައްޔިތުންގެ ތަރައްގީއާއި ތަހުޒީބު އަދި ދުޅަހެޔޮކަން މިނެނުކިރޭނެއެވެ. ވައުދު ނާމާ އެއް ނުވަތަ  ޖީޑީޕީ ހުރި ހިސާބެއް ނުވަތަ ސިޔާސީ ފަރާތްތަކުން ވައުދުފުއްދިއްޖެ ކަމަށް ބުނާ ބުނުމަކަށް ބިނާކޮށް އެކަނި ރައްޔިތުންނަށް ކުރިއެރުން ލިބުނުކަމަށް ނިންމިދާނެތޯއެވެ؟ ނުވަތަ ރައްޔިތުންގެ އުފާވެރިކަމާއި ކުރިއެރުމަށް ހަގީގަތުގައި މުހިންމު ކަންކަން ހުރި ހިސާބާއި މިންވަރު ބަލައިގެން މެނުވީ ހަގީގީ ތަރައްގީގެ ހާސިލުވަމުން އަންނަ މިންވަރު ކަނޑައެޅިދާނެތޯއެވެ؟

ރިއެކްޝަންސް
2
1
1
0
1
0
0