ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް 10 އަހަރު: އަނިޔާގެ މައްސަލަތައް ދަނީ އިތުރުވަމުން!

24 އެޕްރީލް 2022 - 13:13

ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާ ވާހަކަތަކަކީ އާ ވާހަކަ އެއް ނޫނެވެ. މި ކުޑަ ކުޑަ ރާއްޖޭގައިވެސް ކޮންމެ ދުަވަހަކު ކަހަލަ ގޮތަކަށް މިބާވަތުގެ އެތަށް މައްސަލަތަކެއް ލޯ ކުރިމަތިން ފެންނަން ހުރެ އެވެ. އެކަމަކު ރިޕޯޓު ކުރަނީ މަދު ބައެކެވެ. ނަމަވެސް ނިސްބަތުން މައްސަލަތައް މަދެއް ނޫނެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ފެމިލީ ޕްރޮޠެކްޝަން އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މީގެ 10 އަހަރު ކުރިއާ އަޅާ ބަލާއިރު މިހާރު އެންމެ ގިނައިން ހުށަހަޅަނީ ބަހުގެ ހަމަލާ އާއި ބިރުދެއްކުމާއި ނަފުސާނީ އަނިޔާގެ މައްސަލަތަކެވެ. ކުރިން ނަމަ އެންމެ ގިނައީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ.

advertisement

އެގޮތުން އެފަދަ 498 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޖިސްމާނީ އަނިޔާދިނުމުގެ މައްސަލަ ކަމަށާއި އެގޮތުން އެފަދަ 390 މައްސަލައެއް މިދިޔަ އަހަރު އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން ބިރު ދެއްކުމުގެ 317 މައްސަލައާއި ޖިންސީ އަނިޔާ ކުރުމުގެ 90 މައްސަލައަކާއި ގެވެށި އަނިޔާ ކުރާތަން ކަނޑައެޅިގެން އެނގިހުރެ ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުމާއި އަދި އެފަދަ އަމަލެއް ފެންނާނެ ނުވަތަ އަޑުއިވޭނެ ހާލަތަކަށް ކުޑަކުދިން ގެންދިޔުމުގެ 154 މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ފިރިހެނުންގެ ފަރާތުން ގެވެށި އަނިޔާ ލިބިގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް 723 މައްސަލަ އެއް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އެންމެ ގިނައީ އަންހެނުންނާއި އަންހެންކުދިންނަށް އެކި ބާވަތުގެ ގެވެށި އަނިޔާކުރުމުގެ މައްސަލަތަކެވެ.

އަންހެން ކުދިންނަށް އެކި ބާވަތުގެ ގެވެށި އަނިޔާ ކުރުމުގެ 146 މައްސަލައެއް ހުށަހަޅާފައިވާއިރު އަންހެނުންނަށް ކުރާ އަނިޔާގެ 408 މައްސަލައެއް އެ އޮތޯރިޓީ އަށް މިދިޔަ އަހަރު ވަނީ ހުށަހަޅައިފަ އެވެ. އަދި ފިރިހެންކުދިންނަށް އަނިޔާ ކުރުމުގެ 92 މައްސަލައެއް ހުށަހަޅާފައިވާއިރު ފިރިހެނުންނަށް އަނިޔާކުރުމުގެ 77 މައްސަލައެއް އެ އޮތޯރިޓީއަށް މިދިޔަ އަހަރު ވަނީ ހުށަހަޅައިފަ އެވެ.

ރިއެކްޝަންސް
0
0
0
0
0
0
0