ވަކި ޖިންސަކަށްވީތީ ކުރާ ތަފާތުކުރުންތަކުގެ ސަބަބުން ބޮޑު އަސަރެއް

4 މެއި 2022 - 16:55

ވަކި ޖިންސަކަށްވީތީ މުޖްތަމައު ދެކޭ ގޮތުގެ ސަބަބުން މެންޓަލް ހެލްތަށް އަސަރުކުރެއެވެ. ފިރެހެނުންނަކީ ނުވަތަ އަންހެނުންނަކީ މިވެނި އެވެނި ގޮތަކަށް އުޅެންޖެހޭ ނުވަތަ ކަންކަން ކުރަންޖެހޭ ބައެއް ކަމަށް މުޖްތަމައުގައި ވާހަކަދައްކައެވެ.

ހޯދުންތަކުން ދައްކާގޮތުގައި މުޖްތަމައުގެ މިފަދަ ވިސްނުންތަކުގެ ސަބަބުން އަންހެނުންނާއި އަދި ފިރެހެނުންނަށްވެސް އަސަރުކުރެއެވެ. މިފަދަ ވިސްނުންތަކުގެ ސަބަބުން މެންޓަލް ހެލްތްގެ މައްސަލަތަކަށް ފަރުވާ ހޯދާ ފިރެހެނުންގެ އަދަދު އަންހެނުންނަށްވުރެ މަދެވެ. އަދި މެންޓަލް ހެލްތްގެ މިފަދަ މައްސަލަތަކުގައި އަމިއްލައަށް މަރުވާ ފިރެހެނުންގެ އަދަދު އަންހެނުންނަށްވުރެ ފިރެހެނުން 4 ގުނަ އިތުރުކަމަށްވެސް ދިރާސާއިން ދައްކައެވެ.

advertisement

މުޖްތަމައުގައި އަންހެނުންނާއި ފިރެހެނުންނާއި މެދު ގެންގުޅޭ ވިސްނުންތަކުގެ ތަފާތުކަމުގެ ވާހަކަދަައްކާއިރު އޭގެ އެއް މިސާލެއް ދަންނަވާލާނަމަމެވެ. ފިރެހެނުންނަކީ އަންހެނުންނަށްވުރެ ބާރުގަދަ ބަޔަކަށް ވާންޖެހޭނެކަމަށާއި އަދި ކަމަކާއި ދެރަވެގެން ރޯނަމަ އެމީހުންނަކީ ފިނޑިންކަމުގައި މުޖްތަމައުގައި ލޭބަލްވެއެވެ. އަދި ކެއްކުން ފަދަ ކަމަކަށް ފިރެހެނުންގެ ޝައުގުވެރިކަން ހުންނަަމަ އެއީ “އަންހެންދުޅާ” މީހެއްކަމަށް ބުނާ ފަހަރުވެސް މުޖްތަމައުގައި އެބަ ދިމާވެއެވެ. މިފަދަ ކަންކަމުގެ ސަބަބުން އެމީހަކަށް މެންޓަލް ހެލްތްގެ އެކި ކަންކަމާއި ކުރިމަތިލާންޖެހެއެވެ. އޭގެތެރޭގައި ޑިޕްރެޝަން އަދި އެންޒައިޓީއަށް ދިއުމާއި، އެހެންމީހުންގެ ތެރޭގައި އުޅެން އުނދަގޫވުމާއި، އަމިއްލަ ނަފަސަށް އޮންނަ ޔަޤީންކަން ކުޑަވުމާއި، އެހެންމީހުންނާއި ވާހަކަދައްކައި ގުޅުންތައް ދަމަހައްޓަން އުނދަގޫވުން ފަދަ ކަންކަން ދިމާވެއެވެ.

ފިރެހެނުންނާއި އެއްފަދައިން ޖިންސީ ތަފާތުކުރުންތަކުގެ ސަބަބުން އަދި މުޖްތަމައު ދެކޭ ގޮތުގެ ސަބަބުން އަންހެނުންނަށްވެސް ޑިޕްރެޝަންެއާއި އެންޒައިޓީ ފަދަ ކަންކަމާއި ކުރިމަތިލާންޖެހެއެވެ. އެގޮތުން ޖިންސީ ފުރައްސާރައިގެ ސަބަބުން އަންހެނުން “ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރ” ތަހައްމަލް ކުރާ މިންވަރު އިތުރެވެ. އަދި މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރެހެނުންގެ މެދުގައި ވަރަށް ބޮޑު ތަފާތުކުރުމެއް އޮންނަކަމަށް ދައްކައެވެ. އެގޮތުން ފިރެހެނުންނާއި އަޅާބަލާއިރު އަންހެނުންނަށް މަސައްކަތުގެ ކުރިއެރުން ދޭ މިންވަރާއި ކުރާ މަސައްކަތައް އުޖޫރަދޭ މިންވަރު ދަށްކަމަށް ދައްކައެވެ. މީގެސަބަބުން އެމީހުންނަށް ނަފްސާނީ އަދި ޖިސްމާނީގޮތުން އަސަރުކުރާކަމަށް ދައްކައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0