ރިޕޯޓު: ސިވިލްސާވިސް ކޮމިޝަންގެ އިހުމާލުން އެއް މަގާމެއްގައި އެއް މުސާރައެއްގައި 15 އަހަރު!

7 މެއި 2022 - 14:22

މަސައްކަތްތެރިޔާ ނަގާ ޒިންމާ  އާއި ރިސްކާ އެއްވަރުގެ އުޖޫރައެއް ލިބުމާއި، މަސައްކަތްތެރިޔާ އަދި އޭނާގެ އާއިލާ އަށް އަބުރުވެރިކަމާއި އެކު އުޅެވޭ ވަރުގެ މުސާރައެއް ލިބުން، އަދި ކެރިއަރ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް އޮތުމަކީ ކޮންމެ މަސައްކަތްތެރިއަކަށް ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކަށް ތަފާތުކުރުމެއް ނެތި ލިބިދޭން ޖެހޭ އަސާސީ ހައްޤެކެވެ. ސިއްހީ ހިދުމަތަކީ، އަސާސީ އަދި ކްރިޓިކަލް ހިދުމަތެއް ކަމުން މިއިން އެއްވެސް ފަރާތެއްގެ ހިދުމަތް މެދުކެނޑި، ނުވަތަ ހިދުމަތުގެ ފެންވަރު ދަށްވުމަކީ މުޖްތަމައުގެ އާއްމު ސިއްހަތަށް އަސަރުކުރުވާނެ ކަމެކެވެ.

ސިވިލް ސާވިސް ގާނޫނު ބުނާގޮތުން، މަސައްކަތްތެރިންނަށް މުސާރައިގެ ކުރިއެރުން ދެވޭނީ ވަޒީފާގެ އޮނިގަނޑެއް އޮވެގެންނެވެ. 2009 ވަނަ އަހަރު ސިވިލް ސާރވިސް ކޮމިޝަން އުފެދުމަށް ފަހު ޓެކްނިކަލް ދާއިރާތަކުގެ މަސައްކަތްތެރިންގެ ވަޒީފާގެ އޮނިގަނޑުތައް، އެކުލަވަލައި ހެދުމުގެ މަސައްކަތް އެ ކޮމިޝަނާއި މަތިކުރެވިގެން ދިޔުމުގެ ސަބަބުން އެ އަހަރުންފެށިގެން ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ލިބުން ހުއްޓުނެވެ. އެހެން ކަމުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ފިޔަވައި އެހެން ހުރިހާ މަސައްކަތްތެރިން ކެރިއަރ ބޭސްޑް ވަޒީފާގެ އޮނިގަނޑެއް ނެތި މަސައްކަތް ކުރަމުން އަންނަތާ މިއީ 15 ވަނަ އަހަރެވެ. މިހާ ގިނަ އަހަރުތަކެއް ފާއިތުވެގެން ދިޔައިރުވެސް ސިވިލް ސާވިސް ކޮމިޝަނަށް މި އޮނިގަނޑުތައް ފާސް ނުކުރެވުނީ ކީއްވެގެންތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

advertisement

 މަސައްކަތްތެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ ކޮބާ؟

ސިއްހީދާއިރާގެ މަސައްކަތްތެރިންގެ އެންމެ ބޮޑު ޝަކުވާ އަކީ މަގާމުގެ ކުރިއެރުން ނުލިބުމާއި މުސާރައިގެ ކުރިއެރުން ނުލިބުން އަދި ކުޑަ އުޖޫރައަށް ގިނަވަގުތު މަސައްކަތް ކުރަންޖެހުމެވެ. 2019 އިން ފެށިގެން، 2021 ވަނަ އަހަރު ފެށުމާއި ހަމައަށް، ސިއްހީ ދާއިރާގެ ތަންފީޒްކުރެވިފައިވަނީ، 2 ގިންތިއެއްގެ 5 އޮނިގަނޑެވެ. އެއީ ޑަކްޓަރުންނާއި ނަރުހުންގެ އޮނިގަނޑެވެ. އޮނިގަނޑު ނުނިންމައި 23 ދާއިރާއެއް ވެއެވެ. އޮނިގަނޑެއް ނެތުމުގެ ސަބަބުން ޑިގްރީ ހަދައިގެން ވެސް ވަޒީފާގެ ކުރިއެރުން ނުލިބި 15 އަހަރު ވެފައިވާ މުވައްޒަފުން އެބަތިބިކަން ފާހަނގަ ކުރަމުން މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ޒިމްނާ ބުނީ މި ކަމަކީ، މަސައްކަތްތެރިންގެ މެދުގައި ފިތުނަވެރިކަން އުފެދި، އެމީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރު ކުރުމާއި އެކު، މިކަންމިހެން އޮތުމުގެ ސަބަބުން މޯރަލިޓީ ދަށްވެ އެމީހުންގެ ސޯޝަލް ސެކުއިރިޓީއަށް އަސަރު ކުރާ ކަމަށެވެ.

“މިކަމާއިމެދު ވަކި ވަކި މަސައްކަތްތެރިން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް ސިޓީވެސް ލިޔުނު. ޖަވާބުގައި އެބޭފުޅުން ވިދާޅުވެފައިވަނީ އޮނިގަނޑުނެތުމުން ވަޒީފާގެ ކުރިއެރުން ދެވެން ނެތްކަމަށް. އެކަމަކު އޮނިގަނޑު ނެތުމަކީ މަސައްކަތްތެރިޔާގެ ކުށެއް ނޫން” ޒިމްނާ އިތުރަށް ވިދާޅުވިއެވެ.

އޮނިގަނޑުގެ މަސައްކަތް މިހާރު އޮތް ހިސާބު

ޕަބްލިކް ހެލްތް އޮފިސަރުން، ކޮމިއުނިޓީ ހެލްތް އޮފިސަރުން އަދި މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންގެ އޮނިގަނޑު ފާސްކުރުމަށްފަހު ސިވިސް ސާވިސް ކޮމިޝަނުންވަނީ ޕޭކޮމިޝަންއަށް ފޮނުވާފައެވެ. ބާކީ ހުރި އޮނިގަނޑުތައް ވަނީ ފާސްކުރުމުގެ މަގުމަތީގައެވެ. އެހެންނަމަވެސް، ޕޭކޮމިޝަންގެ ޕޭހާމަނައިޒޭޝަން މަސައްކަތްތަކާއި ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތްތައް “އޮބްސިލޫޓް” ވީއެވެ.

މާސްޓާސް އަދި އޭގެ މަތީ ފާހެއް އޮތަސް އަސާސީ މުސާރަ 6500 އަށް ނާރާ!

ސިއްހީ ދާއިރާގެ މަސައްކަތްތެރިންގެ ވަޒީފާގެ އޮނިގަނޑު ނެތުމުގެ ސަބަބުން މި ދާއިރާގެ 60 އިންސައްތަ މުވައްޒަފުންމިވަނީ ވަޒީފާގައި ހުރިހިސާބުގައި ހަރުލައި މަގާމާއި މުސާރައިގެ ކުރިއެރުމުގެ ހައްގުން ބާކީ ކޮށްފައެވެ. އޮނިގަނޑު ނެތް ދާއިރާއެއްގެ ވަޒީފާއަކަށް މާސްޓާސް ނުވަތަ ޕީއެޗްޑީ ހަދައިގެން ވަނަސްވެސް އެ މަސައްކަތްތެރިއެއްގެ މިހާރުގެ އަސާސީ މުސާރައަކީ 6295 އާއި 5610 އާއި ދެމެދުގެ މުސާރައެކެވެ. މިސާލަކަށް ލެބޯޓަރީ ޓެކްނީޝަނެއްގެ ޝަރުތަކީ ޑިގްރީ ނުވަތަ މާސްޓާސް އެވެ. އަސާސީ މުސާރައަކީ 6295 ރުފިޔާއެވެ.

މިހާ ކުޑަ އުޖޫރައަކަށް ހަފްތާއަކު 7-6 ދުވަހު، ދުވާލަކު 10 ގަޑި އިރު މި ދާއިރާގެ މަސައްކަތްތެރިން މަސައްކަތް ކުރަންޖެހެއެވެ. ރަށްރަށުގެ މަސައްކަތްތެރިން 7/24 ތިބެން ޖެހެނީ އޮންކޯލްގައެވެ.

ދާއިރާއަށް ބޭނުންވާ މަސައްކަތްތެރިން ބިނާކޮށްފައި ނެތް

ސިއްހީ ދާއިރާގެ ފަންނީ ދާއިރާތަކަށް ބޭނުންވާ ވަރަށް ދިވެހިން ތަމްރީނުވެފައި ނެތް އިރު، ދާއިރާގައި މިހާރު ތިބި މަސައްކަތްތެރިންވެސް ވަޒީފާ ދޫކުރާލެއް ވަރަށް ގިނައެވެ. އަދި އަލަށް މި ވަޒީފާތަކަށް މީހުން ލިބޭ މިންވަރުވެސް ދަށްވެ ބިދޭސީންނަށް ބަރޯސާ ވާން ޖެހޭ ހިނދު މުސާރަތައް ކުޑަވުމަކީ ފެންވަރު ރަގަޅު މީހުން ސިއްހީ ދާއިރާއަށް ހޯދަން ދަތިވާ ސަބަބެއްކަން ހާމަވެއެވެ.

“ނެޝަނަލް ހެލްތް ވާރކް ފޯސް ސްރެޓެޖިކް ޕްލޭން 2014-2018ގައި” ފާހަގަކޮށްފައިވާ ގޮތުން ސިއްހީ ދާއިރާގެ ހިއުމަން ރިސޯސް މެނޭޖްކުރުމަށް ހުރި ގޮންޖެހުން ތަކުގެ ތަރޭގައި؛

  • ކެރިއަރގައި ނުވަތަ ޕްރޮފެޝަނަލީ ކުރިއަށް ދެވޭނެ މަގު ނެތުން.
  • ބިދޭސީ މަސައްކަތްތެރިންނަށް، ސިއްހީ ދާއިރާ ބިނާވެފައިވުން.
  • ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރިއެރުވުމަށް ކުރާ ހޭދަ މަދުވުމާއި، މިހާރު އޮތް ލޭބާ ފޯސް ރިޓެއިން ކުރެވޭނެ ނިޒާމެއް ނެތުން ފާހަނގަކޮށްފައިވެއެވެ.

މި ސަބަބުތަކާއި ހެދި ސިއްހީ މަސައްކަތްތެރިން ވަޒީފާއިން ވަކިވާ މިންވަރު މަތިވުމާއި، ރަނގަޅު ބިދޭސީ ޕްރޮފެޝަނަލްސް ހޯދުން ދަތިކަން ފާހަނގަކޮށް މި ޕްލޭންގައި ހާމަކޮށްފައިވަނީ ސިވިލް ސާރވިސް ކޮމިޝަންއިން އެޕްރޫވް ކޮށްފައިވާ މަގާމުތަކުގެ ތެރެއިން އެވްރެޖްކޮށް(ހުރިހާ ގިންތިއެއް ހިމެނޭހެން) 43 އިންސައްތަ މަގާމުތައް އޭރު ހުރީ ހުސްކޮށް ކަމަށެވެ.

އޮނިގަނޑު ނެތް ވާހަކައަކީ ހުސް ބަހަނާއެއްތަ؟

އައިޖީއެމްއެޗް ގެ ލެބޯޓަރީގައި މަސައްކަތް ކުރާ މަސައްކަތްތެރިއަކު ނަން ހާމަ ނުކުރަން އެދެމުން ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ވަޒީފާގެ އޮނިގަނޑުގެ ވާހަކައަކީ މުވައްޒަފުންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތް ކުރުވުން ދެމެހެއްޓުމަށްޓަކައި ދައްކާ ބަހަނާއެކެވެ. އެއްދުވަހުން ވެސް ބޭނުމިއްޔާ މިކަން ކުރެވޭނެ ކަމަށާއި، މިހާތަނަށްވެސް ވޭތުވެދިޔަ ހުރިހާ ސަރުކާރަކުންވެސް އެ އެޑްމިނިސްޓްރޭޝަން އިން ބޭނުން ކަމެއް ވަގުތުން ވަގުތަށް ނިންމާ ތަންފީޒު ކޮށްފައި އެބަހުރި ކަމަށް ބުނަމުން އޭނާ ބުނީ ކިރިޔާވެސް އެހެން ގޮތެއް އޮތް މީހެއް ނަމަ ވަޒީފާ ދޫކޮށްދަނީ ކަމަށާއި މިހާރު ވަޒީފާގައި ތިބި ގިނަ މީހުންނަކީ މަޖުބޫރު ހާލަތުގެ ސަބަބުން އެހެން ގޮތެއް ނެތިގެން ތިބި މީހުން ކަމަށެވެ.  

“ޝަކުވާ ކުރުމުން ސިޔާސީ ފަރާތްތަކުން އެބަ ބުނޭ ތިއީ އާއްމު ހިދުމަތެކޭ. ގައުމީ ހިދުމަތެކޭ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެއޭ. މިފަދަ ވާހަކަތައް. މިއީ މަސައްކަތްތެރިންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތްކުރުވުމަށްޓަކައި ޒަމާނުއްސުރެންވެސް ބާރުގަ ތިބޭ ފަރާތްތަކުން ދައްކާ ވާހަކައެއް” އޭނާ އިތުރަށް ފާހަނގަކުރިއެވެ.

މުސާރައިގެ ކުރިއެރުމާއި ވަޒީފާގެ ކުރިއެރުން ދިނުމުގައި މުދައްރިސުން، ނަރުހުން، ޑަކްޓަރުން އަދި ޕްރައިމަރީ ޓީޗަރުން ތަރުތީބަކަށް ލާފައިވުމުން އެއް ދާއިރާއަށް ވުރެ އަނެއް ދާއިރާގެ މަސައްކަތްތެރިންގެ މުހިންމުކަން ކުޑަކަމަށް ސަރުކާރުން ދެކޭކަން ހާމަވެއެވެ. ކޮންމެ މަސައްކަތްތެރިއަކީ ވެސް މުހިއްމު މަސައްކަތެއް ހިދުމަތެއް ފޯރުކޮށްދޭ ފަރާތެކެވެ. އެމަސައްކަތާއި އެކަށޭނަ އުޖޫރަ އާއި، ވަޒީފާގައި ކުރިއަށް ދެވޭނެ ނިޒާމެއް ލިބުމުގެ ހައްގަކީ ކޮންމެ މަސައްކަތްތެރިއަކަށްވެސް ލިބިފައިވާ ހައްގެކެވެ.

ސިއްހީ ދާއިރާގެ އޮނިގަނޑުތައް ފާސްވެ ތަންފީޒުވެގެން ދިއުމަކީ، މުވައްޒަފުން ޒިންމާދާރު ކުރުމަށާއި އަދި ފެންވަރު ރަގަޅު މުވައްޒަފުން، ނުވަތަ ސިއްހީ ދާއިރާއަށް ސްކޫލް ނިންމާ ކުދިން “އެޓްރެކްޓް”، ކުރުވުމަށް މުހިއްމު ބަހާއެކެވެ. “މި އޮނިގަނޑުތައް ފާސްވުން ވެގެންދާނީ ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅުކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓަކަށް”، މުއައްޒަފުންގެ ފެންވަރު ވަޒަންކޮށް، މަސައްކަތުގެ އަހުލާގު ވަޒަން ކުރެވޭނެ ނިޒާމެއް ގާއިމުވެ މިނިމަމް، ސްޓޭންޑްޑަންޑްތަކެއް ކަނޑަ އެޅި، ޕްރޮފިޝިއަންސީ ޓެސްޓިން ހެދުމަށް މަގު ފަހިކުރުމަށްޓަކައި ވެސް ވަޒީފާގެ އޮނިގަނޑު ފާސްވުން ވަރަށް މުހިންމު ކަމަށް ޒިމްނާ ގަބޫލުކުރެއެވެ.

މި މައްސަލައިގައި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި ސިއްހީދާއިރާގެ މަސައްކަތްތެރިންގެ ޔޫނިއަންއިން ވަނީ ހިމޭން މުޒާހަރާއެއް ކޮށްފައެވެ. 600 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވި މި އިހުތިޖާޖަށް ސަރުކާރުން އިޖާބައެއް ދީފައެއް ނުވެއެވެ. މިކަމާއި މެދު އަޑުއުފުލުމަށް އިތުރު އެހެން ހަރަކާތެއް ކުރިއަށްގެންދާނެތޯ ސުވާލުކުރުމުން ޒިމްނާ ބުނީ ކުރިއަށްވުރެ ބޮޑަށް މިކަމުގައި އިހުތިޖާޖުކުރަން މަސައްކަތްތެރިން ބޭނުންވާކަމަށާއި އެފަދަ ހަރަކާތްތައް ރާވަމުން އަންނަ ކަމަށެވެ.

އޮނިގަނޑެއް ނެތި ކުޑަ މުސާރައިގައި މަސައްކަތް ކުރާ ދާއިރާތައް

ސިއްހީ ދާއިރާގެ ސަބް ދާއިރާތަކުގެ ތެރެއިން އޮނިގަނޑު ނެތް ދާއިރާތަކަކީ، ބަޔޯމެޑިކަލް ދާއިރާ، މެޑިކަލް އިމޭޖިންގ އެންޑް ތެރަޕިއުޓިކް އިކިއުޕްމަންޓް ޓެކްނިލޮޖިސްޓުން، މެޑިކަލް އަދި ޑެންޓަލް ޕްރޮސްތެޓިކް ޕްރޮފެޝަނަލުންނާއި ޓެކްނީޝަނުން، މެޑިކަލް އެސިސްޓެންޓުން،  ހެލްތް ލެބޯރަޓަރީ ދާއިރާ، ފުޑް ސޭފްޓީ އޮފިސަރުންގެ ދާއިރާ، ޑެންޓަލް ހައިޖީނިސްޓުންނާއި ޑެންޓަލް އެސިސްޓެންޓުން، ޑައިޓީޝަނުން، އޯޑިއޮލޮޖިސްޓުންނާއި ސްޕީޗް ތެރަޕިސްޓުން، ޕޯޓް ހެލްތް އޮފިސަރުންނާއި ހެލްތް އިންސްޕެކްޓަރުން، ފީޒިއޯތެރަޕިސްޓުން، ކޮމިއުނިޓީ ހެލްތް އޮފިސަރުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުން، ރެސްޕިރޭޓަރީ ތެރަޕިސްޓުން، ފާމަސިސްޓުން، މެޑިކަލް ރިކޯޑްސް އަދި ހެލްތް އިންފޮމޭޝަން ޓެކްނީޝަނުން، ޕްރަމެޑިކް އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، އޮޕްޓޮމެޓްރިސްޓުން، ޗައިލްޑް ކެއަރ ދާއިރާ، ސައިކޮލޮޖިސްޓުންގެ ވަޒީފާގެ އޮނިގަނޑު، ކައުންސެލަރުން، ޕޭޝަންޓް ކެއަރ ސުޕަވައިޒަރުންނާއި އެޓެންޑެންޓުން، ބިހޭވިއަރަލް ތެރަޕިސްޓުން، ޕަބްލިކް ހެލްތް އޮފިސަރުންގެ ދާއިރާއެވެ. އަދި މީގެ އިތުރުން، ސަޕޯރޓް ކެޓަގަރީން، ފަންނީ މަސައްކަތްތެރިން (މެކޭނިކުން، އިނޖިނޭރުން، އިލެޓްރީޝަނުން، ސްޓެރިލައިޒޭޗަން ޓެކްނީޝަނުން އަދި އިދާރީ މުވައްޒަފުންނަކީ ވެސް ކެރިއަރ ޕާރތްވޭއެއް ބޭނުންވާ ފަރާތްތަކެއް އެހެނަސް ޓެކްނިކަލް އޮނިގަނޑުތައް ނެތުމުގެ ސަބަބުން، ކުރިއެރުން ނުލިބޭ މަސައްކަތްތެރިންނެވެ.

ރިއެކްޝަންސް
0
3
0
3
0
3
5