މިއަދުގެ ފާހަނގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

7 މެއި 2022 - 18:42

ޤައުމީ ހެލްތު ލެބޯޓްރީއާއި، ވެކްސިން ފެސިލިޓީގެ ޚިދުމަތް އަންނަ އަހަރު ފެށޭނެ

ނޭޝަނަލް ހެލްތު ލެބޯޓްރީއާއި، ސެންޓްރަލް ވެކްސިން ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ ތެރޭގައި ޚިދުމަތްދޭން ފެށޭނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ ނެޝަނަލް ހެލްތު ލެބޯޓްރީ ޤާއިމްކުރުމަށް ބޭނުންވާ ފައިސާއާއި ބިންވެސް ހަމަޖެހިފައިވާކަމަށް. އެގޮތުން ސަރުކާރުން ކުރެއްވި މަސައްކަތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި 18.5 މިލިއަން ޔޫރޯގެ އެހީ ދިވެހި ސަރުކާރަށް މިހާރު ލިބިފައިވާކަމަށާއި، އެ ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އާދިލް ވިދާޅުވި.

advertisement

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބުނު އާމްދަނީ 30 އިންސައްތަ އިތުރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް 550 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި ލިބުނު 423 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 30 އިންސައްތަ އިތުރު އަދަދެއް.

ސަރުކާރުގެ ސަބްމެރިން ކޭބަލާއެކު އިންޓަނެޓްގެ އަގު އިތުރަށް ހެޔޮވާނެ: ފައްޔާޒް

ސަރުކާރުން ޤާއިމްކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަނެޓް ކެޕޭސިޓީ އިތުރުވެ، މިހާރަށްވުރެ އަގު ހެޔޮވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ.

ފައްޔާޟް އިސްމާއިލް ވިދާޅުވީ، ދުރު ރާސްތާގައި އިޤްތިޞާދު ސިންދަފާތުކުރުމުގެ ގޮތުން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް.

ތައިލޭންޑް ޑައިވް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވެއްޖެ

ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި، ތަފާތު ތަޖުރިބާތައް ތައިލޭންޑް ޑައިވް އެކްސްޕޯގައި އެމްއެމްޕީއާރުސީން އިޝްތިހާރުކުރަން ފަށައިފި.

ތައިލޭންޑް ޑައިވް އެކްސްޕޯއަކީ އެޤައުމުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ހަރަކާތެއް. މިއީ ޑައިވިން، އަދި އަންޑާވޯޓަރގެ އެކި ހިދުމަތްތަކާއި، އުފެއްދުންތައް ވިއްކާ، އަދި ގަންނަން ބޭނުން ފަރާތްތައް އެއްތަނަކުން ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދޭ ހަރަކާތެއް.

180 ޖަލު އޮފިސަރުން ހޯދަނީ

ކަރެކްޝަނަލް ސާވިސް އިން އިއުލާނުކޮށްފައި ވަނީ 180 ޕްރިޒަން އޮފިސަރުން ހޯދުމަށް.

މި ވަޒީފާގެ އަސާސީ މުސާރައަކީ މަހަކު 6050 ރުފިޔާ. ލިވިން އެލަވަންސްގެ ގޮތުގައި 2500 އަދި ޔުނިފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ ލިބޭ. މީގެ އިތުރުން ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 45 ޕަސެންޓް ލިބޭނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވޭ.

ރިއެކްޝަންސް
0
0
0
0
0
0
0