ހޫނު މިން 50 ޑިގްރީ އަށް. މިއީ އިންސާނުންގެ ސެލްތައް ކެކެން ފަށާ ހޫނުމިންވަރު

12 މެއި 2022 - 12:42

ދުނިޔެ ދެކެމުން މިދަނީ މީގެ ކުރިން އިންސާނުންނާ ކުރިމަތިނުވާފަދަ ސީރިއަސް މޫސުމީ ބަދަލުތަކެކެވެ. މި ހިނގާ މެއި މަހު އިންޑިއާ އަދި ޕާކިސްތާނުގެ ހޫނު މިން 50 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާ ކަމަށް ދުނިޔޭގެ އެކި ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިއީ އިންސާނާގެ ހަށިގަނޑުގެ ސެލްތައް ކެކި، ލޭ ބޯވެ، ފުއްޕާމޭ ފިތި ސިކުނޑިއަށް އޮކްސިޖަން ފޯރުން ހުއްޓޭ މިންވަރުގެ ހޫނު މިނެކެވެ.

ކޮންމެ އަހަރަކުވެސް މި ސަރަހައްދަށް އަންނަ ހީޓް ވޭވްގެ ސަބަބުން އެތައް ހާސް މީހުން މަރުވާކަމަށް އެގައުމުތަކުގެ ރަސްމީ އިދާރާތަކުން ރިޕޯޓު ކުރެއެވެ. ސައިންސްވެރިން ލަފާ ކުރާގޮތުން 2100 ވަނަ އަހަރު އަންނަ އިރު، ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީ، އަހަރަކު 20 ދުވަހު ފުރާނައަށް ނުރައްކާވާ މިންވަރުގެ ހޫނާއި ކުރިމަތިލާން ޖެހޭނެއެވެ. ވާރޭ ވެހުމާއި ގަނޑުފެން ވިރުން އޭގެ އެކްސްޓްރީމް މިންވަރުގައި ވާ އިރު ދުނިޔެ ހޫނުވާ މިންވެސް އަންނަނީ ހޫނުވާ ދުވަސްވަރު އޭގެ އެންމެ އެކްސްޓްރީމް މިންވަރަށް މަތިވަމުންނެވެ.

advertisement

ރާއްޖޭގެ ހާލަތު

ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ މީހުންނަށްވެސް ގަދަ ހޫނުގެ ސަބަބުން އިންތިހާ އަށް ހޫނުވާ އިރު، ވިއްސާރަ މޫސުމުގައި ވާރޭ ވެހި ވައިގަދަ ވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވެސް އިންތިހާއަށް އަރައެވެ. މިއީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި އެކު ދުނިޔޭގެ ހުރިހާ ބިތަކަށް ފޯރާ ނޭދެވޭ އަސަރުތަކުގެ ތެރެއިން ރާއްޖެއަށް އަންނަމުންދާ ބަދަލުތަކެވެ.

ރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ތާރު އެޅުމުގެ ސަބަބުން އިހުނަށްވުރެން ހޫނުގަދަ ކަމަށް ތާރު މަގު ހުރި ރަށްތަކުގެ ރައްޔިތުން ފާހަނގަ ކުރެއެވެ. އިންޑިޔާގެ ހޫނުމިން 110 ފެރަންހައިޓް ނުވަތަ 48 ޑިގްރީ ސެލްޝިއަސް އަށް އަރާފައި ވާއިރު ތާރުގަނޑު ހޫނުވުމުގެ ސަބަބުން ޖަނަވާރުތައްވެސް ފިހޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

އަދި ތާރުގަނޑުން އަރާ ހޫނުގެ ސަބަބުން ރޭގަނޑުގެ ވަގުތުތަކުގައި ވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް އެ ގައުމުގެ ރައްޔިތުންނަށް ވަނީ ދަތިވެފައެވެ. މިއީ އަޅުގަނޑުމެންނަށް ވެސް ކުރިމަތިވާނެ ހާލަތެއްކަން ވިސްނައި، ވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތައް މަދުކުރުމުގެ ގޮތުން ކުރެވެން ހުރި ކަންކަން ކުރަން ފަށަން މިއަދު މިއީ އެންމެ ރަނގަޅު ވަގުތު ނޫންތޯއެވެ.

ހޭޅީގައި ރުއްގަސް ގިނަކޮށް، ރަށުތެރޭގައި ވެސް ރުއްގަސް އިންދައި ގިނަ ކުރުމަކީ ތާރުގަނޑުތަކުން އަރާ ހޫނާއި ކުރިމަތިލުމަށް ފަސޭހަ ކަމަކަށް ވާނެއެވެ. އަދި ހުޅަނގު މޫސުމުގައި ރަށްތައް ގިރައިގެން ދާދިޔުންވެސް ގުދުރަތީ ރުއްފަށަލައެއް ވާނަމަ ކުޑަ ކުރެވޭނެކަމަށް ވެށީގެ މާހިރުން ބުނެއެވެ.

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ ގަސް އިންދުމުގެ އެންމެ ބޮޑު ޕްރޮގްރާމަކީ 1997 ވަނަ އަހަރު ސަރުކާރުން ހިންގި އެއް މިލިޔަން ގަސް ޕްރޮގްރާމެވެ. މިއީ 3 އަހަރު ދުވަހަށް ބަހާލައިގެން އެއް މިލިޔަން ގަސް އިންދަން ރޭވި ޕްރޮގްރާމެއް ނަމަވެސް އެއް އަހަރު ދުވަހުގެ ތެރޭގައި އެއް މިލިޔަން ގަސް ހަމަވުމުން އެ ޕްރޮގްރާމް ވަނީ ދެ މިލިޔަން ގަސް ޕްރޮގްރާމަށް ބަދަލުކޮށް އެ އަދަދަށް ގަސް ވެސް އިންދާފައެވެ.

މިހާރު ހިނގަމުން މިދާ ސަރުކާރުގެ ރަށްފެހި ޕްރޮގްރާމުގެ ދަށުން ހުޅުމާލޭގައި 100 ރުއް އަދި 150 ގަސް އިންދާފައިވާ އިރު، މާލޭގައި ވެސް ގަސް އިންދުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. ޖުމުލަ ޓާގެޓަކީ 2700 ގަސް މާލޭގައި އިންދުމެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެހެން ރަށެއްގައި ގަސް އިންދާފައި ނުވެއެވެ. ނަމަވެސް ރަށްރަށުގައި ގަސް އިންދާނެ ތާވަލެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތި ލިބެއެވެ.

ރިއެކްޝަންސް
1
0
1
0
0
0
0