ރިޕޯޓު: ދެރައީސުން ވެސް މިކަމާއި ދެކޮޅު. އެކަމަކު ރަށްރަށް ހަނަފަސް ކުރުން ނުހުއްޓުވޭ!

17 މެއި 2022 - 17:47

ބިޔަ ގަސްތަކާއި ރުއްތައް ރާއްޖެއަށް އެންމެ މުހިންމުވާ ސަބަބަކީ ރާއްޖޭގެ ވެށީގެ ސަލާމަތާއި ދިރުންތަކާއި ގަސްތަކާއި ގުޅިފައިވާވަރު ބޮޑު ކަމުންނެވެ. ބޮޑު ނޫ ކަނޑާއި، ރުއްތަކުން ލިބޭ ފެހިކަމަކީ ރާއްޖެ ބަޔާންކޮށްދޭ ދެ ކަންތައްވެސް މެއެވެ. އަޅުގަނޑުމެންގެ ވަންތަކަމާއި ރުކާއި ގުޅޭ އެއް ސަބަބަކީ ވެސް މިއީއެވެ.

ރާއްޖޭގައި ބިޔަ ގަސްގަހާއި ރުއްތައް ނެތް އިރެއް ނުދެއެވެ. ކުރީގެ ރަސްރަސްކަލުން އެ މީހުންނަކީ ކޮން ބައެއްކަން ކިޔައިދިނުމަށް ތިމަންނައަކީ 12 ލައްކަ ރުކުގެ ވެރިޔާއޭ ބުނާކަމަށް ލޯމާފާނުތަކުން އެނގެއެވެ. އެހެންކަމުން އެއްޒަމާނެއްގައި ދިވެހިންގެ މުދާވެރިކަން ބިނާވެފައި އޮތީ ރުއްވެރިކަމުގެ މައްޗަށޭ ބުނެވިދާނެއެވެ.

advertisement

އަޅުގަނޑުމެންގެ ވެށީގެ ނާޒުކުކަމަކީ ކިހާ ސީރިއަސް މައްސަލައެއްކަން ރަށްތައް ގިރަމުން ކުދި ވަމުން އަންނަ ބާރުމިނަށް ބަލައިލުމުން ހާމަވެއެވެ. ރާއްޖޭގެ ގިނަ ރަށްތަކަކީ ރަށުގެ ދެކޮޅުން އަދި ބައެއް ރަށްރަށަކީ ހަތަރު ފަރާތުން މޫދު ފެންނަހާ ކުދި ރަށްތަކެވެ. ހޭޅިފަށުގައި ހުންނަ ރުއްގަހުގެ ދިރުމާއި ފަޅުތަކުގެ ދިރުންތަކާއި ގުޅިފައިވާ ފަދައިން ފަޅު/ފަރު ތަކުގެ ދިރުމާއި ގަސްތަކުގެ ދިރުމާއި ވަނީ ގުޅިލާމެހިފައި ކަމަށް ތިމާވެށީގެ ދިރާސާވެރިން ބުނެއެވެ. އެހެންކަމުން ގަސް ކެނޑުމުން ފަރާއި ފަޅަށް ގެއްލުންވާފަދައިން ފަރާއިފަޅުތަކަށް ދޭ ގެއްލުންތަކުން ރުއްގަސްތައް މަރުވެ ރަށުގެ ގުދުރަތީ ދިފާއީ ފަށަލަ ހަލާކުވާނެއެވެ.

ރާއްޖޭގެ ނާޒުކު ވާހަކައާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތައް ނުވަތަ ކްލައިމެޓް ޗޭންޖްގެ ވާހަކަ މީގެ 40 ވަރަކަށް އަހަރު ކުރިން، 1980 ގައި އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ދައްކަވާފައިވާ ކަން އޭރުގެ ނޫސްތަކުން ފެންނަން އެބަހުއްޓެވެ. އަދި 1987 ވަނަ އަހަރު ރައީސް މައުމޫނު ވަނީ ވެންކޮވާ ކޮމަންވެލްތް ސަމިޓު އަދި ހަމަ އެހަރު އދ ގެ ޖެނެރަލް އެސެމްބްލީގައި ވެސް ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ރާއްޖޭގެ ނާޒުކު ހާލަތުގެ ވާހަކަ ދައްކަވާފައެވެ. އޭރުވެސް ދައުލަތުން ސީރިއަސް ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ތިމާވެށީގެ ރައްކާތެރިކަން މިހާރު އޮތީ ކޮން ހިސާބެއްގައި ތޯއެވެ؟

1997 ގައި އެއް އަހަރުތެރޭ 1 މިލިޔަން ގަސް އިންދި. 2018 އިން މިއަދާއި ހަމައަށް 5000 ވެސް ނުއިންދޭ

1997 ވަނަ އަހަރު އޭރުގެ ސަރުކާރުން އެއް މިލިޔަސް ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައި، އެއް އަހަރުގެ ތެރޭގައި ޓާގެޓް ހަމަވުމުން ދެމިލިޔަން ގަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ގަސް އިންދުމުގެ ޕްރޮގްރާމެވެ. މި ދެންނެވި ނުވަދިހައިގެ އަހަރުތަކުގައި ރަށްރަށުން ގަސް ކަނޑައި ބޭރުކުރުމަކީ ޒަރޫރޫ ބޭނުމަކު މެނުވީ، މަނާ ކަމެކެވެ. ރަށުގެ ހޭޅީގައި އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރުގެ ފުޅާ ސަރަހައްދުގައި ހުރި ރުއްގަސް ކެނޑުން މަނާކޮށް އެ ގަވާއިދުގައިވާ ގޮތުން ގަހެއް/ރުކެއް ކަނޑައިފި ނަމަ އެ ކެނޑި ގަހަކަށް/ރުކަކަށް 2 ގަސް/ރުއް އިންދަން ޖެހެއެވެ.

ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ރަށްފެހި ޕްރޮގްރާމުގެ ދަށުން ހިނގައި ދިޔަ 4 އަހަރުގެ ތެރޭގައި އިންދާފައިވަނީ 100 ރުއް އަދި 150ގަހެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ގަސް އިންދުމުގެ ތާވަލެއް ތައްޔާރުކުރާނެ ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި ވެއެވެ. ނަމަވެސް އަދި މި ޕްރޮގްރާމުގެ ދަށުން އެހެން ރަށެއްގައި ގަސް އިންދާފައިވާ ކަން އެނގޭކަށް ނެތެވެ.

ރުއްގަސް ރަށްރަށުން ބޭރުކުރަން ފެށުން

ވެށި ބަދަލުވެ ފަޅުތަކާއި ފަރުތައް ގޮއްވުމާއި ފުންކުރުމާއި ބަނދަރު ހެދުމާއި ބިން ހިއްކުމުގެ ސަބަބުން އިހުނަށްވުރެ ބާރުމިނުގައި ރަށްތައް ގިރި ކުޑަވަމުން އަންނަނިކޮށް، 2014 އަދި 2017 ވަނަ އަހަރު ގަވާއިދު ބަދަލުކޮށް އޭރުގެ ސަރުކާރުތަކުން ވަނީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ހުއްދަ ދީގެން ރުއްގަސް ކަނޑައި ބޭރުކުރެވޭނެ ގޮތްތައް ފަހިކޮށްދީފައެވެ. މި ގަވާއިދު ބުނާ ގޮތުން މިފަދަ ހާލަތްތަކުގައި ކަނޑާ ކޮންމެ ރުއް/ގަހަކަށް 6 ރުއް/ގަސް އިންދަން ޖެހޭނެއެވެ. ނަމަވެސް ރުއްގަސް އުފުރާ ފަރާތްތަކުން މިގޮތަށް އަމަލުކުރޭތޯ އީޕީއޭ އަކަށް ކަށަވަރެއް ނުކުރެވެއެވެ.

ރުއްގަސް އުފުރައި ރަށްރަށުން ބޭރުކުރުމާއި ބެހޭ ގަވާއިދަކީ ރަށްރަށުގެ ވެށީގެ ދިފާއުގައި މަސައްކަތްކުރުމަށް ހެދޭ ގަވާއިދެއް ކަމުގައި ވާންޖެހޭ އިރު، މި ގަވާއިދު މިހާރު އޮތްގޮތުން ފުޅާދާއިރާއެއްގައި ރަށްރަށުން ރުއްގަސް ބޭރުކުރަން ބޭނުން ފަރާތްތަކަށް އެބާރުވަނީ ދީފައެވެ. މިކަމާއި މެދު ކަންބޮޑުވުން ހިއްސާކުރުމަށްޓަކައި ތިމާވެށީގެ ކަންކަމުގައި އަޑުއުފުލާ ފަރާތެއް ކަމަށްވާ ސަލްމާ ފިކުރީ އީޕީއޭ އަށް ފޮނުވާފައިވާ ސިޓީގައި، ތަރައްގީގެ ނަމުގައި ގަސްނެތް ހަނަފަސް ތަނަކަށް އެއްވެސް ރަށެއް ބަދަލުކުރާނަމަ އެ ކުރެވެނީ ތަރައްގީ ނޫންކަމަށް ބުނެފައިވެއެވެ.

އެމެރިކާގެ ސިރަކިއުސް ޔުނިވާސިޓީގައި ތިމާވެށީގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ އާދަމް އަބްދުﷲ (އެޑަމް) ވެސް ވަނީ ކަމާއިބެހޭ ފަރާތްތަކަށް މި ގަވާއިދަށް ހިޔާލު ހުށައެޅުމަށް ސިޓީ ފޮނުވާފައެވެ. ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ދޫނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ވިދާޅުވުމާ މެދު ސުވާލު އުފައްދަމުން އެޑަމް ވަނީ މީހުން ދިރިއުޅޭ ރަށްރަށާއި ފަޅު ރަށްރަށުން ރުއްގަސް ފޭރިގަތުމަށް ފަހު، ހިޔާނާތުން ދޫކުރި ފަޅުތަކުގައި އުފެއްދި ރަށްތައް ފެހިކުރަން ފުރުސަތުދެނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ގިނަ ރުއްގަސް ހުންނަ ހިސާބެއް ބަލައި އެ ބިމެއްގައި ޕާކު ހެދުމާއި މަގު ހެދުން އަދި ފުޅާކޮށް ދަނޑުވެރިކަން ކުރުމަށްޓަކައި ކަމަށް ބުނެ، ބިން ސާފު ކުރުމުގެ ނަމުގައި ވެސް ރުއްގަސް ރަށްރަށުން ބޭރުކުރެއެވެ. ނަމަވެސް މިފަދަ ބޭނުންތަކަށް ބިން ސާފުކުރުމަށްޓަކައި އުފުރަން ޖެހޭ ރުއްގަސް ހަމަ އެރަށެއްގެ އެހެން ހިސާބެއްގައި ނުވަތަ ހޭޅީގައި އިންދުމަކީ އެރަށަކަށް ވެށީގެ ރައްކާތެރިކަމަށާއި އާމްދަނީގެ ގޮތުންވެސް އެންމެ ރަނގަޅު ގޮތްކަމަށް ރައްޔިތުން ގަބޫލުކުރެއެވެ.

މީހުން ދިރިއުޅޭ ރަށްތައް ހަނަފަސް ނުކޮށްވެސް ރިޒޯޓު ފެހި ކުރެވޭނެ!

ރިޒޯޓު ފެހިކޮށް ރީތިކޮށް ތަރައްގީކޮށްގެން މާކެޓަށް ނެރެ ވިޔަފާރި ކުރުމާއި ރަށްރަށުގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމާއި އާމްދަނީގެ މަގު ބަންދުކުރުމާއި މި ދެކަމަކީ ނުބައްދަލު ދެކަންތަކެވެ. އިންސާނުންގެ ދިރިއުޅުމާއި ދިރިތިބުމުގެ ހައްގަށް ވުރެން ވިޔަފާރީގެ ނަފާ ހޯދުމުގެ ހައްގު ބޮޑު ވެދާނެތޯއެވެ؟

ރިޒޯޓުތަކުން ފަޅުހިއްކައިގެން ރަށްތައް އުފަންކުރާ ހިނދު، އެ ހަނަފަސް ބިން ފެހި ކުރުމަށް ކުރީބައިގައި ރާވައި އެކަމަށް ހާއްސަކޮށް ރުއްގަސް އިންދައި އާލާކުރުމަކީ އެފަރާތްތަކަށް ނުކުރެވޭނެ ކަމެއް ނޫނެވެ. ހާއްސަ ނާސަރީތައް ގާއިމުކޮށް، ރިޒޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިމެން އާއްމުގޮތެއްގައި ނަގާ 3 އަހަރު ނުވަތަ 4 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި އެ ނާސަރީތަކުގައި ގަހާއި ރުއްތައް ފޯދޭ ހިސާބަށް ވެސް ބޮޑުކުރެވޭނެ އެވެ. އެހެންކަމުން، ރަށްރަށުގެ ހޭޅިފަށް ހަލާކުކޮށް، ފަސްގަނޑު ދޫވެ ބިންގަނޑުގެ ބާރު ދެރަވެ، ރަށުގެ ވެށި ހަލާކުވެ، ރައްޔިތުން އާމްދަނީ ހޯދަން ކުރާ މަސައްކަތް ނެތިދާ ހިސާބަށް މުޖުތަމައު ނުގެންގޮސް ރިޒޯޓުވެރިންނަށް ރިޒޯޓު ފެހިކުރެވެން އެބައޮތެވެ.

ދެރައީސުން ވެސް މިކަމާއި ދެކޮޅު

2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު މައި ކޮލެޖު ފެހި ކުރުމަށް ފެށްޓި ޕްރޮގެރާމެއް އިފްތިތާހު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ މިހާރަކަށް އައިސް ރިސޯޓުތައް ފެހި ކުރަން ކުރާ މަސައްކަތުގެ ސަބަބުން ބައެއް ރަށްރަށް ހަނަފަސް ސަހަރާތަކަށް ވެފައިވާ ކަމަށެވެ. އެ ގޮތުން އެއާޕޯޓްތައް ހެދުމަށް ރުއް ކެނޑުމާއި، ރިސޯޓްތައް ތަރައްގީ ކުރުމަށް ރަށްރަށުން ރުއް ނެގުން ހުއްޓާލަން ޖެހޭ ކަމަށެވެ. ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގަސް އިންދުމުގެ “ރަށްފެހި” ޕްރޮގްރާމް އިފްތިތާހު ކުރައްވަމުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވަނީ މިމޭރުމުން ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެއްރަށް ފެހި ކުރުމަށްޓަކައި އަނެއް ރަށް ހަނަފަސްކޮށްލުމަކީ މި ސަރުކާރުން ގަބޫލުކުރާ ހަމައެއް ނޫންކަމަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0