މާބަނޑުއިރު ފާހަނާއަށްދާން އުނދަގޫނަމަ ހަދާނީ ކިހިނެތް؟

22 މެއި 2022 - 15:21

މާބަނޑު ދުވަސްވަރުގައި ބަނޑު ހިކުން ނުވަތަ ފާހާނާއަށް ދާން އުނދަގޫވުމަކީ ބައެއް މީހުންނަށް ކުރިމަތިވާ ކަމެކެވެ. މިކަން މިހެން ދިމާވުމުގައި ބައެއް ސަބަބުތައް ހުރެއެވެ. އެގޮތުން ދިރިއުޅުމުގެ ވައްޓަފާޅިއާއި ކެއުމުގެ އާދަތައް ގެންގުޅޭގޮތުގެ ސަބަބުންވެސް ފާހާނާއަށް ދާން އުނދަގޫވެދާނެއެވެ. މާބަނޑު ދުވަސްވަރުގައި ފާހާނާއަށް ދާން އުނދަގޫވެދާނެ ބައެއް ސަބަބުތަކުގެ ތެރޭގައި:

ހޯމޯންއަށް އަންނަ ބަދަލުތައް

މާބަނޑު ދުވަސްވަރަކީ އަންހެން މީހާގެ ހޯމޯންއަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މީގެ ސަބަބުން ކާއެއްޗެހީގައި ހުންނަ ނިއުޓްރިޝަންސް ހަށިގަނޑަށް ނަގާ މިންވަރު އިތުރުވެއެވެ. އެހެންކަމުން ހަޖަމުކުރުމުގެ ނިޒާމަށް ލަސްތަކެއް އާދެއެވެ.

advertisement

ހަށިގަނޑުގައި ފެން މަދުވުން އަދި ޑައިޓް

މާބަނޑު ނޫން މީހުންނާއި އަޅާބަލާއިރު މާބަނޑު މީހުންނަށް ފެން ބޭނުންވާ މިންވަރު އިތުރެވެ. ބައެއްފަހަރު ފައިބަރ ގިނައިން އެކުލެވޭ ކާނާ ނުކެއުމާއި މޭވާއާއި ތަރުކާރީ އެކަށީގެންވާ ވަރަށް ނުކެއުމުގެ ސަބަބުންވެސް މާބަނޑުއިރު ފާހަނާއަށްދާން އުނދަގޫވެއެވެ.

އަޔަން ލިއްބައިދޭ ސަޕްލިމެންޓް ބޭނުންކުރުން

މާބަނޑު ދުވަސްވަރަކީ ހަށިގަނޑުގައި އަޔަން ހުންނަ މިންވަރު ދަށްވާ ކަމެކެވެ. މީގެ ސަބަބުން އަޔަން ލިބޭފަދަ ބޭސްތައް މާބަނޑުއިރު ބޭނުންކުރެއެވެ. މިއީވެސް ފާހާނާއަށް ދިއުމަށް ދަތިތައް ދިމާވެދާނެކަމެކެވެ. އަދި މާބަނޑު ދުވަސްވަރުގައި ބޭނުންކުރާ އެހެން ބައެއް ކަހަލަ ބޭސްތަކުގެ ސަބަބުންވެސް މިކަން ކުރިމަތިވެދާނެއެވެ.

ކުރިންވެސް މިފަދަ މައްސަލަ ހުރުން

މާބަނޑުވުމުގެ ކުރިންވެސް ފާހާނާއަށް ދިއުމަށް ނުވަތަ ބަނޑުހިކުން ފަދަ ކަންކަން ކުރިމަތިވާ މީހުންނަށް މާބަނޑުވުމުގެ ފަހުންވެސް މިކަން ކުރިމަތިވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

މިކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަން:

ގިނައިން ފެން ބުއިން

މާބަނޑުދުވަސްވަރުގައި ފާހާނާއަށް ދިއުމަށް އުނދަގޫވާނަމަ ނުވަތަ ނުދެވޭނަމަ ގިނައިން ފެން ބޯށެވެ. ދުވާލަކު 8 ނުވަތަ 12 ތަށި ފެންބުއިމުން ރަނގަޅުވާނެއެވެ.

ފައިބަރ ބޭނުންކުރުން

ފައިބަރ އެކުލެވޭ ކާނާ ގިނައިން ކެއުމަކީވެސް ވަރަށް މުހިންމުކަމެކެވެ. މާބަނޑު މީހަކަށް ދުވާލެއްގެ މައްޗަށް 28 ގްރާމްގެ ފައިބަރ ބޭނުންވެއެވެ.

ގަވައިދުން ކަސްރަތުކުރުން

ގަވައިދުން ކަސްރަތުކުރުމަކީ މާބަނޑު ދުވަސްވަރުގައިވެސް ކުރުން ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ހަފްތާއެއްގެ ތެރޭގައި 150 މިނެޓް ކަސްރަތު މާބަނޑު މީހުންނަށް ބޭނުންވެއެވެ. މީގެތެރޭގައި ހިނގުމަކީވެސް ކުރެވިދާނެކަމެކެވެ.

ރިއެކްޝަންސް
2
3
0
0
3
0
0