މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

28 މެއި 2022 - 16:56

ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުން: ރައީސް

ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ސެޝަން ޗެއަރކުރައްވައި ސެޝަން ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ކޮންފަރެންސް ފުރަތަމަ ސެޝަންގައި މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނަކާއި އައިލްސް އާއި ގުޅޭ ޕްރެޒެންޓޭޝަނެއްގެ އިތުރުން އިޖްތިމާޢީ ބަދަހި މަދަދުވެރިން،”އިބަމަ” ޕްރޮގްރާމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށހެޅިގެން ދިޔައެވެ.

advertisement

ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ޅ. ފެލިވަރު ބިންހިއްކުމާއި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެ އެވެ.

މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކުމާއި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ/ މއ. ކަޅުފެހިގެ، ޖަޢުފަރު ޝަފީޢު(51އ) އެވެ.

މާލޭގައި 2800އަށްވުރެ ގިނަމީހުން ހިމެނޭ 44 ގޭންގު އެބަ އޮތް

މާލޭގައި އެކަނިވެސް 44 ގޭންގު ހަރަކަތްތެރިވަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ވިއަވަތި ރާއްޖެ، ކޮންފަރެންސްގައި ފުލުހުން ހާމަކުރެއްވީ އޭގެތެރެއިން 9 ގޭންގަކުން ނުރައްކާތެރި ކުށްތަކަށް އަރައިގަންނަމުންދާކަމަށް ވެސް މައުލޫމާތުދިނެވެ. އަދި މިހާރު އޮތް އެންމެ ބޮޑު ބިރަކީ އެ ގޭންގުތައް އަތޮޅުތަކަށް ފުޅާކުރަމުން އައުންކަންވެސް ވިދާޅުވި އެވެ.

ޑައިވް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރަން މައިޑް ފެއަރއަށް

ރާއްޖެއިން ފަތުރުވެރިންނަށް ލިބެންހުރި ކަނޑުއަޑީގެ ތަފާތު ޑައިވިން ތަޖުރިބާތަކާއި މޫދު ކުޅިވަރުތަށް އިޝްތިހާރުކުރުމަށް މެލޭޝިއާ އިންޓަރނޭޝަނަލް ޑައިވް އެކްސްޕޯ، މައިޑްގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ހަރަކާތް ކުރިއަށް ދަނީ މެލޭޝިއާގެ ކުއާލަ ލަންޕޫރުގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މޭމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0