ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022 އަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ފުރައިފި

30 މެއި 2022 - 17:18

30 މޭ އިން 2 ޖޫން 2022 ގެ ނިޔަލަށް ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ކުރިއަށްދާ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވަފުދު އަބޫދާބީއަށް ފުރައިފިއެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯއަކީ ކޮވިޑް-19 ޕެންޑެމިކަށް ފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެވެ. ވޯލްޑްޝެފްސް ކޮންގްރެސްގެ ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ޚިޔާލު ބަދަލުކޮށް، އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން އުނގެނުމުގެ އިތުރުން އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމެވެ.

advertisement

ދިވެހިރާއްޖެ ތަމްސީލުކުރާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޑެލެގޭޝަންގައި ހިމެނެނީ އެ ޖަމިއްޔާގެ ރައީސާ މަރިޔަމް ނޫރައްދީނާއި، އެކްސްކޯގެ ހުރިހާ މެމްބަރުންންގެ އިތުރުން 24 ޝެފުންނާއި 8 ޒުވާން ޝެފުންނެވެ.

ވޯލްޑްޝެފްސް ކޮންގްރެސްގެ ހަވާސާގައި ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ދިވެހި ޝެފުންގެ ޑެލެގޭޓުގެ ފަރާތުން ބައިވެރިވާނެއެވެ. އޭގެ ތެރެއިން، ކެއްކުމުގެ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވާ ޝެފުން ތަމްރީނުކުރުމަށް ބާއްވާ “ކޮމްޕެޓިޝަން ސެމިނަރ”ގައި ރާއްޖޭގެ ބައެއް ޝެފުން ބައިވެރިވާނެއެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ، މި ދާއިރާގެ މާހިރުންގެ ކީނޯޓް އެޑްރެސްތަކާއި، ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓަރސް ފޯރަމްއާއި، އެކި ފަންނުތަކުން ޝެފުން “ވޯލްޑްސް ބެސްޓް ޝެފްސް”ގެ ލަގަބަށް ވާދަކުރާ “ގްލޯބަލް ޝެފްސް ޗެލެންޖް”އާއި، ވޯލްޑްޝެފްސް އެކްސްޕޯގެ އިތުރުން، 25 އަހަރުން ދަށުގެ ޝެފުންނަށް ޚާއްސަކޮށްގެން ބާއްވާ “ބިލީ ގެލެގަރ ޔަންގް ޝެފްސް ފޯރަމް” ވެސް އޮންނާނެއެވެ.

ޑެލެގޭޝަންގައި ހިމެނޭ 8 ޒުވާން ޝެފުންގެ ތެރެއިން 6 ޝެފުންގެ ދަތުރުގެ އިތުރުން ވޯލްޑްޝެފްސް ކޮންގްރެސްގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދީފައި ވަނީ ބެސްޓްބައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ބީބީއެމް)ގެ ފަރާތުންނެވެ. ބީބީއެމްއަކީ ކަލިނަރީ ދާއިރާއަށް ބޭނުންވާ ތަފާތު ބާވަތްތަކުގެ މުދާ ރާއްޖެ އެތެރެކޮށް ރިސޯޓުތަކަށާއި އެހެނިހެން މާކެޓުތަކަށް ވެސް ސަޕްލައިކުރުމުގެ އިތުރުން، ކަލިނަރީ ދާއިރާއަށް ހާއްސަކޮށްގެން ދިވެހިރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މާސްޓަރކްލާސްތަކާއި ޓްރެއިނިންގް ފުރުސަތުތައް ވެސް ޒުވާން ޝެފުންނަށް ފަހިކޮށްދެމުން އަންނަ ކުންފުންޏެކެވެ.

ރިއެކްޝަންސް
0
1
1
0
0
0
0