ވިހެއުމަށްފަހު ބައެއް މަންމައިންނަށް ދިމާވާ ނަފްސާނީ މައްސަލަތައް

31 މެއި 2022 - 12:57

މަންމައަކަށް ވުމަކީ އަންހެނަކަށް ލިބިގެންދާނެ އެންމެ ބޮޑު އުފަލެވެ. އެކަމާއި ގުޅިގެން އަންހެނަކު ދެރަވެ، އެކަނިވެ ނަފްސާނީ މައްސަލަތައް ދިމާވެދާނެކަމަށް ގިނަ ބަޔަކަށް ހިއެއްނުވެއެވެ. ނަމަވެސް ވިހެއުމަށްފަހު އަންހެނުންނަށް ގިނަ ނަފްސާނީ މައްސަލަތަކެއް ދަނީ ދިމާވަމުންނެވެ.

ވިހެއުމަށްފަހު ދިމާވާ ނަފްސާނީ މައްސަލަތައް ތިން ބަޔަކަށް ދަރަޖަކުރެވިފައިވެއެވެ. އެއީ ވިހައިގެން އުޅޭ ގިނަ މަންމައިންނަށް ކުރެވޭ މާޔޫސްކަމުގެ އިހުސާސްތައް ނުވަތަ “ބޭބީ ބްލޫސް” އާއި، ޕޯސްޓް ޕާޓަމް ޑިޕްރެޝަން އަދި ޕޯސްޓް ޕާޓަމް ސައިކޯސިސް އެވެ.

advertisement

މިގޮތުން ބޭބީ ބްލޫސް އަކީ ވިހައިގެން ފުރަތަމަ ދެތިން ދުވަސްތެރޭ ދިމާވާން ފަށާކަމެކެވެ. ތަޖުރިބާކާރު މާހިރުން ބުނާގޮތުންނަމަ ބޭބީ ބްލޫސް ދެތިން ހަފްތާއަކަށް ދިގު ދެމިގެންދެއެވެ. އަލަށް ވިހައިގެން އުޅޭ މަންމައިންގެ ތެރެއިން 50-80 އިންސައްތައާއި ދެމެދުގެ އަންހެނުންނަށް ބޭބީސް ބްލޫސް ކުރިމަތިވާކަމަށް ދިރާސާތައް ދައްކައެވެ.

ބޭބީ ބްލޫސްގެ ބައެއް އަލާމާތްތަކުގެ ތެރޭގައި

  • ކުއްލިއަކަށް މޫޑު ބަދަލުވުން
  • ކަމަކާ ނުލައިވެސް މާ ބޮޑަށް ދެރަވެ ރުއިން
  • އުނދަގޫވެފައި ހުރުން
  • ނިދަން އުނދަގޫވުން
  • ކެއުމުގެ މައްސަލަތައް
  • އެންޒައިޓީ

ބޭބީ ބްލޫސް ދިގު މުއްދަތަކަށް ދެމިގެން ގޮސް މާ ބޮޑެތި އަސަރު ތަކެއް ކުރާނަމަ ޕޯސްޓް ޕާޓަމް ޑިޕްރެޝަންއަށް ބަދަލުވެ އެވެ. މިއީ ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ، ނަފްސާނީ، އިޖުތިމާއީ އަދި ކެމިކަލް ބަދަލުތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ. މިއީ ގާތްގަނޑަކަށް 7-15 އިންސައްތަ އަންހެނުންނަށް ދިމާވާ މައްސަލައެކެވެ. މިކަން ދިމާވަނީ ވިހެއުމަށްފަހު ހަތަރު ވަރަކަށް ހަފްތާގައެވެ. މިކަމަށް ކައުންސިލިން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޕޯސްޓް ޕާޓަމް ޑިޕްރެޝަން ހުންނަ މީހުންގެ ކިބައިން ފާހަގަވާ ކަންކަން

  • ދަރިފުޅާއި ހާއްސަ ގުޅުމެއް އުފެއްދުމަށް އުނދަގޫވުން،
  • ވަރުބަލިވެ ގައިގައި އެއްވެސް ވަރެއް ނެތުން
  • އުންމީދު ގެއްލި މޯޅިވެފައި އިނުން
  • ހާސްވެ ކަންބޮޑުވެފައި އިނުން
  • ކަމަކާ ނުލާ ރުއިން/ ދެރަވުން
  • މާގިނައިން ނިދުން،
  • މާ ބޮޑަށް ރުޅިގަދަވުން،
  • އަދި ބައެއްފަހަރު ދަރިފުޅަށް ގެއްލުމެއް ދިނުމުގެ ހިޔާލުތައް އައުން ފަދަ ކަންކަން

މީގެ އަސަރު ދަރިފުޅަށް ކުރޭ

ކިތަންމެ ލުއި ގޮތަކަށް ގިނަ ފަހަރު މިފަދަ ކަންކަން ނެގުނަސް، މީގެ ސަބަބުން ސީރިއަސް މައްސަލަތަކެއް ތުއްތު ދަރިފުޅަށާއި މަންމައަށް ކުރިމަތިވެފައިވާކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ. ކަން އޮންނަ ގޮތްތައް ގިނަ ފަހަރު ނޭގި ސިއްހީ ލަފައެއް ނުހޯދާ އެކި އެކި ހިޔާލުތައް ދީ އެކިކަންކަންކުރަން ބުނުމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެފައި އެބަހުއްޓެވެ. އެހެންކަމުން ވިހެއުމަށްފަހު އަންހެނުންނަށް ދިވާމާ ސިއްހީ މައްސަލަތަކަށް ކަމާގުޅުންހުރި ފަރާތްތަކުގެ އިރުޝާދާއި އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ރިއެކްޝަންސް
2
4
0
34
1
1
2