ގެވެށި އަނިޔާ ހުއްޓުވުމުގެ ގާބިލުކަން އިތުރު ކުރުމަށް މުއައްސަސާތަކަށް އަމާޒުކޮށްގެން ހާއްސަ ތަމްރީން ޕްރޮގްރާމެއް

6 ޖޫން 2022 - 12:56

ފެލިދެއަތޮޅުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާބިލުކަން އިތުރު ކުރުމަށް މުއައްސަސާތަކަށް އަމާޒުކޮށްގެން ހިންގި ހާއްސަ ތަމްރީން ޕްރޮގްރާމެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ހިންގައިފި އެވެ.

ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ތައާރަފުކުރަންޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ މަސްއޫލިއްޔަތެކެވެ.

advertisement

އެހެންކަމުން، މި މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން އޮތޯރިޓީ އުފެދުނީއްސުރެ، ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް އަމާޒުކޮށް އަތޮޅު ފެންވަރުގައި ތަމްރީނު ޕްރޮގްރާމްތަކެއް އޮތޯރިޓީން އަންނަނީ ކުރިއަށް ގެންދަމުންނެވެ.

މިގޮތުން މި އަހަރުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމް، 30 މެއި 2022ން 1 ޖޫން 2022އާ ހަމައަށް، 3 ދުވަހުގެ މުއްދަތަށް ހިންގައިފައިވަނީ ފެލިދެއަތޮޅުގައެވެ.

ތަމްރީން ޕްރޮގްރާމްގައި ފެލިދެއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން (ވ. ކެޔޮދޫ، ވ. ފުލިދޫ، ވ. ރަކީދޫ، ވ. ފެލިދޫ އަދި ވ. ތިނަދޫ) ބައިވެރިވެފައިވެއެވެ. 3 ދުވަހުގެ މުއްދަތަށް ހިންގުނު މި ތަމްރީނު ޕްރޮގްރާމްގައި ވ. އަތޮޅުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ 18 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ބައިވެރިންގެ ތެރޭގައި ފުލުހުން، ފެމެލީ އެންޑް ޗިލްޑްރަންސް ސަރވިސަސް ސެންޓަރ، ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސްކޫލްތައް އަދި ކައުންސިލްތައް ހިމެނެއެވެ. މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 10 ސެޝަން ނަގައިދެވިފައިވެއެވެ. މި ސެޝަންތަކަކީ:

  1. މިންތީގެ މަފްހޫމްތައް ދެނެގަތުން
  2. ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނު
  3. ގެވެށި އަނިޔާ ހުއްޓުވުމުގައި މުއައްސަސާތަކުގެ ދައުރު
  4. ދަ ސައިކަލް އޮފް ވަޔަލެންސް: ގެވެށި އަނިޔާ ލިބޭ މީހުން މި އަނިޔާ ތަހައްމަލު ކުރާ ސަބަބުތައް
  5. ގެވެށި އަނިޔާގެ ސަބަބުތަކާއި އަދި އޭގެ ނޭދެވޭ ނަތީޖާ
  6. ގެވެށި އަނިޔާއިން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރު
  7. ރިފަރަލް އެންޑް ނެޓްވޯކިންގް: ގެވެށި އަނިޔާގެ މައްސަލަތަކުގައި އެކުގައި ގުޅިގެން މަސައްކަތް ކުރާނެ ގޮތްތައް
  8. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް އެކަމުން އަރައިގަތުމަށް އެހީތެރިވެދޭނެ ގޮތްތައް
  9. ވެލިޔު ކްލެރިފިކޭޝަން
  10. މުއާމަލާތް ކުރުމުގެ ހުނަރުތައް

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީ.އީ.އޯ، އިބްރާހިމް ތައްޔިބު، ވިދާޅުވި ގޮތުގައި ގެވެށި އަނިޔާގެ އަމަލުތައް ހުއްޓުވުމަށް ކުރާ މަސައްކަތުގައި އަނިޔާގެ ޝިކާރައަށް ވާ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ގާއިމުކުރުން މުހިންމެވެ.

މިގޮތުން ސިއްރު ހިފެހެއްޓޭނެހެން މައްސަލަތައް ރިޕޯޓުކޮށް، ބޭނުންވާ ސިއްހީ އަދި އިޖްތިމާއީ އެހީތެރިކަމާއި ރައްކާތެރިކަން ފަސޭހައިން ލިބޭނެ ފުރުސަތު ފަހިވެފައިވުމަކީ މުހިންމު ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި އަނިޔާގެ އަމަލުތައް މަދުކޮށް، ހުއްޓުވުމަށްޓަކައި އަނިޔާ ކުރާ ފަރާތްތަކަށް ލިބިފައިވާ “އިމްޕިއުނިޓީ” ނިމުމަކަށް ގެނަސް، ރިހެބިލިޓޭޓް ނުވަތަ އިސްލާހުވުމުގެ ފުރުސަތާއި، އަދަބު ތަންފީޒު ކުރުމުގެ ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މި ތަމްރީން ޕްރޮގްރާމްއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އޮތޯރިޓީގެ ޕްރޮގްރާމްސް، ރިސަރޗް އެންޑް އެޑްވޮކަސީ ޑިޕާޓްމަންޓް (7970551) އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެ އޮތޯރިޓީން އެދެއެވެ.

ރިއެކްޝަންސް
3
1
0
0
0
0
0