މީހުން ކުރިމަތީ ވާހަކަދައްކަން ބިރުގަނޭތަ؟ ކުރެވޭނެ ކަންތައްތައް އެބަހުރި

26 ޖޫން 2022 - 10:55

ސްޓޭޖަށް އަރައި ވާހަކަދެއްކުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރަން ފަސޭހަކަމެއްނޫނެވެ. ބައެއް މީހުންނަކީ ސްޓޭޖް ބިރު ހުންނަ މީހުންނެވެ. އެމީހުންނަށް ސްޓޭޖަށް އަރައި ވާހަކަދައްކަން ޖެހިއްޖެނަމަ ކަންތަކާޖެހުނީއެވެ. ބިރުގަނެ ހާސްވެ މީހާއަށް ނުވާ ގޮތެއް ނޯންނާނެއެވެ. މި އާޓިކަލްގައި މި ބަލާލަނީ ސްޓޭޖަށް އަރައި ވާހަކަދައްކަން ބިރުގަންނަ މީހުންނަށް އެކަން ކުޑަކުރުމަށް ކަންތައް ކުރެވިދާނެ ގޮތްތަކަށެވެ.

މިކަމާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރޭ

advertisement

ސްޓޭޖަށް އަރައި ވާހަކަދައްކަން ބިރުގަންނަނަމަ މިކަމާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރުމަކީ އެންމެ ރަނގަޅު އެއް ގޮތެވެ. ސްޓޭޖަށް އަރައި ވާހަކަދައްކާއިރު ގިނަ މީހުން ތިމާއާއި ދިމާލަށް ބަލާނެއޭ ހިތައް އެރުމުގެ ބަދަލުގައި އެކަން އެހެން ގޮތަކަށް ވިސްނާށެވެ. މިސާލަކަށް މިހެން ވިސްނިދާނެއެވެ. ސްޓޭޖަށް އަރައި ވާހަކަދައްކަނީ މީހުންނާއި ގުޅުންހުރި ވަރަށް މުހިންމު މައްސަލައަކަށް ކަމަށްވާނަމަ މީގެ ސަބަބުން އެމީހުންގެ ދިރިއުޅުމަށް ނުވަތަ ވިސްނުމަށް އަންނާނެ ބަދަލާއި ގުޅޭގޮތުން ވިސްނާށެވެ.

ތައްޔާރުވުން

ކޮންފިޑެންސްގެ އެންމެ މުހިންމު ކަމަކީ އެކަމަށް ރަނގަޅަށް ތައްޔާރުވުމެވެ. ރަނގަޅަށް ތައްޔާރުވެފައިވާނަމަ އެކަމާއިމެދު ތިމާ ހާސްވުން ކުޑަކޮށްދޭނެއެވެ. ޕަބްލިކްގައި ވާހަކަދައްކަން ޖެހޭނަމަ އެކަމަށް ރަނގަޅަށް ތައްޔާރުވާށެވެ. ކިޔަންވާ އެއްޗެހި ދަސްކުރާށެވެ. ހުއްޓަންވީ ތަންތަނާއި ނޭވާލާންވީ ތަންތަން ހަނދާނުގައި ބަހައްޓާށެވެ.

ޕްރެކްޓިސް

ޕަބްލިކްގައި ވާހަކަދެއްކުމުގެ ކުރިން ކޮންމެ ދުވަހަކުވެސް ޕްރެކްޓިސް ކުރާނަމަ މީހާއަށް އަމިއްލައަށްވެސް ތިމާ ތައްޔާރުވެފައިވާކަމުގެ ޔަޤީންކަން ލިބޭނެއެވެ. މިކަމުގައި އުނދަގޫތައް އުޅޭނަމަ ތިމާ ދަންނަ ރަހުމަތްތެރިއެއްގެ ނުވަތަ މުދައްރިސެއްގެ އެހީތެރިކަން ހޯދިދާނެއެވެ.  މީހުންގެ ކުރިމަތީގައި ވާހަކަދައްކާ ޙިޔާލުވެސް ހޯދިދާނެއެވެ.

ފޮޒިޓިވްކޮށް އަމިއްލަ ނަފްސަށް ވިސްނައިދީ

މިކަމެއް ތިމަންނައަކަށް ނުވާނެއޭ ބުނުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް މިކަން ވާނެކަން ބުނެދޭށެވެ. ވަކި ކަމެއް ތިމަންނައަށް ނުވާނެކަމަށް ނަފްސަށް ބުނެދިނުމަކީ އެކަން ކުރުމަށް އަމިއްލަ ނަފްސު ބިރުގަނެ ޖެހިލުންވާނެކަމެކެވެ.

ރޯލް މޯޑެލްއެއް ހޯދާ

ސިޔާސީ މީހެއް ނުވަތަ އެނޫންވެސް މަޝްހޫރުމީހެއް ވާހަކަދައްކާގޮތް ތިމާއަށް ކަމުދާ މީހެއް ހޮވާށެވެ. އަމިއްލައަށް ކޮންފިޑެންސްއާއިއެކު ސްޓޭޖްގައި ވާހަކަދައްކަން ނުކެރޭނަމަ އެމީހުންގެ ވާހަކަތައް އަޑުއަހާށެވެ. އަޑުއަހައި އެމީހުން ގެންގުޅޭ އުކުޅުތައް ބެލިދާނެއެވެ. ނަމަވެސް ކޮޕީ ނުކުރާށެވެ.

އަމިއްލައަށް ކާމްވުން

ސްޓޭޖަށް އެރުމުގެ ކުރިން އަމިއްލައަށް ކާމް ވުމަކީ ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ. އަމިއްލައަށް ކާމް ވުމަށް ފުންކޮށް ނޭވާލުމަކީ ކުރެވިދާނެކަމެކެވެ.

ނިދުން

ސްޓޭޖްއަށް އަރައި ވާހަކަދައްކަން އޮންނަ ދުވަހުގެ ކުރީދުވަހު ރަނގަޅަށް ނިދުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަމަދިނި ނުލިބޭނަމަ ދުވަހުގެ މަސައްކަތައް ބުރޫއަރައެވެ. އޭގެތެރޭގައި ގައިގައި ރިއްސުމާއި، ވަރުބަލިވުމާއި، ސްޓްރެސްވުމާއި، ކަންކަމަށް ސަމާލުކަންދޭން އުނދަގޫވެއެވެ.

ރިއެކްޝަންސް
6
1
1
1
3
0
0