ރިޕޯޓު: މަސްދަރުގެ މައްސަލަ — ސަރުކާރުގެ ނިޔަތަށް ދޫކޮށްލާ ވަރަށް ވުރެ ސީރިއަސް!

5 ޖުލައި 2022 - 13:13

ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ވަޒަންކުރާ ވޯލްޑްސް ޕްރެސް ފްރީޑަމް އިންޑެކްސްގައި މި އަހަރު ރާއްޖެ ވަނީ 15 ދަރަޖަ ދަށަށް ސޮއްސާލާފައެވެ. “ރިޕޯޓާސް ވިތައުޓް ބޯޑާސް” އިން ކޮންމެ އަހަރަކު ނެރޭ މި އިންޑެކްސްގައި ރާއްޖެ މިހާ ބޮޑަށް ދަށަށް ގޮސްފައި މި ވަނީ ފާއިތުވި ދެ އަހަރު ވެސް ބޮޑު ކުރިއެރުމެއް ހޯދުމަށް ފަހުއެވެ. އެ ގޮތުން 2018 ވަނަ އަހަރު 120 ވަނައިގައި އޮތް ރާއްޖެ 2019 ވަނަ އަހަރު 98 އަށް އަދި 2020 ވަނަ އަހަރު 79 ވަނައަށް ކުރިއަށް ޖެހެލިއެވެ. އަދި 2021 ވަނަ އަހަރު 72 ވަނައިގައި އޮތް ނަމަވެސް މި އަހަރު ރިޕޯޓް ނެރުނު އިރު ރާއްޖެ އޮތީ 87 ވަނައިގައެވެ.

ރާއްޖޭގެ ދަރަޖަ ފަހަތަށް ޖެހުމުގެ މައިގަނޑު ގޮތެއްގައި ދެ ކަމެއް އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އޮތީ ރިޕޯޓް ނެރުނު އިރު މަޖިލީހުގައި އޮތް ހެއްކާ ބެހޭ ބިލެވެ. އެ ބިލްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަންޖެހޭނެ ހާލަތްތަކެއް ކަނޑައަޅާފައި އޮތުމުން މީޑިއާތަކުންނާއި މީޑިއާއާ ގުޅުންހުރި އިދާރާތަކުން އޭރު ވެސް ދިޔައީ އަޑު އުފުލަމުންނެވެ.

advertisement
ބިލާ ދެކޮޅަށް ދިވެހި ނޫސްވެރިން އިއުތިޖާޖްކުރަނީ | ފޮޓޯ: އާލިމް އަބްދުލް ލަތީފް

ބިލްގެ ޑްރާފްޓްގައި އެ ގޮތަށް އޮތް ނަމަވެސް ކޮމިޓީ މަރުހަލާގައި އެއަށް އިސްލާހުތަކެއް ލިބޭނެ ކަމުގެ އުންމީދުގައި ސޯޝަލް މީޑިއާގެ އިތުރުން މަޖިލީހަށާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތައް ސިޓީތައް ދިޔައީ ފޮނުވަމުންނެވެ. އެހެން ނަމަވެސް މީޑިއާގައި މަސައްކަތްކޮށްފައި ތިއްބެވި ގިނަ މެންބަރުންތަކެއް ވެސް ހިމެނޭ އަދި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެ ބިލް ފާސްކުރެއްވީ ނޫސްވެރިން މާޔޫސްކޮށްލުމަށް ފަހުއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ބައެއް ކަންބޮޑުވުންތަކަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ކޮމިޓީ މަރުހަލާގައި ގެނައި ނަމަވެސް ބިލް ފާސްކުރީ ގާނޫނު އަސާސީން ލިބިދީފައިވާ މަސްދަރު ހިމާޔަތްކުރުމުގެ ހައްގަށް އުނިވާ ގޮތަށެވެ. ފާސްކޮށްފައިވާ ބިލްގައި މިހާރު އޮތް ގޮތުން ގައުމީ ސަލާމާތާއި ޓެރަރިޒަމްގެ ކުށްތަކުގައި މަސްދަރު ހާމަކުރަން ނޫސްވެރިޔާ ނުވަތަ މީޑިއާ އަށް ފަނޑިޔާރަށް އެންގިދާނެއެވެ. ނަމަވެސް މަސްދަރު ހާމަނުކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ނޫސްވެރިޔާ އަށް ލިބިދީފައިވާ ހައްގެކެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި މަސްދަރު ހާމަކުރަން އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް މުތުލަގަށް ބުނެފައި ވެއެވެ. ނޫސްވެރިންނާއި ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ ވެސް ކަންބޮޑުވުން އޮތީ އެއްވެސް މަރުހަލާއެއްގައި މަސްދަރު ހާމަކުރާ ނަމަ އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވުމަށް ފުރުސަތު އޮތުމުންނެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާނަމަ އެއީ ކޮރަޕްޝަނަށް ދެވޭ ހިތްވަރެއް

ބިލްގައި މިހާރު އޮތް ގޮތުން ކޮރަޕްޝަނާއި ފަސާދައިގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރަން އެކި ފަރާތްތަކުން ޖެހިލުންވާނެ އެވެ. މިއީ  ވިސްލް ބްލޯކުރާ ފަރާތްތައް ހިމާޔަތްކޮށްދިނުމުގެ ގާނޫނުގެ މުޅި މަގުސަދާ ވެސް ފުށުއަރާ ކަމެކެވެ. އެ ގާނޫނު ވުޖޫދަށް ގެނައީ މި ސަރުކާރުން ނުހަނު މުހިންމު ބޭނުމެއްގައި ކަމަށް ވިޔަސް ހެއްކާ ބެހޭ ބިލްގައި މަސްދަރާ ގުޅޭ ގޮތުން ހިމަނާފައިވާ މާއްދާތަކަށް ބަލާއިރު ސަރުކާރުގެ މުޅި ނިޔާތާ މެދު ސުވާލު އުފެދޭ ކަމަށް ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ވަރަށް ގިނަ ފަރާތްތަކުން ބުނެއެވެ.

ހެއްކާ ބެހޭ ބިލް ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީގައި ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ގައުމީ ސަލާމަތާއި ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކުގައި މަސްދަރު ހާމަކުރަން އެންގުމުގެ އިހްތިޔާރު ފަނޑިޔާރަށް އޮންނަންޖެހެއެވެ. އެއީ އެ ކުށްތަކުގެ ބާވަތުން ކަމަށް އެ ފަރާތްތަކުން ދެކެއެވެ. ނަމަވެސް އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަނީ އޭގެ ނާޖާއިޒް ފައިދާ ކޯޓުތަކުން ނެގުމަށް މަގުފަހިވެފައިވާ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އުޝާމް ވިދާޅުވީ ވަރަށް ހާއްސަ ހާލަތްތަކުގައި މެނުވީ ގާނޫނު އަސާސީ ރައްޔިތުންނަށް ލިބިދޭ ހައްގެއް އުނި ނުކުރެވޭނެ ކަމަށެވެ. މަސްދަރު ހިމާޔަތްކުރުމަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށާއި ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރުމަށް އެންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ދިނުމުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގައުމީ ސަލާމައްސަލަތަކުގެ މާނަ ގާނޫނުގައި ސާފެއްނޫން

“ރާއްޖޭގައި އަމަލުކުރާ އެއްވެސް ގާނޫނެއްގައި ގައުމީ ސަލާމަތާ ބެހޭ މައްސަލަތައް ޑިފައިން ކޮށްފައެއް ނުވޭ. މި ފަދަ ހާލަތެއްގައި ސަރުކާރުން ބޭނުންވެއްޖެ ކަމަށް ވަނީ ނަމަ ކޮންމެ ކަހަލަ މައްސަލައެއްގައި ވެސް ގައުމީ ސަލާމަތަށް ކަމަށް ބުނެ މަސްދަރު ހާމަކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބޭ،” އެމްއެންޕީން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި އުޝާމް ވިދާޅުވިއެވެ. 

ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ތުހުމަތުތަކަކީ މީގެ ކުރިން ވެސް ސަރުކާރުން ނާޖާއިޒް ގޮތުގައި ބޭނުންކޮށްފައިވާ ތުހުމަތުތަކެކެވެ. ހާއްސަކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޓެރަރިޒަމްގެ ކުށާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ބޭނުންކޮށްފައި ވަނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ ފަރާތްތަކަށް އަދަބު ދޭން ގެންގުޅޭ ޓޫލެއްގެ ގޮތުގައެވެ.

ނޫސްވެރިންގެ އިއުތިޖާޖްގެ ތެރެއިން | ފޮޓޯ: ލީވާން އަލީ ނާސިރު

ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން މިހާރު ގާނޫނުން ސާފުކޮށް ބަޔާންކޮށްދީފައި އޮތް ނަމަވެސް ގައުމީ ސަލާމަތާ ބެހޭ ކަންކަން ޑިފައިންކޮށްދީފައި ނެތުމުން މަސްދަރު ހާމަކުރުމަށް ކޯޓަށް ހުށަހެޅުމުގައި ސިޔާސީ ކުލަ ޖެއްސުމުގެ ފުރުސަތު މިހާރު އެބަ އޮތެވެ. އަދި ކޯޓުތަކާއި ފަނޑިޔާރުންނަށް އެ އިހްތިޔާރު ދޫކޮށްލުމަކީ މާޒީ އަށް ބަލާއިރު އަދި ކޯޓުތަކާއި ތަހުގީގީ އަދި ތަންފީޒީ އިދާރާތަކާ މެދު އޮތް އިތުބާރަށް ބަލާއިރު އޭގެ ނުބައި ނަތީޖާ ފަހުން ނުކުމެދާނެ ފުރުސަތު އޮތް ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

ހެއްކާ ބެހޭ ބިލް މަޖިލީހުން އެވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިވަގުތު ދެން އެކަމާ ގުޅިގެން ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށެވެ. ބިލް ފާސްކުރަން އޮތް ދުވަހު މަޖިލިސް ކައިރިއަށް އެއްވި ނޫސްވެރިންނާ ވަހަކަ ދެއްކެވި އިރު އެ މަނިކުފާނުގެ ވާހަކަތައް ބައްޓަންކުރެއްވީ ނޫސްވެރިން އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ފެށީ މާ ފަހުން ކަމަށް ދޭހަވާ ގޮތަކަށެވެ.

 “ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް. އެކަން އެ ނިމުނީ ހަ މަސް، ހަތް މަސް ފަހުން. އަޅުގަނޑަށް ހިތަށް އަރަނީ ދެން ކުރެވެން އޮންނާނެ ގޮތަކީ މިކަން މިހެން ގެންގޮސްފައި ‘ބިލު ފާސްކޮށްފައި’ އަނެއްކާ އަނބުރާ ތިޔަ ބޭފުޅުންގެ އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން،” ނަޝީދު ވިދާޅުވި އެވެ.

ކުރިން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވައި އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ވަކާލާތު ވެސް ކުރެއްވި އެއް ބޭފުޅާ މިހެން ވިދާޅުވި ނަމަވެސް ބިލް ހުށަހެޅުމާ ހަމައިން ވެސް ނޫސްވެރިންނާއި ކަމާ ބެހޭ ޖަމިއްޔާތަކުން ދިޔައީ އެބިލް އެ ގޮތަށް ފާސްނުކުރުމަށް ގޮވާލަމުންނެވެ. ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި އެ ވާހަކަތައް ހިމަނައި ރިޕޯޓް ނެރުނެވެ. ނޫސްވެރިން ލިޔުންތައް ލިޔުނެވެ. މަޖިލީހުން ބިލް ފާސްކުރީ އެ ހުރިހާ ކަމަކަށް ބީރު ކަންފަތެއް ދީފައެވެ.

ތެދެކެވެ. ބިލް އެވަނީ ފާސްވެފައެވެ. ސަރުކާރުން ބޭނުންވާ ކަންކަން ހާސިލްކުރުމަށް ތާއިދުކޮށްގެން ތިއްބެވި ގިނަ މެންބަރުންނަށް އެ ބިލް އޮތް ގޮތް ރަނގަޅެވެ. އަދި އެކަން ދިފާއު ވެސް އެބަ ކުރައްވައެވެ. ނަމަވެސް ބިލް ފާސްކުރި ގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ނުކުރެއްވުމަކީ ވަރަށް ގިނަ ބައެއްގެ އެދުމެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި އަދި ވެސް ވަރަށް ގިނަ ނޫސްވެރިން ގެންދަނީ އެ ބިލް ތަސްދީގު ނުކުރެއްވުމަށް ރައީސަށް ގޮވާލަމުންނެވެ. އަދި އެކަން އެގޮތަށް ކޮށްފި ނަމަ ސުޕްރީމް ކޯޓާ ހަމައަށް ވެސް ދިއުމަށް އެ ފަރާތްތައް ތިބީ ތައްޔާރަށެވެ. އަދި ރާއްޖޭގެ އަސްދަނޑިއާ ހަމައިން ވެސް މި ކަމެއް ނުނިމޭނެއެވެ.

މިހާތަނަށް ބައިނަލްއަގުވާމީ ފިއްތުންތައް މި ސަރުކާރަށް ކުޑަ ނަމަވެސް ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް އުނިކަން އައުން ފަދަ ކަންކަން ސަރުކާރުން މެދުވެރިކުރުވާ ނަމަ އެކަން އެގޮތުގައި ނޯންނާނެއެވެ. ކުރިއަށް އޮތީ އިންތިހާބީ އަހަރެވެ. އެހެންކަމުން އެހާ ފަސޭހައިން މިކަން ނުނިމޭނެއެވެ. ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އަންނަ އަހަރު އިތުރު އެތައް ތަނެއް ސޮއްސާލާނެ ކަމަށް މިހާރު ވެސް ބުނެވިދާނެއެވެ. ސަރުކާރުގެ އިހްތިޔާރަށް މަސްދަރުގެ މައްސަލަ ދޫކޮށްލުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަން މާޒީން ހެކި ދެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0