ހައި އެޗީވާސްގައި ގިނައީ އަންހެން ކުދިން، ކަންބޮޑުވާންޖެހޭ ކަމެއްތަ؟

21 ޖުލައި 2022 - 13:39

ރާއްޖޭގެ ކޮލެޖް ޔުނިވަރސިޓީތަކުގައި މަތީ ތައުލީމު ހާސިލްކުރާ ކުދިންގެ އަދަދު އިތުރެވެ. ގިނަ އަދަދެއްގެ ކުދިން މިހާރު މަތީ ތައުލީމު ހާސިލްކުރެއެވެ. ކުދިންގެ އަދަދުތަކަށް ބަލާއިރު އެންމެ ތަފާތުކަމަކީ ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާ ފިރެހެން ކުދިންނަށްވުރެ އަންހެން ކުދިންގެ އަދަދު އިތުރުވުމެވެ.

ފިރެހެންކުދިންނަށްވުރެ އަންހެންކުދިން މަތީ ތައުލީމު ހާސިލްކުރާ މިންވަރު އިތުރުއިރު ކިޔެވުމުގައި ފިރެހެން ކުދިންނަށްވުރެ އަންހެން ކުދިން ކާމިޔާބުކަންވެސް ހާމަވެއެވެ.

advertisement

މިފަހުން އެންމެ ގިނަ ބައެއްގެ ސަމާލުކަން އައީ އޭ ލެވެލްގައި އެންމެ މަތީ ފާސް ލިބުނު 85 ދަރިވަރަކަށް ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރުމުގެ ހަފްލާގެ ތެރެއިން ރައީސްގެ ސްކޮލަޝިޕް 6 އަންހެން ކުދިންނަށް ލިބުމުންނެވެ.

ފަސް މާއްދާއިން އޭ ސްޓާ ހޯދައިގެން ރައީސްގެ ސްކޮލަޝިޕް ލިބުނީ ސީއެޗްއެސްއީގެ 5 އަންހެން ކުދިންނާއި ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ އަންހެން ދަރިވަރަކަށެވެ.

ޓޮޕް ޓެން އެޗީވާރސް އެވޯޑް ހަފްލާތަކުގައިވެސް ފިރެހެންކުދިންނަށްވުރެ ގިނައިން އަންހެން ކުދިން ގަދަ 10 ގައި ހިމެނެއެވެ. 2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 އެއްގެ އެއްވަނަ 5 ދަރިވަރަކު ހޯދާފައިވާއިރު އެއީވެސް މުޅިން އަންހެންކުދިންނެވެ.

ތައުލީމު ހާސިލްކޮށްފައިވާ އަންހެން ޖީލެއް އުފެދުމަކީ ހަމަޔަޤީނުންވެސް އޭގެ ރަނގަޅު އަސަރު މުޅި މުޖްތަމައުއަށް ކުރާނެކަމެކެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމުގައި މަންމައިން ބޮޑު ދައުރެއް އަދާކުރެއެވެ. ނަމަވެސް ޓޮޕް ޓެންގައި ހިމެނޭ ފިރެހެން ކުދިންނަށްވުރެ އަންހެން ކުދިން ގިނަވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްނޫނެވެ. އުފާ ކުރަންޖެހޭ ކަމެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0