ތާރީހުގެ ތެރެއިން: މިނިވަން ދުވަހަކީ ޖުލައި 26ތަ ނުވަތަ މާރިޗު 29ތަ؟

26 ޖުލައި 2022 - 12:04

ރާއްޖޭގެ ތާރީހުގައި މިނިވަންކަން ގެއްލުނުކަމަށް ބުނެވެނީ ދެފަހަރެއްގެ މަތީންނެވެ. އެއީ ޕޯޗުގީޒުންގެ އަޅުވެތިކަމަށް ދިޔަ ފަހަރަކާއި އިންޑިޔާގެ މަލާބާރީންގެ އަޅުވެތިކަމަށް ދިޔަ ފަހަރެކެވެ. އެއީ 1558 އާއި 1573 އާއި ދެމެދެވެ. އިންޑިޔާގެ އަޅުވެތިކަމުގައި އޮތީ 1752 އިން 1753 އަށެވެ. ރާއްޖޭގައި ގައުމީ ދުވަހަކާއި މިނިވަން ދުވަހެއް ކުރީއްސުރެންވެސް އައީ ފާހަގަ ކުރަމުންނެވެ.

އިބްރާހިމް ނާސިރު، އިނގިރޭސިންގެ އަތްދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު އެގްރިމެންޓްގައި ސޮއެ ކުރައްވަނީ

ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. އެއީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން އުތީމު މުހައްމަދު ތަކުރުފާނު ދިވެހިރާއްޖެ ސަލާމަތް ކުރި ކަމަށް ބުނާ ދުވަހެވެ. ނަމަވެސް، ވަކި ހިސާބަކުން ނާސިރު ވަނީ މިނިވަން ދުވަހާއި ގައުމީ ދުވަސް އެއްދުވަހަކަށް ބަދަލުކޮށްފައެވެ.

advertisement

ޖުލައި ސައްބީހަކީ އިނގިރޭސިންގެ ފަރާތުން ދިވެހިރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބި، އެ ކަމާއި ވިދިގެން މިނިވަންކަމުގެ އެގްރިމަންޓުގައި ސޮއިކުރި ދުވަހެވެ. އެ ސޮޔެއް ކުރެއްވީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެބޭފުޅާއެވެ. އެދުވަހުން ފެށިގެން 1976 މާޗް 29 ވަނަ ދުވަހާއި ހަމައަށް ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަމުން އައީ ޖުލައި ސައްބީހެވެ.

މިނިވަންދުވަހަކީ މާރިޗު 29 ތަ؟

އެކަމަކު އެ އަހަރުގެ މާޗް ނަވާވީހަށް ފަހު ނާސިރު ވިދާޅުވީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނު ދުވަހަކީ މާޗް 29 ކަމަށާއި ރާއްޖޭގެ މިނިވަން ދުވަހަކީ އެއީ ކަމުގައެވެ. 1977 އަދި 1978 ގައި މިނިވަން ދުވަސް ފާހަގަކޮށްފައި ވަނީ ވެސް މާޗް 29 ވަނަ ދުވަހުގައެވެ. އެދުވަހަކީ އައްޑޫ ގަން އިނގިރޭސި ސިފައިން ދިވެހި ދައުލަތާއި އަލުން ހަވާލު ކުރި ދުވަހެވެ. އެދުވަހަށް ފަހު މިނިވަން ދުވަހުގެ ގޮތުގައި ފާހަނގަ ކުރަމުން އައީ މާޗް 29 ވަނަ ދުވަހެވެ. ނާސިރުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު އެދުވަސް ފާހަގަ ކުރުމުން އެންމެންވެސް ތިބީ އެކަމާއި މެދު ރުހިގެން ތާއީދުކޮށްގެންނެވެ. މިހެން ތިބެފައި ނާސިރުގެ ވެރިކަން 1978ގައި ނިމުމާއެކު ނާސިރަށް މިނިވަންދުވަސް އެނގިވަޑައި ނުގަންނަވާކަމަށް ނިންމައި ޖެހިގެން އައިއަހަރު އެދުވަސް އަނެއްކާވެސް ޖުލައި ސައްބީހަށް އޭރުގެ ވެރިން ބަދަލުކޮށްފިއެވެ.

އިބްރާހިމް ނާސިރު ބޮޑުވަޒީރުކަމަށް އިސްކުރުއްވި ފަތްކޮޅު

ނާސިރުގެ ވެރިކަމަށް ފަހު، މައުމޫނުގެ ވެރިކަން ފެށި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުރަތަމަ ބިލަކީ މިނިވަން ދުވަހާއި ގައުމީ ދުވަސް ވަކިކޮށް ގައުމީ ދުވަހަކީ ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަސް ކަމަށާއި މިނިވަން ދުވަހަކީ ޖުލައި ސައްބީސްކަމުގައި ހެދުމެވެ.  މިގޮތަށް، މިނިވަންދުވަހަކީ ޖުލައި ސައްބީސް ކަމުގައި ގާނޫނަކުން އެކަށައެޅުމުގެ ސިއްރަކީ ނާސިރުގެ ވަސް ފޮހެލުން ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިކަންކޮށްފައި އޭރު ނާސިރުދެކެ ރުޅިއަރާ މީހުން ހިންގާ ނޫސްތަކުގައި ލިޔުނީ ޖޫން ޖުލައި އަކީ އާއްމުގޮތެއްގައި ވިއްސާރަ ދުވަސްވަރަކަށްވާތީ ސިފައިންގެ ރޫޓު މާޗުތަކާއި ޕެރޭޑު ބާއްވަން އުނދަގޫވާތީވެ މޫސުން ރީތި ދުވަސްވަރެއްގައި އެކަން ކުރަންވެގެން މިނިވަން ދުވަސް މާޗް ނަވާވީހަށް ނާސިރު ބަދަލު ކުރެއްވީ ކަމުގައެވެ. ގަމޭ އިނގިރޭސިންނޭ ވިދާޅުވެފައި ވަނީ ބަހަނާއެއް ދެއްކުމަށް ކަމުގައެވެ.

އެއީ ދިވެހިރާއްޖޭގެ ތާރީޚާއި މިނިވަންކަމަށް ނާސިރު ވެފައިވާ ހަރާންކޯރުވުމެއް ކަމުގައެވެ.ތާރީހަކީ ބަޔަކު ނުވަތަ މީހަކު އެމީހަކަށް ނުވަތަ ބަޔަކަށް ފެންނަ ގޮތަކަށް ލިޔާ އެއްޗެކެވެ. ކަން ހިނގައި ދިޔަ ގޮތާއި، ލިޔެވިފައި އޮންނަ ގޮތާއި ހާސްބައި ތަފާތު ހުރެއެވެ. މިފަދަ ކަންކަމުގެ ހަގީގަތް އެނގޭނީ އެޒަމާނުގެ މީހުންނާއި ވާހަކަ ދައްކައި ވީހާވެސް ގިނަ ބައެއްގެ ފުށުން، އެބަޔަކަށް ފެނި އިހުސާސްވި ގޮތް އަހައި އޮޅުން ފިލުވުމުންނެވެ. ވާހަކަ ހޯދުން މުހިންމު ވަނީ އެހެންވެއެވެ. ކިޔަން ލިބޭ ހުރިހައި އެއްޗަކީ ތެދު ކަމުގައި ނުވެދާނެތީއެވެ. މިނިވަން ދުވަސް ކަމުގައި ފާހަނގަ ކުރާ ޖުލައި 26 ވަނަ ދުވަހުގެ ވާހަކައާއި މެދު ހުރި އެއްގޮތް ކަމެއް ނެތް ވާހަކަތަކުންވެސް މިކަން ހާމަވެއެވެ.

ރިއެކްޝަންސް
0
0
0
0
0
0
0