އާދައިގެ ބަލިތަކަށް ބޭސްނުކައި ފަރުވާހޯދޭނެ ގޮތްތައް

27 ޖުލައި 2022 - 11:47

ވަރަށް އާދައިގެ ބައްޔެއް ވިއަސް އެކަމަށް ޑޮކްޓަރަށް ދައްކާ ބޭސްކާ މީހުން ވަރަށް ގިނައެވެ. ނަމަވެސް އާދައިގެ ބަލިތަކަށް ބޭސް ކެއުމަކީ އެހާ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ބަލިތަކަށް ގޭގައި ފަރުވާ ދީގެން ރަނގަޅުވޭތޯ ބެލުމަކީ އެންެމެ ރަނގަޅު ގޮތެވެ. މި ހިމަނާލަނީ ބައެއް އާންމު ބަލިތަކަށް ގޭގައި ދެވިދާނެ ފަރުވާއަށެވެ.

ކެއްސާނަމަ އަލަނާސި

އަލަނާސި ޖޫހަކީ ކެއްސާތީ ބޯ ބޭހަށް ވުރެ މާ އަވަހަށް އޭގެ ރަނގަޅު ނަތީޖާ ފެންނަ އެއްޗެކެވެ. ވިޓަމިން ސީގެ އިތުރުން އަލަނާސީގައި ބްރޮމެލައިން ކިޔާ އެންޒައިމެއް ހުރެ އެވެ. އަދި އިންފްލެމޭޝަންތަކާ ދެކޮޅަށް މަސައްކަތްކުރާ ބާވަތްތައް ވެސް އަލަނާސީގައި ހިމެނެ އެވެ. އެހެންކަމުން ހަށިގަނޑަށް ފައިދާހުރި ގިނަ ބާވަތްތަކެއް އެކުލެވޭ އަލަނާސި ބޭނުންކުރުމުން ބަލިތަކާއި ހަނގުރާމަކުރުމަށާއި ޖަރާސީމުތައް މަރާލުމަށް އެހީތެރިވެދެ އެވެ. ޚާއްސަކޮށް ކަރުތެރޭގައި ހުންނަ ޖަރާސީމެވެ.

advertisement

ލޭ މައްޗަށް ދާނަމަ ހައިބިސްކަސް ޓީ

މިއީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބޯން ރަނގަޅު ސަޔެކެވެ. އަދި ހައިބިސްކަސް ޓީ ބުއިމުން ބްލޫބެރީ ކެއުމަށް ވުރެ މާ ފަސޭހައިން ލޭގެ ޕްރެޝަރު ހަމަޔަކަށް އަޅުވާލެވޭ ކަމަށްވެ އެވެ.

ބުރަކަށީގައި ރިއްސާނަމަ ތަރުކާރީ އާއި ހަވާދު

ބުރަކަށީގައި ރިއްސާތީ އަބަދު އުޅެންޖެހިފައިވާ ނަމަ، ބިމު އަޑިއަށް ފައިބާ ޒާތުގެ ތަރުކާރީ އާއި ފަލަމަޑީގެ ތެރެއިން ކެރެޓް، ބީޓްރޫޓް އަދި ކައްޓަލަ ފަދަ ތަކެތި ކާން އާދަކުރާށެވެ. އަދި ހާބްސް އާއި ހަވާދުގެ ބާވަތްތަކުގެ ތެރެއިން ރީނދޫ، ބެސިލް، ފޮނިތޮށި، އިނގުރު، ރޯޒްމޭރީ، ލޮނުމެދު އަދި އޮރެގާނޯ ފަދަ ތަކެތި ބޭނުން ކުރާށެވެ. މި ބާވަތްތަކަކީ ހަށިގަނޑުގެ ތަންތަނަށް ދުޅައިގެ އަސަރު ކުރުމުން ދިފާއުކޮށްދޭނެ އެންޓީ-އިންފްލެމޭޓަރީ އެޖެންޓްސް ހިމެނޭ ބާވަތްތަކެކެވެ.

ޔޫރިން އިންފެކްޝަނަށް: ކްރޭންބެރީ

ކްރޭންބެރީގައި ޕްރޮއެންތޮސައިނިޑިންސް ކިޔާ ކަމްޕައުންޑެއް ހުރެ އެވެ. މި ކަމްޕައުންޑްގެ ސަބަބުން، ކުޑަކަމުދާނިޒާމަށް ގެއްލުންދޭ ބެކްޓީރިއާތައް ބްލެޑާގައި ހުރުމަށް ހުރަސްއަޅައެވެ. އެހެންކަމުން ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ ކުޑަކަމުދާނިޒާމުގައި ޖަރާސީމު އަށަގަތުމުން ސަލާމަތްވުމަށް، ހިއްކާފައި ހުރި ކްރޭންބެރީ ބޭނުންކުރާށެވެ.

ސްޓްރެސް އާއި ހިތް ނުތަނަވަސްވާނަމަ ދޮންކެޔޮ

މާބޮޑަށް ސްޓްރެސް ވާން ފަށައިފި ނަމަ އަވަހަށް ދޮންކެޔޮވަކެއް ކާލާށެވެ. ދޮންކެޔޮވަކެއްގައި އެވްރެޖްކޮށް 105 ކެލޮރީޒް އާއި 14 ގްރާމް ހަކުރު ހުންނާނެ އެވެ. ދޮންކޭލުން، ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މަތިވެ އެވެ. އަދި ބަނޑުހައިކަން ފިލަ އެވެ. އަދި އެންމެ ދޮންކެޔޮ ވަކެއްގައި އިންސާނަކަށް ދުވާލަކަށް ބޭނުންވާ ވިޓަމިން ބީ6 ގެ 30 ޕަސެންޓް ހުރެ އެވެ. މި ވިޓަމިން އަކީ ސިކުނޑިން ސެރެޓޯނިން އުފައްދާ މިންވަރު އިތުރުކޮށްދޭ އެއްޗެކެވެ. ސެރޮޓޯނިން އަކީ ސްޓްރެސް ދަށްކުރުމަށް އެހީތެރިވެދޭ ކެމިކަލް އެކެވެ.

ރިއެކްޝަންސް
0
0
1
0
0
0
0