ހުޅުމާލެއިން ހިލޭ ބަހާލާ އެއްހާސް ގެވަޅު ލިބޭނީ ކޮންބަޔަކަށް؟

27 ޖުލައި 2022 - 15:48

ސަރުކާރުން ހިލޭ ގޯތި ދިނުމުގެ ނަމުގައި 3،000 ގެވަޅު ހިލޭ ބަހާލާނެކަމަށް އިއުލާންކުރުމާއެކު ގިނަބައެއްގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އެއްބަޔަކު މާލޭގެ މީހުންނަށް އެކަނި މާލެ ސަރަހައްދުން ހިއްކާ ކޮންމެ ފަޅެއް ހާއްސަ ނުކުރެވޭނެކަމަށް ބުނާއިރު، އަނެއް ބަޔަކު ދެކެނީ މިއީ ވަކި ބަޔަކު ނުހައްގުން މުއްސަނދިކޮށްދިނުމަށް މާލޭ ރައްޔިތުންގެ ނަމުގައި ސަރުކާރުން ހިންގާ ބޮޑު ޖަރީމާއެއް ކަމުގައެވެ.

ތިންހާސް ގޯތީގެ ތެރެއިން 1،000 ގޯތި ދެނީ ހުޅުމާލެއިންނެވެ. ބާކީ 2،000 ގޯތި ދޭނެކަމަށް ބުނާ ބިންތަކަކީ މާލެއާއި ބައިގަޑިއިރު ދުރުން ނުހިއްކާހުރި ފަޅުތަކެކެވެ. މިސަރައްހަދުތައް އާބާދުކޮށް ދިރިއުޅެވޭ ފެންވަރަށް ގެނައުމަށް މަދުވެގެން 10 އަހަރު ނަގާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

advertisement
މާލެ މީހުންނަށް ހިލޭ ގޯތި ބަހަން ނިންމާފައިވާ ތަންތަން

ސަރުކާރުންވަނީ ގޯތި ލިބޭފަރާތްތަކުގެ ހާލަތު ވަޒަންކުރުމަށް ގޭގެއަށް ޒިޔާރަތްނުކުރާނެކަމަށް މިހާރުވެސް އިއުލާންކޮށްފައެވެ. ރާއްޖޭގައި ކަންހިނގާ އުސޫލަށް ބަލާއިރު، ހުޅުމާލެއިން ބަހާލާ 1،000 ގެވަޅު ލިބޭނީ މާލޭގެ ނިކަމެތި ގެދޮރު ނެތް ހައްޤުވެރިނަންނަށް ކަމާމެދު މިހާރުވެސް ގިނަބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި މިކަމަކީ މާލޭގެ ރައްޔިތުންގެ ގެދޮރުގެ ދަތިކަމުގެ ނާޖާއިޒު ފައިދާ ނަގައި، ސަރުކާރަށް ފެންނަ މަދު ބަޔަކަށް ނުހައްގުން ދައުލަތުގެ މުދާ ބަހާލުމަށް ރާއްޖޭގައި ހިންގާ އެންމެ ބިޔަ އިޤްތިޞާދީ ޖަރީމާކަމަށެވެ.

“ދައުލަތުގެ މާލިއްޔަތު އަޑިއަޅާލައި ބޮޑެތި ދަރަނިތައް ދައްކަންޖެހިފައިވަނިކޮށް ދައުލަތުގެ އެންމެއަގުހުރި ބަންޑާރަބިންތައް ބޭއިންސާފުން ވަކިބަޔަކަށް ހިލޭ ބަހާލުމަކީ ބަލައިގަނެވޭނެ ކަމެއްނޫން. ހިލޭ ދޫކުރާ ބިންތަކުގެ އަގު 30 ބިލިއަން ރުފިޔާއަށްވުރެ މަތިވާނެ،” ބ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ޓުވީޓެއްގައި ވެއެވެ.

ހިލޭ ބިން ދޭނަމަ، ހިޔާ ފްލެޓް ހިމެނޭގޮތަށް ސޯޝަލް ހައުސިން ފްލެޓުތަކުގެ ކުލި ކުޑަކުރުން ނުވަތަ އުވާލުމުގެ ނިޔަތެއް ނެތިފައި، ނަމަވެސް އެންމެ އަގުބޮޑެތި ބިން 3،000 މީހަކަށް ހިލޭ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެކަމާއި ގިނަބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

މާލޭގެ ގެދޮރު އިމާރާތްތަކުގެ 50 އިންސައްތައަށް ވުރެ ގިނަ ޖާގަ ހުރީ ކުއްޔަށް ދެވިފައިކަމަށް ދިރާސާތަކުން ދައްކައެވެ. ސުވާލަކީ މާލެއަށް ދިމާވެގެން އުޅެނީ ގެދޮރުގެ ދަތިކަމެއްތޯ ނުވަތަ ކުއްޔަށްދީގެން އާމްދަނީ ހޯދާނެގޮތެއްގެ ދަތިކަމެއްތޯއެވެ؟ ހަޤީގަތަކީ މާލޭގެ ރައްޔިތުންގެ ތެރޭގައިވެސް ދަތި ހާލުގައި އުޅެމުންދާ އެތަށް ބަޔަކު އުޅޭކަމެވެ. މިފަދަ ބަޔަކަށް ބިންދީގެން ގެދޮރު އިމާރާތްކުރާނީ ކިހިނަކުންތޯއެވެ؟

މުޅި ރާއްޖެއިން ލިބޭ ޓެކްސް ފައިސާ މާލެ ސަރަހައްދަށް އޮއްސުމަށްފަހު، މާލެ އަތޮޅުން ހިއްކާ ކޮންމެ ފަޅެއް މާލޭގެ އެންމެ 3،000 މީހަކަށް ހާއްސަކުރުމުކީ މާލޭގައި ގެދޮރު ބޭނުންވާ މާލެ ސަރައްހަދުގެ ހުރިހާ ރައްޔިތުންނަށް ވެވޭ ހިޔާނާތެކެވެ. މިބިންތަކުގައި ފްލެޓް އިމާރާތްކޮށްގެން މާލެސަރައްހަދުގެ ބައިލައްކަ ރައްޔިތުންގެ ގެދޮރުގެ ދަތިކަން ފިލުވައިދެވޭނެއެވެ. އެފަދަ ފަރާތްތަކަށް ސަރުކާރުން ހެޔޮއަގެއްގައި ފްލެޓް ދިނުމުން ބޯހިޔާވަހިކަމަށް ވަގުތުން ހައްލު ލިބިގެންދާނެކަން ޔަޤީނެވެ.

ބިންދިނުމަކީ ބޯހިޔާވަހިކަމަށް ލިބޭ ހައްލަކަށް ވުރެ އަނެއްކާވެސް ގިނަ ބަޔަކު މަދު ބަޔަކަށް ކުލި ދައްކާ ބަޔަކަށް ވާން ހުޅުވިގެންދާ ދޮރެކެވެ. މަދު ބަޔަކު އެއްވެސް ކަމެއް ނުކޮށް މުއްސަނދިކޮށް ދިނުމެވެ. މާލޭ ރައްޔިތުންގެ ގެދޮރުގެ ދަތިކަމުގެ ނާޖާއިޒު ފައިދާނަގައި, ރާއްޖެތެރެއާއި މާލެ ބައިބައިކޮށްގެން އެންމެ އެއްހާސް މީހަކަށް ހިލޭ ބިންތަކެއް ބަހާލުމަކީ ދިވެހިރައްޔިތުންނަށް އޮޅުވާލައިގެން ސަރުކާރުން ހިންގާ ޖަރީމާއެކެވެ.

ރިއެކްޝަންސް
0
0
0
0
0
0
0