ދެ ކެރިއަރުން ކައިވެނިކުރުން ކޮށްގެންވާނެ ކަމެއްނޫން!

30 ޖުލައި 2022 - 10:54

ރާއްޖެއަކީ އާބާދީގެ ނިސްބަތުން މުޅި ދުނިޔޭންވެސް ކެރިއަރުން އެންމެ ގިނަ ޤައުމެވެ. ކެރިއަރުން ގިނަވުމުގެ ސަބަބުން 2 ކެރިއަރުން ކައިވެނިކޮށްގެން ލޭއަޅާ ކުދިން ލިބޭ މިންވަރުވެސް ރާއްޖޭގައި އޮތީ އިތުރުވެފައެވެ. އާބާދީގެ ނިސްބަތުންވެސް ރާއްޖެއަކީ ލޭއަޅާ ކުދިން ގިނަ ގައުމެކޭ ބުނެވިދާނެއެވެ.

ލޭއެޅުން ނުވަތަ ތެލަސީމިއާ ބައްޔަކީ މިއަދު ރާއްޖޭގައި އައު ބައްޔަކަށް ނުވާނެއެވެ. މިއީ މީހުންނަށް ނޭންގޭ ބައްޔެކޭ ނުބުނެވޭނެއެވެ.

advertisement

ލޭއަޅަންޖެހުމަކީ ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާއަށް ވާރުތަވާ ޙާލަތެއްގެ ސަބަބުން ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއް ކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ، ލޭގައި ތަރުތީބުވެގެންދާންޖެހޭ ގޮތަށް ތަރުތީބުވެގެން ނުދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް، ލޭ ނުއުފެއްދުމުގެ ސަބަބުން އޭނާއަށް ދިމާވާ ޞިއްޙީ ޙާލަތަށެވެ.

ލޭއެޅުމަކީ ކޮބައިކަން އަދި ލޭއަޅާ ކުދިން ލިބިދާނެ ހާލަތްތަކަކީ ކޮބައިކަމަށް މިއަދު އަހަރެމެންގެ މި ދިވެހި މުޖްތަމައު އަލެެއް ނުވާނެއެވެ. ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނު ބުނާގޮތުން ކުއްޖާ 18 އަހަރު ފުރުމުގެ ކުރިން އެ ކުއްޖާ ތެލަސީމިއާއަށް ޓެސްޓްކުރުމަކީ ބެލެނިވެރިޔާގެ ޒިންމާއެކެވެ.

ކޮންމެ ދެމަފިރިއަކު ވެސް ކައިވެނިކުރުމުގެ ކުރިން، ތެލަސީމިއާ ކެރިއަރެއްތޯ ބަލަން ޖެހެ އެވެ. ފެމެލީ ކޯޓުގައި ކައިވެނިކުރާ ކޮންމެ ދެމަފިރިއަކަށް ވެސް އެ ބައްޔާ ގުޅޭ މައުލޫމާތު ދެއެވެ.  2 ކެރިއަރުންކަން އިނގިހުރެވެސް ކައިވެނިކުރާ މީހުންގެ އަދަދު މަދެއްނުވެއެވެ. މިއީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި ލޭއަޅާ ކުދިންގެ ދަފުތަރުގައި 1،000އަށް ވުރެ ގިނަ ކުދިން/މީހުން މިހާރު ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެ ތެރެއިން ދުނިޔޭގައި 600 އަށްވުރެ ގިނަ ކުދިން އެބަތިއްބެވެ.

2 ކެރިއަރުން ކައިވެނިކޮށްގެން ބަނޑުބޮޑުވާ ކޮންމެ ފަހަރަކު ލޭއަޅާ ކުއްޖަކު ލިބުމުގެ ފުރުސަތު %25 އޮވެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރާއި މިއަހަރުވެސް ރާއްޖޭގައި އުފަންވާ ލޭއަޅާ ކުދިންގެ އަދަދު މަދެއްނުވެއެވެ. މިދިޔަ އަހަރު 21 ކުދިން އުފަންވި އިރު، މި އަހަރުގެ މިހާތަނަށް 10 ކުއްޖަކު ވަނީ އުފަންވެފަ އެވެ. މިއީ ކަންބޮޑުވާންޖެހޭ ނަންބަރުތަކެކެވެ.

ރާއްޖޭގައި ތެލަސީމިއާއާއި މެދު ހޭލުންތެރިނަމަވެސް ގިނަފަހަރު މީހުން ތެލަސީމިއާއަށް ޓެސްޓްކުރަނީ ކައިވެނިކުރަންވުމުންނެވެ. އަދި 2 މީހުންނަކީ 2 ކެރިއަރުންނަށް ވީނަމަވެސް އެހިސާބަށްގޮސް ގުޅުން ނިންމާލަން ގިނަ މީހުން ބޭނުމެއް ނުވެއެވެ. އެހެންކަމުން އެންމެ ފަހުން ކައިވެނިކުރަނީއެވެ. މުސްތަގުބަލަށް ވިސްނާލުމެއް ނެތިއެވެ.

ލޭއަޅާކުއްޖަކު ބަލާބޮޑުކުރުމަކީ ވޭންހުރި ހިތަދަތި ކަމެކެވެ. މިކަން އިހްސާސްކުރެވޭނީ މި ވޭނުގައި އުޅެމުންދާ މީހުންނަށެވެ. ލޭހޯދުމަށް ކޮންމެ މަހަކު އުފުލާ ބުރައަކީވެސް ވަކި ކުޑަ މަސައްކަތެއްނޫނެވެ. ލޭނުލިބި ހޭދަވާ ކޮންމެ ވަގުތެއްގައި ނުތަނަވަސްކަން ލޭއަޅާ ކުއްޖާއާއި އޭނާގެ އާއިލާއަށް ލިބިގެންދާ ފަހަރެކެވެ. ޙާއްސަކޮށް ކޯވިޑް19 އާއި ގުޅިގެން ލޭހޯދުމަށްވެސް ވަނީ ބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިވެފައެވެ.

ލޭއަޅާ ކުއްޖަކު ތަހައްމަލްކުރާ ވޭނަކީ ބޮޑު ވޭނެކެވެ. ނަފްސާނީ ގޮތުންނާއި އަދި ޖިސްމާނީ ގޮތުންވެސް ގިނަ ކަންކަން ތަހައްމަލްކުރެއެވެ. ކޮންމެ މަހަކު އެއްފަހަރު ނުވަތަ 2 ފަހަރު ލޭއެޅުމާއި، ލޭއެޅުމުގެ ސަބަބުން ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބައި ދަށްކުރުމަށް ގަވައިދުން ޑެސްފަރޯލް އިންޖެކްޝަން ޖެހުމާއި އެނޫންވެސް ބޭސްތަކާއި ޓެސްޓުތައް ޤަވައިދުން ހެދުމަކީ އެކުދިން ތަހައްމަލްކުރާ ބޮޑު ވޭނެކެވެ. ލޭއެޅުމުގެ އިތުރުން އިތުރު ބަލިތަކަށް ހުށައެޅި އެ ބަލިތަކަށް ފަރުވާ ހޯދާ ލޭއަޅާ ކުދިންގެ އަދަދުވެސް ރާއްޖޭގައި މިއަދު އިތުރެވެ.

އެހެންކަމުން 2 ކެރިއަރުން ކައިވެނިކުރުމުގެ ކުރިން މުސްތަޤްބަލާއިމެދު ވިސްނާލާށެވެ. ތިމާގެ ސަބަބުން ތިމާގެ ދަރިފުޅުގެ މުޅި ދިރިއުޅުން ވޭނަކަށް ހުށައަޅާލާނީތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލާށެވެ. ލޯތްބޭ ކިޔާފައި އަމިއްލަ ދަރިފުޅަށް އިނގިހުރެ ގެއްލުމެއްދޭނީތޯ ވިސްނާލާށެވެ.

ރިއެކްޝަންސް
0
0
0
0
0
0
0