ރިޕޯޓް: މިއަހަރުވެސް މާލެ ސަރަހައްދުތަކުގެ ސްކޫލްތަކަށް ރަށްރަށުގެ ސުކޫލްތަކުން 1،500 ދަރިވަރުން

10 އޯގަސްޓް 2022 - 16:57

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހެއްގައި ރަށްރަށުގެ ތަރައްގީއާ ގުޅޭ ގޮތުން ވިދާޅުވެފައި ވެއެވެ. “ބައެއް ސިޔާސީ ބޭފުޅުން އެބަ ވިދާޅުވޭ ރަށްރަށުގައި ތިޔަ ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހުއްޓާލާށޭ. ކޮންމެ ރަށަކަށް ތިން ކަޅު ހަން ދިނީމާ ރަށްރަށުގައި ފެންބޮއިގެން އުޅޭނެޔޭ. ކިހާ ބޮޑު ހަރަދެއްހޭ ތިޔަކުރަނީ. ކީއްކުރަންހޭ ބަނދަރުތައް ތިޔަ ހަދަނީ. މިއޮއްހުރިހާ ދުވަހަކު ވެސް އުޅުނީނޫންހޭ ރަށްރަށުގައި،” ރަށްތަކުގެ ތަރައްގީއާ މެދު ބައެއް ފަރާތްތަކުގެ ވިސްނުން ހުރި ގޮތް ރައީސް ވިދާޅުވިއެވެ.

ރަށްރަށުގެ ތަރައްގީ އަށް މަޝްރޫއުތައް ހިންގެވުމުގެ ބޭނުން ވެސް ރައީސް އެ ދުވަހު ވިދާޅުވެ ދެއްވިއެވެ.

advertisement

“އެކަހަލަ ވިސްނުން ބައެއް ބޭފުޅުންނަށް އެ އަންނަނީ، މިހާރު މިސާލަކަށް، ލޯންޗްގައި އަންނަ ގޮތަށް އައިސް ފާލަމާ ކައިރިކޮށްލާފައި ކާރަށް އަރައިގެން ގެއަށް ދެވޭ ބޭފުޅުންނަކަށް އިހްސާސެއް ނުވާނެ ރަށްރަށުގެ ކަންތައްތަކެއް. އޮޑިދޯނިފަހަރު ގެންގުޅޭ، އެ މީހުން އެ އުޅޭ ހާލެއް. ތިމަންނަގެ ދަރިފުޅު ނޫނީ ތިމަންނަ ބަލިވީމާ ހޮސްޕިޓަލަށް ގެންދެވޭ ބޭފުޅުންނަކަށް އިހްސާސެއް ނުވާނެ ރަށްރަށުގައި ސިއްހީ ހިދުމަތް ހޯދަން ރައްޔިތުން އެ އުޅޭ ހާލެއް. ސްކޫލަށް ނުގެންދެވިގެން ދަރިފުޅަށް ކިޔަވައިނުދެވިގެން ރަށްރަށުގައި ތިބޭ ކަމުގެ އިހްސާސެއް ނުވާތީ އެ ބޭފުޅުން އެ ވާހަކަ އެ ދައްކަވަނީ. ސްކޫލްތަކުގެ ކްލާސް ރޫމްތަކާއި ލެބޯޓްރީއާ އެއްޗެހި ހަދާތީ ބޮޑު ހަރަދު ކަމަށް އެ ފެންނަނީ. ސިއްހީ ހިދުމަތް ފުޅާކޮށް ޓާޝިއަރީ ހޮސްޕިޓަލް އެކި ހިސާބުގައި އަޅާތީ އެއީ ބޮޑު ހަރަދެއް ކަމަށް އެ ފެންނަނީ އެ ހިދުމަތްތައް ފަސޭހައިން ލިބޭ ބޭފުޅުންނަށް. އެކަމަކު އަޅުގަނޑު ނުދެކެން އެޔަކީ ބޭކާރު ހަރަދެއް ކަމަކަށް. އެހެންވީމާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދާނަން އަޅުގަނޑު. ބަނދަރު ވެސް އެއީއަކީ ކޮންކްރީޓް ތަރައްގީ ކަމަކަށް އަޅުގަނޑު ނުދެކެން.”

ބޯހިޔާވަހިކަން މާލެއަށް ތޮއްޖެއްސުން

މި ދައުރު ނިމޭ އިރު ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ނުފަށާ ރަށެއް ނޯންނާނެއެވެ. ކުދި ބޮޑު ތަފާތުކުރުމެއް ނެތި ރަށްތަކުގެ ބަނދަރުތައް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ބިން ނެތުމުން ބިން ހިއްކައިގެން ވެސް ރަށްތަކުން ބޯހިޔާވަހިކަމަށް މަޝްރޫއުތައް އެބަ ހިންގައެވެ. ކޮންމެ 20 މިނިޓަކުން ދެވޭ ހިސާބެއްގައި އެއާޕޯޓެއް އެޅުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓްތައް އެބަ އަޅައެވެ. ތައުލީމީ ނިޒާމު ރަނގަޅުކުރުމަށް އިތުރު ސްކޫލްތަކާއި ކްލާސް ރޫމްތަކުގެ މަސައްކަތް ކުރިއަށް އެބަ ދެއެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްކުރާ އެތައް ރަށެއް އެބަ އޮތެވެ. ރަށްރަށުގައި ހުރި ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުކޮށް ސިއްހީ ނިޒާމު ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ. ފަހުގެ ތާރީހެއްގައި ރަށްތަކުގެ ތަރައްގީ އަށް ނުކުރާހާ ގިނަ މަސައްކަތްތަކެއް މި ސަރުކާރުން އެބަ ކުރެއެވެ. ނަމަވެސް މިކުރާ ތަރައްގީގެ ބޭނުމެއް އެބަ ފެނޭ ހެއްޔެވެ؟

ތަފާސް ހިސާބުތަކުން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. މި މަހުގެ 7 ވަނަ ދުވަހު ދިރާސީ އާއަހަރު ފެށުމާ ދިމާކޮށް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ރަށްތަކުގައި ބިޔަ މަޝްރޫއުތައް ހިންގި ނަމަވެސް މާލެ ސަރަހައްދަށް ހިޖުރަކުރާ އާއިލާތައް ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

އެ ގޮތުން މި އާދީއްތަ ދުވަހު ފެށުނު ދިރާސީ އާ އަހަރު ވެސް ރަށްރަށުގެ ސްކޫލްތަކުން މާލޭގެ ސްކޫލްތަކަށް 1،500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައި ވެއެވެ. މިއިން ކޮންމެ ދަރިވަރަކާ އެކީގައި އާއިލާއެއް މާލެ ބަދަލުވާނެއެވެ. އެހެންކަމުން އަންދާޒާކުރެވޭ ގޮތުގައި މި ދިރާސީ އަހަރު އެކަނި ވެސް ހާހެއްހާ އާއިލާ މާލެ އަށް ވަނީ ބަދަލުވެފައެވެ. އެއީ ރަށްތަކުން ފަޅުވާ ހާހެއްހާ ގޯއްޗެވެ.

ރަށްތައް ދޫކޮށް މާލޭ ހިޖުރަކުރާ މީހުންގެ އަދަދު އިހްސާސް ވަނީ އީދު ބަންދު ފަދަ ދުވަސްވަރަކާ ދިމާކޮށް ރަށްރަށް ގޮސްފައި ޗުއްޓީ ނިމުމުން ދެތިން ދުވަހު މަޑުކޮށްލާ މީހަކަށެވެ. އީދު ތެރޭގައި މުޅި ރަށް އޮންނަނީ މީހުން އަރާ ބަރާވެފައެވެ. ބައެއް އާއިލާތަކަށް ތިބޭނެ ތަނެއް ނެތުމުން އަމިއްލަ ފަސްގަނޑަށް ވެސް ދެވޭ ގޮތް ނުވި އިރު ކުލީ ކޮޓަރި ހިފައިގެން ވެސް އަމިއްލަ ރަށުގައި އެތައް ބަޔަކު ތިއްބެވެ. ނަމަވެސް އީދު ޗުއްޓީ ނިމި ދެތިން ދުވަސްވީ އިރު މުޅި ރަށް ހީވަނީ ގިލަންވެރިކަމެއް ލައިގެންފައި އޮތް ހެނެވެ. ރޭަގަނޑު ވެއްޖެ ނަމަ މީހެއްގެ ހިލަމެއް ނެތެވެ. ބައެއް ގޯޅިތަކުގައި ވިއްސަކަށް ގެ ހުރި އިރު މީހުން ދިރިއުޅެނީ ދެތިން ގެއެއްގައެވެ. ޗުއްޓީ އަށް ރަށަށް އައި މީހުން ގޯތިތައް ބަންދުކޮށްފައި ދިޔައީއެވެ. މަގުގައި މީގެ ކުރިން ދިރިއުޅުނު ބައެއް އާއިލާތައް ވެސް މި އަހަރު ކިޔެވުން ފެށުމާ ދިމާކޮށް މާލެ ހިޖުރަކޮށްފިއެވެ.

މި ބުނި ރަށުގައި ވެސް ތަރައްގީގެ އެތައް މަޝްރޫއެއް އެބަ ހިންގައެވެ. ހަލުވިކަމާ އެކު ބަނދަރު އެބަ ނިމެއެވެ. މަގުގައި ތާރު އެޅުމަށް ހޮޅި ވަޅުލުން ފަދަ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް އެބަ ދެއެވެ. ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅާ އިމާރާތުގެ މަސައްކަތް ބީލަމަށް ވަނީ ލާފައެވެ. ހައުސިން މަޝްރޫއެއް ވަނީ އިއުލާނުކޮށްފައެވެ. ޒަމާންތަކެއް ވަންދެން ހުހަށް އޮތް ބިމުން ގޯތި ދޫކުރުމުގެ މަސައްކަތް އެބަ ކުރިއަށް ދެއެވެ. ކައިރީގައި އެއާޕޯޓެއް ހުޅުވުމުން ދަތުރުފަތުރުގެ ނިޒާމު ވަނީ ހަރުދަނާވެފައެވެ. އެތައް ވަޒީފާއެއް ވެސް އުފެދިއްޖެއެވެ. ނަމަވެސް އެ ރަށުން ވެސް އެތައް ބަޔަކު މި އަހަރު ވެސް މާލެ ހިޖުރަކޮށްފިއެވެ. މި ވަނީ ކީއްހެއްޔެވެ؟

ރަށްތައް ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގި ނަމަވެސް މާލެ ހިޖުރަކުރާ މީހުން އަދަދު މަދުނުވަނީ ކީއްވެހެއްޔެވެ؟ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މައިގަނޑު މައްސަލަ އުޅެނީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައެވެ. އެ ގޮތުން ރަށްތައް ތަރައްގީކުރުމަށް ގިނަ މަޝްރޫއުތަކެއް ހިންގި ނަމަވެސް މުޅި ދައުލަތުގެ ސިޔާސަތު ބައްޓަން ވެފައި އޮތީ މާލެ ސަރަހައްދަށް އާބާދީ އިތުރުކުރުމުގެ ވިސްނުމެއްގައެވެ. އެ ގޮތުން ރަށްރަށާ އަޅާ ބަލާއިރު މާލޭގައި ބޯހިޔާވަހިކަމަށް ބިޔަ މަޝްރޫއުތައް ހިންގުން ހިމެނެއެވެ. އެހެންކަމުން މާލެއިން ބޯހިޔާވަހިކަން ތަނަވަސްވާ މިންވަރަކުން ރަށްރަށުގައި ބޯހިޔާވަހިކަމަށް ޖެހިފައި ތިބި މީހުން މާލެ ބަދަލުވަނީއެވެ.

އަތޮޅުތަކުގެ ސުކޫލުތައް ތަރައްގީ ނުކުރެވި އެހެން ތަރައްގީތައް ގެނެވުމުގެ މާނައެއް ނެތް

ތައުލީމީ ނިޒާމުގައި ވެސް ގޯސްތަކެއް ހުރިކަން ވެސް ފާހަގަކުރެވެއެވެ. އެ ގޮތުން މަތީ ތައުލީމަށް ހުރި ފުރުސަތުތައް ރަށްރަށުގައި ހަނިވުމަކީ ވެސް އާއިލާތައް މާލެ އަށް ހިޖުރަކުރުމަށް މެދުވެރިވާ ސަބަބެކެވެ. ސެކަންޑަރީ ތައުލީމު ފުޅާކުރުމަކުން އެކަނި ނުފުދެއެވެ. ރަށްރަށުގައި ނުވަތަ ރަށްތަކާ ކައިރިން މަތީ ތައުލީމު ހާސިލްކުރެވޭނެ ގޮތްތައް ވެސް ފަހިވާންޖެހެއެވެ. ސިއްހީ ނިޒާމުގައި ވެސް އަދިވެސް އެ ތަފާތު އެބަ އޮތެވެ. މާލެ އަށް ނައިސް ފަރުޖެއްސޭކަށް ނެތެވެ. ވަޒީފާގެ ފުރުސަތުތައް އިންތިހާ އަށް މަދެވެ. ރަށުގައި ތިބެވޭނީ ބަނޑުމުއްދިފުރާނެ ގޮތެއް ވެސް އޮވެގެންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލެ ސަރަހައްދަށް ރައްޔިތުން ތޮއްޖެއްސުމަށް ބޮޑެތި ބިޔަ މަޝްރޫއުތަކެއް އިއުލާނުކުރިއެވެ. ހިޔާ މަޝްރޫއަކީ ވެސް ހަގީގަތުގައި އޭގެ އެއްބައެވެ. އަދި މާލެ އާއި ވިލިމާލެ ގުޅުވާލައި އެ ސަރަހައްދު އެކީ އެކައްޗަށް ހިއްކައި 300،000 އެއްހާ މީހުން މާލެ ސަރަހައްދަށް ޖަމާކުރުމަށް މަޝްރޫއެއް އިއުލާނު ވެސް ކުރިއެވެ. އެއްބަޔަކު ދެކޭ ގޮތުގައި އެއީ ރަނގަޅު ވިސްނުމެކެވެ. ރަށްތައް ކިތަންމެ ތަރައްގީކުރި ނަމަވެސް މާޒީގައި ކަންކުރި ގޮތުން ތަރައްގީގެ ފަރަގު ބޮޑުވެފައިވާތީ މިހާރު ރަށްތައް ތަރައްގީކުރި ނަމަވެސް އެ ތަންތަނުގައި ދިރިއުޅޭނެ މީހުން މަދުވާނެއެވެ. އަދި ޒަމާނުއްސުރެއް ދިވެހިންނަށް ވިސްނައިދީފައި އޮތް ގޮތުންނާއި ފަރަގު އިންތިހާ އަށް ބޮޑުވެފައި އޮތުމުން ރާއްޖެތެރެ އާއި މާލޭގެ ތަރައްގީގެ ފަރަގު ކުޑަކުރަން އެތައް އަހަރެއް ނަގާނެއެވެ. އެހެންކަމުން މާލެ ސަރަހައްދަށް މީހުން ޖަމާކުރެވޭނެ މަގުތައް ހޯދުމަށް އެ ސަރުކާރުން ގެންގުޅުނީ ރަނގަޅު ވިސްނުމެއް ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އެބަ ތިއްބެވެ. އެއަށް ބާރު ދޭ އެއްކަމަކީ ދިރާސީ އާ އަހަރާ ދިމާކޮށް މާލެ ބަދަލުވި އާއިލާތައް އިތުރުވުމެވެ.

މި ސަރުކާރުގެ ސިޔާސަތަށް ވެސް މާބޮޑު ބަދަލެއް ނާދައެވެ. މާލެ އާއި ވިލިމާލެ ގުޅުވާލައި އިތުރު ސަރަހައްދެއް ހިއްކައި ގޯއްޗާއި ފްލެޓް ދިނުމުގެ މަޝްރޫއު މި ސަރުކާރުން ވެސް އެބަ ކުރިއަށް ގެންދެއެވެ. ވަޒީފާތައް އުފެދޭ ފަދަ މަޝްރުއުތައް ވެސް ގިނައިން ހިންގަނީ މާލެ ސަރަހައްދުގައެވެ. އެހެންކަމުން ރާއްޖެތެރެ އާއި މާލެ ތަފާތުކުރުމުގެ ސަގާފަތަށް ނިމުމެއް ނެތެވެ. އަދި އެއީ ކައިރި މުސްތަގުބަލުގައި ވާނެ ކަމެއް ނޫނެވެ.

ރަށްތައް ތަރައްގީކުރަމުން ގެންދިޔަ ނަމަވެސް ރަށްތައް ފަޅުކޮށްފައި މާލެ އަށް ހިޖުރަކުރާ އާއިލާތައް އިތުރުވާ ސަބަބު ބަލަން އެކަށީގެންވާ ދިރާސާއެއް ކުރަން ޖެހެއެވެ. ސަބަބުތައް ދެނެގަނެ ހައްލެއް ހޯދަންޖެއެވެ. ރަށްތައް ތަރައްގީކުރުމުގެ މުހިންމުކަން ރައީސް ސޯލިހް ވިދާޅުވި ނަމަވެސް ރަށްތައް ދޫކޮށްފައި އާއިލާތައް މާލެ އަށް ހިޖުރަކުރާ ނަމަ އެ މަޝްރޫއުތަކުގެ ފައިދާއެއް ކޮބައި ހެއްޔެވެ؟ ދައުލަތުގެ ބަޖެޓަށް ބުރަ ބޮޑު އެ މަޝްރޫއުތަކުން ނުކުންނަ ނަތީޖާތަކަކީ ކޮބައި ހެއްޔެވެ؟

ރިއެކްޝަންސް
0
0
0
0
1
0
1