ބަދަލުކުރަންވީ ނިޒާމަކީ ބޭފުޅިޒަމް

17 އޯގަސްޓް 2022 - 13:28

މިދުވަސްވަރު އެންމެ ފޯރިއާއެކު ދެކެވޭ ވާހަކައަކީ ނިޒާމްގެ ބަހުސްއެވެ. އެއްބަޔަކު ރިޔާސީ ނިޒާމުގެ މަސްތުން ނިދާފައިވާއިރު، އަނެއް ބަޔަކު ދަނީ ބަރުލަމާނީ ނިޒާމުގެ ހުވަފެން ރޯމާދުވާލު ދެކެމުންނެވެ. ހަޤީޤަތަކީ ކޮންމެ ނިޒާމެއްވެސް ފުރިހަމަވަނީ އިހުލާސްތެރިންނާއެކު ކަމެވެ.

މިދުވަސްވަރު ނިޒާމުގެ ފަޅިފަޅި ނަންގަވައިގެން ތިއްބެވީ އެބަޔަކަށް ވެރިކަން ލިބުމަށް އެންމެ ޔަޤީންކަން ބޮޑު ނިޒާމެއްގެ ހިޔަނީގައި އެވިސްނުމުގެ ތެރެއިންނެވެ.

ކޮންމެ ނިޒާމެއް އޮތަކަސް މޮޅު ގޮތްވަނީ ބޭފުޅުންނަށް

ރާއްޖޭގައި ކޮންމެ ނިޒާމެއް އޮތަސް މަދު ބަޔަކަށް އިޤްތިޞާދުގެ ފޮނިމީރުކަން ލިބޭގޮތަށް އޮންނަ އޮތުން ބަދަލުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. އިނގެރޭސިންގެ ލަފާގެ މަތިން މުހައްމަދު އަމީންއަށް ވާރުތަވާން އޮތް ރަސްކަން ދޫކޮށް ރައީސްއަކަށް ވީވެސް ހަމަ ނަމަކަށްތާއެވެ.

ނިމޭއިރު އޮންނަ ނިޒާމަކީ ބާރުތަށް ހަމަ މަދުބަޔަކަށް ހިތަކަށް ލިބިފައި އޮންނަ ބޭފުޅިޒަމްގެ ނިޒާމެވެ. ރައްޔިތުނަށް އަބަދުވެސް ހީވާނީ ހަސަނަށް މުޅި މޫދު އުސޫލުން މިއީ އަހަރެމެންގެ ވެރިކަމެކެވެ. ބަދަލުވަނީ ތަކުރުފާނުން، އައްސުލްތާނުން، އައްނަބީލުން، ރައީސުން ބޮޑުވަޒީރަށެވެ. ރާއްޖޭގައި އަބަދުވެސް އެއްގޮތަކަށް ބަދަލުނުވެ އޮތީ ބޭފުޅިޒަމްގެ ނިޒާމެވެ. މޮޅު މީހުންނަށް މޮޅުގޮތެވެ. މަދުަބަޔަކަށް އިޤްތިޞާދެވެ. ބޭފުޅުންނަށް ވެރިކަމެވެ.

ކޮންމެ ބަޔަކު ވެރިކަމަށް އެރިޔަސް ނިކަމެތިން ވަނީ ހަމަ ނިކަމެތި | ފޮޓޯ: ޒިޔާން/އެމް.ވީޕްލަސް

ކޮންމެ ނަމެއްގައި އިންސާފުގެ ދަތުރުކުރިއަސް އެއްވެސް ޕާޓީއަކުން ދައްކަން ބޭނުންނުވާ ވާހަކަތަކެއް ހުރެއެވެ. ބޭފުޅިޒަމް ނެތި އިޤްތިޞާދު އެންމެނަށް މިއީ ދައްކަން ފަސޭހަ ވާހަަކައެއް ނޫނެވެ. ޑިމޮކްރޮސީގެ ބޮޑެތި ޗެމްޕިއަނުންކަމަށް ވަކާލާތުކުރާ ބޭފުޅުންވެސް އިޤްތިޞާދީ އަދާލާތުގެ ވާހަކަ ދައްކަން ފެށުމުން ތިޔައީ ބޮޑުވެގެންވާ ފިތުނައޭ ބުނެ، ސިހި ފޮއްސިވެގެންދަނީ ފިސާރި އަވަހަށެވެ.

ފެންވަރާނެ ސާފު ފެން ނެތި، ނަޖިސް ދައުރުކުރާނެ ނިޒާމެއް ނެތި އޮންނަ އިންސާނީ މިނިވަންކަމެއްގެ ބޭނުމަކާމެދު އުފެދޭ ސުވާލު ނިމެނީ ނިޒާމަށް ގެންނަ ބަދަލަކުންތޯ ސުވާލު އުފެދެއެވެ.

ރާއްޖޭގައި ބަދަލުކުރަންވީ ނަސްލީ ތަފާތުކުރުމުގެ ނިޒާމެވެ. ރާއްޖެތެރޭ މީހުންނަށް އޮންނަ ޒަމާންވީ ތަފާތުކުރުމުގެ ސަޤާފާތުގެ ނިޒާމެވެ. ބޭފުޅުންނަށް އެކަނި ވެރިކަން އޮންނަ ނިޒާމެވެ. މަދުބަޔަކަށް އިޤްތިޞާދު އޮންނަ ނިޒާމެވެ. ދައުލަތުގެ ބަޖެޓުން މަދުބަޔަކަށް ބިލިއަނުން ޚަރަދު ކުރުމުގެ ނިޒާމެވެ. އެމްބަސީތަކުގެ ވަޒީފާތަކާއި, ބޮޑެތި މުސާރައިގެ ސިޔާސީ ވަޒީފާތަކާއި, ހިލޭ ބިންބިމާއި, މަދު ބަޔަކަށް އިންސާފު އޮތުމުގެ ނިޒާމެވެ. ބަދަލުކުރަންވީ ބޭފުޅިޒަމްގެ ނިޒާމެވެ.

ރިއެކްޝަންސް
1
4
0
2
3
0
1