ސިޔާސީ މީހަކު ރާއްޖެތެރެއަށް ދާއިރަށް އަތިރި މައްޗަށް ނުކުމެ ނެށުން ހުއްޓާލާނީ ކޮންދުވަހަކުން؟

30 އޯގަސްޓް 2022 - 11:41

ޓްވިޓަރގައި މީހަކު ފާޅުކޮށްފައި އޮތް ހިޔާލެއްގައި އޮތީ، ރާއްޖެތެރޭ މީހުން ކުޅަނދު ހަމަކަމަށް ބެލެވޭނީ މާލެއިން ސިޔާސީ މީހަކު ރަށްރަށަށް ދާއިރަށް ރައްޔިތުން ރަތްދައްކާ އަވީގާ ބުރާންތިވަންދެން ނެށުން ހުއްޓާލި ދުވަހަކުންނެވެ. ބަނދަރު މަރާމުތުކޮށްލިޔަސް، ވަށާފާރެއް ރޭނިޔަސް އަދި އެމްބިއުލަންސްއެއް ލިބުނަސް ގިނަ ރަށްރަށުގެ ރައްޔިތުންގެ މާލެއިން އަންނަ ސިޔާސީ މީހުން ރުއްސަން ޖެއްސުނު ވައްތަރެއް ޖައްސާފައި ނަށައި ބޮޑު ކެއުމެއް ކާންދިނުމަކީ ނުހުއްޓި އޮތް ލަދުވެތި އާދައެކެވެ.

މާލޭގެ ބޭފުޅުންނަކީ އާދަޔާ ހިލާފަށް މާތް ބައެއްގެ ގޮތުގައި ދެކުން އަދިވެސް އޮވޭ | ފޮޓޯ: ރައީސް އޮފީސްަ

ޕާޓީ އެކްޓިވިސްޓުން ގޮތުގައި އުޅޭ ރަށްރަށުގެ މީހުންގެ ނާޖާއިޒު ފައިދާ ނަގައިގެން އެމީހުން ލައްވާ ހިލޭ ސާބަހަށް ރަށު ވިސްނުމުގައި މަސައްކަތް ކުރުވާތާ ވީޒަމާނެއް ވީއެވެ. މާލޭގެ ތާރު މަގާ ބުރިޖު ހުޅުވި އިރަކު މާލޭ އުޅޭ މީހުން މާފަތި ހިފައިގެން ރަތްދައްކާ އަވީގައި ނަށާ ކޭންތައްޔާރުކުރަން އުޅުނުތަނެއް ހަމަގައިމުވެސް ނުދެކެވެ.

advertisement

ނުވިތާކަށް އެކަން ކުރި މީހަކަށް ރިޔާސީ އިންތިހާބުގައި ލިބުނީ މާލެއިން ބޮޑު ބައްޔެކެވެ. މިއީ ޒަމާންވީ ނަސްލީ އިމްތިޔާޒާއި މާލޭގެ ބޭފުޅުންނަކީ އާދަޔާ ހިލާފަށް މާތް ބައެއްގެ ގޮތުގައި ދުއް ޒަމާނުގެ ލަދުވެތި މަޒީގެ ނުފިލާ އާދަތަކެވެ. ރާއްޖޭގައި އަބަދުވެސް އެއްގޮތަކަށް ބަދަލުނުވެ އޮތީ ބޭފުޅިޒަމްގެ ނިޒާމެވެ. މޮޅު މީހުންނަށް މޮޅުގޮތެވެ. މަދުަބަޔަކަށް އިޤްތިޞާދެވެ. ބޭފުޅުންނަށް ވެރިކަމެވެ.

ރަށްރަށުގެ މީހުން ސަރުކާރު ވަޒީފާތަކަށް ކުރާ އިންތިޒާރު

ރާއްޖެތެރޭގެ ގިނަ ރަށްރަށަށް ހައްޤުވާ މިންވަރަކީ އިންޖީނުގެއަކާ އެމްބިއުލަންސްއެކެވެ. ގިނަ ރަށްރަށުގެ މުޅި އިޤްތިޞާދަކީ ފެނަކަ ވަޒީފާތަކެވެ. އިންޖީނުގޭގައި ކޮންމެވެސް ކަމެއްކޮށްލަން ލިބުމަކީ ރަށްރަށުގެ ރައްޔިތުންގެ މުޅި އިޤްތިޞާދީ އުއްމީދުތަކަށް ހަދައި, އެމަޖުބޫރީ ގުލާނުކުރުމުގައި އެކްޓިވިސްޓުން ލައްވާ މިފަދަ ލަދުވެތި ގޮތްގޮތަށް ސިޔާސީ ވެރިންނަށް މަރުހަބާކިޔުއްވަނީއެވެ.

ރާއްޖެތެރޭގައި އަދިވެސް އަސާސީ ފެންވަރުގެ ހިދުމަތްތަކެއް ނޯވޭ | ފޮޓޯ: ރައީސް އޮފީސް

އެހެން ނޫންނަމަ ދެންއޮންނާނީ ވަޒީފާ ގެއްލި ބާކީ ކޮށްލުމެވެ. އެމްބަސީތަކުގެ މިލިއަން ރުފިޔާގެ ވަޒީފާތަކާއި، އޮއްޓަރެއް ހުރި އިޤްތިޞާދީ ހަރަކާތްތަކާއި، ސަރުކާރުގެ ހިންގުން މުޅި މާލެއަށް ބަރޯސާކުރުމަށްފަހު، ރަށްރަށުގައި ތިބޭ ޕާޓީ އެކްޓިވިސްޓުންނަކީ މާލެއިން ދުރުވާ އިތްޒަތްތެރިންގެ ”ބޯއީސް“ އޭ ބުނާ ހިސާބަށް ކަންކަން އޮތީ ގޮސްފައެވެ.

ރާއްޖެތެރޭ މީހުން މާލެ ސަރުކާރާ ދެކޮޅަށް ނިކުންނަންވެއްޖެ

ގިނަ ރަށްށުގެ ހާލަތަކީ މުޅިރަށް ”ފެނަކަ އިޤްތިޞާދު“ ގެ ނިޒާމުން ބަނދެވި ހިސޯރުވެފައި އޮތުމެވެ. ކުޑަ ސިޓީ އާއި ވާރު ޓެކްސް ދައްކައިގެން ރާއްޖެތެރޭގެ ރައްޔިތުން މާލެ އަންނަންޖެހުނީ މާކުރީ ޒަމާނަކު ނޫނެވެ. އިބްރާހިމް ނާސިރު ވެރިކަމުގައި ވާރު ޓެކްސް އުވާލުމާއި މައުމޫން ވެރިކަމުގެ 2 ދައުރު ހަމަވުމުން ކުޑަ ސިޓީ އުވާލުމާ ހަމަޔަށް ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންނަކީ ފަސްކުޅަދު މަދު އަޅުންގެ ގޮތުގައި ކަންކުރެވުމުގެ ނަތީޖާއަކީ މާލޭގެ ވެރިކަމާ ދެކޮޅަށް އުތުރާއި ދެކުނުގައި ހިނގި ގަޑުބަޑު ތަކެވެ.

މާލެ ސަރުކާރާ ދެކޮޅަށް ތެދުވި ތިނަދޫ ރައްޔިތުން ގެންދަނީ

ތިލަދުންމަތީ ބޮޑު ގަޑުބަޑާއި ދެކުނުގައި އުފެދުނު ސުވާދިވް ރިޕަބްލިކް އަކީވެސް ބޭއިންސާފާއި، ނާޖާއިޒް ޓެކްސް ތަކާއި، އިންސާނީ ކަރާމާތް ގެއްލުވާލައި ހިންގި ލާއިންސާނީ އަނިޔާއާއި ދެކޮޅަށް ތެދުވި ހަރަކާތްތަކެވެ. ގިނައަދަދެއްގެ ދިވެހިން އިޤްތިސާދީ އަޅުވެތިކަމެއްގެތެރޭގައި ތިއްބުމަށްޓަކައި، ސަރުކާރުގެ ވަޒީފާ ނޫން އެހެން އާމްދަނީ ލިބޭނެ ގިނަ ދޮރުތަށް މިހާރުވެސް ވަނީ ބަންދުކުރެވިފައެވެ.

މިގޮތުން 1984 ގައި ލޯކަލް ޓޫރިޒަމް މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގައި މަނާކުރުން ވެގެންދިޔައީ ރަށު ޢިޤްތިސާދު މުޅިން ބަންދުކޮށްލެވުނު ދޮރަކަށެވެ. އުތުރުރާއި ދެކުނުގެ ތަރައްޤީ ހުއްޓާލައި، މާލެ ސަރައްހައްދަށް އެންމެން ޖަމާކުރުމުގެ ޜޫހެއް އުފެދިގެން ގޮސް ދައުލަތުގެ ބަޖެޓުގެ ބޮޑުބައެއް މާލެއަަށް ހަރަދުކޮށް ރައްޔިތުން މާލެ ހިޖުރަކުރަން މަޖުބޫރުކުރެވުނު ހާލަތެއް އުފަންވެގެން ދިޔައެވެ.

ގިނަ ބަޔަކު ކުލީގެ އަޅުންނަށްވެ އިޖްތިމާއީ މައްސަލަތައް ގިނަވެގެން ދިޔައީ އިއްތިފާގަކުންތޯ؟

މަޖުބޫރީ ހިޖުރައިގެ ސަބަބުން މާލޭގައި އިޖްތިމާއީ އެތަށް މައްސަލަތަކެއް އުފެދި މިއަދު މިފެންނަ ޑްރަގުގެ ވަބާއާއި، ކުށްކުރުމާއި، ނަފްސާނީ މައްސަލަތަކާއި، އިންތިހާއަށް ފަގީރުކަން މިއީ މިކަމުގެ ހިތި ނަތީޖާއެވެ. އާމްދަނީގެ ފަރަގު އިންތިހާއަށް ބޮޑުވެ، ގިނަ ބަޔަކު ކުލީގެ އަޅުންނަށްވެ، މަދު ބަޔަކު އިންތިހާއަށް މުއްސަދި ވެގެން ދިޔުމުގެ ނަތީޖާއަކީ، މިއަދު މިފެންނަ އިޖްތިމާއީ މައްސަލަތަކެވެ.

އާއިލާތަށް ރޫޅި، ޖަލު އާބާދީ ބޮޑުވެ، ކުށްކުރުން ބޮޑުވެގެން ދިޔައީ އިއްތިފާގަކުން ނޫނެވެ. ގެދޮރުގެ ދަތިކަމާއި، ތައުލީމީ ނިޒާމުގެ ދޯހަޅިކަން އަދި ފަޤީރުންނާއި މުއްސަދިންގެ ފަރަޤުގެ ބޮޑުކަމެއް ނެތި، މިފަދަ ކަންކަން ކުރިމަތިވާނެ ހެއްޔެވެ؟ އަދި ޖަލުތޭރިއާއި ގަދަފަދަ އަދަބުދީގެން މިފަދަ އިޖްތިމާއީ މައްސަލަތަށް ހުއްޓޭނެ ހެއްޔެވެ؟

ރައްޔިތުންގެ ޓެކްސް ފައިސާ މާލެއަށް އޮއްސުމަށްފަހު ރާއްޖެތެރޭ މީހުން މިވަނީ މާލެ ހިޖުރަ ވާން މަޖުބޫރުވެފައި | ފޮޓޯ: ޒިޔާން/އެމް.ވީ.ޕްލަސް

ސަރުކާރުގެ މިހާރުގެ ސިޔާސަތު ހުރީވެސް ރާއްޖެތެރޭ މީހުން ބާކީ ކުރާގޮތަށެވެ. ރަށްރަށުގައި ގިނަ ޕްރޮޖެކްޓް ހިންގަނީ ބޮޑެތި ކަޓާއި ކުންފުނިތަކުގެ ފައިދާއަށެވެ. ރަށުގައި އެމްބިއުލަންސް ނެތިގެން، ފެނަކަ އިމާރާތެއް ނެތިގެން ނުވަތަ ބަނދަރު ކުޑަވެގެން މާލެ ހިޖުރަކުރީ ކާކު ހެއްޔެވެ؟ ފުޓްސަލް ދަނޑެއް ނުވަތަ އައުޓްޑޯރ ޖިމްއެއް ނެތިގެން ހަކުރު ބޯންފެށީ ކޮން ޒުވާނެއް ހެއްޔެވެ؟

ދިވެހިންނަށް ފަރުދީ ފެންވަރުގައި އިޤްތިޞާދީ މިނިވަންކަން ލިބޭނީ ކުޅަނދުހަމަކޮށް މާލެއިން ސިޔާސީ މީހަކު ދާއިރަށް، ޅަދަރިންނާއި މުސްކުޅި މައިންބަފައިން އަވީގައި އަތިރި މައްޗަށް ނެރެ ޖެއްސުނުހާ ވައްތަރެއް ޖައްސައިގެން ނެށުން ހުއްޓާލައި ބޭފުޅިޒަމުގެ މަސްތުން މިންޖުވެގެންނެވެ.

ރިއެކްޝަންސް
3
19
7
3
2
0
5