މިއަދުގެ ފާހަގަކޮށްލެވޭ ހަބަރުތައް ކުރުކޮށް

1 ސެޕްޓެމްބަރ 2022 - 18:49

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް އެކުލަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ގަވަރނިންގ ބޯޑް މިއަދު އެކުލަވައިލައްވައި، އެ ބޯޑަށް މެންބަރުން ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ހަ ބޭފުޅަކު ވަނީ ޢައްޔަންކުރައްވާފައެވެ.

ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް

ދ. މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 78 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައިފި އެވެ. އަދި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 73 ޕަސެންޓް ނިމިއްޖެ ކަމަށްވެސް އެކުންފުނިން ހާމަކުރި އެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 294 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1470 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫޢަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އަދުލުވެރިކަން ގާއިމު ކުރުމުގެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭނީ ފުލުހުން: ހޯމް މިނިސްޓަރ

އަދުލުވެރިކަން ގާއިމު ކުރުމުގެ މަރުހަލާގެ އެންމެ ފުރަތަމަ ޒިންމާ އަދާކުރަންޖެހޭ ބަޔަކީ އެ މުޖުތަމައެއްގައި ތިބޭ ފުލުހުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުލުހުންނަށް ރައްޔިތުންގެ އިތުބާރު އޮންނަނީ ކުރާ މަސައްކަތުގެ ހަރުދަނާކަމުގެ މައްޗަށާއި ހިދުމަތަށް: ނައިބު ރައީސް

ފުލުހުންނަށް ރައްޔިތުންގެ އިތުބާރު މި އޮންނަނީ ފުލުހުން ކުރާ މަސައްކަތުގެ ހަރުދަނާކަމުގެ މައްޗަށާއި ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފޯރުކޮށްދޭ ޚިދުމަތެއްގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅިގެން ބޭއްވި، މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންނަށް އެ މަނިކުފާނު ތަހުނިޔާއާއި ޝުކުރު ދެންނެވިއެވެ.

3 ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ޤާއިމްކުރަނީ

3 ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ޤާއިމްކުރުމަށް 4 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރ.އިނގުރައިދޫ، ދ.ބަނޑިދޫ، ފ.މަގޫދޫގައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0