ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ޙިދުމަތް ފަށަނީ،ފުރަތަމަ ދެ ހަފްތާ ދަތުރު ހިލޭ

3 ސެޕްޓެމްބަރ 2022 - 17:41

އަންނަ ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ޙިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. އެ ކުންފުނިން މިހާރު ވަނީ މި ޙިދުމަތް ފެށުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވެފައެވެ.

އެމްޓީސީސީއިން ބުނީ އަންނަ ހޯމަ ދުވަހު މާލޭގައި މިނީ ބަހުގެ ޙިދުމަތް ފަށާއިރު ފުރަތަމަ 2 ހަފްތާގައި މުޅިން ހިލޭ ދަތުރު ކުރެވޭނެކަމަށެވެ. މިނީ ބަހުގެ އަގުގެ ގޮތުގައި ކަނޑައަޅާފައިވަނީ 7 ރުފިޔާއެވެ.

advertisement

މިނީ ބަހުގެ ޚިދުމަތަށް 18 ބަސް މާލޭގައި ބޭނުންކުރާނެއެވެ. އޭގެތެރެއިން 8 ބަހުގައި ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހަ ކަމާއެކު ދަތުރުކުރެވޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއިން މިހާރު ވަނީ މާލޭގައި މިނީ ބަސް ދަތުރުކުރާ މަގުތަކާއި ހުއްޓާނެ ތަންތަންވެސް ކަނޑައަޅާފައެވެ. އެގޮތުން ބަސް ދަތުރު މައިގަނޑު 3 ރޫޓަކުން ބާއްވާނެއެވެ. އެއީ ސޯސަން ރޫޓް، އަމީނީ ރޫޓް އަދި އޯކިޑް ރޫޓެވެ. ސޯސަން ރޫޓްގައި 8 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ. އަމީނީ ރޫޓް އަދި އޯކިޑް ރޫޓްގައި 18 ސަރަޙައްދަކަށް ބަސް މަޑުކުރާނެއެވެ.

ކޮންމެ ބަސް ސްޓޮޕެއްގެ ދެމެދުގައި ހުންނާނީ ފަސްވަރަކަށް މިނެޓުން ހިނގާފަ ދެވޭހާ ދުރުމިނެވެ. އެމްޓީސީސީއިން ވިދާޅުވީ، ބަހުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެންމެ ގިނަ ބަޔަކު އެކި ބޭނުންތަކުގައި ގޮސް އުޅޭ ސަރަޙައްދުތަކަށް އިސްކަންދީގެންކަމަށެވެ.

ބަހުގެ ރޫޓްތައް ކަނޑައަޅާފައިވަނީ ސްކޫލަށްދާ ކުދިންނާއި އޮފީހަށް ނުވަތަ ހޮސްޕިޓަލަށް ދާ މީހުންނަށްވެސް ފަސޭހަވާނެ ފަދަ ގޮތަކަށް ބަލައިގެންނެވެ. ބަސް ދަތުރު އޮންނާނީ ފަތިހު 5:45 އިން ދަންވަރު 12:15އަށެވެ. ކޮންމެ 10 މިނެޓަކުން ސްޓޮޕަށް ބަސް މަޑުކުރާނެއެވެ.

ބަހުގެ ޚިދުމަތުގައި ސްކޫލް ކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި، 3 އަހަރުން ދަށުގެ ކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މުޅިން ހިލޭ ދަތުރުކުރެވޭނެއެވެ. މާލޭގައި ޓެކްސީގެ އަގު މިހާރު އުޅެނީ 30 ރުފިޔާއަށެވެ. އެހެންކަމުން ބަހުގެ ޙިދުމަތް ފެށުން ވެގެންދާނީ މާލީގޮތުން މާލޭގައި ދިރިއުޅޭ ރަށްޔިތުންނަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކަށެވެ.

ރިއެކްޝަންސް
7
3
0
0
0
0
0