“ވަޒީފާއާއި ބެހޭ ޤާނޫނަށް ގެނެސްފައިވާ އިސްލާހުން ބިދޭސީ މަސައްކަތްތެރިންގެ ހައްގު ގެއްލޭ”

14 ސެޕްޓެމްބަރ 2022 - 10:16

ވަޒީފާއާއި ބެހޭ ޤާނޫނުގެ 62 ވަނަ މާއްދާއަށް ގެނައި އިސްލާހުގެ ސަބަބުން ދައުލަތުގެ ބައިނަލްއަޤްވާމީ މުއާހަދާތަކާއި ހިލާފުވެ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ގާއިމް ކުރުމަށް ކުރާ މަސައްކަތްތަކުގައި ފަހަތައް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ސިފަކޮށްފިއެވެ. މި ގޮތައް ސިފަކޮށްފައިވަނީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ނޫސްބަޔާނުގައެވެ.

ވަޒީފާއާއިބެހޭ ޤާނޫނަށް ހުށައެޅިފައިވާ އިސްލާހުގައިވަނީ ބިދޭސީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަކަނޑައެޅުމުގެ މައްދަތު ވަކި މުއްދަތެއް ކަނޑަނާޅާ ފާސްކުރުމަށެވެ. މި އިސްލާހު ހުށައަޅާ ސަބަބެއް ކަމަށް ދައުލަތުން ފާހަގަކޮށްފައިވަނީ ދުނިޔޭގެ އަދި ރާއްޖޭގެ އިޤްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ލުއިފަސޭހަކުރުމަށްކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ދައުލަތުގެ މި ހުށައެޅުމުގެ ސަބަބުން ދިވެހިރާއްޖެއިން 4 ޖަނަވަރީ 2013 ގައި “އައިއެލްއޯ” ގެ “އީކުއަލް ރެމިއުނަރޭޝަން ކޮންވެންޝަން” ގައި ސޮއެކޮށްފައިވާ (އީއާރުސީ 1951) އާއި ހިލާފުވާނެކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ. އެ އެއްބަސްވުމުގެ ބައިވެރިން އެއް މަސައްކަތެއްކުރާ މަސައްކަތްތެރީންނަށް ހަމަހަމަ ގޮތުގައި މުސާރަދޭންޖެހެއެވެ. މި އިސްލާހާއި ގުޅިގެން ބިދޭސީ މަސައްކަތްތެރިންނަށް ކުޑަ އުޖޫރައެއް ދީގެން މަސައްކަތްކުރުވުން ޤާނޫނުން ހުއްދަކުރާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން މި އިސްލާހުގެ ސަބަބުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެންމެ ކުޑަ އުޖޫރައިގެ ގާނޫނު ނުހިނގާނަމަ ވަޒީފާގެ ބާޒާރުގައި ކުޑަ އުޖޫރައެއް ދީގެން ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުވައި ނާޖާއިޒް ފައިދާ ނެގުމަށް މަގުފަހިވެގެންދާނެކަމަށް ބަޔާނުގައި ބުނެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިއެކްޝަންސް
0
0
0
0
0
0
0